“ހުޅިދޫ ވ.އަތޮޅު ރައްޔިތުންނާއި ހަވާލުކުރޭ!”: ފަޅުރައްތަކުގައި ހިންގާ ޖަރީމާ
8 އޮކްޓޯބަރ 2022 - 15:52
ވާވު އަތޮޅުގެ ރަށެއްކަމަށްވާ ވ. ހުޅިދޫ އަނބުރާ އެ އަތޮޅަށް ދިނުމަށް އެއަތޮޅުގެ ރައްޔިތުން ކަނޑުމަތީގައި މިއަދު ވަނީ މުޒާހަރާއެއް ކޮށްފައި އެވެ.
މިމައްސަލައިގައި ގިނަ ރައްޔިތުންތަކެއް ދަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްއަށާއި އެންވަޔަރަމެންޓް މިނިސްޓަރ ޝައުނާއަށް ނުރުހުން ފާޅުކުރަމުންނެވެ.
ހުޅިދޫ ތަރައްގީކުރުމަށް އާރަށް އިންވެސްޓްމަންޓާއިއެކު ފުރަތަމަ ސޮއިކޮށްފައިވާވަނީ 2017 ވަނަ އަހަރުގައިއެވެ. ނަމަވެސް ގަވާއިދާއި ހިލާފަށް އެ އެއްބަސްވުމުގެ މުއްދަތު ދިގުކުރި ކަމަށް ތިނަދޫ ކައުންސިލުންވަނީ ހާމަކޮށްފައި އެވެ.
އަދި ހަމަ އެހެންމެ ދަނޑުވެރިކަމަށް ދޫކޮށްފައިވާ މިރަށުގައި ދަނޑުވެރިކަމާއިބެހޭ އެއްވެސް މަސައްކަތެއް ނުކުރާކަމަށްވެސް ކައުންސިލުންވަނީ ބުނެފައި އެވެ. އަދި އެރަށުގައި ދަނޑުވެރިކަން ނޫން އެހެން މަސައްކަތްތަކެއްވެސް ގަވާއިދާ ހިލާފަށް ކުރަމުން އަންނަ ކަމަށް ވ.ތިނަދޫ ކައުންސިލުން އަންނަނީ ބުނަމުންނެވެ.
މަސައްކަތެއް ނުކުރާތަނުގައި ރަށަށްދެނީ ހުސް ގެއްލުން
ވ.ހުޅުދޫއަކީ ރާއްޖޭގައި ނެތެމުންދާ ކަނޑު ފަލެއްވެސް އޮންނަ ރަށެކެވެ. ނަމަވެސް އެތަރަށުގައި މަސައްކަތްކުރާ މީހުންވަނީ އެތަނަށް ފަސްއަޅާފައިކަމަށް ކައުންސިލުން މައުލޫމާތުދިނެވެ.
އަދި ހަމަ އެހެންމެ، އެރަށުގެ ޖެޓީވެސް ހަދާފައިވަނީ އީއައިއޭއާއި ހިލާފަށްކަމަށްވެސް ކައުންސިލުން ބުންޏެވެ. އީއައިއޭ ފާސްނިކޮށް އޮތް ދިމާލަކުން ޖެޓީ ކަނޑާފައި އޮތުމުން ރަށުގެ ފަރަށްވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި އެވެ. މީގެ އިތުރުން މިހާރު އެރަށުގައި ވަނީ ބާޖެއްވެސް ބީއްސާފައި އެވެ. މީގެ ސަބަބުން މި ރަށުގައި އޮތު ނާޒުކު ތިމާވެއްޓަށް އަންނަނީ އެތަކެއް ގެއްލުމެއް ލިބެމުންނެވެ. އެ ސަރަހައްދުދަނީ ގިރަމުންނެވެ.
މީގެ އިތުރުން، ތިނަދޫ ކައުންސިލުންވަނީ ހުޅިދޫއަށް ޒިޔާރަތްކޮށްފައި އެވެ. އެރަށުގެ ގިނަ ރުށްތަކެއް އެކި ދިމަދިމައިން ނަގައިފާވާކަމަށްވެސް ވ. ތިނަދޫ ކައުންސިލް ރައީސް ޝިފާޤްވަނީ ހާމަކޮށްފައި އެވެ.
“ރަށް އޮތީއެއްކޮށް ނޮޅާލައިފަ އޭ ބުނެވޭނީ،” ވ. ތިނަދޫގެ ކައުންސިލް ރައީސް ހުސައިން ޝިފާޤް ވަރަށް އަސަރާއި އެކީ ކިޔައިދިނެވެ.
މަދު ބަޔަކަށް ފައިދާވާ ކަމެއް، ހިންގަނީ ޖަރީމާ
“ބާތިލްވެފައި އޮތް އެގްރިމަންޓެއް ރަސްމީކޮށް ބާތިލްކުރަންނުކެރގެން މިއުޅެނީ ކީއްވެގެންތޯ؟ ދައުލަތަށް އަހަރެއްގެ މައްޗަށް 36،000 ރުފިޔާ މަދުވެގެންތޯ، އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ސުވާލެއް.” ޝިފާގް ކިޔައިދިނެވެ.
