ކުޑަހުވަދޫން ދައްކައިދެނީ މުޖުތަމައުން އިސްނަގައިގެން ކުނި މެނޭޖްކުރުމުގެ ކާމިޔާބު ޕްރޮގްރާމެއްގެ މިސާލު

30 އޮކްޓޯބަރ 2022 - 9:44

ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސަރަޙައްދީ އިޤްތިޞާދީ މަރުކަޒެއް ކަމުގައިވާ ކުޑަހުވަދޫއަކީ ކުނި މެނޭޖްކުރުމުގެ “ބޭނުންކޮށްފައި އުކާލާ” ވިސްނުމުން ވަށާޖެހޭ އިގްތިސާދީ ތަސައްވަރަކަށް ބަދަލުވުމަށް މުޖުތަމަޢުގެ ބައިވެރިވުމާއި ބައިވެރިންގެ ވަސީލަތްތައް ބޭނުންކޮށްގެން ނަމޫނާ ދައްކަމުން އަންނަ ރަށެކެވެ.

މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އިން ފެށި މޮޑެލް އައިލެންޑް ޕްރޮޖެކްޓްގެ ފުރަތަމަ ރަށަކަށް ދ. އަތޮޅު ކުޑަހުވަދޫ ވެގެން ދިޔައީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ކޮކާކޯލާ އާއި ރާއްޖޭގައި އެ ކުންފުނީގެ ބޮޓްލިން ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީއާ ގުޅިގެން މޯޕާ އިން ވަނީ، ‘އޮން ދަ ގްރައުންޑް، އިން ދަ ސީ: ވޭސްޓް ސެގްރިގޭޝަން މޮޑެލް އައިލެންޑް ކުޑަހުވަދޫ’ގެ ނަމުގައި އެ ރަށުގައި ޕްރޮގްރާމެއް ފަށައިފަ އެވެ.

advertisement

“އަޅުގަނޑުމެންގެ ރަށުގައި އަޅުގަނޑުމެން ތަންފީޒު ކުރަމުން ގެންދާ ކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ރައްޔިތުންނަށް މި ރަށުގެ ތިމާވެއްޓާއި ވެށީ ބެލެހެއްޓުމުގެ އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ. އަޅުގަނޑުމެންގެ ބައިވެރިންގެ ދީލަތި އެހީ އާއި އެއްބާރުލުމާ އެކު، މި މޮޑެލް އައިލެންޑް ސިސްޓަމް އަޅުގަނޑުމެން އިސްނަގައިގެން ކުރިއަށް ގެންދިޔަ ނަމަވެސް، އަޅުގަނޑުމެންގެ އުއްމީދަކީ، ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުމަށް ވަށާޖެހޭ އިގްތިސާދީ ވިސްނުމަކުން އަޅުގަނޑުމެންގެ ރީތި މާހައުލު ހިމާޔަތްކުރުމަށް ދ. އަތޮޅުގެ އެހެން ރަށްރަށުން ވެސް މި މަސައްކަތުގައި ބައިވެރިވުން،” ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ފިކުރީ ވިދާޅުވި އެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން މޯޕާ އިން ވަނީ ރަށު ކައުންސިލަށް ކުނި އަޅާނެ ވަށިގަނޑު ފޯރުކޮށްދީފަ އެވެ. އެއަށްފަހު ދ.އަތޮޅު ތައުލީމީ މަރުކަޒުން ވަނީ ކުނި މެނޭޖްކުރުމާއި ކުނި އުކާލުމުގެ ކުރިން ވަކިކުރުމާއި އަލުން ބޭނުންކުރުމާ ގޮތުން މުޖުތަމައު ހޭލުންތެރިކުރުވުމަށް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ. 

މި ސެޝަންގައި އެ މަރުކަޒުގެ ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިންނާއި ކައުންސިލް މެމްބަރުން ވަނީ ބައިވެރިވެފަ އެވެ. އޭގެ އިތުރުން، ރަށުގެ މުހިންމު ތަންތަނުގައި ހޭލުންތެރިކުރުމަށް ބިލްބޯޑު ބެހެއްޓުމާއި ދެމެހެއްޓެނިވި ކަންކަމާ ގުޅޭ ގޮތުން ދަރިވަރުންނަށް މުބާރާތްތައް ބޭއްވުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދެ އެވެ. 

“މިފަދަ ކޮންމެ ހަރަކާތެއް ކާމިޔާބުކަމާ އެކު ކުރިއަށްގެންދެވޭކަން ޔަގީންކުރުމަށްޓަކައި އެ ހަރަކާތެއްގެ ވަސީލަތްތަކާއި އޮޕަރޭޝަންތަކާއި އިލްމުގެ މިލްކުވެރިކަން ރައްޔިތުންނަށް، މި ހާލަތުގައި ކުޑަހުވަދޫގެ ރައްޔިތުންނަށް ބަދަލުކުރަންޖެހޭނެ. އެއާ އެކު، މިފަދަ ކޮންމެ ހަރަކާތަކާއި ޕްރޮގްރާމެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުޞަތު ވަރަށް ބޮޑަށް އިތުރުވެގެން ދޭ. އެހެންވީމާ، އަޅުގަނޑުމެން ގެންގުޅުނީ ބޮޓަމް އަޕް އެޕްރޯޗެއް،” މޯޕާގެ ބާނީ އަދި ޗެއާމަން ތޯރިގު އިބްރާހިމް ވިދާޅުވި އެވެ. “ކުޑަހުވަދޫ ވެގެން ދިޔައީ ގޭބިސީތަކުގެ ފެންވަރުގައި ކުނި ވަކިކުރުން ހިމެނޭ ގޮތަށް، ކުނި މެނޭޖްކުރުމުގެ އާ ގަވައިދަށް ފުރިހަމައަށް އަމަލުކުރި ފުރަތަމަ ރަށަށް. މިއީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް.”

