ކޮކާ-ކޯލާއިން ރާއްޖޭގައި އާ އިންވެސްޓްމަންޓްތަކެއް ކުރަނީ
12 ނޮވެމްބަރ 2022 - 11:44
ލުއި ބުއިންތަކުން ފެށިގެން ބޯފެނާ ހަމައަށް ތަފާތު ބުއިންތަކުން ދިވެހިން ތާޒާކޮށްދެމުން އަންނަ ޓޯޓަލް ބެވަރޭޖް ކުންފުންޏެއް ކަމަށްވާ ކޮކާ-ކޯލާ އިން ރާއްޖޭގައި ޕެކޭޖިން އޮފާތައް ފުޅާކުރަން ފަށައިފި އެވެ.
ދެމެހެއްޓެނިވި ޕެކޭޖިން ސޮލިއުޝަންތައް ތައާރަފްކުރުމުގެ މަސައްކަތުގެ ދަށުން ކޮކާ-ކޯލާގެ ރާއްޖޭގެ ބޮޓްލިން ޕާޓްނަރު، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ އާ އިންވެސްޓްމަންޓުގެ ދަށުން، ގިނަ ބައެއްގެ ލޯބި ލިބިފައިވާ ކޮކާ-ކޯލާ ކުންފުނީގެ ބުއިންތައް ފުރަތަމަ ފަހަރަށް ސީދާ ރާއްޖޭގައި ހަދާ ދަޅުގައި ބަންދުކޮށްގެން ވަނީ މާކެޓެއް ނެރެފަ އެވެ.
ޕްލާސްޓިކް ކުނީގެ މައްސަލައަށް ހައްލެއް ހޯދައި އެ ކުންފުނީގެ ޕެކޭޖިން ބޭނުންކުރުމުގެ ވަށައިގެން ވަށާޖެހޭ އިގްތިސާދެއް އުފެއްދުމަށްޓަކައި ކޮކާ-ކޯލާއިން އަންނަނީ މުހިންމުފިޔަވަޅުތަކެއް އަޅަމުންނެވެ. ދާދި ފަހުން ވަނީ ސްޕްރައިޓްގެ މަޝްހޫރު ފެހި ކުލައިގެ ފުޅީގެ ބަދަލުގައި އެތެރެ ފެންނަ، ސާފު ފުޅިއަކަށް ބަދަލުކޮށްފަ އެވެ.
އެ ފުޅި ބޭނުންކުރުމަށް ފަހު އެއްކޮށް، ރީސައިކަލްކޮށް، އަލުން ބޭނުންކުރުމުގެ ފުރުސަތު ބޮޑުވެ، ރާއްޖޭގައި ޕްލާސްޓިކަށް ވަށާޖެހޭ ހައްލެއް ހޯދުމަށް އެހީތެރިވެދޭނެ އެވެ. ކޮކާ-ކޯލާ، ސްޕްރައިޓް، ފެންޓާ، ޝްވެޕްސް އަދި ބޮންއަކުއާ ބިއްލޫރި ފުޅިތަކުގައި ލިބެން ހުންނާނެ އެވެ.
“މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގައި އަޅުގަނޑުމެންގެ މަގްސަދަކީ އާ އިންވެސްޓްމަންޓްތަކުން އިގްތިސާދީ ފުރުސަތުތައް ތަނަވަސްކޮށްދިނުން. ކަސްޓަމަރުންނާއި ފަތުރުވެރިކަމުގެ ސިނާއަތަށް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭއިރު، އަޅުގަނޑުމެންގެ ޕެކޭޖިންގެ ވަށައިގެން ވަށާޖެހޭ އިގްތިސާދީ ވިސްނުމެއް އާލާކޮށް، ރާއްޖޭގައި ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރެވޭނެ ގޮތްތައް ހޯދުމުގައި ވެސް ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވޭ،” މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވި އެވެ.
ކ. ތުލުސްދޫގައި ހުންނަ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ ބޮޓްލިން ޕްލާންޓްގައި އަލަށް ގާއިމްކުރި ކޭނިން ލައިންގެ ސަބަބުން ކޮކާ-ކޯލާއިން ރާއްޖޭގައި ވިއްކާ ޕެކޭޖިން ރޭންޖު ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދެ އެވެ.
ކޮކާ-ކޯލާ، ކޮކާ-ކޯލާ ޒީރޯ ޝުގާ، ޑައިޓް ކޯކް، ސްޕްރައިޓް، ފެންޓާ އޮރެންޖް، ފެންޓާ ސްޓްރޯބެރީ އަދި ޝްވެޕްސް ރޭންޖް މިހާރު ރާއްޖޭގައި އުފައްދާފައިވާ 330 އެމްއެލް އަދި 185 އެމްއެލްގެ ދަޅުގައި ލިބެން ހުންނާނެ އެވެ.
