ރިޕޯޓު: ބަޖެޓް — އުންމީދާއި ހާސްކަން!

1 ޑިސެމްބަރ 2022 - 10:32

ރައްޔިތުންގެ މަޖިލީހުން ހޯމަ ދުވަހު ފާސްކުރި ބަޖެޓަކީ ރާއްޖޭގެ ތާރީހުގައި ފާސްކުރި އެންމެ ބޮޑު ބަޖެޓެވެ. ބަޖެޓްގެ ޖުމްލައަކީ 42.8 ބިލިއަން ރުފިޔާއެވެ. ވަރަށް ފުޅާދާއިރާއެއްގައި ބަހުސްކުރުމަށް ފަހު އަދި ކަމާ ބެހޭ އެތައް ފަރާތްތަކެއްގެ ލަފައާއި މަޝްވަރާ ހޯދުމަށް ފަހު މަޖިލީހުން ބަޖެޓް ފާސްކުރި އިރު އެ ބަޖެޓާ ގުޅިގެން ސަރުކާރާ އިދިކޮޅު އަދި ސަރުކާރުގެ ބައިވެރިންގެ މެދުގައި ވެސް ވަނީ ހިޔާލުތަފާތުވުން އުފެދިފައެވެ.

ގިނަ ކޯޅުންތަކެއްގެ ތެރެއިން ވެސް ބަޖެޓް ފާސްކޮށްފައި ވަނީ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުންނެވެ. ބަޖެޓަށް 61 މެންބަރުން ވޯޓު ދިން އިރު ދެކޮޅަށް އަށް މެންބަރަކު ވޯޓު ދެއްވިއެވެ. ދެކޮޅު ހެއްދެވީ ވެސް އެމްޑީޕީގެ މެންބަރުންނެވެ.

advertisement

ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ހޯދާނެގޮތެއް ބަޔާންކޮށްފައެއް ނުވޭ

މި ފަހަރުގެ ބަޖެޓަކީ އުންމީދީ ބަޖެޓެކެވެ. ސަބަބަކީ ކުރިއަށް އޮތީ އިންތިހާބީ އަހަރަށް ވެފައި މިހާރުގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ނުވަތަ ކެމްޕެއިންގެ ބޭނުމަށް ވެސް ގިނަ މަޝްރޫއުތަކެއް ބަޖެޓްގައި ހިމެނިފައިވާތީއެވެ. އެއްބަޔަކު ދެކޭ ގޮތުގައި ކެމްޕެއިން އަހަރުގެ މި ބަޖެޓަކީ ހަމައެކަނި އަދަދުތަކެކެވެ.

ހާއްސަކޮށް އާމްދަނީ ހޯދުމަށް ހިމަނާފައިވާ އަދަދުތަކަކީ ހަމައެކަނި ނަންބަރުތަކެއްގެ ގޮތުގައި ފާޑުކިޔާ ފަރާތްތަކުން ސިފަކުރެއެވެ. އެ ގޮތުން ސަރުކާރުގެ ބައިވެރިއެއް ކަމަށްވާ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހިލޭ އެހީގެ ގޮތުގައި ހޯދުމަށް އަންދާޒާކޮށްފައިވާ ފައިސާ ހޯދުމަށް ސަރުކާރަށް ހުރަސްތަކެއް ހުރި ކަމަށެވެ. ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހޯދުމަށް އަންދާޒާކޮށްފައި ވެއެވެ. ކެމްޕެއިން އަހަރެއްގައި އެހާ ބޮޑު އަދަދެއް ހިލޭ އެހީގެ ގޮތުގައި ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.

ސަރުކާރުން ހުށަހެޅި ބަޖެޓުގައި އާމްދަނީގެ 5 އިންސައްތަ އަކީ ހިލޭ އެހީ

ބަޖެޓަށް ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި ހިލޭ އެހީގެ ތެރެއިން ހޯދާނެ ނުވަތަ ލިބޭނެ ގޮތެއް ހާމަނުކޮށް ހިމަނާފައިވާ 100 މިލިއަން ޑޮލަރަކީ ތާކުންތާކު ޖެހޭ އަދަދެއް ނޫނެވެ. އެއީ ބަޖެޓް ފޮތުގެ ބޭނުމަށް ޖަހާފައިވާ އަދަދެއް ކަމަށް އެ ފަރާތްތަކުން ދެކެއެވެ. މީގެ އިތުރުން ލޯނު އެހީ އާއި ބޮންޑް ވިއްކައިގެން ހޯދުމަށް އަންދާޒާކޮށްފައިވާ 6.4 ބިލިއަން ރުފިޔާއަކީ ވެސް “ރިއަލިސްޓިކް” އަދަދެއް ކަމަށް ގަބޫލުކުރަން ދައްޗެވެ.

