ރިޕޯޓު: އެންމެންނަށް ސަބްސިޑީ ލިބެންޖެހޭތަ؟

24 ނޮވެމްބަރ 2022 - 17:59

ރާއްޖޭގެ އެންމެ މަހުޖަނު މީހާގެ ބޭސްފަރުވާގެ ކަންކަން ހަމަޖައްސަނީ ސަރުކާރުންނެވެ. އެންމެ އާދައިގެ މީހާގެ ދަރިންނެކޭ އެއްގޮތަށް ބޮޑެތި މަހުޖަނުންގެ ދަރިވަރުންގެ ފޮތް ފަންސޫރު ފަދަ ހަރަދުތަކުގެ ބެލެނިވެރި ފަރާތަކީ ސަރުކާރެވެ. ބޭރު މީހާ ވެސް ކައި އުޅެނީ ސަބްސިޑީން ލިބޭ ހަނޑުލާއި ހަކުރާއި ގޮދަން ފުށެވެ. މަސްވެރިޔާ އަށް ލިބޭ ސަބްސިޑީ މަސްވެރި ކުންފުނިތަކުން ވެސް ނަގަނީއެވެ. އުމުރުން ދޮށީވުމުން ލިބޭ އިނާޔަތް ވެސް ހަމަ އެހެނެވެ. ކަރަންޓް ސަބްސިޑީ ވެސް ހަމަ ބީދައިންނެވެ.

މިހެން ގޮސް ދައުލަތުން ސަބްސިޑީ ދިނުމުގައި މަހުޖަނެއް ފަގީރެއް، ވަކި ގައުމެއް ވެސް ތަފާތުކުރުމެއް ނެތެވެ. ދައުލަތުގެ ހަރަދު އިންތިހާ އަށް ބޮޑުވާ މައިގަނޑު އެއް ސަބަބަކީ ވެސް މިއީއެވެ.

advertisement

ބޭރުގެ އިދާރާތައްވެސް ލަފާ ދެނީ މި ނިޒާމް ބަދަލުކުރުމަށް

އެއްވެސް ތަފާތުކުރުމެއް ނެތި ސަބްސިޑީ ދިނުމަކީ ރާއްޖެ ފަދަ ދަރަނީގައި ދައުލަތް ހިންގާ ގައުމަކަށް ކުރަން ހެޔޮވާވަރު ކަމެއް ނޫނެވެ. ވޯލްޑް ބޭންކް ފަދަ މާލީ އިދާރާތަކުން ވެސް ލަފާ ދެނީ އެ ނިޒާމު ބަދަލުކުރުމަށެވެ. މިކަން ގަބޫލުކޮށް މި ސަރުކާރުން ވަނީ އެ ވިސްނުމާ ދިމާ އަށް މިސްރާބު ޖަހާފައެވެ. މަޖިލީހުގެ ތަޅުމުގައި އެ ވާހަކަތައް އެބަ ދެކެވެއެވެ. ސަރުކާރުގެ އެކި ރަސްމިއްޔާތުތަކާއި ބައްދަލުވުންތަކުގައި އެ މަޝްވަރާތައް މިހާރު އެވަނީ ފެށިފައެވެ.

ޖެންޑަ މިނިސްޓްރީން ދާދި ފަހުން ބުނެފައި ވަނީ މުއްސަނދިންނާއި ފަގީރުންނާ އެއް ހަމައަކުން ދެމުން އަންނަ ސިއްހީ ފަރުވާގެ ސްކީމް “އާސަންދަ” ނިޒާމަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

