ރިޕޯޓު: ސްކޭމް ކޯލްތަކާއި ލިންކްތައް — އޮތް ހައްލަކީ ހޭލުންތެރިވުން!
26 އޮކްޓޯބަރ 2022 - 10:06
ނެޓްފްލިކްސް އިން ގެނެސްދޭ ސީރީޒްއެކެވެ. “ޖަމްތާރާ” ނަމަކަށް ކިޔަ މި ސީރީޒްގައި ދައްކުވައިދެނީ ސްކޭމް ކޯލްތަކާއި ތަފާތު އެޕްލިކޭޝަންތައް ބޭނުންކޮށްގެން މީހުންގެ ކޭޝް ކާޑް ނަންބަރާއި ޕިން އަދި އެ ނޫން ވެސް ޒާތީ މައުލޫމާތު ހޯދައިގެން އޮޅުވާލައިގެން ފައިސާ ހޯދާ ގޮތެވެ. ސީރީސްގެ އަސްލަކަށް ބަލާފައި ވަނީ 2015 ވަނަ އަހަރުގެ ތެރޭގައި އިންޑިއާގެ ޖާކަންޑް ސްޓޭޓްގެ ޖަމްތާރާ ޑިސްޓްރިކްޓްގައި ސްކޫލް ދަރިވަރުންތަކެއް ފޯނުން ހިންގި ސްކޭމެއްގެ މައްޗަށެވެ. ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި ޖަމްތާރާއަކީ އެކަމުގެ މައި ހަބެކެވެ.
ދާދި ފަހުން ވެސް ޖަމްތާރާ އިން 20 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާ އިރު އޭނާ އެ ސްކޭމް ހިންގަމުން ދިޔައީ 30 ޒުވާނުން ރެކްރޫޓްކޮށްގެންނެވެ. މި ސްކޭމްގެ ތެރެއިން ކޮލްކަތާ އިން އެކަނި ވެސް 2،500 އަށް ވުރެ ގިނަ މީހުން ޝިކާރައަކަށް ވެފައިވާ އިރު ގެއްލުނު ފައިސާގެ އަދަދު 8.1 މިލިއަން ރުޕީސް އަށް އަރައެވެ. ދަރިވަރުންނާއި ޒުވާނުން އަދި އަންހެނުން ބޭނުންކޮށްގެން އެފަދަ “ފިޝިންގް” ސްކޭމްތައް ހިންގުމަކީ އެ ސަރަހައްދުގައި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެކެވެ.
The Text SMS looks like this. Anyone getting such call or SMS, raise an alarm. This is scam or fraud. #Jamtara (2/2) pic.twitter.com/ZFd3QfCAZZ— Nishit Sharma (@Sharma_spks) October 13, 2022
ރާއްޖޭގައި މިފަދަ ސްކޭމްތައް ފެށިގެންއައި ގޮތް
މިއީ ހަމައެކަނި ޖަމްތާރާ ނުވަތަ އިންޑިއާގައި އެކަނި އޮތް ކަމެއް ވެސް ނޫނެވެ. ކުދިކުދި އަވަށްތަކުން ފެށިގެން ބައިނަލްއަގުވާމީ ދުނިޔެ ވެސް މިފަދަ ފިޝިން ސްކީމްތަކުގެ ޝިކާރައަކަށް ދަނީ ވަމުންނެވެ. ރާއްޖޭގައި ވެސް މިކަން ވަނީ ހައްދުފަހަނަ އަޅާ ހިސާބަށް ގޮސްފައެވެ.
