ތާރީހުގެ ތެރެއިން: އިނގިރޭސި ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި “ދުއްވާ ހޮސްޕިޓަލް” ގެ ވާހަކަ

10 ޖެނުއަރީ 2023 - 14:05

1961 ވަނަ އަހަރު އިނގިރޭސި ވިލާތުން ރާއްޖެއަށް “ދަތުރުކުރާ ހޮސްޕިޓަލެއް” ނުވަތަ މޯބައިލް ހޮސްޕިޓަލެއް ހަދިޔާ ކުރިއެވެ. މި ލޯންޗު ހޮސްޕިޓަލުގައި ޑޮކްޓަރުންނާއި ނަރުހުންނަށް ތިބެވޭނެ އިންތިޒާމާއި ބަލި މީހުން އެޑްމިޓްކޮށްގެން ބޭސްކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރިއެވެ. އެ ލޯންޗުގެ ނަމަކީ “ގޯލްޑަންރޭ” އެވެ.

އެޒަމާނުގައި ރާއްޖެތެރޭގެ އެއްވެސް ރަށެއްގައި ސިއްހީފަރުވާ ލިބޭކަށް ނުހުރެއެވެ. ފަރުވާއެއްގެ ގޮތުން ކުރަމުން އައި ކަމަކީ ފަންޑިތަވެރިކަމާއި ދިވެހި ބޭސްވެރިކަމެވެ. “އޭރަކު ރާއްޖެތެރެއަށް ސިއްހީ ގޮތުން އަސާސީ ހިދުމަތްވެސް ފޯރުކޮށްދެވޭކަށް ނޯވެއެވެ. ބަލިވީމާ އެމީހެއްގެ ހިތަށް އެރިހާ ކަމެއް ކޮށް ގަދަވަންޏާ ގަދަވާން މަރުވަންޏާ މަރުވާން ތިބެނީއެވެ”. މިއީ “ވިހިވަނަ ގަރުނުގެތެރޭގައި ދިވެހިރާއްޖެ” މިފޮތުގައި އޭރުގެ ހާލަތު ސިފަކުރަމުން ލިޔުންތެރިޔާ ބޭނުންކޮށްފައިވާ އިބާރާތެވެ.

advertisement
އިނގިރޭސީން ހަދިޔާ ކުރި މޯބައިލް ހޮސްޕިޓަލް | ފޮޓޯ: މީސް މީޑިއާ

ރާއްޖޭގެ ރަށްރަށުގައި ފައިދާ ހުރި ކާނާގެ ބާވަތްތައް ހެދެމުން އައި އިރުވެސް އެއީ ކިހާ ފައިދާ ހުރި އެއްޗެއް ކަން ވެސް މީހުން ނުދަނެއެވެ. މިހެން ހާލަތު އޮއްވައި ހެލްތް އެސިސްޓަންޓުންގެ ނަމުގައި މާލެއިން ބަޔަކު ރާއްޖެތެރެއަށް ގޮސް ސިއްހީ މައުލޫމާތު ދޭން ފެށިއެވެ. މީހުންގެ ކުރިމަތީގައި އިންޖީނު އުނދުން ރޯކޮށް އެމީހުންގެ އަތުން ކާނާ ކައްކައި ތައްޔާރުކޮށް ކުޑަކުދިންނަށް ކާންދޭން ދަސްކޮށްދިނެވެ. ސާފުތާހިރުކޮށް ކާނާ ގެންގުޅޭނެ ގޮތާއި ފެން ރައްކާ ކުރާނެ ގޮތްތައް ދަސްކޮށްދިނެވެ.

