ތާރީހުގެ ތެރެއިން: 2010 ޖޫން – ހުރިހާ ވަޒީރުން އެއްފަހަރާ އިސްތިއުފާ ދިނުން
27 ޑިސެމްބަރ 2022 - 16:56
2010 ވަނަ އަހަރުގެ ޖޫން މަހު ހުރިހާ މިނިސްޓަރުން އެއްފަހަރާ ރައީސް އޮފީހަށް ގޮސް މަގާމުން އިސްތިއުފާ ދިނެވެ. ސަބަބެއްކަމުގައި ބުނީ ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ މަސައްކަތްތަކަށް އެއްބާރުލުން ނުލިބޭ ވާހަކައެވެ.
އޭރުގެ ރައްޔިތުންގެ މަޖިލީސް ކޮންޓްރޯލް ކުރަމުން އައީ އިދިކޮޅު ޕާޓީތަކުންނެވެ. އިސްތިއުފާގެ އެއް ދުވަސް ކުރިން، ސަރުކާރުގެ އެއްވެސް މުދަލެއް މަޖިލީހުގެ ރުހުން ނެތި ވިއްކައި ކުއްޔަށް ނުދެވޭނެ ކަމަށް ބުނެ މަޖިލީހުން މާލިއްޔަތު ގާނޫނު ބަދަލުކުރިއެވެ.
• ހަމަ އެދުވަހު، ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ގާސިމް އާއި ޔާމީނު ދޫނިދުއަށް ގެންދިޔައެވެ. ޔާމީނަކީ އޭރު މުލަކު ދާއިރާ މެމްބަރެވެ.
• ޖެހިގެން އައި ހަފްތާގައި މަޖިލީހުގެ ބައެއް މެންބަރުން ޔާމީނާއި ޤާސިމް އާއި ވާހަކަ ދައްކާ ފޯނު ކޯލްތަކެއް ލީކުވިއެވެ.
• މަޖިލީހުން ކޮރޮޕްޝަން ނައްތާލުމަށް ގޮވާލައި އެމްޑީޕީން މާލެ ތެރޭގައި މުޒާހަރާތަކެއް ކުރަންފެށި ތަނެވެ. އޭރު ވެރިކަން ކުރަމުން އައީ އެމްޑީޕީ އިން ނަމަވެސް މަޖިލިސް އޮތީ އިދިކޮޅުގައެވެ.
• ރައްޔިތުން މަޖިލީހުން އެއްބާރުލުން ނުލިބޭ ކަމަށް ބުނެ އިސްތިއުފާ ދިން ކެބިނެޓް މިނިސްޓަރުން އަލުން ޖުލައި 7 ވަނަ ދުވަހު އެކުލަވާލެވުނެވެ. އިސްތިއުފާ ދިން ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓު މަޖިލީހުގައި ނެގި ދުވަހު ރުހުން ލިބުނީ އެންމެ ފަސް މިނިސްޓަރުންނަށެވެ.
• ޖުލައި 9 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ހައްޔަރުކުރިއެވެ.
• ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ޔާމީނާއި ގާސިމް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ 10 ޖުލައި ވަނަ ދުވަހު ރައީސް ނަޝީދަށް މެމްބަރުންތަކެއް ސިޓީއެއް ފޮނުވިއެވެ.
• ޖުލައި 11 ވަނަ ދުވަހު ޔާމީން އާއި ޤާސިމް ދޫކޮށްލުމަށް ސްޕްރީމް ކޯޓުން އަމުރު ކުރި އެވެ.
• ދެން ފެނިގެން ދިޔަ މަންޒަރަކީ ހިމާޔަތް ދިނުމަށްކަމަށް ބުނެ އާރަށުގައި ޔާމީން ބަނދު ކުރި މަންޒަރެވެ.
• ޖުލައި 14 ވަނަ ދުވަހު އެމްޑީޕީގެ އެތައް ބަޔަކު އަތޮޅުތަކުން މާލެ އައިސް ބޮޑު މުޒާހަރާއެއް ކުރި އެވެ.
• ޔާމީނު އުޅޭ ގޭ ސަރަހައްދަށް ދެ ޕާޓީގެ މީހުން އެއްވެ އެއްބަޔަކު އަނެއް ބަޔަކަށް ތަޅައިފޮޅައި ގައުއުކައި ހެދުމުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާ ވި އެވެ. ކެބިނެޓް އިސްތިއުފާދީ ކުޅުނު ސިޔާސީ ޑްރާމާގެ ސަބަބުން ހުރިހާ ގެއްލުމެއް ވީ އާއްމުންނަށެވެ.
• ޔާމިން ހުރީ އާރަށުގަ އެވެ. އެކަން ނޭނގޭ ގިނަ ބަޔަކު އެގޭދޮށުގައި އެރޭވެސް ހަޅޭއްލަވައި އުޅުނެވެ. ޔާމީނަށް ލިބުނު ފައިދާ އަކީ އިދިކޮޅު ގިނަ ބައެއްގެ ތާއީދު އޭނާ އަށް އިތުރުވުމެވެ. ނަޝީދަށް ލިބުނުފައިދާ އަކީ އެމްޑީޕީގެ ތާއީދު އިތުރުވެ އިދިކޮޅު ފަރާތްތަކުގެ ވޯޓު ބައިބައި ވުމުގެ ސަބަބުން ލިބުނު ސިޔާސީ ފައިދާ އެވެ.