ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ދޭންޖެހޭ ފައިސާ: ބޮޑު ވިޔަފާރިއަކަށް!
5 ޖެނުއަރީ 2023 - 16:20
ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރާ އާދައިގެ ކުންފުންޏެކެވެ. އަމިއްލަ މަސައްކަތްތަކުގެ އިތުރުން ސަރުކާރުގެ ބައެއް މަސައްކަތްތައް ވެސް ބިޑްކޮށްގެން ކުރަމުން އާދެއެވެ. ނަމަވެސް އަމިއްލަ މަސައްކަތްތަކާ ހިލާފަށް ސަރުކާރުގެ މަސައްކަތްތައް ނުވަތަ މަޝްރޫއުތައް ހިންގަނީ އަމިއްލަ އަށް ފަންޑްކޮށްގެންނެވެ.
މަސައްކަތް ނިމުމުން ނުވަތަ ނިމޭވަރަކުން ބިލްކުރާ ގޮތަށެވެ. އުސޫލުގައި އޮންނަނީ ބިލްކުރާތާ ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދޫކުރުމަށެވެ. ނަމަވެސް ކަން ހިނގަނީ އެމަގަމުން ނޫނެވެ. ސަރުކާރަށް ބިލުކޮށްފައި ޖެހެނީ ސަލާންޖަހަންށެވެ. ފައިސާ ލިބެނީ އެހާ ހާލުންނެވެ. ކުންފުންޏަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުލިބި ކުންފުނި ވަނީ ބަންގުރޫޓްވުމުގެ މަގުމަތީގައެވެ.
ސަރުކާރުން ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ނުދިނުމުން ބަނގުރޫޓުވުމުގެ މަގުމަތީގައި
މިއީ އެންމެ ކުންފުންޏެއްގެ ހާލަތެއް ނޫނެވެ. ސަރުކާރުގެ މަޝްރޫއުތަކަށް އާންމުކޮށް ދިމާވާ މައްސަލައެކެވެ. ދައުލަތުގެ އިދާރާތަކުން އާންމު ފަރުދުން ލައްވާ ކުރުވާ މަސައްކަތަށް ދޭންޖެހޭ ފައިސާގެ މައްސަލަ އިންތިހާ އަށްވަނީ ބޮޑުވެފައެވެ. އާދައިގެ ކުދިކުދި މަސައްކަތްތަކަށް ދޭންޖެހޭ ކުދިކުދި އަދަދުތައް ވެސް ފިނޭންސް މިނިސްޓްރީގެ ތެރޭގައި ހުންނަނީ ތާށިވެފައެވެ.
މާލެ ސިޓީ ކައުންސިލްގެ އޯޑަރަކަށް 80 ފޭރުގަސް ފޮނުވައި، އެ ގަސްތަކަށް ފައިސާ ނުލިބިގެން އެއްމަސްދުވަސްވީ ފިނޭންސް މިނިސްޓްރީން ކައުންސިލަށް ފައިސާ ނުފޮނުވާތީކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.@ZuvanDhaduveria @MaleCitymv https://t.co/Dvch5Bdtit— MV+ (@mvplusmedia) October 30, 2022
“ސަރުކާރުގެ މަސައްކަތްތަކަށް ބިޑްކުރަނީ އާންމު މީހަކަށް ވުރެ ސަރުކާރުން ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން އޮންނާތީ. ނަމަވެސް ފަހަކަށް އައިސް މިދިމާވާ ގޮތަކީ ބިލްކުރިޔަސް އެތައް މަހެއް އެބަ ނަގާ ފައިސާ ލިބެން. އެ މުއްދަތުގައި ގެންގުޅޭ މުވައްޒަފުންނަށް މުސާރަ ދޭން މިޖެހެނީ އަމިއްލަ ޖީބުން. ބޭނުންވާ ސާމާނު ހޯދަން މިޖެހެނީ އަމިއްލައަށް. އެއް މަސައްކަތެއް ނުވަތަ ދެ މަސައްކަތެއް ކުރިއަށް ގެންދެވިދާނެ މިހެން. ނަމަވެސް ގިނަ މަސައްކަތްތައް ނަގައިގެން އުޅޭ ކުންފުނިތަކުން ކިހިނެއްތޯ އެހާ ދުވަސް ވަންދެން ޕޭމަންޓެއް ނުލިބި އަމިއްލަ އަށް ހަރަދުކުރާނީ. ދެން މިޖެހެނީ އެ ފައިސާ ލިބެންދެން މުސާރަ ނުދީ މީހުން ގެންގުޅެން،” ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުންޏެއްގެ ވެރިއަކު ބުންޏެވެ.
