ކ. އަތޮޅު ފަރަކަށް ގެއްލުންވުމުން ބޮޑު ޖޫރިމާނާއެއް
25 ޖެނުއަރީ 2023 - 13:04
އީފީއޭއިން ނެރިފައިވާ ބަޔާނެއްގައި ވަނީ AM AAGAM ނަމަކަށް ކިޔާ ބާޖާއި AM ALPIT ނަމަކަށް ކިޔާ ޓަގު 23 ޖުލައި 2022 ވަނަ ދުވަހު ކ. ވާވެއްދިފަރަށް އަރައިފައިވާކަމަށެވެ.
މި އުޅަނދުތައް ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާޢިދު ނަންބަރު:2011/R-9 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދު) ގެ ދަށުން 100,000,000.00 (އެއްސަތޭކަ މިލިއަން) ދިވެހިރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ދި މިޑްލްއީސްޓް މެރިން އެލް.އެލް.ސީ ވަނީ ޖޫރިމަނާކުރެވިފައެވެ. އަދި، އީފީއޭއަށް 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ ފަރާތަށް ވަނީ 22 ޖަނަވަރީ 2023 ގައި އަންގާފައެވެ.
މި އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭއަށް ވަނީ 13 އޮގަސްޓް 2022 ގައި އެ ސަރަޙައްދަށް ގޮސް ސަރވޭކޮށްފައެވެ. އަދި، އެ އުޅަނދުގެ ވެރިފަރާތުން ކުރި ސަރވޭގައި އެޖެންސީގެ ފަރާތުން ވަނީ އޮބްޒަރވަރެއްގެ ގޮތުގައި ބައިވެރިވެފައެވެ.
ބެލިބެލުމުން އެ ފަރުގެ 3926 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި، ޤަވާޢިދު ނަންބަރު:2011/R-9 ގެ ދަށުން ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ ޢަދަދަކީ 148,381,500.00 (އެއްސަތޭކަ ސާޅީސް އަށްމިލިއަން ތިންލައްކަ އަށްޑިހަ އެއްހާސް ފަސްސަތޭކަ ރުފިޔާ) އެވެ. ނަމަވެސް، ޤާނޫނު ނަންބަރު:4/93 ގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު ޢަދަދަކީ 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ކަމުގައިވާތީވެ، 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި 30 ދުވަހުގެ ތެރޭގައި މި އެެޖެންސީއަށް ދައްކާ ޚަލާސްކުރުމަށް އަންގާފައިވާނެއެވެ. އަދި، ޤާނޫނު ނަންބަރު:4/93 ގެ 10 ވަނަ މާއްދާގެ ދަށުން ބާޖު ފަރަށް އަރައިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހާއި އެކުގައި ފެށުމަށް ކުރަންޖެހޭ ކަންތައްތައް މި މައްސަލައިގެ އިސްތިއުނާފް މަރުޙަލާއިން ނިންމާ ގޮތެއްގެ މަތިން ފެށުމަށް ވަނީ ހަމަޖެހިފައެވެ.