ޓެކްސް ބޮޑުކުރަން ޖެހެނީ ރާއްޖޭގެ އެތެރެއިން އާމްދަނީ އިތުރު ކުރެވޭނެގޮތްތައް ހޯދުމަށް: އަމީރު
24 އޮކްޓޯބަރ 2022 - 10:28
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލީހުގައި ބުނެފައިވަނީ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވަނީ ބޭރު ދުނިޔޭގެ އިގްސާދު ހީނަރުވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުން ފައިނޭންސް ހޯދުމުގައި ދަތިތަކެއް ހުންނާތީވެ ރާއްޖެ އެތެރެއިން އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް ކަމަށެވެ.
މިނިސްޓަރު އަމީރު މިހެން ބުނެފައިވަނީ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އިކްރާމް ސުވާލުކޮށްފައިވަނީ، ރާއްޖޭގެ ހާލަތު ގޯސް ނޫންނަމަ ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހަޅާފައިވަނީ ކީއްވެތޯ އެވެ.
“[ބޭރު ދުނިޔޭގައި] އިންފްލޭޝަނަރީ ޕްރެޝަރސްތަކާއި އެކުވެސް އިންޓްރެސްޓް ރޭޓްވެސް އެބަ ބޮޑުވެގެން ދޭ. އެޔާއެކު ދުނިޔޭގެ ބާޒާރުން އަޅުގަނޑުމެންނަށް ފައިނޭންސަސް ހޯދުމުގައި މިހާރު މިހިރީ ގާތްގަނޑަކަށް ހަމަ ވަރަށް ބޮޑުތަނުން ދޮރުތައް ބަންދުވެފައި،” މިނިސްޓަރު ބަޔާންކުރި އެވެ.
ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު، މިނިސްޓަރ އޮފް ފިނޭންސް އަލްފާޟިލް އިބްރާހީމް އަމީރުއާ ސުވާލުކުރެއްވުން pic.twitter.com/bk3Wyoe5di— People's Majlis (@mvpeoplesmajlis) October 24, 2022
“ރާއްޖޭގެ އިގްތިސާދު ހަމަ ރަނގަޅަށް ކުރިއަރަމުން އެބަދޭ. 2021 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 41.6 ޕަސެންޓް ކުރިއަރާ، މިހާރު ރާއްޖޭގެ އިގްތިސާދު 13 ޕަސެންޓް ކުރިއަރާނެ. އެކަމަކު އަޅުގަނޑުމެންގެ ހަރަދުތައްވެސް އެބަދޭ ބޮޑުވަމުން،” އަމީރު އިތުރަށް ބަޔާންކުރި އެވެ.
އަދި މިނިސްޓަރު އަމީރު މި ހަރަދުތައް ތަފްސީލް ކުރަމުން ބުނެފައިވަނީ ގިނަ ރަށްރަށުގައި ބޭސިކް އިންފްރާސްޓްރަކްޗަރ ފަދަ މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އެހެންކަމުން އެތެރެއިން އާމްދަނީ ހޯދޭނެ ގޮތްތަކެއް ހޯދަންޖެހޭނެ ކަމަށެވެ. އަދި އެތެރެއިން އާމްދަނީ ހޯދޭނެ މަގުތައްނުހޯދައިފި ނަމަ އަޅުގަނޑުމެން ޖެހޭނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓްތައްވެސް ހުއްޓާލަންކަމަށް އަމީރު ހާމަކުރި އެވެ.
މިފަދަ މަޝްރޫއުތައް ހުއްޓާލައިފިނަމަ އަޅުގަނޑުމެންގެ އިގްތިސާދު ކުރިއަރަމުން ދާ މިންވަރު ދަށްވެގެން ދާނެކަމަށާއި، މިކަމުގެ ސަބަބުން “ވިޝަސް ސައިކަލް” އެއްގެ ތެރެއަށް ވެއްޓި އިގްތިސާދީ ގޮތުން ހޯދާ ކުރިއެރުންތައް ވަރަށް ބޮޑަށް ފަހަތައްޖެހިގެންދާނެ ކަމަށް ވެސް މިނިސްޓަރު ކިޔައިދިނެވެ.
“މިކަންތަކަކީ ދުނިޔޭގެ ޖަމިއްޔާ ޖަމާޔަތްތަކުންވެސް މިހާރު އެޑްވައިސްދޭ ކަންތައްތައް. އައިއެމްއެފް ވޯލްޑް ބޭންކް ތަންތަނުންވެސް،” އަމީރު އިތުރަށް ވިދާޅުވީ ސަރުކާރުން މި ހުށަހެޅި އައިއެމްއެފް އަދި ވޯލްޑް ބެންކް ފަދަ ތަންތަނުންވަނީ މަރުހަބާ ކިޔާފައި ކަމަށެވެ.
މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު މިއަދު މަޖިލީހަށް ހާޒިރުކުރެވިފައިވަނީ ކުވައިތު ފަންޑުގެ އެހީގައި ތ.ވިލުފުށީގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްގެ ބިޑު ކާމިޔާބުކުރި ފަރާތާއި ހަވާލުނުކުރެވި ލަސްވަމުންދަނީ ކީއްވެތޯ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ކުރައްވާ ސުވާލަށް ޖަވާބުދާރީ ކުރުވުމަށެވެ.