“ސޯޝަލް ޕްރޮޓެކްޝަން ފްރޭމްވާރކް”އާ ބެހޭ ގޮތުން ވޯލްޑް ބޭންކުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ކަންކަމަށް މަޝްވަރާކުރުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އިސް ބޭފުޅުންނާ އެކު ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ މިހާރު އާސަންދަ ދެމުން އަންނަ ގޮތަށް ބަދަލުތަކެއް ގެނައުމަށް “ސޯޝަލް ޕްރޮޓެކްޝަން އެކްޓްގެ ބިލް” އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަންނަ އަހަރުގެ ތެރޭގައި އެ ބިލް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. މީގެ ސަބަބުން ދައުލަތުން ކުރަންޖެހޭ ހޭދަ ކުޑަވެ، އެހީތެރިކަން އެންމެ ހައްގު ފަރާތްތަކަށް ލިބޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ޖީޑީޕީ މިހާރު މި އޮތް ގޮތުން އަޅުގަނޑުމެން ކޮންގޮތަކަށްތޯ ބޭނުންވަނީ ދިވެހި ރައްޔިތުންނަށް ސިއްހީ ފަރުވާ ދޭން. އެންމެ ފަގީރު މީހާއަށް ވެސް ނޫނީ އެ ފްލޯގަ އެ ތިބަ ކޮންމެ މީހަކަށް ލިބެނީ ކިހާވަރެއްތޯ. ވަޒީފާ އަދާކުރާ އުމުރުފުރައިގެ، ވަޒީފާގައި ހުރި މީހާ މިހާރު ޕެންޝަނަށް މި ކޮންޓްރިބިއުޓްކުރާ ގޮތަށް ހެލްތަށް ކޮންޓްރިބިއުޓްކުރަން ވާނީ. ހެލްތަށް ކޮންޓްރިބިއުޓްކޮށްފަ އެ އިންނަ އެއްޗަކުން އެ ޕެކޭޖުން ލިބޭނެ އެވަނި މިވެނި ކަންކަމެއް. ދެން އޭގެ އިތުރަށް އެއަށް ވުރެ މުއްސަނދި މީހުން، ނޫނީ އާންމު ވަޒީފާ އަށް ވުރެ، ކުންފުންޏެއްގައި މަސައްކަތް ކުރާ މީހުން، ނޫނީ ރިސޯޓް އޯނާރަސް، އެ ބޭފުޅުން އާސަންދައިންތޯ. މި ބުނާ އެއްޗަކުން އެ ބޭފުޅުންނަށް އެކްސެސްއެއް ނުވާނެ އޭރަކުން،” މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ ބަދަލުތަކެއް ގެނައުމުގެ މަސައްކަތްކުރާ އިރު ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމަށާއި ރައްޔިތުންގެ ވިސްނުމަށް ވެސް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ.

“ދިވެހި ރައްޔިތުންނަށް، އެ ބޭފުޅުންގެ އިޖުތިމާއީ ރައްކާތެރިކަމުގެ ގޮތުގައި ވިސްނިފައި އޮންނަ ނަޒަރާއި މި ފްރޭމްވާރކް އައިމާ ވިސްނިފަ މިއޮންނަ ނަޒަރާ ވަރަށް ބޮޑަށް ތަފާތުވެގެންދާނެ. ވަރަށް ބައިވަރު ނިޒާމުތަކެއް އަންނަން މިޖެހެނީ. މިސާލަކަށް އާސަންދަ، މިއަދު ކިތަންމެ ފަގީރަކަސް، ކިތަންމެ މުއްސަންޖަކަސް ކޮންޓްރިބިއުޓް ނުކޮށް އަޅުގަނޑުމެން މި ނަގަނީ،” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ނިޒާމާ އެކީގައި އާސަންދަ ލިބޭނެ ފަރާތްތައް ކަނޑައެޅިގެންދާނެ ކަމަށާއި އޭގެ ސަބަބުން އާސަންދަ އަށް ދައުލަތުން ކުރާ ހެދާ ކުޑަވެގެންދާނެ ކަމަށެވެ.

“ސޯޝަލް ޕްރޮޓެކްޝަން ފްލޯ އަށް މިދާ މީހުންނަށް އެކަނި ޓެކްސް ޕޭޔާގެ ލާރިން އެ ޑިފައިންކޮށްފައި ތިބޭ މީހުންނަށް އެކަނި ހެލްތު ލިބޭނީ،” މިނިސްޓަރު ވިދާޅުވިއެވެ.

