ކަނޑުމަހުގެ އުފެއްދުންތަކުން ވިޔަފާރިކުރަން ބޭނުންވާ އަންހެނުނަށް ދިމާވާ ދަތިތަކަށް ހައްލުހޯދައިދޭން އައި.ޕީ.އެން.އެލް.އެފް މޯލްޑިވްސް އިން މަސައްކަތްތަކެއް
6 ޑިސެމްބަރ 2022 - 16:09
ރާއްޖޭގައި އަންހެނުން އުފައްދާ މަހުގެ ބާވަތްތަކަށް އެކަށީގެންވާ އަގެއް ނުލިބުމާއި، ރަށްރަށުގައި ތިބެގެން ބުރަ މަސައްކަތުން މަހުގެ އެކި އުފެއްދުންތައް އުފައްދާ އަންހެނުންނަށް އެ އުފެއްދުންތަކުން ލިބެންޖެހޭ ސީދާ ނަފާ ނުލިބުގެ މައްސަލައަކީ އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ރާއްޖޭގެ ގޮފި )އައި.ޕީ.އެން.އެލް.އެފް މޯލްޑިވްސް( އިން 2018 ގައި ކުރި ދިރާސާއަކުން ފާހަގަ ކުރެވިފައިވާ މައްސަލައެކެވެ. އައި.ޕީ.އެން.އެލް.އެފްގެ މި ދިރާސާއިން ފާހަގަ ކުރެވުނު ގޮތުގައި ރަށްރަށުގައި ތިބެގެން އުފައްދާ ތަކެތި މާލެ ފޮނުވުމުގައި ދަތިތަކެއް ކުރިމަތިވުމުގެ އިތުރުން މާލެ ދަތުރުކުރާ ބޯޓުތައް މެދުވެރިވެގެން ފޮނުވާ ތަކެއްޗަށް ވާނުވާ ނޭނގުމާއި އެތަކެތިން ލިބުނު އަސްލު އަގު ނޭނގުމުގެ މައްސަލައަކީ މިތަކެތި އުފައްދާ އަންހެނުން ފާހަގަކޮށްފައިވާ ބައެއް މައްސަލަތަކެވެ. މިފަދަ މައްސަލަތަކާއި ހުރެ މަސްކައްކާ ހިއްކަމުން އަދި މަހުގެ އުފެއްދުންތަކުން އާމްދަނީ ހޯދަމުންދިޔަ ގިނަ އަންހެނުންނަށް ވަނީ އެމީހުންގެ ވިޔަފާރި ހުއްޓާލަން މަޖުބޫރުވެފައެވެ. އާމްދަނީ ހޯދުމަށް މަދު ފުރުސަތުތަކެއް އޮންނަ ރާއްޖޭގެ ރަށްރަށުގައި ދިރިއުޅެމުންދާ އަންހެނުންނަށް ދިމާވާ މިފަދަ މައްސަލަތަކަކީ އެއާއި ގުޅިގެން އެމީހުންގެ ދިރިއުޅުމަށް ނުހަނު ދަތިތަކެއް ކުރިމަތިވާ މައްސަލަތަކެވެ.
ޔޫ.އެން.ޑީ.ޕީގެ އޯޝަން އިނޮވޭޝަން ޗެލެންޖްގެ އެހީގައި އައި.ޕީ.އެން.އެލް.އެފް މޯލްޑިވްސް އިން ވަނީ ކަނޑުމަހުން ތަކެތި އުފައްދައިގެން ވިޔަފާރިކުރަން ބޭނުންވާ އަންހެނުންނަށް ދިމާވާ މިފަދަ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން އައި.ޕީ.އެން.އެލް.އެފް މޯލްޑިވްސް އި ން ހިންގާ “އަންހެނުން އުފައްދާ މަހުގެ ބާވަތްތަކުން ލިބޭ އިޤްތިޞާދީ ނަފާ އިތުރުކުރުމުގެ މަޝްރޫޢު” މިހާރު ވަނީ ފަށާފައެވެ. 2 އަހަރު ދުވަހުގެ މުއްދަތައް ހިންގާ މިމަޝްރޫޢު ވަނީ 19 ސެޕްޓެމްބަރު 2022 ގައި ގއ. ގެމަނަފުށީގައި އިފްތިތާޚްކޮށްފައެވެ.