ދައުލަތުގެ މުއްސަސާތަކުން އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދީ ހުރި އިރު އެތައް މަސައްކަތްކުރުވާފައި ފައިސާ ދޫނުކުރާ މައްސަލަ އިންތިހާ އަށް ވަނީ ބޮޑުވެފައެވެ. އަމިއްލަ ކުންފުނިތަކާއި އަމިއްލަ މީހުންގެ ޝަކުވާތައް އިންތިހާ އަށް ބޮޑެވެ. އެހެން ނަމަވެސް ބައެއް ކުންފުނިތަކުން ނުވަތަ ބައެއް މީހުންނަށް ސަރުކާރުން ވަރަށް ފަސޭހައިން ފައިސާ ލިބޭ ކަމަށާއި އެ މީހުންގެ ޕޭމަންޓްތައް ލަސްވެގެން އުޅެންނުޖެހޭ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.
ފައިސާ ދެއްކުމުގައިވެސް ކޮރަޕްޝަން
ދައުލަތުގެ މުއައްސަސާތަކުން އާންމުން ލައްވާ ކުރުވާ މަސައްކަތްތަކާއި މަޝްރޫއުތަކަށް ދޭންޖެހޭ ފައިސާ ނުދީ ލަސްވާ މައްސަލަ ބޮޑުވެފައިވާ އިރު އެ ފައިސާ ދޫކުރުމުގައި ވެސް ކޮރަޕްޝަން ހިމެނޭ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. އެކަން ވެސް ވިޔަފާރިއަކަށް ވެފައިވާ ކަމުގެ ތުހުމަތު ދަނީ ކުރެވެމުންނެވެ. ދާއިރާގެ މެންބަރު މެދުވެރިކޮށްގެންނާއި ފިނޭންސް މިނިސްޓްރީ ތެރޭގައި އުޅޭ މުވައްޒަފުންނާ ގުޅުން އޮންނަ މީހުންނަށް ފައިސާ ލިބުން އަވަސްވާ ކަމަށް ވާހަކަ ދެކެވެއެވެ.
“ސަރުކާރުގެ އިސްވެރިންނާ ގުޅުން އޮންނަ މީހުންނަށް ނޫނީ މެންބަރާ ގާތް މީހުންނަށް ނުވަތަ ކޮންމެ ވެސް އެއްޗެއް ދިއްކޮށްލައިގެން ނުވަތަ ބައި އަޅައިގެން ޕޭމަންޓްތައް އަވަސްވާ ކަމަށް ވަނީ. އެހެން ބައި އަޅައިގެން ހޯދަން ބޭނުން ނުވާ މީހުންގެ ޕޭމަންޓްތައް ލަސްވަނީ،” ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އަމިއްލަ ފަރުދުން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ދައްކަންޖެހޭ މުއްދަތެއްގައި ނުދައްކައިފި ނަމަ ޖޫރިމަނާ އަރައެވެ. ތަފާތު އެކި ފީތަކާއި ޖީއެސްޓީ އާއި މިހެން ގޮސް ދައުލަތަށް ދައްކަންޖެހޭ ފައިސާ އެ އޮންނަ ވަގުތެއްގައި ނުދައްކައިފި ނަމަ އިންތިހާ އަށް ޖޫރިމަނާކުރެއެވެ. ނަމަވެސް ދައުލަތުން އާންމު ފަރުދުންނަށް ދޭންޖެހޭ ފައިސާ ނުދީ ލަސްވާ ނަމަ ޖޫރިމަނާކުރާނެ އުސޫލެއް ނޯވެއެވެ.
“ވަރީގެ ސެޓްފިކެޓް ނުނަގައިގެން ވެސް އެބަ ޖޫރިމަނާކުރޭ. ފީއެއް ނުދައްކައިގެން އެންމެ ދުވަހެއް ވިޔަސް ޖޫރިމަނާ. އެކަމަކު ސަރުކާރުން މަސައްކަތްކުރުވާފައި ފައިސާ ނުދީ ފަސް ހަ މަސް ވެގެންދާއިރު ވެސް އެއްވެސް ޖޫރިމަނާއެއް ނާރާ. އަހަރެމެންނަށް ލިބޭ ގެއްލުމުގެ ބަދަލެއް ވެސް ނުލިބޭ. މުވައްޒަފުންނަށް މުސާރަ ނުދެވެނީ ސަރުކާރުން ލާރިނުދޭތީއޭ ބުނެވޭކަށް ވެސް ނޯވޭ،” އާންމުންގެ މީހަކު ހިޔާލު ފާޅުކުރިއެވެ.