ސަބަބަކީ ފާއިތުވި އަހަރުތަކުގައި ވެސް އެކަން އެހެން ވެފައި ނެތުމުންނެވެ. ފާއިތުވި ހަ އަހަރުގެ އެވްރެޖްކޮށް ބެލިޔަސް އަންދާޒާކުރި މިންވަރަށް ވުރެ ހޯދިފައި ވަނީ އަންދާޒާކޮށް ބަޖެޓްގައި ޖެހި އަދަދަށް ވުރެ 2.1 ބިލިއަން ރުފިޔާ މަދު އަދަދެއް ކަމަށް އެމްއާރުއެމް އިން ފާހަގަކޮށްފައި ވެއެވެ. އަދި މި އަހަރު ވެސް ހޯދިފައި ވަނީ އަންދާޒާކުރި ވަރަށް ވުރެ ގާތްގަނޑަކަށް 35 ޕަސެންޓް މަދުންނެވެ. މި އަހަރު 7.5 ބިލިއަން ލިބޭނެ ކަމަށް އަންދާޒާކޮށް ބަޖެޓްގައި ހިމަނާފައިވީ ނަމަވެސް މި އަހަރު ނިމޭ އިރު އެ އަދަދު ފަސް ބިލިއަނަށް ނާރާނެ ކަމަށް ޔަގީންކުރެވެއެވެ.

އާމްދަނީ އިތުރު ކުރުމާއި ހަރަދު ކުޑަކުރުން

އަނެއްކޮޅުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ބަޖެޓްގައި މާބޮޑު ކަމެއް ހިމަނާފައެއް ނެތެވެ. ފާހަގަކުރެވޭ ވަރުގެ އާމްދަނީއެއް ހިމަނާފައި ވަނީ ވެސް ޖެނުއަރީ މަހުން ފެށިގެން ޓެކްސް ބޮޑުކޮށްގެންނެވެ. މި ހިނގާ އަހަރުގެ ބަޖެޓްގައި ކަންތައްތަކެއް ހިމެނި ނަމަވެސް އެކަންކަން ވެސް ތަންފީޒުކުރެވިފައި ނުވާއިރު އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓްގައި އެފަދަ ކަމެއް ވެސް ހިމަނާފައި ނުވެއެވެ.

އަނެއްކޮޅުން ދުނިޔޭގެ މާލީ އިދާރާތަކުން ދީފައިވާ ލަފާ އަށް އަމަލުކޮށްފައި ނުވުމަކީ ވެސް ބަޖެޓާ މެދު އޮތް ޝަކުވާއެކެވެ. އޭގެ ތެރެއިން ވެސް އެންމެ މުހިންމު އެއް ކަމަކީ ދައުލަތުގެ ރިކަރަންޓް ހަރަދު ކުޑަކުރުމެވެ.

ބަޖެޓުން ފެންނަނީ މާލީ އިދާރާތަކުން ދިން ލަފަޔާ ދިމާ އިދިކޮޅަށް ކުރިއަށް ވުރެ ވެސް ރިކަރަންޓް ހަރަދު ބޮޑުވާ މަންޒަރެވެ. އެ ގޮތުން ސިޔާސީ މަގާމުތަކަށް ކުރާ ހޭދަ ވެސް މި ހިނގާ އަހަރަށް ވުރެ ވެސް ބޮޑުވާނެ ކަމަށް ބަޖެޓްގައި އަންދާޒާކޮށްފައި ވެއެވެ. ރިކަރަންޓް ހަރަދުގެ ޖުމްލައުޅެނީ 40.5 ބިލިއަން ރުފިޔާގައެވެ. އެއީ ބަޖެޓުގެ 67 ޕަސެންޓެވެ. ބަޖެޓް ޑެފިސިޓް ވެސް 8.4 ބިލިއަނަށް އަރާނެ ކަމަށް ފާސްކުރި ބަޖެޓްގައި ވެއެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ލަފާދީފައިވީ ނަމަވެސް މުސާރަތައް ބޮޑުކުރަން ވެސް ބަޖެޓްގައި ފައިސާ ހިމަނާފައިވެއެވެ. މީގެ އިތުރުން ސަބްސިޑީ ދިނުމުގައި ގެންގުޅޭ އުސޫލްތައް ވެސް ބަދަލުކުރަން މާލީ އިދާރާތަކުން ލަފާދީފައި ވެއެވެ. އުންމީދުކުރެވެނީ ސަރުކާރުން މި ބަދަލުތައް ގެނެސް ސަބްސިޑީ އަށް ކުރާ ހޭދަ ކުޑަކުރާނެ ކަމަށެވެ. ނަމަވެސް އަދި ފެންނަން އޮތީ އަދަދުތަކެކެވެ.

