ނޫސްވެރިންގެ ރައްކާތެރިކަމަށް 6 ކަމެއް ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލައިފި

2 ނޮވެމްބަރ 2022 - 12:01

މިއަދު ފާހަގަ ކުރާ ‘އިންޓަނޭޝަނަލް ޑޭ ޓު އެންޑް އިމްޕިޔުނިޓީ ފޯ ކްރައިމްސް އަގެއިންސްޓް ޖާނަލިސްޓްސް’ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމް.ޖޭ.އޭ)އިން ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް 6 ކަމެއް ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލައިފިއެވެ.

އެ 6 ކަންކަމަކީ:

  • އެންމެ ފުރަތަމަ ނޫސްވެރިންނާ ދެކޮޅަށް ހިންގާ ކަންކަން ފާޅުގައި ހާމަކޮށް ބޮޑު ގޮތެއްގައި އެންމެ މަތީ ދަރަޖައިގައި ކުށްވެރިކުރުން
  • ނޫސްވެރިންނާ ދެކޮޅަށް ހިންގާ ކަންކަމާ ގުޅިގެން އިންސާފުވެރި، އަވަސް، ފުރިހަމަ، މިނިވަން އަދި ހަރުދަނާ ގޮތެއްގައި ތަހުގީގުތައް ހިންގުމަށް.
  • އަދި މީގެ އިތުރުން ނޫސްވެރިންނާ ދެކޮޅަށް ޖަރީމާތައް ހިންގައި އެކަމަށް އެހީވެ، ހިތްވަރުދީ އަދި އެފަދަ ކުށްތައް ކުރާ ފަރާތްތަކަށް ހިމާޔަތް ދޭ ފަރާތްތައް ހޯދައި ދައުވާކޮށް އަދަބު ދިނުން ހަރުދަނާކުރުން
  • އަނިޔާގެ ޝިކާރައަކަށްވާ ނޫސްވެރިންނަށާއި އެ މީހުންގެ އާއިލާތަކަށް އެކަށީގެންވާ ވަރަށް އެހީތެރިކަމާއި ދޭން ޖެހޭ ނަފްސާނީ ފަރުވާ ލިބިދޭން ކަށަވަރުކުރުން
  • އަދި އޮންލައިންކޮށް ކުރާ ފުރައްސާރަ އާއި ބިރުދެއްކުމުގެ އަމަލުތަކާ ގުޅިގެން ނޫސްވެރިންނަށް ރައްކާތެރިކަމާއި ހިމާޔަތް ލިބޭނެ ނިޒާމެއް ގާއިމުކޮށްދިނުން
  • ނޫސްވެރިންގެ ރައްކާތެރިކަމަށް އަހަންމިއްޔަތުކަން ދީ އެކަންކަން ކުރިއެރުވުމަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދިނުން

އެ ޖަމިއްޔާގެ ރައީސް އަލީ ރިފްޝާން ވިދާޅުވަނީ، “ރާއްޖޭގައި ވެސް ނޫސްވެރިންނަށް އެކި ގޮތްގޮތުން ބިރު ދެއްކުމާއި ފުރައްސާރަ ކުރުމާއި ހުރަސްއެޅުމުގެ އަމަލުތައް އަދިވެސް ހިނގަމުން ދޭ. އެކަންކަން ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް އަދި ފޯކަސްއެއް ވެސް ނުދެވޭ. އަދި ނޫސްވެރިންނާ ދެކޮޅަށް ހިންގާ ކަންކަން ރަނގަޅަށް ބެލި އިންސާފު ލިބޭކަން އިހުސާސް ކުރެވޭ ވަރަށް އިންސާފު ހޯދައިދެވިފައެއް  ނެތް. ނަތީޖާއަކީ ނޫސްވެރިންނަށް ރައްކާތެރިކަން އޮތް ކަމުގެ އިހުސާސް ނުކުރެވޭކަން. ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށް ދިނުމަށް ރާއްޖޭގައިވެސް ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަ. އަޅުގަނޑުމެން ދައުލަތުގެ އިދާރާތަކަށް ގޮވާލަނީ އެމް.ޖޭ.އޭއިން މި ހުށަހަޅާ ހަ ކަންތައް ތަންފީޒުކޮށް އަމަލީ ސިފަ ގެނައުމަށް ގުޅިގެން މަސައްކަތް ކުރުމަށް.”

ރިއެކްޝަންސް
0
0
0
0
0
0
0