އިނގިރޭސިން ހަދިޔާ ކުރި ދުއްވާ ހޮސްޕިޓަލް (ގޯލްޑަންރޭ) އަހަރަކު ދެފަހަރު ޑޮކްޓަރު ރާއްޖެތެރެއަށް ދާން ފެށި ހިސާބުން ރާއްޖެތެރެއަށް ޑޮކްޓަރީ ބޭސް ލިބެންފެށިއެވެ. ބަލިމީހަކު ބާއްވައިގެން ބޭސްކުރާނެ ރަނގަޅު ތަނެއް އެއްވެސް ރަށެއްގައި އޭރަކު ނުހުރެއެވެ. އެހެންކަމުން އޭރު ހަދާގޮތަކީ ރަނގަޅު އޮޑިހަރުގެއެއް ސާފުކޮށް އެތަނުގައި ބަލިމީހުން ބަލައި ބޭސްދީ ހަދަނީއެވެ. އެޑްމިޓް ކުރަން ޖެހިއްޖެ ނަމަ އެޑްމިޓު ކުރަނީ ވެސް އޮޑިހަރުގޭގައެވެ.

ރާއްޖެތެރޭގައި ސިއްހީ މަރުކަޒުތައް އަޅަން ފެށުން

މިހާލަތުގައި ބޭސްވެރިކަން އޮއްވައި ރާއްޖެތެރޭގައި އެންމެ ފުރަތަމަ ހުޅުވި ސިއްހީ މަރުކަޒު ހުޅުވީ ޅ. ނައިފަރުގައެވެ. އެއީ 1964 ވަނަ އަހަރުގައެވެ. ހެލްތް ސެންޓަރު ހަދާނެ މާ ރަނގަޅު އިމާރާތެއް ނެތުމުން، އެރަށުގެ ހެލްތް ސެންޓަރު ހުޅުވީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރައްޔިތުން ބަނޑަށް ޖެހުމުން ދިޔައިރު ކާބޯތަކެތި ދޫކުރުމަށާއި ރައްކާ ކުރުމަށްޓަކައި ހަދާފައި ހުރި ބަންދު ބޮޑު ތަނެއްގެ ތެރޭގައެވެ.

އޭގެ ފަހުން އެކި އަތޮޅުތަކުގައި ސިއްހީ ހިދުމަތް ދޭނެ މަރުކަޒުތައް ހުޅުވިއެވެ. ބައެއް ރަށްރަށުގައި މިތަންތަން ހުޅުވީ އަމިއްލަ މީސްމީހުންގެ ގޭގެއިން ކޮޓަރި ހޯދައިގެންނެވެ. ބައެއްތަންތަނުގެ ބޮޑު މިނަކީ 21 ފޫޓު 10 ފޫޓު ވަރުގެ ކުދިކުދި ތަންތަނެވެ. އޭރު ބޭސް ފޯރުކޮށްދެމުން އައީ ޑަބްލިއު އެޗް އޯ އިންނެވެ. 1965 ވަނަ އަހަރު ރާއްޖެއަށް ވެކްސިން ތައާރަފްވެގެން އައި އިރު އައިސް އަލަމާރި އެއްގައި ނޫނީ ވެކްސިން ގެންގުޅެވެން ނޯވެއެވެ.

އެހެން ކަމުން އެދުވަސްވަރު ވެކްސިން ގެންގުޅުނީ ލޮލީ އަޅަން ގެންގުޅޭ ތަރުމޯޒެއްގައެވެ. ރާއްޖެތެރެއާ ހަމައަށް ވެކްސިން ގެންދަނީ ފޮށިގަނޑަކަށް އައިސް އަޅާފައި އޭގެ މައްޗަށް ކީސްކުނޑި އަޅައިގެން ކަމަށް ވެސް އެ ފޮތުގައި ލިޔެފައިވެއެވެ. އައިސް ހޯދީ ރޯމަސް ގަންނަން ރާއްޖެއަންނަ ބޯޓު ފަހަރުތަކަށް ގޮސް ބުނެގެންނެވެ. ރާއްޖެތެރެއަށް ވެކްސިން ފޮނުވަން ފެށި އިރު ގޯލްޑަންރޭ ވެސް އޮންނާތީވެ އެމަސައްކަތް ކުރީ އެ ލޯންޗުގައި ހުރި އައިސް އަލަމާރިއެއްގައި ވެކްސިން ރައްކާކޮށްގެންނެވެ.

ރިއެކްޝަންސް
0
8
0
0
1
0
1