މަގުމަތިން ހިނގާފައިދާ މީހަކު ފުލުހުންނަށް ހުއްޓުވިދާނެތަ?

17 އޮކްޓޯބަރ 2022 - 14:59

ކޮންމެ ގައުމެއްގެ ވެސް ފުލުހުންނަށް ލިބިފައިވާ ބާރުތަކަކީ ގާނޫނުތަކުން ވަކި ހުދޫދުތަކަކާއި މިންގަނޑެއްގެ ތެރެއިން ލިބިދީފައިވާ ބާރުތަކެކެވެ. ދިވެހި ފުލުހުން މިހާރު އަމަލު ކުރަން ޖެހޭ ގާނޫނަކީ 2008 ވަނަ އަހަރު ފާސްކޮށްފައިވާ ފުލުހުންގެ ގާނޫނެވެ. މިއީ 2008 ގައި ފާސްކުރި އާ ގާނޫނު އަސާސީގެ 244 ވަނަ މާއްދާގެ ދަށުން، ފުލުހުންގެ ވާޖިބުތަކާއި، ޒިންމާތަކާއި، ފުލުހުންނަށް ލިބިގެންވާ ބާރުތަކާއި، ފުލުހުންގެ މަސައްކަތުގައި ހިފަހައްޓަންޖެހޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ބަޔާންކޮށް ފާސްކޮށްފައިވާ ގާނޫނެކެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތް ނޫން ގޮތަކަށް ފުލުހަކަށް މަގުމަތިން މީހަކު ނުހުއްޓުވޭނެއެވެ. އަދި ބަލައި ފާސްވެސް ނުކުރެވޭނެއެވެ. ހަމަ މިއާއި އެކު ނަމާއި އުމުރު އެހޭނެ ހާލަތްތައް ވެސް މި ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައި ވެއެވެ.

advertisement

ސުވާލަކީ، ނަމާއި އުމުރު ބުނުމަށް މީހުން ކޮންމެހެން ދެކޮޅޮ ހަދަން ޖެހޭތޯއެވެ؟ އެއީ އެމީހެއްގެ އަމިއްލަ ކަމެކެވެ. ގާނޫނާއި ހިލާފަށް ވިޔަސްވެސް ފުލުހަކު މީހަކު މަގުމަތިން ހުއްޓުވައި ނަން ބުނަން އެދުމުން އެއް ގޮތަކީ އެ މައުލޫމާތު ދިނުމެވެ. އަނެއް ގޮތަކީ މައުލޫމާތު ނުދިނުމެވެ. މައުލޫމާތު ނުދިނުން މުހިއްމުވާ ސަބަބަކީ ފުލުހުން ގާނޫނާ ހިލާފަށް އަމަލުކުރުން އެފަދަ ކަންކަމާއި އާއްމުން ދެކޮޅު ނުހަދާނަމަ ގަދަ ބާރު ބޭނުންކޮށްގެން ގާނޫނާއި ހިލާފަށް ކަންކަން ކޮށް، އާއްމުންނަށް ފުރައްސާރަ ކުރުން އާއްމު ކަމަކަށް ވެދާނެތީއެވެ.

މިއީ މިހާރުވެސް އެތައް މައްސަލައެއްގައި ފުލުހުން އަމަލުކޮށްފައިވާ ގޮތެވެ. އާއްމުންނަށް އަނިޔާކުރާ ތަން ފެންނަ މަންޒަރާއި ހަޑި ހުތުރު ބަހުން ވާހަކަ ދައްކާ މަންޒަރު ފެންނަ އެތައް ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ދައުރުނުވާ އިރެއް ނުދެއެވެ. ވީމާ، އެތަކެއް ދުވަސްތަކެއްގެ މަސައްކަތުން ރައްޔިތުން ހޯދި ގާނޫނީ ހައްގުތަކުގެ ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ.

ފުލުހުންގެ މަސައްކަތުގައި އަމަލު ކުރަން ޖެހޭ ގާނޫނުތަކަށް އަމަލު ނުކުރުމުގެ ސަބަބުން އެތައް ބޮޑެތި ވައްކަންތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ކޯޓު މަރުހަލާގައި އެތަކެއް ފަހަރު ދޫވެފައި ވެސް އެބަހުއްޓެވެ.

ރިއެކްޝަންސް
1
0
0
0
2
1
3