ފަގީރުކަން ކުޑަ ކުރުމުން ޑިޕްރެޝަން އާއި އެންޒައިޓި ވެސް ކުޑަކުރެވޭނެ — ދިރާސާ

8 ޖެނުއަރީ 2023 - 10:41

ރާއްޖޭގެ ކޮންމެ 4 މީހަކުން އެކަކު ކޮންމެވެސް ނަފްސާނީ ބައްޔެއް ތަހައްމަލު ކުރެއެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު މިއީ ބޮޑު އަދަދެއް ކަމަށް ކުރިން ހެލްތް މިނިސްޓަރު ކަން ކޮށްފައިވާ، އަދި އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޯ ތެރަޕީގެ ޗެއާޕާސަން ޑރ. ޝަކީލާ ވަނީ ބުނެފައެވެ.

ނަފްސާނީ ބަލިތަކާއި ފަގީރުކަމާއި އޮތް ގުޅުމަށް ބަލައިލާނަމެވެ. ކަންކަން ވާނެ ގޮތެއް ނޭނގޭ ހާލަތުގައި، ހާސްކަމުގައި އުޅެން ޖެހިފައިވާ އާއިލާތައް ރާއްޖޭގައި ގިނައެވެ. ވަރި އެހާމެ ގިނައެވެ. ކުޑަކުދިންނަށް އަދަބު ދިނުމުގެ ގޮތުން ތެޅުމާއި ބާރަށް ހަޅޭއްލެވުން ގިނައެވެ. ސްކޫލުތަކުގައި ކުދިންނަށް ދޭންޖެހޭ ނަފްސާނީ އެހީތެރިކަން ނުދެވެއެވެ. ޓީޗަރުން ތިބީ އެކަމަށް ޓަރެއިންވެފައެއް ނޫނެވެ.

advertisement

މަސްތުވާތަކެތީގެ މައްސަލަ އާބާދީގެ ނިސްބަތުން ވަރަށް ބޮޑުކަމަށް ޑަބްލިއު އެޗްއޯގެ ދިރާސާއިން ދައްކައެވެ. މިއީ ހައްތަހާ ވެސް އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރާއި އާމްދަނީ އާއި ގުޅުންހުރި ކަންކަމެވެ. ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުން އަންނައިރު، މަސައްކަތުގެ ވަރުބަލިކަމާއި، ހާސްކަމުގެތެރޭގައި އުޅޭ އާއިލާތަކުގެ ކުދި ބޮޑު އެންމެންނަށް ދިމާވާ ނަފްސާނީ ބަލިތަކަށް ސީބީޓީ ތެރަޕީގެ ހަ ސެޝަން ނަގައިދީގެން ވާނީ ކޮން ފައިދާއެއް ތޯ ސުވާލުކޮށް ވިސްނާލަމާ ހިނގާށެވެ.

ފައިސާގެ ދަތިކަން ހައްލުނުވާ ހިނދަކު ތެރަޕީއިން ކުރާނެ ފައިދާއެއް ނެތް

ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ކުރުމަށްފަހު އަންނަ މަހުގެ މުސާރަ ލިބެންދެން ދަރިންގެ ކަންކަން ހަމަޖައްސައި ދުޅަހެޔޮ ކާނާ ހޯދާނެ ގޮތެއް ނޭނގޭ މީހާ އަށް ތެރަޕީ ސެޝަން އިން ދަސްވާނީ ނުވަތަ ހާސިލުވާނީ ކޮންކަމެއް ހެއްޔެވެ؟ އޮފީހުގެ މަސައްކަތް ބުރަކަމުންނާއި، ވަގުތުގެ ގޮތުން ގިނަ އިރު އޮފީހުގައި ހޭދަކުރަން ޖެހުމުގެ ސަބަބުން އަރާމު ނުލިބި ޖިސްމަށާއި ނަފްސު ވަރުބަލިވެފައިވާ މީހާއަށް ތެރަޕީ އިން ލިބޭނީ ކޮން ތަސައްލީ އެއް ހެއްޔެވެ؟

އަނިޔާ ކުރާ ފިރިމީހާ ކައިރިން ވަރިވާން ބިރުން ހުރި މީހާގެ ބިރު ފިލާނެ ހެއްޔެވެ؟ ދަރިން ނިކަމެތިވާނެ ވަރާއި، ނިކުމެގެން ގޮސް އަމިއްލައަށް ކުލި ނުދެއްކޭނެ ކަމާއި، ވަންނާނެ ބޯހިޔަލެއް ނެތަ ކަމާއި މެދު ފިކުރުކުރުން ހުއްޓޭނެ ހެއްޔެވެ؟ އޯލެވެލް އިން އޭފާސް ހޯދުމަކީ މަޖުބޫރުކަމެއް ކަމަށް ވިސްނައިދީފައި ތިބި ކުދިން ހާސްކަމުގެތެރޭގައި ތިބެ ހަދާ ޕޭޕަރުން ފާސް ނުވުމުން، މުޖުތަމައާއި، އާއިލާ އަދި ޓީޗަރުން ކުދިންނަށް ހިތްވަރު ދިނުމުގެ ބަދަލުގައި ލަދުގަންނަވާލާ ކުށްވެރިކޮށް، ބުލީ ކުރުމުން ދެން އެ ދިމާވާ ކަންކަމުން ސަލާމަތްވާނީ ކޮން ތެރަޕީއަކުން ހެއްޔެވެ؟

