ރިޕޯޓު: މުޅި ސިސްޓަމްގެ ތެރޭގައި ކޮރަޕްޝަން! “ނޯމަލް” ކަމަކަށް!
31 އޮކްޓޯބަރ 2022 - 15:26
އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި ފުލުހުން ގުޅިގެން ބޭއްވި އެންޓި ކޮރަޕްޝަން ކޮންފަރެންސްގައި ކަމާ ގުޅުންހުރި ދާއިރާތަކުން ވަނީ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ. އެ ކޮންފަރެންސްގެ ސެޝަންތަކުން ދޭހަވި އެއް ކަމަކީ ރާއްޖޭގެ ހުރިހާ ދިމާއެއްގައި ވެސް ކޮރަޕްޝަން އިންތިހާ އަށް ފެތުރިފައިވާ ކަމެވެ. މުޅި ސިސްޓަމްގެ ތެރޭގައި އެކަން އަށަގަނެ، އެއީ “ނޯމަލް” ކަމަކަށް ވެފައިވާ ކަމެވެ.
އޭސީސީގެ ފަރާތުން ހާމަކުރި މައުލޫމާތުތަކުން ވެސް އެނގިގެން ދިޔައީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ކޮރަޕްޝަން މޫލައި އެންމެ އާދައިގެ ކުދި ކުދި ކަންކަމުން ފެށިގެން ފިތްކަނޑައިގެންދާ ވަރުގެ ބޮޑެތި މައްސަލަތައް ހުރި ކަމެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގަ ޖާރީމާތަކުގެ ވާހަކަ
މި ކޮންފަރެންސްގައި އޭސީސީގެ ނައިބު ރައީސް އަބްދުއްސައްލާމް އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އޮތް ކޮރަޕްޝަނެވެ. އޭނާ ވިދާޅުވި ގޮތުން ކުންފުނިތަކުން ބީލަންތައް އިއުލާންކުރަނީ ވެސް ވަކި ބަޔަކަށް ދިނުމަށްޓަކައެވެ. ނުވަތަ އެއީ ވަކި ބަޔަކަށް ފަހާފައި އޮންނަ ކޯޓެކެވެ. ބިޑްތައް ވަކި ކުންފުންޏަކަށް ދިނުމަށް ބީލަމުގެ ސްޕެސިފިކޭޝަން ބައްޓަންކުރަނީ އެކަންޏެއް ނޫނެވެ. ޕެޕާރ ކުންފުނިތައް ނުވަތަ ވަކި ބޭނުމަކަށް ހަމައެކަނި ކަރުދާހުގައި އުފައްދާފައި ހުންނަ ކުންފުނިތައް ވެސް ބޭނުންކުރަނީއެވެ.
Day 2 of the Anti-Corruption Conference, in collaboration with @ACC_Maldives is now underway! Today’s agenda is also filled with panel discussions related to SOE integrity.
The Conference is being held with support from @EU_Partnerships. #TMACC2022 #MageyHissaa @EU_Maldives pic.twitter.com/TVVBobArcJ— Transparency MV (@TransparencyMV) October 31, 2022
މީގެ އިތުރުން ކުންފުނިތަކާއި ސަރުކާރުގެ އެކި އެކި މަޝްރޫއުތައް ހަވާލުކުރުމަށް ފަހު ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުމުގައި ވެސް ކޮރަޕްޝަން އިންތިހާ އަށް އޮތްކަން އޭސީސީގެ ވާހަކަތަކުން އެނގެއެވެ. އެ ގޮތުން ވަކި ކުންފުނިތަކަކަށް ނުވަތަ ވަކި ބަޔަކަށް ސަރުކާރާއި ކުންފުނިތަކުން ފައިސާ ދޫކުރުން އަވަސްކުރުމާއި އެކަން ކުރުމުގައި ކުންފުނީގެ މެނޭޖްމަންޓަށް ނުވަތަ ވެރިންނަށް “ކަޓް” ދިނުން ވެސް އޮންނަކަން އަބްދުއްސަލާމްގެ ވާހަކަތަކުން ހާމަވިއެވެ.
މީގެ އިތުރުން އެމަޖެންސީ ހާލަތެއް ނެތް ނަމަވެސް އެފަދަ ހާލަތްތައް އޮތް ކަމަށް ހަދައިގެން މާލިއްޔަތު ގަވާއިދުގެ ތެރެއިން ލިބިދޭ ލުއި ފަހިކޮށް ނުވަތަ ލޫޕް ހޯލްތަކުގެ ބޭނުން ހިފާކަން ވެސް ތަހުގީގުތަކުން ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން ބުނެއެވެ. އޭގެ ސަބަބުން މުދާ ނުލިބި ދައުލަތަށް ގެއްލުން ވެފައި ހުރިކަން ވެސް އޭސީސީން ފާހަގަކޮށްފައި ވެއެވެ.