އެންމެ ފުރަތަމަ މިކަން ފެށިގެން އައި އިރު މިފަދަ މީހުން އަމާޒުކުރީ ފޯން ރީޗާޖްކުރުމުގެ ވިޔަފާރިއަށެވެ. އެކި އެކި ނަންނަމުގައި ފިހާރަތަކަށް ގުޅައި ފަހުން ފައިސާ ދޭ ގޮތަށް ރީލޯޑްކުރުން އާންމުވި ދުވަސްވަރެއް ވެސް ދިޔައެވެ. އޭގެ ފަހުން ތަފާތު ޕްރޮމޯޝަންތަކުގެ ނަމުގައި އިނާމް ލިބިއްޖެ ކަމަށް ބުނެ އެ އިނާމް ހޯދުމަށް ފައިސާ ޖަމާކުރުން ފަދަ ސްކޭމްތައް ވެސް އާންމުވިއެވެ.
އަދި ފަހަކަށް އައިސް ކޭޝް ކާޑާއި އިންޓަނެޓް ބޭންކިން އާންމުވުމާ އެކު އެ ކަންކަމުގެ ތެރެއިން ވެސް މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދުން ވަނީ އާންމުވެފައެވެ.
ޑިޖިޓަލް ތަރައްގީއާއި އެކު ސްކޭމްކުރާ މީހުންގެ އުކުޅުތައްވެސް އަންނަނީ ބަދަލުވަމުން
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިފަދަ މީހުން ގެންގުޅޭ އުކުޅުތައް ވެސް ޒަމާނާ އެކީގައި ދަނީ ބަދަލުކުރަމުންނެވެ. އެ ގޮތުން ކޮވިޑްގެ ދުވަސްވަރު ފޭކް ސްލިޕްތައް ބޭނުންކޮށްގެން މުދާ ގަތުން ފަދަ ކަންކަން އާންމުވެގެން ދިޔައެވެ.
އަދި އޭގެ ފަހުން ވަން ޓައިމް ޕާސްވާޑް (އޯޓީޕީ) ހޯދައިގެން ހިންގާ ސްކޫމްތަކުގެ ޝިކާރައަކަށް ވެސް އެތައް ބަޔަކު ވެފައި ވެއެވެ. މިހާރު އެންމެ ބޮޑަށް ފުލުހުން ސަމާލުވުމަށް އެދޭ ކަންކަމުގެ ތެރޭގައި ތަފާތު ލިންކްތައް ބޭނުންކޮށްގެން ބޭންކް އެކައުންޓާ ގުޅިފައިވާ އީމެއިލް އެކައުންޓް ހޯދައި މައުލުމާތުތައް ހެކްކޮށް ބޭންކް އެކައުންޓް ދޮވެލުން ފަދަ ކަންކަން ހިމެނެއެވެ.
އެ ގޮތުން އެ އިރެއްގައި އެންމެ ހިނގާ ކަންކަމާ ގުޅިގެން ޚަބަރުތަކާއި ފޮޓޯ އަދި ވީޑިއޯތަކުގެ ނަމުގައި ފޮނުވާ ލިންކްތައް ހިމެނެއެވެ. ދާދި ފަހުން ހިނގި މަރުގެ ހާދިސާތަކާއި އަދި ބައެއް ޖިންސީ މައްސަލަތަކާ ގުޅިގެން ވެސް މިފަދަ ސްކޭމް ލިންކްތައް ފޮނުވަމުން އެބަދެއެވެ. އެފަދަ ލިންކްތަކަށް ނުވަނުމަށް ފުލުހުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.
If anyone of you receive such texts or messages, please do NOT respond! It is scam. https://t.co/nyGvTfVEiS— Maldives Police (@PoliceMv) December 9, 2019
ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި މިފަދަ 1،400 އަށް ވުރެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހެޅިފައި ވެއެވެ. އޭގެ ތެރެއިން ގިނައީ ލައްކައަކަށް ވުރެ ގިނަ ފައިސާގެ މައްސަލަތަކެވެ. އަދި ބައެއް މައްސަލަތަކަކީ ގިނަ އަދަދެއްގެ ފައިސާއާ ގުޅުން ހުރި މައްސަލަތަކެވެ.