ފައިސާ ހޯދަންޖެހެނީ ގަދަބާރުން
މަސައްކަތްކުރުވާފައި ދޭންޖެހޭ ފައިސާގެ މައްސަލަ އިންތިހާ އަށް ބޮޑުވެފައިވާ އިރު ހާއްސަކޮށް އަހަރުގެ ފަހުކޮޅު މި މައްސަލަ އިތުރަށް ބޮޑުވެއެވެ. ދައުލަތުގެ ބަޖެޓް ތާށިކޮށްލާއިރު އާންމު ފަރުދުންނަށް ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމުން ކުދި އަދި މެދުފަންތީގެ ކުންފުނިތައް ބަންގްރޫޓުވެފައި ވެސް އެބަހުއްޓެވެ.
“ކޮންމެ ދުވަހަކު ފިނޭންސް މިނިސްޓްރީއަށް ގޮސް އަޑުގަދަކޮށްގެން ޕޭމަންޓެއް ކްލިއަރކުރަން މިޖެހެނީ. ނޫނީ މިޖެހެނީ ކޮންމެ ވެސް ނުފޫޒުގަދަ މީހަކު މެދުވެރިކޮށް ކުރަން. މިއީ އިންސާފެއް ނޫން،” ކުރިން ވާހަކަ ދެއްކި ކުންފުނީގެ ވެރިޔާ ބުންޏެވެ.
ބޮޑެތި މަޝްރޫއުތަކުގައި ފައިސާ ދޫކުރާނެ އުސޫލްތަކެއް އެއްބަސްވުމުގައި ކަނޑައަޅާފައި އޮވެއެވެ. ނަމަވެސް ގިނަ ފަހަރަށް ބޮޑެތި ކުންފުނިތަކަށް ވެސް ފައިސާ ނުލިބުމުގެ މައްސަލަ ދިމާވެއެވެ. މަސައްކަތްކުރިއަށް ގެންދަން ބޭނުންވާތީ އާއި އަދި އެހެން މަޝްރޫއުތަކަށް ވެސް ކުރިމަތިލާންޖެހޭތީ އެފަދަ މައްސަލައެއް ޖެހޭ ކޮންމެ ފަހަރަކު ކޯޓަށް ގޮސްގެން ފައިސާ ހޯދުމަކީ ފަސޭހަކަމަކަށް ނުވާތީ ގިނަ ކުންފުނިތަކުން ހަނު ތިބެނީއެވެ.
ނަމަވެސް މިއީ ކޮންމެ ކޮންމެ ކުންފުންޏަކަށް ނުވަތަ އާންމު ފަރުދަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެ މީހުންނަށް ލިބެންޖެހޭ ފައިސާ މުއްދަތުގައި ނުލިބިއްޖެ ނަމަ އެތައް އުނދަގޫތަކެއް ކުރިމަތިވާނެއެވެ. ހާއްސަކޮށް އާދައިގެ މަސައްކަތްތައް ކޮށްގެން ދިރިއުޅޭ ބަޔަކަށް މިއީ ވަރަށް ބޮޑު އުނދަގުލެކެވެ. އެ ފައިސާކޮޅު ހޯދަން ވެސް ބަޔަކަށް ބައިއަޅަންޖެހޭ ނަމަ އެއީ ގޯހެކެވެ. މިއީ ބަދަލުކުރަންޖެހޭ ކަމެކެވެ. ދައުލަތުގެ އިދާރާތަކުން ކުރުވާ މަސައްކަތްތަކަށް ފައިސާ ލިބޭނެ ފަސޭހަ މަގެއް އޮންނަންޖެހެއެވެ. އަދި ގަވާއިދުން އެކަން ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެހެން ޖެހެއެވެ. ވަކި މުއްދަތެއްގައި ފައިސާ ދޫނުކުރެވޭ ނަމަ ޖޫރިމަނާ ނުވަތަ ބަދަލު ލިބެންޖެހޭ ގޮތަކަށް އިންތިޒާމުވާންޖެހެއެވެ.