ގަހަކަށް ބައްޔެއް ޖެހުމުން، އެގަހަށް ތެރަޕީ ދިނުމުގެ ބަދަލުގައި ގަހަށް ބަލި ޖެހެން މެދުވެރިވި ސަބަބުތައް ނައްތާލުމަކީ އެންމެންވެސް ގަބޫލުކުރާ ހަމައެވެ. މާ އަވިގަދަ ނަމަ ނުވަތަ މާގިނައިން ފެން ދެވޭނަމަ، އެކަމެއް ރަނގަޅުކުރަނީ އެވެ. ނުވަތަ ފަސް ގަނޑު ރަނގަޅުކުރަނީ އެވެ. އިންސާނާގެ ނަފްސަށް ކެތް ނުކުރެވޭ މިންވަރަށް ހާސްކަމާއި ނުތަނަވަސްކަން ކުރިމަތިވީމާ، އެ ސަބަބުތަކުގެ ވާހަކަ ނުދައްކައި، އެމީހާ ވިސްނާގޮތް ބަދަލުކުރުމަށް ތެރަޕީ ދިނުމަކީ ކަންކަން ހައްލުކުރުމަށް އެންމެ ރަނގަޅު ގޮތްތޯއެވެ؟ ނުވަތަ މީހާއަށް ރަނގަޅު ކެއިން ބުއިމާއި ނިދުމާއި ކަސްރަތު ހިމެނޭ ރޫޓިން އެއްގައި އުޅެވޭނެ ގޮތްތަކަކަށް ދިރިއުޅުމުގެ ކަންކަން ނޭތުރެނީސް ހަމައެކަނި ތެރަޕީ އަކުން، އެމީހާގެ ހާސްކަމާއި ފިކުރުބޮޑުވުމުގެ ބަލި ރަނގަޅުވާނެ ހެއްޔެވެ؟

މަލްޓި ޑައިމެންޝަނަލް ފަގީރުކަން ކުޑަ ކުރެވޭ ވަރަކަށް ޑިޕްރެޝަން އާއި އެންޒައިޓި ވެސް ކުޑަކުރެވޭނެ

ތެރަޕީ ނެގުމަކީ ބަލީގެ ސަބަބުން ދިމާވާ ކަންކަން ކޯޕް ކުރުމަށް ބޭނުންތެރި ފަރުވާއެކެވެ. ހަމަ އެގޮތަށް ބޭހަކީވެސް ފަރުވާ އެކެވެ. ނަމަވެސް ގިނަ މީހުންނަށް މިބަލިތައް މެދުވެރިވާ ސަބަބުތަކަކީ ސިކުނޑީގެ ކެމިކަލް އިމްބެލެންސް އެއް ނޫން ކަމަށާއި، އަސްލު ސަބަބަކީ މީހާގެ ވަށައިގެންވާ ކަންކަން ކަމުގައި ފަހުގެ ދިރާސާތައް ދައްކައެވެ. ކެމިކަލް އިމްބެލެންސް ދިމާވާ ސަބަބުތަކަކީ ނައްތާލެވެން ހުރި ސަބަބުތަކެކެވެ. އެފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ބަދަލުވާން ޖެހެނީ މީހާ ވިސްނާގޮތެއް ނޫނެވެ. ބަދަލުވާން ޖެހެނީ މީހާގެ ހާލަތެވެ. މީހާގެ މަސައްކަތު ވަގުތުތައް މަދުވެ، ޖިސްމަށް އަރާމުލިބި، ކަސްރަތުލިބި، ރަނގަޅު ކާނާ ލިބި، އާމްދަނީ އިން ދެކޮޅުޖެހޭ ނަމަ، ޑިޕްރެޝަން އާއި އެންޒައިޓީ ދަށްވާނެ އެވެ. މިކަން މި ދިރާސާއިން ހާމަވެއެވެ.

ގެދޮރުގެ މައްސަލަ އާއި، ސިއްހީފަރުވާގެ ކަންކަން ކަށަވަރުވުމަކީ މީހާގެ ޖިސްމަށާއި ނަފްސަށް އުފާވެރިކަން ލިބޭނެ ކަމެކެވެ. އިންސާނާ އަށް އެންމެ މުހިންމު އަސާސީ ބޭނުންތަކަކީ އެއީ އެވެ. ކާނާގެ ކަށަވަރުކަމާއި ބޯހިޔަލެއްގެ ކަށަވަރުކަމެވެ. އާމްދަނީގެ ކަށަވަރުކަމެވެ. ގުދުރަތީ މާހައުލުގައި އުޅެ ހިތްފަސޭހަކޮށްލާނެ ވަގުތު ލިބުމާއި، އާއިލާ އާއި އެކު އުފާވެރި ވަގުތު ހޭދަކުރެވުމަކީ މީހާ އުފާވާނެ ކަންކަމެވެ.

މިކަންކަން ހައްލު ނުކުރެވޭނަމަ ތެރަޕީ ސެޝަންތައް ވާނީ ބޭކާރެވެ. ބައެއް ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާ އަކީ އުފާވެރި ތާހިރު ދިރިއުޅުމެއް އުޅެވުމެވެ. ރާއްޖޭގައި އެންމެ ގިނައީ ޑިޕްރެޝަން އާއި އެންޒައިޓީގެ ކޭސްތައް ކަމުން، ދުނިޔޭގެ އެހެން ހިސާބުތަކުގައި މި މައްސަލަތަކާއި މެދު ސައިކޭޓްރިސްޓުންނާއި ތެރަޕިސްޓުން ދެކޭ ގޮތަށް ބަލައި، އެފަރާތްތަކުން ވެސް ގަބޫލުކުރާ ފަދައިން، މަލްޓި ޑައިމެންޝަނަލް ފަގީރުކަން ކުޑަ ކުރެވޭ ވަރަކަށް ޑިޕްރެޝަން އާއި އެންޒައިޓި ވެސް ކުޑަކުރެވޭނެއެވެ.

ރިއެކްޝަންސް
0
0
0
1
0
0
1