އެމްވީޕްލަސްގެ ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު މިއަހަރުވެސް 11 ޖަމިއްޔާއަކަށް!

17 ޑިސެމްބަރ 2022 - 11:13

ކޮންމެ އަހަރަކުވެސް އެމް.ވީ.ޕްލަސްއިން ރާއްޖޭގެ ޖަމިއްޔާ ޖަމާއަތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ބާއްވާ ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސްބާއްވައިފި އެވެ. މިއަހަރުގެ ހަފްލާގައި 11 ޖަމިއްޔާއަކަށް މިއަހަރު ހަވާލުކުރެވުނެވެ. 

އެ ޖަމިއްޔާތަކަކީ:

advertisement

(އާކް (އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން

އާކް އަކީ ކުޑަކުދިންގެ ހަްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާއެކެވެ. އާކްއިން މިހާރު ދަނީ “ބޮސް އޮފް މައި ބޮޑީ” މި ފޮތުގެ ޒަރިޔާއިން ކުޑަކުދިންނަށް އަމިއްލަ ހަށިގަނޑު ރައްކާތެރި ކުރުމަށް ދަސްކޮށްދެމުންނެވެ. މި ޕްރޮޖެކްޓްގެ ދަށުން އާކްއިން ދަނީ ރާއްޖޭގެ އެކި އެކި ރަށް ރަށަށް ޒިޔާރަޔްކޮށް ކުޑަކުދިން ހޭލުންތެރި ކުރަމުންނެވެ.

ކެއަރ ސޮސައިޓީ

ކެއަރ ސޮސައިޓީން މަސައްކަތްކުރަމުންދަނީ ނުކުޅެދުންތެރިކަން ބޭފުޅުންނަށް ލިބެންވާ ހައްގުތަކާއި ފުރުސަތުތައް ހޯދާދޮނުމަށެވެ. އެގޮތުން ބައިވަރު ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންދިޔުމުގެ އިތުރުން ކައުންސެލިން ފަދަ ހިދުމަތްތައް ކެއަރ ސޮސައިޓީން ފޯރުކޮށްދެއެވެ.

އެންޑޮމީޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އެންޑޮމީޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އެކި ދާއިރާތަކަށް ފޯކަސްކޮށްގެން އަންހެންވެރިންނަށް ދިމާވާ މި ބައްޔަށް ހޭލުންތެރި ކުރުމަށް އެކި ހަރަކާތްތަކެއް ކުރިއަށް ގެންދެ އެވެ. މި ސެޝަންތަކުގައި އެންޑޮމީޓްރިއޯސިސް ބަލި ހުންނަ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާއި އަދި އެހީވުމަށް ކުރެވިދާނެ ކަންތައްތަކާމެދު މަޝްވަރާ ކުރެ އެވެ.

ފަރޓިލިޓީ ސަޕޯޓު ކޮމިއުނިޓީ

ފަރޓީލިޓީ ސަޕޯޓު ކޮމިއުނިޓީން މަސައްކަތްކުރަނީ ދަރިމަރިވުމުގެ މައްސަލަތައް ތަހައްމަލްކުރަމުންދާ ބޭފުޅުންނަށް އެހީ ހޯދާ ދޮނުމަށެވެ. އެ ގޮތުން “އަ ނައިޓް އޮފް ހޯޕް”ގެ ނަމުގައި ގާލާ އެއް ބާއްވާ އައި.ވީ.އެފް ފަންޑެއް ވަނީ ތައާރަފްކޮށްފައި އެވެ. އޭގެ އިތުރުން ސަޕޯޓު ގްރޫޕްސް އަދި ސޯޝަލް މީޑިއާގައި ހޭލުންތެރި ކުރުވުމުގެ ކެމްޕެއިންތައްވެސް ހިންގައެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސަބިލިޓީސް

އެމް.އޭ.ޕީ.ޑީ އިން މަސައްކަތްކުރަނީ ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުންގެ ހައްގުތައް ރައްކާތެރިކޮށް ގިނަ ފުރުސަތުތަކެއް ހޯދާދިނުމަށެވެ. އަދި މީގެ އިތުރުން ހެލްޓް ކޭމްޕްތަކެއްވެސް މި ޖަމިއްޔާއިން ހިންގައެވެ.

މޯލްޑިވްސް ރެސިލިއެންޓް ރީފްސް

މޯލްޑިވްސް ރެސިލިއަންޓް ރީފްސްއިން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ޕްރޮޖެކްޓްއަކީ ލާމަސީލު މަސްވެރިޔާ ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ މަގްސަދަކީ ރިސޯޓުތަކުން ކުރާ މަސްވެރިކަމަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވިކޮށް ކުރެވޭ މަސައްކަތަކަށް ހެދުމެވެ.