އެހެން ނަމަވެސް، މިއަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ އުންމީދުތަކާ ގުޅިފައި

ބަޖެޓާ މެދު ކަންބޮޑުވުންތަކެއް އޮތް ނަމަވެސް ބަޖެޓާ އެކު ރައްޔިތުންގެ އުންމީދުތައް ވެސް ވަނީ އާވެފައެވެ. ހާއްސަކޮށް 2023 އަކީ އިންތިހާބީ އަހަރަށް ވެފައި ގިނަ މަޝްރޫއުތަކެއްގައި ހަގީގީ ކުލަ ޖެހޭނެ ކަމުގެ ކޮޅުމަތި ބަޖެޓުން އެބަ ފެނެއެވެ.

އެތައް ރައްޔިތުންނެއް، ހާއްސަކޮށް ރަށްރަށުގެ ދިރިއުޅުން ފަސޭހަކުރުމަށާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރާވާފައިވާ މަޝްރޫއުތަކާއި ހިންގަމުން އަންނަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބަޖެޓްގައި އަދަދުތަކެއް ޖަހާފައި ވެއެވެ.

މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު އެޅުމަށް ހިންގާ ބިޔަ މަޝްރޫއާއި ކަރަންޓްގެ ހިދުމަތް ހަރުދަނާކޮށް ފުޅާކުރުމަށް ހިންގާ މަޝްރޫއުތަކާއި ބަނދަރާއި މަގު ހެދުމުގެ އެތައް މަޝްރޫއަކަށް ބަޖެޓުގައި އަދަދުތައް ޖަހާފައި އެބަހުއްޓެވެ. ތަރައްގީގެ މަޝްރޫއުތަކަށް 8.4 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ އިރު މިއީ މިހާތަނަށް އެއްވެސް ސަރުކާރަކުން ޕީއެސްއައިޕީ އަށް ނުޖަހާ މިންވަރެކެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމަށް ދުވަހަކުވެސް ނުކުރާވަރަށް ހަރަދުކުރަން މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި | ފޮޓޯ: އެމް.ވީ.ޕްލަސް

ބަޖެޓުގެ ޕީއެސްޕީއައިގެ ކޮންމެ އަދަދަކުން ރައްޔިތުންނަށް ލިބެނީ އުންމީދެވެ. އާންމު ނަޒަރަކުން ބަލާއިރު ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މީހުންނަށާއި ރަށްރަށުގެ ރައްޔިތުންނަށް ބަޖެޓުން އޮތީ ހިތްހަމަޖެހުމެވެ. އެހެން ނަމަވެސް އިގްތިސާދީ ނަޒަރަކުން ވިސްނާއިރު އާމްދަނީ އިތުރުކުރާނެ ގޮތެއް ނުހޯދައި ހަރަދު ބޮޑުކުރުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.

އިގްތިސާދީ ބޭފުޅުންނާއި ކަމުގެ ތަޖުރިބާކާރުންނާއި މާލީ އިދާރަތަކުން ވެސް އެދައްކަނީ އެ ވާހަކައެވެ. ބޮޑު ބަޖެޓެއް ފާސްކުރުމަކުން ނުފުދެއެވެ. އެ ބަޖެޓް ފޫބައްދާނެ ގޮތްތައް ވެސް ހޯދަންޖެހެއެވެ. ހަމައެކަނި އަންދާޒާތަކަކުން އިގްތިސާދެއް ކުރިއެއް ނާރާނެއެވެ. އެއްބައެއްގެ އުންމީދު ބަޖެޓާ އެކު އާވި ނަމަވެސް އަނެއްބަޔަކު ޝަކުވާތައް ބަންޑުން އެކުރަނީ ބަޖެޓްގައި ފޫނުބެދޭ ބާގަނޑުތަކެއް ފެންނާތީއެވެ.

ރިއެކްޝަންސް
0
0
1
2
0
0
0