ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު އެކުލަވާލުމަށްޓަކައި އާންމުންގެ ޙިޔާލު ހޯދުމަށް ހުޅުވާލުން
11 އޮކްޓޯބަރ 2022 - 10:59
ޤާނޫނު ނަންބަރު 2012/3 ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގެ ދަށުން ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކަނޑައަޅަންޖެހޭ ޤައުމީ ސިޔާސަތުތައް ކަނޑައަޅައި، ތަންފީޒުކުރުމަކީ މި އޮތޯރިޓީގެ މަސްއޫލިއްޔަތެކެވެ.
މިގޮތުން ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު (2017-2021)ގެ ތަންފީޒީ މުއްދަތު ހަމަވެފައިވާތީ، ތިންވަނަ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު (2023–2027) އެކުލަވާލުމުގެ މަސައްކަތް ލޯކަލް ކޮންސަލްޓަންޓެއްގެ އެހީތެރިކަމާއެކު މި އޮތޯރިޓީން ވަނީ ފަށާފައެވެ.
މިގޮތުން، މި މަސައްކަތަށް ބޭނުންވާ މައުލޫމާތުތައް ހޯދުމަށްޓަކައި ގުޅުންހުރި އެކި މުވައްސަސާތަކާއި އަދި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާ އެކީ ކޮންސަލްޓޭޝަން ބައްދަލުވުންތަކެއް މިހާރު ދަނީ ކުރިއަށްދަމުންނެވެ.
ހަމައެއާއެކު، މިފަދަ މަސައްކަތެއް އެންމެ ފުރިހަމަ އަށް ކުރެވިގެންދެވޭނީ ގެވެށި އަނިޔާތައް ތަޖުރިބާކޮށްފައިވާ ފަރާތްތަކާއި، އާންމުންގެ ޚިޔާލުވެސް ހޯދައިގެން ކަމުގައި މި އޮތޯރިޓީން ދެކެމެވެ. ވުމާއެކު އާންމުންގެ ޚިޔާލާއި މަޝްވަރާއި ހިއްސާކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން 13 އޮކްޓޯބަރު 2022 (ބުރާސްފަތި) ދުވަހުގެ ރޭ 9:00 ގައި ޚާއްޞަ ވެބިނަރއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ވެބިނަރގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ 18 އަހަރުން މަތީގެ ފަރާތްތަކުން 12 އޮކްޓޫބަރު 2022 (ބުދަ) ދުވަހުގެ 12:00 ގެ ކުރިން ތިރީގައި މިވާ ލިންކް ބޭނުންކުރައްވައިން ރެޖިސްޓަރ ވުމަށް އެދެމެވެ.
ރެޖިސްޓްރޭޝަން ލިންކް: https://forms.office.com/Pages/ResponsePage.aspx?id=fsLn8RKY00iwHU7XsSrsXNBLTFO4d1hJjFR2p-HyHsRUMVdGTThHUVY4MExaWElQMjlNMDRaMDhTNS4u&wdLOR=c2F4AF582-6833-BB4F-9EFB-C61C01B49C9C