ޓީޗަރުންވެސް ބެލެނިވެރިންވެސް އަދި ދަރިވަރުންވެސް އަވަދި ވެއްޖެ!

10 އޮކްޓޯބަރ 2022 - 13:31

2014 ވަނަ އަހަރުގެ ގްލޯބަލް ސްކޫލް-ބޭސްޑް ހެލްތް ސާވޭ އިން ދައްކާގޮތުން ސްކޫލް ދަރިވަރުންގެ ތެރެއިން 19 ޕަސަންޓް ދަރިވަރުން ވަނީ އެކުދިން އަމިއްލައަށް މަރުވާނެ ގޮތެއް ވިސްނާ ރާވާފައެވެ. 13 ޕަސަންޓް ކުދިންނަކީ ތިމާ އަމިއްލައަށް މަރުވާނެ ފަދަ އަމަލެއް ކުރުމަށް ވިސްނާފައިވާ ކުދިންނެވެ. 16 ޕަސަންޓް ދަރިވަރުން ބުނެފައިވަނީ އެކުދިން ވަރަށް އެކަނިވެރިކަމަށެވެ. އަދި 15 ޕަސަންޓް ކުދިންނަށް، އެކުދިންގެ ހުރި ހާސްވެ ކަންބޮޑުވާ ކަންކަމުގެ ސަބަބުން ހަމަނިދި ނުލިބޭ ކަމަށް އެކުދިން ބުނެފައިވެއެވެ.

ސްކޫލު ކުދިން އެންމެ ބޮޑަށް ހާސްވެ ނަފްސާނީ ގޮތުން ބަލިވާ ސަބަބު

ޔުނިސެފް ގެ ސިޗުއޭޝަން އެނާލަސިސް ރިޕޯޓް 2021 ގައިވާ ގޮތުން ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން ނަފްސާނީ ގޮތުން އެންމެ ބޮޑަށް ބަލިވާ އެއް ސަބަބަކީ މަތިން މާކްސް ހޯދުމަށް އެކުދިންނަށް އެކި ފަރާތްފަރާތުން ކުރާ ޕްރެޝަރެވެ. އޭގެތެރޭގައި މައިންބަފައިންނާއި، ޓީޗަރުންގެ ފަރާތުން އަންނަ ޕްރެޝަރުކުރުންތައް ހިމެނެއެވެ.

advertisement

ދެން ފާހަނގަ ކުރެވުނު ކަމަށް ރިޕޯޓުގައި ވަނީ ބުލީ ކުރުމުގެ ސަބަބުން ސްކޫލު ކުދިންނަށް ދިމާވާ ނަފްސާނީ މައްސަލަތަކާއި، އާއިލާތެރޭގައި ހުންނަ މައްސަލަ ތަކުގެ ސަބަބުން ކުދިންނަށް ނަފްސާނީ ގޮތުން ދިމާވާ ބަލިތަކެވެ.

ޓީޗަރުންވެސް ބެލެނިވެރިންވެސް ތިބީ އެޑިއުކޭޝަން ސިސްޓަމުން ދޭ ޕްރެޝަރުތެރެއަށް ވެއްޓިފައި

ފާހަނގަވާ އަނެއް މައްސަލަ އަކީ މަތީ މާކްސް ހޯދާ ޓޮޕް އެޗީވާސް އަށް ދަރިވަރުން ހެދުމަށްޓަކައި ހިފާފައި މިވާ ސްކޫލު ނިޒާމުގެ ސަބަބުން ނަފްސާނީ ގޮތުން ބަލިވެ ބާންއައުޓްވެ، އެންޒައިޓީ އާއި ޑިޕްރެޝަން އަށް ހުށައެޅިފައި ތިބީ ހަމަ އެކަނި ދަރިވަރުން އެކަންޏެއް ނޫން ކަމެވެ.

މި ޕްރެޝަރުގެ ސަބަބުން ބެލެނިވެރިންނާއި ޓީޗަރުންވެސް ތިބީ ހާސްކަމުގެ ތެރޭގައެވެ. ބާން އައުޓްވެފައެވެ. ސްކޫލުތަކުގެ ޕާފޯމެންސް ބަލާ މިންގަނޑަކީ މަތީ މާކްސް އިން ފާސްވާ ދަރިވަރުންގެ އަދަދު ކަމުގައި އޮތުމުން ކޮންމެ ސްކޫލަކުންވެސް ބޭނުންވަނީ އެ އަދަދުތައް މިނިސްޓްރީ އަށް ދެއްކުމެވެ. އަދި ޓީޗަރުންގެ ޕާފޯމެންސް ބަލަނީ އެ ޓީޗަރެއްގެ ދަރިވަރުން ފާސްވާ މިންވަރަށް ބަލައިގެން ކަމުން ޓީޗަރުން ތިބެނީ ނުހަނު ބޮޑު ހާސްކަމެއްގައެވެ.

