ސްޓެލްކޯގެ މުވައްޒަފުންނަށް ޗައިލްޑްކެއަރ ސެންޓަރއެއް ހުޅުވައިފި

10 ނޮވެމްބަރ 2022 - 9:56

ސްޓެލްކޯގެ މުވައްޒަފުންނަށް މަސައްކަތު ގަޑީގައި މުވައްޒަފުންގެ ދަރިން ތިބޭނެ ރައްކާތެރި، އިތުބާރުކުރާ މާޙައުލެއް ހޯދާދިނުމުގެ ގޮތުން ޗައިލްޑް ކެއަރ ސެންޓަރއެއް ހުޅުވައިފިއެވެ.

މި ސެންޓަރ ހުޅުވައިދެއްވީ ސްޓެލްކޯގެ ޗެއާމަން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާޙީމް މުޙައްމަދު ދީދީއެވެ.

advertisement

ސްޓެލްކޯގެ ޗައިލްޑް ކެއަރ ސެންޓަރަކީ ރައީސް އިބްރާޙީމް މުޙައްމަދު ސޯލިޙްގެ ދުރު ވިސްނުންފުޅާއި، އިސްނެންގެވުމާއި އެއްގޮތަށް ސްޓެލްކޯގެ މެނޭޖްމަންޓްއިން ސްޓެލްކޯގެ މުވައްޒަފުންނަށް މަސައްކަތު ގަޑީގައި މުވައްޒަފުންގެ ދަރިން ތިބޭނެ ރައްކާތެރި ، އިތުބާރުކުރާ މާޙައުލެއް ހޯދާދިނުމުގެ ގޮތުން ޤާއިމްކުރެވުނު ތަނެކެވެ.

ޗައިލްޑް ކެއަރ ސެންޓަރުގައި ޚިދުމަތްދެވޭ އުމުރުފުރާއަކީ 5އަހަރާއި 10 އަހަރާއި ދެމެދު ގެ ކުދިންނަށެވެ. އަދި ސެންޓަރ ހުޅުވިފައި ހުންނަ ގަޑިތަކަކީ ސަރުކާރުގެ ރަސްމީ މަސައްކަތްކުރާ ދުވަސްތަކުގެ ހެނދުނު 8:15 އިން  ހަވީރު 4:00އަށެވެ.

ސްޓެލްކޯއިން ބުނީ, ޗައިލްޑް ކެއަރ ސެންޓަރުގައި ޚިދުމަތް ހޯދާ ކުދިން ބެލެހެއްޓުމުގައި ތިބެނީ ކަމަށް ޤާބިލް، ކުދިން ގެންގުޅުމުގެ ހުނަރުހުރި މުވައްޒަފުނެވެ.

އަދި މީގެ އިތުރުން ކުދިންގެ އުމުރާއި ގުޅޭ ތަފާތު ގިނަ މަޖާ ހަރަކާތްތަކާއި، ކުޅިވަރުގެ ތެރެއިން އުނގެނުމަށްވެސް އިސްކަންދެވޭނެއެވެ.

ޗައިލްޑް ކެއަރ ސެންޓަރު ހުޅުވުމަށްފަހު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުގައި މިތަނަކީ ސަރުކާރުން މުވައްޒަފުންނަށް ދެއްވި ހަދިޔާއެއްކަމާއި، އެހަދިޔާ ބަލައިގަންނަކަން މުވައްޒަފުން ދައްކަންވާނީ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުންކަން ފާހަގަކުރައްވާ، ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ޚިދުމަތްދިނުމަށް މުވައްޒަފުންގެކިބައިން އެދިލެއްވިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0