2022 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ގޭބިސީތަކުގެ ފެންވަރުގައި ކުނި ވަކިކުރަން ދިވެހި ސަރުކާރުން ލާޒިމްކުރުމުގެ ކުރިން ފެށި މި ޕްރޮގްރާމުގައި މިހާތަނަށް އެ ރަށަށް 1،000 އަށް ވުރެ ގިނަ ކުނި ވަށިގަނޑު ވަނީ ފޯރުކޮށްދީފަ އެވެ. 

ކުނި މައިގަނޑު ހަތަރު ބަޔަކަށް ބަހާލައިގެން — އޯގަނިކް ކުނި، ޕްލާސްޓިކް، ދަގަނޑު އަދި ބިއްލޫރި، އަދި އެހެނިހެން (އެކި ވައްތަރުގެ ކުނި އެއްކޮށް) — އުކާލުމަށް މަގުފަހިކުރުމަށް ކޮންމެ ގޭބިސީއަކަށް ދެ ވަށިގަނޑާއި ހަތަރު ގޯނި ފޯރުކޮށްދީފައިވެ އެވެ. 

މިކަމުގެ ސަބަބުން ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒަށް ކުނި ގެންދިއުމާއި އެ ތަނުގައި ކުނި ބެލެހެއްޓުމުގައި އިތުރަށް ފަސޭހަވެގެންދެ އެވެ. ވަކިކޮށްފައިވާ ކުނި ގޭބިސީތަކުން ނަގައި ކޮންމެ ދުވަހަކު ވެސް އެ ރަށު ކައުންސިލުން ހިންގާ ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު (ކޭޑަބްލިއުއެމްސީ)އަށް ގެންދެ އެވެ. 

މި މަޝްރޫއު ފެށި ފަހުން ކުޑަހުވަދޫން މިހާތަނަށް 8.7 ޓަނުގެ ޕްލާސްޓިކް ކުނި ވަނީ ނަގާފަ އެވެ. މި މަޝްރޫއުގެ ލޮޖިސްޓިކް ޕާޓްނަރެއްގެ ހައިސިއްޔަތުން ކޮކާ-ކޯލާ މޯލްޑިވްސް އިން އަންނަނީ ކުޑަހުވަދޫން އެއްކުރާ ޕެޓް ފުޅިތައް ވެރިރަށް މާލެއަށް ގެންދިއުމުގައި މޯޕާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 

އެއަށް ފަހު، ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި އަލުން ބޭނުންކުރެވޭ ޕްލާސްޓިކް ކަމަށްވާ ޕެޓް ފުޅިތައް ޕާލޭ މޯލްޑިވްސްއާ ހަވާލުކޮށްގެން، އެކި ބްރޭންޑްތަކުގެ ބޫޓާއި ސްވިމްވެއާ އަދި ހެދުން ފަދަ އާންމު ދިރިއުޅުމުގެ ބާވަތްތައް ތައްޔާރުކުރުމަށް ރާއްޖޭން ބޭރުކުރެވެ އެވެ.

“ކޮކާ-ކޯލާއަކީ ކުނި މަދުކުރުމާ އެކު، ވަސީލަތްތަކާއި އުފެއްދުންތައް އަލުން ބޭނުންކުރުމުގެ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރާ ކުންފުންޏެއް. ރާއްޖޭގައި ‘ޑިޒައިން، ކަލެކްޓް އެންޑް ޕާޓްނަރު’ގެ ސްޓްރެޓެޖިކް ސިޔާސަތުތަކުގެ ދަށުން އަޅުގަނޑުމެންގެ ޕެކޭޖިން ބޭނުންކުރުމުގެ ވަށައިގެން ވަށާޖެހޭ އިގްތިސާދެއް ބިނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް މިދަނީ އަޅަމުން،” ރާއްޖެއަށް ކޮކާ-ކޯލާ އިން ކަނޑައަޅާފައި ހުންނަވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވި އެވެ. “ޕްލާސްޓިކް ކުނީގެ މައްސަލައަށް ބޭނުންތެރި ހައްލުތަކެއް ހޯދުމަށް އަމަލީ ގޮތުން ހަރަކާތްތެރިވާ މޯޕާ ފަދަ ޖަމިއްޔާތަކާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ އުއްމީދީ ނަތީޖާތައް ފެންނަމުން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.”
“ކޮކާ-ކޯލާ އާއި އެމްއޭޑަބްލިއުސީ ގުޅިގެން ރަނގަޅު، ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް މަސައްކަތް ކުރަމުންދޭ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ ރައްޔިތުންގެ ދިރިއުޅުމާއި މުޖުތަމައުތަކާއި ތިމާވެށި ކުރިއެރުވުމަށް،”މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވި އެވެ. “ކުޑަހުވަދޫގައި ހިންގާ މޮޑެލް އައިލެންޑް ޕްރޮޖެކްޓުން ސާބިތުކޮށްދެނީ، މިފަދަ ކަންކަމުގައި މުޖުތަމައުތައް ބާރުވެރިކުރުމަކީ ޕްލާސްޓިކާ ގުޅޭ ގޮތުން ވަށާޖެހޭ އިގްތިސާދެއް ބިނާކުރަން ކުރާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ބާރެއްކަން. މޮޑެލް އައިލެންޑް ޕްރޮގްރާމް ފުޅާކުރުމުގައި މޯޕާއަށް އެއްބާރުލުން ދިނުން ކުރިއަށްގެންދިއުމަށް އަޅުގަނޑުމެން އުންމީދު ކުރަން.”

ރިއެކްޝަންސް
0
0
0
0
0
0
0