އެކަނިވެރި މައިންގެ އެލަވަންސް — 2000ރ އިން ކުރެވޭނީ ކޮންކަމެއް?

18 އޮކްޓޯބަރ 2022 - 14:47

އެކަނިވެރި މައިން ނުވަތަ ބަފައިން ބަލަމުން އަންނަ 18 އަހަރުން ދަށުގެ ކުދިންނަށް ދައުލަތުން މިހާރު ދެމުން ގެންދާ އެހީ އަކީ މަހަކަށް 2000ރ އެވެ. އެއް ކުއްޖަކަށް ވުރެ ގިނައިން ކުދިން ތިބި ނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް ލިބެނީ 1000ރ އެވެ.

މިކަމާއި މެދު މީހަކު ސޯޝަލް މީޑިޔާގައި ހިޔާލު ހިއްސާ ކުރަމުން ބުނެފައި ވަނީ ކުޑަކުއްޖަކު ބަލައިދޭ މަތިން އޭނާ އަށް އެކުއްޖާގެ މައިންބަފައިން މަހަކު 2500ރ ދޭ ކަމަށެވެ. އެހެން ކަމުން ދައުލަތުން ދޭ އެހީ ކަމުގައިވާ، 2000ރ އަކީ އެކަނިވެރި މަންމައަކަށް ނުވަތަ ބައްޕައަކަށް ކުޑަކުއްޖަކު ބަލައި، އެ ކުއްޖަކަށް ބޭނުންވާ އެންމެ ކުޑަ މިންވަރަށް ވެސް ކަންކަން ކޮށްދެވޭނެ މިންވަރުގެ ފައިސާއެއް ނޫންކަމަށް ބުނަމުން އެމީހާ ވަނީ ދައުލަތުގެ ސޯޝަލް ޕްރޮޓެކްޝަން ޕޮލިސީ އަށް ފާޑު ކިޔާފައެވެ.

advertisement

ގުރުއާން ކުލާހާއި، ޓިއުޝަނާއި، ސްކޫލަށް ގެންދިޔުމާއި، ޔުނިފޯމް ހޯދުމާއި ސްކޫލަށް ގެންދިއުމަކީ މިއިން ކޮންމެ ކަމަކަށް ވެސް ފައިސާ ހޭދަވާ ކަންކަމެވެ. ކެއިން ބުއިމާއި އަންނައުނާއި (ކުއްޔަށް އުޅޭ ނަމަ ގޭގެ ކުއްޔާއި) ބިލުތަކަށް ފައިސާ ދައްކަން ޖެހޭ މީހަކަށް ކުޑަ ކުއްޖަކު ބެލުމުގެ ހަރަދަށް އެންމެ ދެހާސް ރުފިޔާ ދިނުމަކީ އެހީއެއް ކަމުގައި ބެލެވިދާނެ ހެއްޔެވެ؟

ދެން އޮތް މައްސަލަ އަކީ އެކަނިވެރި މައެއް ކަމަށް ބަލާ ގާނޫނީ ހަމައެވެ. އަންހެނަކާއި ފިރިހެނަކު އިނދެގެން އުޅުނަސް ލިބިފައިވާ ދަރިން ނިކަމެތި ނަމަ ދައުލަތުން އެ ކުއްޖަކަށް އެހީ ދޭން ޖެހެއެވެ. ދެމަފިރިން ވަރި ނުވެ ތިއްބަސް އެތައް ބަފައިންނެއް ވެސް ކުދިންނަށް ހަރަދު ނުދީ އުޅެއެވެ.

މިފަދަ ހާލަތްތަކުގައި މައިން ދަރިން ގެންގުޅެނީ ނިކަމެތި ހާލަތުގައެވެ. ސޯޝަލް ޕްރޮޓްކްޝަން ގެ ހިޔާ އެފަދަ މަންމައިންނަށް ނުލިބެންވީ އެއްވެސް ސަބަބެއް ނެތެވެ. ފިރިއެއް ހުއްޓަސް އެކަނިވެރި ނިކަމެތި މަންމައިން ތިބެއެވެ. މަންމަ އާއި ބައްޕަ އެކުގައި އުޅުނަސް ނިކަމެތި ހާލަތުގައި ދިރިއުޅޭ ކުޑަކުދިން ތިބެއެވެ. ވީމާ ކުޑަކުދިންގެ އިޖުތިމާއީ ރައްކާތެރިކަމަށް ޓަކައި ދޭ އެހީ އަކީ ދެމީހަކު އިނދެގެން ތިބިތޯ ބަލާފައި ދޭ އެއްޗަކަށް ވުމުން ގެއްލިގެން ދަނީ އެތަކެއް ކުޑަ ކުދިންނެއްގެ ހައްގެވެ.

ރިއެކްޝަންސް
0
4
0
28
0
0
3