ސްކޭމްތައް އެންމެ ގިނައިން ހިންގަނީ ޖަލުގެ ތެރެއިން
ރާއްޖޭގައި މިފަދަ ސްކޭމްތައް އެންމެ ގިނައިން ހިންގަނީ ޖަލުގެ ތެރެއިން ކަމަށް ތުހުމަތުކުރެވިފައި ވެއެވެ. ކަމާ ބެހޭ އިދާރާތަކަށް ވެސް އެކަން އެނގެއެވެ. ރާއްޖޭގައި ސްކޭމް ކޯލް އަދި އޮޅުވާލައިގެން ފައިސާ ޓްރާންސްފާރކޮށް، ކުށްކުރުން ގިނަވަމުން ދާތީ މި ކަންކަން ހައްލުކުރަން އިދާރީ އަދި ޤާނޫނީ ގޮތުން ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން އިކޮނިމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މި ހަފުތާގެ ހޯމަ ދުވަހު ވަނީ ކަމާ ގުޅުން ހުރި މާލީ އިދާރާތަކާ ބައްދަލުކުރައްވާފައެވެ. އޭގެ ތެރޭގައި އެމްއެމްއޭ، ބީއެމްއެލް އަދި އެމްއައިބީގެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ. އެ ބައްދަލުވުމާ ބެހޭ މާބޮޑު ތަފްސީލެއް އެ މިނިސްޓްރީން ހަމަކޮށްފައެއް ނުވެއެވެ.
ރާއްޖޭގައި ސްކޭމް ކޯލް އަދި އޮޅުވާލައިގެން ފައިސާ ޓްރާންސްފާރކޮށް، ކުށްކުރުން ގިނަވަމުން ދާތީ މި ކަންކަން ހައްލުކުރަން އިދާރީ އަދި ޤާނޫނީގޮތުން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މިނިސްޓަރ @faya_i މިއަދު އެމްއެމްއޭ، ބީއެމްއެލް އަދި އެމްއައިބީގެ އިސްވެރެންނާ ބައްދަލުކުރައްވައިފި. pic.twitter.com/dDrMbqxg1K— Economy & Trade (@MoEDmv) October 24, 2022
ސްކޭމް ކޯލްތައް ޖަލުތަކުން ކުރާ މައްސަލާގައި މީގެ ކުރިން ވެސް ކަމާ ބެހޭ އިދާރާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ މައްސަލަ ހައްލުކުރުމަށާއި ޖަލަށް ފޯނު ފަދަ ތަކެތި ވެއްދުން ހުއްޓުވުމަށް މަސައްކަތްތަކެއް ވެސް ކޮށްފައި ވެއެވެ. އަދި ޖަލުގައި ކޯލް ޖޭމްކުރުމަށް އެންޓަނާ ހަރުކުރި ކަމަށް ވެސް ކަމާ ބެހޭ އިދާރަތަކުން ހާމަކޮށްފައި ވެއެވެ. ނަމަވެސް އޭގެ ނަތީޖާއެއް ނޭނގެއެވެ.
ޖަލަށް ފޯނު ފަދަ ތަކެތި ވެއްދުން އިންތިހާ އަށް ބޮޑުވެ، ކަމާ ބެހޭ ފަރާތްތަކުން ދޭތެރެ ދޭތެރެއިން އޮޕަރޭޝަންތައް ހިންގައެވެ. ނަމަވެސް މިއީ ބޮޑު ވިޔަފާރިއަކަށްވެފައި ވާތީ އެކަން ހުއްޓުވުމުގައި ވަނީ ގޮންޖެހުންތައް ބޮޑުވެފައެވެ. ޖަލަށް ފޯނު ވެއްދުމުގައި އޮފިސަރުން ސާމިލްވާ ކަމަށް މީގެ ކުރިން ވެސް ހާމަވެފައި ވެއެވެ. އަދި ފިޔަވަޅު ވެސް އަޅާފައި ވެއެވެ. ނަމަވެސް ސްކޭމް ކޯލްތައް މަދެއް ނުވެއެވެ.