ކޮންމެ ގޮތެއް ހަދައިގެންވެސް ވީހާވެސް ގިނަ ދަރިވަރުން ވީހާ ވެސް މަތިން މާކްސް ހޯދުމަކީ ޓީޗަރުންގެ އަމާޒެވެ. މިހުރިހާ އެންމެންގެ ހާސްކަން ގޮސް ބިންދާލަނީ ތުއްތު ކުދިންނާއި ފުރާވަރު ކުދިންގެ ބޮލަށެވެ. ގޭތެރެއިން ވެސް އެ ޕްރެޝަރެވެ. ކުލާހުންވެސް އެ ޕްރެޝަރެވެ. މިއީ ކުދިންނަށް އުފުލޭނެ ވަރުގެ ޕްރެޝަރެއް ނޫނެވެ.

ޓޮޕް އެޗީވަރސްއަށް ނޭރިދާނެތީ ގަންނަ ބިރު

ޓޮޕް އެޗީވާ އަކަށް ނުވެދާނެތީ ދަރިވަރުން ގަންނަ ބިރުގެ ސަބަބުން އެކުދިންނަށް ކިޔެވުމަށް ފޯކަސް ކުރަން އުނދަގޫވެ، އެންޒައިޓީ ބޮޑު ވުމުގެ ނަތީޖާ އަކީ އިމްތިހާނު ހަދާދުވަހު ހާސްވެ ޕޭޕަރު ހަދަން ދަތިވުމެވެ. މިއީ ކުދިންގެ މުޅި އުމުރު ދުވަހުވެސް އެކުދިން ނަފްސާނީ ގޮތުން އުފުލާނެ ބުރައެކެވެ. ޕޭޕަރު ނުހެދުނީމައެވެ. ހާސްވުމުގެ ސަބަބުން ނުކިޔެވުނީމައެވެ. މައިންބަފައިން ޑިސަޕޮއިންޓް ކުރެވިއްޖެ ކަމުގެ އިހުސާސް ކުރެވޭތީއެވެ. ގަދަ ދިހައެއްގައި ނުލެއްވީތީވެ މުޅި ގައުމު ތިމާއަށް މަލާމާތް ކުރާހެން ހީވާތީއެވެ.

ނަމަވެސް ކޮންމެ ދަރިވަރަކީ ވެސް އެކުދިންގެ ނަފްސާއި ޖިސްމު ސަލާމަތުން ހެޔޮ ސިއްހަތެއްގައި ހުރެއްޖެ ނަމަ ހަޔާތުގައި އުފާވެރި ކަމާއި އެކު އުޅުމުގެ ފުރުސަތު އޮތް ކުއްޖެކެވެ. ދައުލަތުން ބޮޑު ހަރަދުކޮށް ޓޮޕް ޓެން ފާހަނގަ ކުރާ އިރު، ކޮންމެ އަހަރަކު ސްކޫލު ނިންމާ ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންނަކީ ގަދަ ދިހައެއްގައި ހިމެނޭ ކުދިންނެއް ނޫނެވެ.

މި ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި، އެކުދިންގެ މާޔޫސް ކަމާއި ހާސް ކަމަށް ތަސައްލީ އެއް ދިނުމުގެ ގޮތުން ކުރެވިދާނެ އެއް ކަމަކީ ސްކޫލުތެރެއިން ކުދިންނަށް ކުރާ ޕްރެޝަރު ކުޑަ ކުރުމެވެ. ދިރިއުޅުން ކާމިޔާބު މީހާ އަކީ ޕޭޕަރަކުން މަތީ މާކްސް ލިބޭ މީހާ އެކަނި ނޫން ކަން ކުދިންނަށް ވިސްނައި ދިނުމަކީ ގޭތެރެއިން ވެސް އެކުދިންނަށް ލިބެން ޖެހޭ ޔަގީން ކަމެކެވެ.

ތުއްތު އުމުރުން ފެށިގެން ކުދިން ހާސްކަމާއި ބިޒީ ކަމުގައި ގޮސް ދިހަ އަހަރު ނިންމާލާއިރު، ނަފްސާނީ ބަލިތައް ތަހައްމަލު ކުރާ ޖީލެއް ސްކޫލުން ނިކުމެގެން އައުމަކީ އެތަކެއް މައްސަލަތަކެއް ނިކުންނާނެ ކަމެކެވެ. މި ބާންއައުޓް އިން ބެލެނިވެރިންނާއި ޓީޗަރުންނާއި ދަރިވަރުން ސަލާމަތް ކުރަން މަޖުބޫރުވަނީ އެހެންވެއެވެ.

ރިއެކްޝަންސް
2
5
2
33
1
2
0