އާސަންދައިގެ އިތުރުން އެންސްޕާގެ ތެރެއިން ވެސް ހަރަދުކުރުމުގައި އެކަށީގެންވާ ނިޒާމެއް އެކުލަވާލާފައެއް ނުވެއެވެ. އެހެންކަމުން ބައެއް ހާލަތްތަކުގައި އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކަށް އެންސްޕާގެ ތެރެއިން ވެސް ބޮޑު ހޭދައެއް ކުރަންޖެހޭކަމުގެ ކަންބޮޑުވުން މިނިސްޓަރު ފާޅުކުރެއްވިއެވެ.

“ބައެއް މީހުން ހަތަރު ލައްކަ ނުދެއްކިގެން އަޅުގަނޑުމެން އެ ހަތަރު ލައްކަ ރުފިޔާ ނެރެން އެބަޖެހޭ. އިންޝުއަރެންސެއް އޮންނަ ނަމަ، ރަނގަޅު އިންޝުއަރެންސް ޕްރޮގްރާމެއް އޮންނަ ނަމަ އިންޝުއަރެންސް ސްކީމް ތެރެއިން އެ ދާނީ. ސަރުކާރުން ނުޖެހޭ ދެއްތޯ އަޅުގަނޑުމެން އެހެން ކަންކަމަށް ހަރަދުކުރަން ހުންނަ  ނަގުދު ފައިސާ ލެވިގެން މި ހަތަރު ލައްކަތައް، ކޮންމެ މީހަކަށް އޭޑީކޭ އަށް ދެމުން، ޓްރީޓޮޕް އަށް ދެމުން އަޅުގަނޑުމެން ދާކަށް،” މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެކަނި ސިއްހަތަށް ދޭ ސަބްސިޑީ އެކަންޏެއް ނޫނެވެ. ރާއްޖޭގައި ސަބްސިޑީ ދޭ ނިޒާމުގައި ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ވޯލްޑް ބޭންކްގެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ ސަބްސިޑީ ވެސް ގިންތިކޮށްފައި ނެތުން ފަދަ ކަންކަން ޖެންޑަ މިނިސްޓްރީން ވެސް ވަނީ ފާހަގަކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ތަފާތުކުރުމެއް ނެތި ދެމުން އަންނަ މާލީ އެހީ

ޖެންޑާ އެންޑް ފެމިލީ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަކްރަމް ހުސެއިން ވިދާޅުވީ ނުކުޅެދުންތެރިކަން ހުން ފަރާތްތަކަށް މިހާރު މާލީ އިނާޔަތް ދެމުން ގެންދަނީ ހުރިހާ ފަރާތްތަކަށް ވެސް އެއް ހަމައަކުން ކަމަށެވެ.

“މިހާރު އިނާޔަތްތައް ދެމުން މި ގެންދަނީ، ކިތަންމެ މައިނާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވިޔަސް ކިތަންމެ ސިވިއާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވިޔަސް އެއްވަރަކަށް،” އަކްރަމް ވިދާޅުވިއެވެ.

މި ކަން އިސްލާހުކޮށް ނުކުޅެދުންތެރިކަން ގިންތި ކުރުމުގެ މަސައްކަތްތަކެއް ޖެންޑަރ މިނިސްޓްރިން އަންނަނީ ކުރަމުންނެވެ. އަދި އަންނަ އަހަރުގެ ބަޖެޓްގައި ވެސް އާސަންދަ އާއި އެ ނޫން ވެސް ސަބްސިޑީތައް ދިނުމުގައި ގެންގުޅޭ އުސޫލްތަކަށް ބަދަލުގެންނަންޖެހޭކަން ވަނީ ފާހަގަކޮށްފައެވެ. ބަޖެޓާ އެކު ޑިސެބިލިޓީ ކްލެސިފިކޭޝަނެއް އަންނާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. ބަޖެޓްގައި ވަނީ އެ ބަދަލާ އެއްގޮތަށް ފައިސާ ވެސް ހިމަނާފައެވެ.

