ކ. ގުޅީގައި އޮޑިދޯނި ފަހަރަށް ފެނުގެ ހިދުމަތް ސްޓެލްކޯއިން ދޭން ފަށައިފި
8 ޖެނުއަރީ 2023 - 11:04
ސްޓެލްކޯއިން ކ. ގުޅީގައި އޮޑިދޯނި ފަހަރަށް ފެނުގެ ހިދުމަތް ދޭން ފެށައިފައެވެ.
ބުރާސްފަތި ދުވަހު ފަށާފައިވާ ހިދުމަތު ތެރެއިން ހޮޓްލައިންއަށް ގުޅާ އޯޑަރު ދިނުމާއި ޕޭމަންޓް ލިންކް ފޯނަށް ލިބުމާއި ފަސޭހައިން ހިދުމަތަށް ފައިސާ ދެއްކުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
މި ހިދުމަތް ގުޅީގައި އިފްތިތާހު ކުރެވިގެންދިއުމާއެކު، ކުންފުނީގެ މެނޭޖްމަންޓުން ވަނީ ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ދޯންޏަކަށް 1 ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފައެވެ.
އޮޑި ދޯނިފަހަރަށް ފެން ވިއްކަމުން ގެންދާނީ 3 ބޭންޑަކަށް ބަހާލައިގެންނެވެ.
އެގޮތުން ބޭންޑް އޭ އަށް 10ރުފިޔާ ރުފިޔާ، ބޭންޑް ބީ އަށް 12.50 ރުފިޔާ ބޭންޑް ސީ އަށް 13.50 ރުފިޔާ މަގުން ޗާޖް ކުރެވިގެންދާނެއެވެ.
އޮޑި ދޯނިފަހަރަށް ފެން ވިއްކުމުގެ ހިދުމަތް މިވަގުތު މިކުންފުނިން ދެމުން މިގެންދަނީ ގުޅީގެ އިތުރުން، އދ. މަހިބަދޫ އާއި ކ. ގާފަރުގައެވެ.
މީގެ އިތުރުންވެސް މިކުންފުނިން ފެނުގެ ހިދުމަތްދޭ އެހެން ރަށްތަކުގައިވެސް މި ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިކުންފުނިން ދަނީ ވަމުނެވެ.
ގުޅީގެ ފެނުގެ ހޮޓްލައިން ނަމްބަރަކީ 7281221، ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ދޯނިތަކުގެ އިތުރުންވެސް މި ހިދުމަތް ބޭނުންވާ އެހެން އޮޑިދޯނި ފަހަރަށްވެސް މި ހިދުމަތް އެ ރަށުން ފޯރުކޮށްދެވިގެންދާނެއެވެ.