މިޝަން ފޯ މައިގްރަންޓް ވޯކަރސް މޯލްޑިވްސް

މިޝަން ފޯ މައިގްރަންޓް ވޯކަރސް މޯލްޑިވްސް އަކީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރަމުންދާ ޖަމިއްޔާއެކެވެ. އެގޮތުން ގިނަ އެބޭފުޅުންނަށް ގިނަ ހެލްޓް ކޭމްޕްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ފާހަގަކޮށްލެވޭ ގޮތުގައި ދާދުފަހުން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުންލިބުނު ބިދޭސީންނަށް އެހީވުމަށް ފަންޑުރެއިސްކޮށްދީފައިވޭ.

ސޭވް ދަ ބީޗް މޯލްޑިވްސް

ސޭވް ދަ ބީޗްއަކީ ރާއްޖޭގެ ތިމާވެއްޓަށް ވަކާލާތުކުރަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން ފާހަގަކޮށްލެވޭގޮތުގައި މި ޖަމިއްޔާއިން އަންނަނީ ވިލިމާލޭގެ ގޮނޑުދަށް ހިމާޔަތްކުރުމުގެ ގޮތުން އެތަނުގައި ގަވާއިދާ ހިލާފަށް ކުރަމުން އަންނަ ނުރައްކާތެރި ފައިބަރު މަސައްކަތް ހުއްޓުވުމަށް ގޮވާލަމުންނެވެ. އަދި މީގެ އިތުރުން އެހެން މުއައްސަސާތަކާ ގުޅިގެން ރައްޖޭގެ ރަށްރަށުގައި ކޮރަލް ރެސްޓޮރޭޝަން ޕްރޮޖެކްޓްތަކެއްވެސް ކުރިއަށް ގެނެދެއެވެ.

ޓީމް މޯލްޑިވްސް

ޓީމް މޯލްޑިވެސްއަކީ ޓުއަރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ ހައްގުތަށް ރައްކާތެރިކުރުމަށް ގޮވާލާ ޖަމިއްޔާއެކެވެ.

ވިމަން އިން ޓެކް

ވިމަން އިން ޓެކްއިންގެ އެންމެ ފާހަގަކޮށްލެވޭ އެއް ޕްރޮޖެކްޓްއަކީ އަވަރ އޮފް ކޯޑުގެ ނަމުގައި އެކި ރަށްރަށުގެ އަންހެން ކުދިންނަށް ކޯޑު ކުރަން ދަސްކޮށްދޭ ޕްރޮޖެކްޓެވެ.އަދި އޭގެ އިތުރުން ޓެކް ދާއިރާއިން ކުރިއަރަން އަންހެންކުދިން ބާރުވެރި ކުރުމަށް މަސައްކަތްތަކެއް ކުރެ އެވެ.

ޒީރޯ ވޭސްޓް މޯލްޑިވްސް

ޒީރޯ ވޭސްޓް މޯލްޑިވްސް އިން ދަނީ ރާއްޖޭގައި ކުނީގެ ލޫޕް ބަންދުކުރުމަށް އީ.ޕީ.އާރް ފްރޭމްވަރކްއެއް ގާއިމްކުރުމަށް މަސައްކަތްކުރަމުންނެވެ. އޭގެ އިތުރުން ސިންގަލް ޔޫސް މެންސްޓްރުއަލް ޕްރޮޑަކްޓްސް މަދުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ޖަމިއްޔާތަކުގެ މަސައްކަތްތަކަށް ސަޕޯޓުކުރުމުގެ ގޮތުން އެންމެހާ ބޭފުޅުންނަށް މިހާރުވަނީ ޑޮނޭޓްކުރުމުގެ ފުރުސަތު ހުޅުވާލައިފައި އެވެ.

އެމް.ވީ.ޕްލަސް ކޮމިއުނިޓީ އިންޕެކްޓް އެވޯޑްސްގެ މަޤްސަދަކީ ހޮވާލެވޭ ލޯކަލް އެންޖީއޯތަކުގެ މަސައްކަތްތަކުގެ އަގު ވަޒަންކޮށް އަދި އެޖަމިއްޔާތަކުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް ހިތްވަރުދިނުމެވެ.

އެމް.ވީ.ޕްލަސްއިން ގަބޫލުކުރާ ގޮތުގައި ނޮން ޕްރޮފިޓް ޖަމިއްޔާތަކަކީ އިޖްތިމާއީ އެކިއެކި ކަންކަމުގައި ހައްލު ހޯދައިދިނުމަށް މުޖުތަމައުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ ބައެކެވެ. އެހެންކަމުން މިފަދަ ޖަމިއްޔާތައް ބާރުވެރިކޮށް ޖަމިއްޔާތަކަށް އެހީތެރިވުމަކީ އެމް.ވީ.ޕްލަސްގެ ވަރަށް ބޮޑު އަމާޒެކެވެ.

ރިއެކްޝަންސް
1
0
0
1
1
0
0