ކުންފުނިތަކަށްދޭ ސަބްސިޑީތަކާ ވެރިންނަށްދޭ އިންޝުރަންސް

މީގެ އިތުރުން ކުންފުނިތަކަށް ސަބްސިޑީ ދިނުމުގެ ބަދަލުގައި ޑައިރެކްޓްކޮށް ސަބްސިޑީ ހައްގުވާ ފަރާތަށް ލިބިދޭ ނިޒާމެއް ގާއިމުކުރަންޖެހޭކަން ވެސް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ. ދައުލަތުގެ ސަބްސިޑީތައް މިހާރު ބައްޓަންވެފައިވާ ގޮތުން ބައެއް ކަހަލަ ސަބްސިޑީތައް ދެމުން ގެންދަނީ އެކަމަކާ ގުޅޭ އިދާރާއަކަށް ނުވަތަ ކުންފުނިތަކަށެވެ.

އެ ގޮތުން މަސްވެރިންނަށް ދޭންޖެހޭ ސަބްސިޑީ ދައުލަތުގެ އެކަމާ ގުޅޭ ކުންފުނިތަކަށް ދިނުމާއި ތެލަށް ދޭ ސަބްސިޑީ ސްޓެލްކޯ އަށް ދިނުމާއި ކާޑުގެ ސަބްސިޑީ އެސްޓީއޯ އަށް އަންނަނީ ދެމުންނެވެ. މީގެ ސަބަބުން އެ ސަބްސިޑީ މަސްވެރިޔާ އަށް ނުވަތަ ރައްޔިތު މީހާ އަށް ސީދާ ގޮތެއްގައި ނުފޯރައި ކުންފުނިތަކުގެ މާލީ ކަންކަމުގެ ތެރެއިން ބޭނުންކުރާކަން ވަނީ ފާހަގަކުރެވިފައެވެ. މި ނިޒާމު ބަދަލުވާންޖެހޭ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ ބަޖެޓްގެ ބަހުސްގެ ތެރޭގައި ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ދައުލަތުގެ ބަޖެޓްގެ ތެރެއިން ޑަބަލްކޮށް ހެލްތު އިންޝުއަރެންސް ދިނުމުގެ މައްސަލަ ވެސް ވަނީ އިންތިހާ އަށް ބޮޑުވެފައެވެ. ވަކި ކަހަލަ ވަޒީފާތަކެއް އަދާކުރާ މީހުންނަށް އާސަންދައިގެ އިތުރުން އެލައިޑް ފަދަ ކުންފުނިތަކުން ވަކި އިންޝުއަރެންސް ސްކީމްތައް ހަމަޖައްސާފައި ހުރެއެވެ. އެ ގޮތުން ސަރުކާރުގެ ވެރިންނާއި މަޖިލީހުގެ މެންބަރުންނާއި ކޮމިޝަންތަކުގެ މެންބަރުން އަދި ސިޔާސީ ބައެއް މަގާމުތައް އަދާކުރާ ފަރާތްތަކަށް އާސަންދައިގެ އިތުރުން ހެލްތު އިންޝުއަރެންސް ހަމަޖެއްސުމަށް ވެސް ދައުލަތުގެ ބަޖެޓު ބޮޑު ހޭދައެއް ކުރެއެވެ.

މިއީ ވެސް ވެސް ބަދަލުކުރަންޖެހޭ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. ދައުލަތުގެ ބަޖެޓުން ސަބްސިޑީ ދިނުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ. ހަމައެކަނި ސިޔާސީ ކަމެއްގެ ގޮތުގައި ބާއްވައިގެން ސިޔާސީ ބަހުސެއް ކުރުމަކުން މިކަން ހައްލުވާކަށް ނެތެވެ. އެކަށީގެންވާ ހައްލެއް ނުލިބޭ ނަމަ ދައުލަތަށް އުފުލަންޖެހޭ ބުރަ އަހަރުން އަހަރަށް ދާނީ މަތިވަމުންނެވެ. ރަނގަޅު ނިޔަތެއްގައި މިކަން އިސްލާހުކޮށްފި ނަމަ ދައުލަތުގެ ބަޖެޓްގެ ޑެފިސިޓުން ބޮޑު ބައެއް އުނިކުރެވިދާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0