ޕެކޭޖިން ބަދަލުކުރުމުގެ އިތުރުން ޕްލާސްޓިކް ކުނި ނައްތާލުމަށް އަމަލީ ގޮތުން ހައްލު ހޯދުމުގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކާ އެކު ވެސް ކޮކާ-ކޯލާ އިން ވަނީ ވަރުގަދަ ޕާޓްނަޝިޕެއް ގާއިމްކޮށްފަ އެވެ.
ކޮކާ-ކޯލާއިން ރާއްޖޭގައި އެކްސްޓެންޑެޑް ޕްރޮޑިއުސަ ރެސްޕޮންސިބިލިޓީ (އީޕީއާރު) އަމިއްލައަށް ތަންފީޒުކުރަމުން އަންނައިރު، ކޮކާ-ކޯލާގެ ބައިވެރިންނާ އެކު ކުރެވޭ މަސައްކަތްތަކުގެ ދަށުން 100 އިންސައްތަ ރިސައިކަލް ކުރެވޭ ޕެޓް ޕްލާސްޓިކް ޕެކޭޖިންއަށް އާ ދިރުމެއް ގެނެސްދެ އެވެ.
މި މަސައްކަތްތަކުގެ ސަބަބުން ޕްލާސްޓިކަށް ވަށާޖެހޭ އިގްތިސާދެއް ގާއިމުކޮށް، މީހުންގެ ދިރިއުޅުމަށާއި މުޖުތަމައުތަކަށާއި ދުނިޔެއަށް ބަދަލުތަކެއް އަންނާނެ، އެންމެންނަށް ފައިދާ ލިއްބައިދޭ މުސްތަގުބަލެއް ގާއިމުކުރުމަށް ކޮކާ-ކޯލާއިން ގެންގުޅޭ ވިސްނުމަށް އެހީތެރިވެދެ އެވެ.
“ކޮކާ-ކޯލާއިން އަންނަނީ ރާއްޖެ އާއި ދުނިޔެއަކީ އެންމެންނަށް ވެސް ރަނގަޅު ތަނަކަށް ހެދުމަށްޓަކައި، ބޭނުންކުރުމަށް ފަހު އުކާލާ ޕެޓް ފުޅި އެއްކޮށް އަދި މިފަދަ ކަންކަމުގެ ތަޖުރިބާ ހިއްސާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، ދެމެހެއްޓެނިވި އިގްތިސާދަކަށް އެޅޭ ފިޔަވަޅުތައް ފުޅާކުރަމުން. އަޅުގަނޑުމެންގެ ޕެކޭޖިން މަދުކޮށް، އަލުން ބޭނުންކޮށް އަދި ރީސައިކަލް ކުރުމަށް ފުޅާ ދާއިރާއެއްގައި ކުރެވޭ މަސައްކަތްތަކަށް އިންވެސްޓް ކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،” ކޮކާ-ކޯލާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވި އެވެ.
ކޮކާ-ކޯލާ އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ، 136 އަހަރު ވަންދެން މުޅި ދުނިޔެ ތާޒާކުރަމުން އަންނަ ބްރޭންޑެކެވެ. ކޮކާ-ކޯލާ ކުންފުނިން އެ ކުންފުނީގެ ބޮޓްލިން ޕާޓްނަރު މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ މެދުވެރިކޮށް ރާއްޖެއަށް ތާޒާ އަދި މީރު ބުއިންތަކެއް ތައާރަފްކޮށްފައިވެ އެވެ.
އޭގެ ތެރޭގައި ކޮކާ-ކޯލާ، ސްޕްރައިޓް، ފެންޓާ، ބޮންއަކުއާ އަދި ޝްވެޕްސް ހިމެނެ އެވެ. އޭގެ އިތުރުން، ކޮކާ-ކޯލާ ބްރޭންޑުން އަންނަނީ ތަފާތު ހިތްގައިމު ޕްރޮޖެކްޓްތަކާއި ހަރަކާތްތަކުގެ ތެރެއިން ކަސްޓަމަރުންގެ ދިރިއުޅުން އުޖާލާ ކުރުމަށް ވެސް މަސައްކަތްކުރަމުންނެވެ.
މާލޭ އެރޭޓެޑް ވޯޓާ ކުންފުނިން ރާއްޖޭގައި ބުއިންތައް އުފައްދައި ކޮކާ-ކޯލާގެ އުފެއްދުންތައް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަތާ މިހާރު 32 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެ ކުންފުންޏަކީ ރާއްޖޭގައި ތަކެތި އުފައްދާ މަދު ފަރާތްތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.
އަދި އުފެއްދުމާއި ކަސްޓަމަރުންނާ ހަމައަށް ވާސިލްކޮށްދިނުމުން ފެށިގެން ސޭލްސް އެންޑް މާކެޓިންގެ އެކި ދާއިރާތަކުގައި 330އަށް ވުރެ ގިނަ މުވައްޒަފުން އެ ކުންފުނީގައި ވަޒީފާ އަދާކުރެ އެވެ.