މިމަޝްރޫޢުގެ މަޤްޞަދަކީ މަހާއި މަހުގެ ބާވަތްތަކުން އުފައްދާ ތަކެއްޗަށް އެކަށޭނެ އަގެއް ހޯދާދިނުމަށް “ފިން-ޓެކް” ޓެކްނޮލޮޖީ ބޭނުންކޮށްގެން “ޕްލެޓްފޯމެއް” ނުވަތަ “އެޕްލިކޭޝަން” އެއް ގާއިމްކޮށް އޭގެ ޒަރިއްޔާއިން ވީހާވެސް ރަގަޅު އަގެއްގައި އެތަކެތި ވިއްކޭނެ ނިޒާމެއް ގާއިމްކޮށް އަދި އެޕްލެޓްފޯމްގައި ވީހާވެސް ގިނަ ފަރާތްތަށް ބައިވެރިކޮށް އަޙުލުވެރި ކުރުވުމާއެކު މަސްވެރި އުފެއްދުންތަކުން ލިބޭ އިޤްތިޞާދީ ނަފާ އިތުރުކުރުވުމެވެ.
އައި.ޕީ.އެން.އެލް.އެފް މޯލްޑިވްސްއިން މި އީ- ކޮމާރސް ޕްލެޓްފޯމަށް ކިޔަން ނިންމާފައިވަނީ “ދުމަށި” އެވެ. އަދި މިޕްލެޓްފޯމަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުން މިހާރު ވަނީ “ދުމަށި ޕްރޮގްރާމް” ގެ ނަމުގައި ޕްރޮގްރާމެއް ފަށާފައެވެ. މިޕްރޮގްރާމްގައި ވިޔަފާރީގެ މައިގަޑު އަސާސްތަކާއި ކުދި ވިޔަފާރިތަކުގެ ފައިސާގެ މުޢާމަލާތްތަށް ހިންގޭގޮތްތަކާއި، އަދި މާކެޓިން ނާއި ބްރޭންޑިންގް އަދި އުފައްދާ ބާވަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ މުޙިއްމު ކަންތައްތަކާއި ގުޅޭ ތަމްރީން ދިނުން ހިމެނެއެވެ. މިގޮތުން މިފަހަރުގެ ތަމްރީނުތައް ޚާއްސަކޮށްފައި ވަނީ ގއ. ގެމަނަފުށީގެ އަންހެނުންނަށެވެ.
“ދުމަށި ޕްރޮގްރާމް” ގެ ތެރެއިން ގާއިމްކުރެވޭ “އޮންލައިން ޕްލެޓްފޯމް” ލޯންޗްކުރުމާއެކު އެޕްލެޓްފޯމްގައި ރެޖިސްޓަރކޮށްގެން ކޮންމެ ފަރާތަކަށްވެސް މަހުގެ އުފެއްދުންތައް ގަނެ އަދި ވިއްކޭނެއެވެ. މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު 16 ނޮވެމްބަރ 2022ގައި ވަނީ މިކަމަށް ޝައުގުވެރިވާ ގެމަނަފުށީގެ ބޭފުޅުންނަށް ހުޅުވާލެވިފައެވެ. ގެމަނަފުށީގެ ކައުންސިލްއާއި އަންހެން ބޭފުޅުންގެ ބޮޑު ތަރުޙީބަކާއި އެކު ކުރިއަށް ގެންދާ މިމަޝްރޫޢުގެ ތެރެއިން ހަދާ ދުމަށި ޕްލެޓްފޯމްގެ “ޕްރޮޓޯޓައިޕް” އެރަށުގެ އަންހެނުންނަށް މިދިޔަ ނޮވެމްބަރމަހު ވަނީ ދަށްކާލެވިފައެވެ