ކޯލްތަކާއި އޮންލައިން މެދުވެރިކޮށް ހިންގާ ފިޝިން ރެކެޓްތައް ދެނެގަނެ އެކަން ހުއްޓުވުމަކީ ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. އަދި ބައެއް ސްކޭމްތަކަކީ ބައިނަލްއަގުވާމީ ގޮތުން ގިނަ ގައުމުތަކެއްގެ ސަމާލުކަމަށް ވެސް އައިސްފައިވާ ސްކޭމްތަކެވެ. މީގެ ތެރެއިން ބައެއް ސްކޭމްތައް ހިންގުމުގައި ދިވެހިން ވެސް އަމަލީ ގޮތުން ބައިވެރިވާ ކަމަށް ވެއެވެ.
އާންމުން ހޭލުންތެރިކަން ވަރަށް މުހިއްމު
ފިޝިން ނުވަތަ އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަސައްކަތައް ހުއްޓުވުމަށް ކަމާ ގުޅޭ ފަރާތްތައް ނުކުޅެދިފައިވާ އިރު މިފަދަ ގިނަ ސްކޭމްތައް ކާމިޔާބުވުމުގައި އާންމު ފަރުދުންގެ ހޭލުންތެރިކަން ކުޑަވުން ފާހަގަކޮށްލެވެއެވެ. މި ކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ވެސް އާންމުން ހޭލުންތެރިވުމެވެ. ގޮތް ނޭނގޭ ލިންކްތަކަށް ނުވަނުމާއި ބޭންކް ކާޑްގެ ތަފްސީލްތައް ކޮންމެ މީހަކު އެދުނަސް ނުދިނުމާއި ޖީމެއިލް ފަދަ ބޭންކް އެކައުންޓާއި މާލީ ކަންކަމާ ގުޅިފައިވާ އެކައުންޓްތައް ރައްކާތެރިކޮށް ބެލެހެއްޓުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ.
ނަމަވެސް ކަންބޮޑުވާންޖެހޭ ކަމަކީ މިފަދަ ކަންކަމުގެ ޝިކާރައަށްވާ މީހުންގެ ތެރޭގައި މިފަދަ ޒަމާނީ ކަންކަމަށް ހޭލުންތެރިކަން ކުޑަ މީހުންނާއި އުމުރުން ދުވަސްވީ މީހުން ހިމެނުމެއެވެ. އަދި މިފަދަ ބައެއް ސްކޭމްތައް އެފަދަ މީހުންނަށް ޓާގެޓްކޮށްފައި ވެސް އެބަހުއްޓެވެ.
މިފަދަ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަކީ ކަމާ ބެހޭ ފަރާތްތަކުން ވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހަމައެކަނި ނޫސް ބަޔާނަކުން ނުވަތަ ޕްރެސް ކޮންފަރެންސެއް ބާއްވައިގެން މިކަން ހައްލުކުރެވޭކަށް ނެތެވެ. ކާޑްގެ ޕިން ހޯދަން ބޭންކަކުން ނުގުޅާނެއޭ ބުނެ ފަރުޖެއްސޭކަށް ނެތެވެ. ހޭލުންތެރިކަން އިތުރުކުރުމަށް ދޮރުން ދޮރަށް ދާން އެބަޖެހެއެވެ. ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެންމެން އާދައިގެ މީހާ އަށް ވެސް މިކަމާ ބެހޭ މައުލޫމާތު ފޯރުކޮށްދޭން އެބަޖެހެއެވެ. މި ސްކޭމްތަކުން ސަލާމަތްވާން އޮތް އެންމެ ފަސޭހަ އަދި އެންމެ ރަނގަޅުމަގަކީ ވެސް ހޭލުންތެރިވުމެވެ. އަދި ހޭލުންތެރިކަން އިތުރުކުރުމެވެ.