އޭގެ އެއް މިސާލަކީ ކޮވިޑްގެ ތެރޭގައި ވެންޓިލޭޓަރު ހޯދުމަށް ހެދި އެއްބަސްވުމެވެ. އަވަސްއަރުވާލައިގެން ހެދި އެ އެއްބަސްވުމުން ދައުލަތަށް ވަނީ އެތައް މިލިއަން ރުފިޔާ ނުލިބިއެވެ. އެ މައްސަލާގައި ދައުވާކުރުމުގައި ވެސް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ. އެއީ ވެސް ބިޑްކުރުމެއް ނެތި ހިންގާފައިވާ “ޖަރީމާ” އެކެވެ. މިފަދަ ކަންކަން ތަހުގީގުތަކުން ފެންނަން ހުރި ނަމަވެސް ހިތާމައަކީ މިއިން ކަމެއް ހުއްޓުވުމަށް ވެސް މާބޮޑެތި ކަންތައްތަކެއް ކުރެވިފައި ނެތުމެވެ. ނުވަތަ ކުރުމަށް ހުރަސްތައް ވެސް ހުރުމެވެ. ފުލުހުން ވެސް ފާހަގަކުރަނީ އެކަމެވެ.
ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމަށް ހުރި ގޮންޖެހުންތައް
“Maldives Anti-Corruption Conference 2022”
-Session 2 on Corruption Vulnerabilities and SOEs pic.twitter.com/yI7taWK8c8— ACC-MALDIVES (@ACC_Maldives) October 30, 2022
ފުލުހުންގެ ފަރާތުން ކޮންފަރެންސްގައި ވާހަކަ ދެއްކެވި އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް އިންޕެސްންޓަރ މުހައްމަދު އުސާމަތު ވިދާޅުވީ ކޮޕްރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގައި އޮތް އެންމެ ބޮޑު ހުރަހަކީ އެއީ ކްރައިމް ސީންއަކަށް ނުވުން ކަމަށެވެ. އެހެންކަމުން ހެކި ހޯދުމުގައި ވަރަށް ގިނަ ދަތިތައް ހުންނަ ކަމަށާއި މިއީ މަގުމަތީގައި ކުރާ ކުށްތަކާ ހިލާފަށް ސްމާޓްކޮށް ކުރާ ކުށްތަކަށް ވުމުން މައްސަލަތައް ތަހުގީގުކުރަން ވެސް އުނދަގޫތަކެއް ހުންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
ކޮރަޕްޝަން އޮތީ ހަމައެކަނި މަޝްރޫއުތަކާއި މާލީ ކަންކަމާ ހަމައެއްގައެއް ނޫނެވެ. ކުންފުނިތަކުން ވަޒީފާ ދިނުމުގައި ވެސް މިކަން އޮތީ މިހެންނެވެ. ވަޒީފާތަކަށް އިއުލާންކުރާ އިރު ވެސް އެ ވަޒީފާ ދޭނެ ފަރާތްތައް ގިނަ ފަހަރަށް އޮންނަނީ ކަނޑައަޅައި ނިމިފައެވެ. ނުވަތަ ކުރެވޭ އިއުލާނަކީ ވެސް ވަކި މީހަކަށް ނުވަތަ ބަޔަކަށް ފަހާ ކޯޓެކެވެ. އަދި މިކަމުގައި ސިޔާސީ ފަރާތްތަކުގެ ނުފޫޒު ބޮޑުކަން ވެސް ފާހަގަކުރެވެއެވެ. މެމްބަރުން ދޭ ލިސްޓަށް ވަޒީފާ ދިނުމާއި ވެރިންގެ ލިސްޓެއް އޮތުން ފަދަ ކަންކަމަކީ އާންމު ކަމެކެވެ.
މަޝްރޫއުތައް ދިނުމުގައި ކޮރަޕްޝަން އޮތީ ހަމައެކަނި ރާއްޖޭގެ އެތެރޭގައެއް ނޫނެވެ. ބައިނަލްއަގުވާމީ ކުންފުނިތަކާ އެކު ކުރެވޭ މުއާމަލާތްތަކުގައި ވެސް މި މައްސަލަ އިންތިހާ އަށް ބޮޑުކަން ކޮންފަރެންސްގައި އެކި ބޭފުޅުން ދެއްކެވި ވާހަކަތަކުން ހާމަވެއެވެ. މިއީ އާދައިގެ ކަންކަމެއް ނޫނެވެ.
ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވުމުގައި އޮތް އެންމެ ބޮޑު ހުރަހަކީ ވެސް އެފަދަ މައްސަލަތައް ތަހުގީގުކުރުން ދިގުލައިގެން ދިއުމެވެ. އޭގެ އިތުރުން ދައުވާކުރުމާއި ދައުވާ ސާބިތުކުރުމުގައި ވެސް ބޮޑެތި މައްސަލަތަކެއް އެބަ ހުއްޓެވެ. އޭގެ އެއް މިސާލަކީ ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެވެ. އެކަމުގައި ބައިވެރިވި އެތައް ބަޔަކު ތިބި އިރު މިހާތަނަށް ދައުވާކުރެވި ހުކުމެއް ކޮށްފައި ވަނީ ތިން މީހެއްގެ މައްޗަށެވެ. އިތުރު މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުދެއެވެ.
“ކޮރަޕްޝަން މަދުކުރުމަށް އޮތް ހައްލަކީ ހާމަކަން ބޮޑުކުރުން”
Highlights from #TMACC2022:
The Chief Guest of Conference, President @ibusolih, during his speech at the opening ceremony, highlighted that systematic endorsement of corrupt practices within all state ranks as the biggest threat to combating corruption. #MageyHissaa pic.twitter.com/0Cb2c4oxDo— Transparency MV (@TransparencyMV) October 31, 2022
ކޮރަޕްޝަންގެ މައްސަލަތަކަކީ އެއްވެސް ގައުމެއްގައި އެއްކޮށް ހައްލުކުރެވޭނެ މައްސަލަތަކެއް ނޫނެވެ. ނަމަވެސް އެކަން މަދުކުރުމަށް ނިޒާމުތައް ހަރުދަނާކުރަންޖެހެއެވެ. ކޮންފަރެންސް ހުޅުވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ކޮރަޕްޝަން މަދުކުރުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ހާމަކަން ބޮޑުކުރުން ކަމަށެވެ. އަދި މި ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް ބައިނަލްއަގުވާމީ މުޖުތަމައުއިން ބަލައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު ސިފަކޮށްދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެންމެ ބޮޑު ކޮރަޕްޝަނަކީ އެކަމަށް ހިތްވަރުދީ ރުހިގެން ތިބުން ކަމަށެވެ.
“ކޮރަޕްޝަނާއި ފަސާދަ އާއި ނާޖާއިޒް ފައިދާ ނެގުމަކީ ދައުލަތުގެ ތެރޭގައި އިންތިޒާމުވެފައި އޮންނަ ރީތި ކަމެއްގެ ގޮތުގައި ވެރިން ދެކި އެ ނަމޫނާ ދެއްކުމަށް ވުރެ ބޮޑު ގޯހެއް އެއްވެސް ގައުމަކަށް ނޯންނާނެ،” ރައީސް ސޯލިހް ވިދާޅުވިއެވެ.
ތެދުފުޅެކެވެ. މިއަދު ރާއްޖޭގައި ކޮރަޕްޝަނަކީ މާބޮޑު ކަމަކަށް ނުވެއެވެ. އަދި އެއީ އޮންނަ ކަމެއް ކަމާއި ކޮންމެ ކަމެއް ކުރުމުގައި “މޭޒު ދަށުން” ދިއްކުރަންޖެހޭ ކަމަށް ގިނަ ބަޔަކު މިތިބީ ރުހި ގަބޫލުކޮށްގެންނެވެ. ކޮންމެ ކަމެއް ކުރުމަށް “ހަދިޔާ” ދޭންޖެހޭ ކަމާއި ނުވަތަ ކޮންމެ ވެސް ނުފޫޒު ގަދަ ފަރާތެއްގެ އެހީތެރިކަން ހޯދަންޖެހޭ ކަމަށް އަހަރެމެންނަށް މި ވަނީ ގަބޫލުކުރެވިފައެވެ.
ކޮންފަރެންސްގެ ތެރެއިން ވެސް ފާހަގަކުރެވިގެން ދިޔައީ ކަމާ ބެހޭ ފަރާތްތަކަށް ވެސް މިކަން ވަރަށް ސާފުކަމެވެ. ނަމަވެސް ނޭނގެނީ ހުއްޓުވާނެ ގޮތާއި އެކަމަށް ކުރަންޖެހޭ މަސައްކަތެވެ. ރައީސް ވިދާޅުވީ ކޮރަޕްޝަން މަދުކުރުމަށް އޮތް ހައްލަކީ ސަބަބުތައް ދެނެގަތުން ކަމަށެވެ. އެކަމަށް ދުވަސް ނަގާނެ ކަމަށެވެ.