“ދައުލަތާއި އެކީ ހުޅިދޫގެ މި ހެދިފައިވާ އެގްރިމެންޓް އަތޮޅު ކައުންސިލާ ހިއްސާކުރަން ބިރުން މިއުޅެނީ ކީއްވެތޯ؟ އަޅުގަނޑުމެންނަށް ހަމަ ކަނޑައެޅިގެން އިނގޭ ހުޅިދޫގެ މި އެގްރިމެންޓް މިއޮތީ ބާތިލްވެފައިކަން. ދައުލަތުގެ މުއަސަސާތަކުން ނަގަންޖެހޭ ޒިންމާ ނުނަގާ އެތަނުގައި…”
އިތުރަށް ޝިފާގް ހާމަކޮށްފައިވަނީ، މިވަގުތު އެރަށް ބޭނުންކުރަނީ އެ ރަށު ކައިރި އޮންނަ ރިސޯޓުތައް ކަމުގައިވާ އަލިމަތައާއި ދިއްގިރީގެ ގުދަނެއް ގޮތަށެވެ.
ނަމުގައި ދަނޑުވެރިކަންކުރުމަށް ދޫކޮށްފައިވާ މިރަށުގައި ގެސްޓްހައުސްތަކުގެ ފަތުރުވެރިންވެސް ފައިސާ ނަގައިގެން ގެންދާކަމަށްވެއެވެ.
އަތޮޅުތަކުގެ ރަށްތައް ފޭރުމަކީ އައު ކަމެއްނޫން
އަތޮޅުތަކުގެ ރަށްތައް، އެ އަތޮޅުގެ ރަށްވެހިންނާއި މަޝްވަރާނުކޮށް ވިއްކާ ހުސްކުރުމަކީ އައު ވާހަކައެއްނޫނެވެ. ދެރައީ، މިފަދަ ރަށްތައް ތަރައްގީކޮށްގެން އެއަތޮޅުތަކުގައި ތިބޭ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުލިބޭކަމެވެ.
މާލެ އަތޮޅުގެ އިތުރުން ވ. އަތޮޅުގެ ގިނަ ރަށްތަކެއްގައި މިހާރު ވެސް ވަނީ ރިސޯޓް ތަރައްގީކޮށްފައެވެ. އަނެއް ބައި ރަށްތަކުގައި މަސައްކަތްތައް ކުރިއަށްދާއިރު ބައެއް ރަށްތައް ވަނީ އެކި ފަރާތްތަކާ ހަވާލުކޮށްފައެވެ. މީހުން ދިރިއުޅޭ ރަށްތަކުގެ ރައްޔިތުންގެ ބޭނުމަށް އޮތީ މަދު ރަށެކެވެ.
މިހާލަތު ކުރިމަތިވެފައި އޮތީ ހަމައެކަނި ވ. އަތޮޅަކަށް ނޫނެވެ. ޅ. އަތޮޅާއި އއ. އަދި އދ. ގެ އިތުރުން ބ. އަތޮޅަށް ވެސް މިހާލަތު ވަނީ ކުރިމަތިވެފައެވެ. އެ އަތޮޅުތަކުގެ ރައްޔިތުންގެ ބޭނުމަށް އެއްވެސް ރަށެއް މިހާރު ސަލާމަތުން ނެތޭ ބުނުމަކީ ގޯހަކަށް ނުވާނެވެ.
ބާކީ ރަށެއް ނުވަތަ ފިނޮޅެއް އޮތަސް މިހާރު ވެސް އޮތީ ބިޑަށް ދޫކޮށްލުމުގެ މަގުމަތީގައެވެ. ނުވަތަ ކޮންމެ ވެސް މީހަކާ ހަވާލުކޮށްފައެވެ. އެހެންކަމުން ގެސްޓް ހައުސްތަކަށް އަންނަ ޓުއަރިސްޓުންނާއި އާންމު ރައްޔިތުން ވެސް ބޭނުންކޮށްލާނެ ފަޅު ރަށެއް، ފަޅެއް އަދި ފިނޮޅެއް ނެތުމަކީ ޓުއަރިޒަމް އިންޑަސްޓްރީ އަށް ވެސް ލިބޭ ދެރައެކެވެ.
ލާމަރުކަޒީ ނިޒާމް މި ސަރުކާރުން ޕްރޮމޯޓްކުރަމުންދާއިރު އަތޮޅުތަކެއް ރައްޔިތުންގެ އަޑު މިފަދަ ކަންކަމުގައި ނޭހުމަކީ މި ނިޒާމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް ރައްޔިތުންގެ އަތުން ރަށްތައް ފޭރުމުގެ ސަގާފަތެއް އޮންނަނީ ހަމައެކަނި މިސަރުކާރަކުންނެއް ނޫނެވެ.