ޓެކްސްއަށް އަންނަ ބަދަލަށް ވިޔަފާރިވެރިން ތައްޔާރުވުމަށް މީރާއިން އަންގައިފި
23 ނޮވެމްބަރ 2022 - 13:30
މިއަންނަ އަހަރުން ފެށިގެން އައު ރޭޓުތަކުގައި ޖީ.އެސް.ޓީ ނެގުމަށްޓަކައި، ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި މުދަލާއި ޙިދުމަތުގައި އައު ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މީރާއިން އިލްތިމާސްކޮށްފިއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، އަންނަ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން، ޓީ.ޖީ.އެސް.ޓީ ރޭޓް %16 އަށް އަދި ޖީ.އެސް.ޓީ ރޭޓް %8 އަށް ބަދަލުވާނެއެވެ.
މީރާއިން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ރަޖިސްޓަރީކޮށްފައިވާ ފަރާތަކީ 24 ގަޑިއިރުގެ އުސޫލުން ވިޔަފާރިކުރާ ފަރާތެއް ނަމަ، ، 1 ޖެނުއަރީ 2023 ގެ 00:00 ގެ ކުރިން ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނަގަންވާނީ ޓޫރިޒަމް ދާއިރާނަމަ %12 އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާނަމަ %6 ގެ ރޭޓުންކަމަށެވެ.
އަދި 1 ޖަނަވަރީ 2023 ގެ 00:00 ގައި ނުވަތަ އޭގެ ފަހުން ފޯރުވައިދޭ މުދަލާއި ޚިދުމަތުން ޓެކްސް ނެގޭނީ ޓޫރިޒަމް ދާއިރާނަމަ %16 އަދި އާއްމު އެހެން ހިދުމަތްތަކާއި މުދަލުގެ އަގުން 8%ގެ ރޭޓުންނެވެ. އެނޫން ފަރާތްތަކުން އައު ރޭޓުގައި ޖީ.އެސް.ޓީ ނަގަން ފަށާނީ 1 ޖަނަވަރީ 2023 ގައި އެ ފަރާތެއްގެ ވިޔަފާރި ފަށާ ވަގުތުން ފެށިގެން ކަމަށް މީރާއިން މައުލޫމާތު ދެއެވެ.