ރިޕޯޓް: އެމްޑީޕީ އަށް 2023 ހޯދުމަށް ބޭނުން ވަނީ ކޮން ފޯމިއުލާއެއް؟
26 ޖެނުއަރީ 2023 - 15:49
މި އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލައްވާފައިވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގަބޫލުފުޅުކުރައްވާ އެއް ކަމެއް އެބަ އޮތެވެ. އެއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުކުރެވޭނެ ކަމެވެ. ނަމަވެސް ދެ ބޭފުޅުން ވެސް ގެންގުޅުއްވަނީ އަދި ދައްކަވަނީ މުޅިން ތަފާތު ދެ ފޯމިއުލާއެކެވެ. ހޮނިހިރު ދުވަހަކީ މި ދެ ފޯމިއުލާގެ ތެރެއިން އެމްޑީޕީގެ މެންބަރުން އިހްތިޔާރުކުރާ ގޮތް އެނގިގެން ދާނެ ދުވަހެވެ.
ކޯލިޝަން ސަރުކާރުގެ ފޯމިއުލާ
ވެރިކަމަށް ވަޑައިގަތުމުގައި ރައީސް ސޯލިހް ގެންގުޅުއްވާ ފޯމިއުލާއަކީ މީގެ ކުރިން އެތައް ވެރިއަކު، އެތައް ފަހަރަކު ތަޖުރިބާކުރައްވާފައިވާ އަދި ހުދު އެމަނިކުފާނު ވެސް ތަޖުރިބާކުރައްވާފައިވާ ކޯލީޝަންގެ ފޯމިއުލާއެވެ. އާ ގާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވެސް ވެރިކަމަށް ވަޑައިގެންނެވީ އެ ފޯމިއުލާއިންނެވެ. އަދި 2013 ގައި ރައީސް އަބްދުﷲ ޔާމީން ވެސް ކާމިޔާބީ ހޯއްދެވީ އެތައް ޕާޓީއެއްގެ ލީޑަރުންގެ އެހީތެރިކަމާ އެކުގައެވެ. އަދި 2018 ވަނަ އަހަރު ރައީސް ސޯލިހު ވެސް ކާމިޔާބު ހޯއްދެވީ ރައީސް ނަޝީދު އިސްވެހުންނަވައި އުފެއްދެވި ކޯލީޝަނެއްގެ ތެރެއިންނެވެ.
ކޯލީޝަންގެ ތެރެއިން ކާމިޔާބީ ހޯއްދެވި ނަމަވެސް ވެރިކަމުގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ކޯލީޝަން ރޫޅިގެން ދިޔަ ހިތި ތަޖުރިބާތައް ކުރެއްވި ރައީސް ނަޝީދު މި ފޯމިއުލާއާ މެދު މިހާރު ދެކެވަޑައިގަންނަވަނީ އެހެން ގޮތަކަށެވެ. އެމަނިކުފާނުގެ ނަޒަރުގައި އެމްޑީޕީ އަށް ކޯލީޝަނަކާ ނުލައި ވެސް ވެރިކަމަށް އާދެވިދާނެއެވެ. އަދި ހާއްސަކޮށް ފުރަތަމަ ބުރުގައި ކޯލީޝަން ހެދުމުގެ މާނައެއް ނެތް ކަމަށާއި އޭގެ ސަބަބުން އެމްޑީޕީ އަށް ލިބޭނީ ގެއްލުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ކޯލީޝަނެއް ހަދައިގެން ފުރަތަމަ ބުރަށް ނުކުންނަ ނަމަ ރަނިން މޭޓަކު އިހްތިޔާރުކުރުމުގެ ފުރުސަތު އެމްޑީޕީ އަށް ގެއްލޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއެވެ. އެމަނިކުފާނުގެ ވިސްނުންފުޅަކީ ފުރަތަމަ ބުރުން ކާމިޔާބުނުވެއްޖެ ނަމަ ދެ ވަނަ ބުރަށް ނުކުންނަ އިރު އެކުގައި މަސައްކަތްކުރަން ބޭނުންވާ ޕާޓީތައް ބައިވެރިކުރުމެވެ. ނަމަވެސް ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން އެ ފުރުސަތު ދެ ވަނަ ބުރެއްގައި ލިބިދާނެތޯ އެއީ ސުވާލެކެވެ.
ކޯލިޝަނަކާ ނުލާ އެމް.ޑީ.ޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެތަ؟
ރައީސް ނަޝީދު ގަބޫލުފުޅުކުރައްވާ ގޮތުގައި ޕާޓީތައް ވަކިން ނުކުމެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެހެން ފަހަރުތަކަށް ވުރެ މިފަހަރު ވަނީ ފުޅާވެގެން ގޮސްފައެވެ. އޭގެ ސަބަބަކީ ކުރީގެ ރައީސް ޔާމީން ޖަލު ހުކުމެއްގައި ހުންނެވުމުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެވޭ ގޮތް ނުވުމެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީ އާއި އަދި ވެސް އެހެން ޕާޓީތަކަށް ފުރުސަތު ބޮޑު ކަމަށް ރައީސް ނަޝީދުގެ ފޯމިއުލާގައި ބުރަވެވަޑައިގަންނަވައެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި މެންބަރުންގެ މެދުގައި ވެސް އެންމެ ބޮޑަށް ބަހުސްކުރެވޭ އެއް ކަމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނީ ކޮން ކެންޑިޑޭޓަކަށް ޓިކެޓް ދީގެން ކަމާ މެދުގައެވެ. ރައީސް ނަޝީދު ވިދާޅުވާ ގޮތުން ރައީސް ސޯލިހަށް ޓިކެޓް ލިބިވަޑައިގެންފި ނަމަ ވޯޓު ދޭނީ ހަމައެކަނި ސަރުކާރުގެ ސިޔާސީ ވަޒީފާތަކުގައި ތިބި މީހުންނާއި އެކި ގޮތްގޮތުން މަންފާ ލިބުނު މަދު ބައެކެވެ. އެއީ ވޯޓުލާ މީހުންގެ 20 ޕަސެންޓް ކަމަށް ރައީސް ނަޝީދު ވިދާޅުވެއެވެ. އެހެން ނަމަވެސް ރައީސް ސޯލިހްގެ ޓީމުން ދެކޭ ގޮތް އަދި ސިޔާސީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވެސް ދެކެވަޑައިގަންނަވާ ގޮތް ތަފާތެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ކައިރިން ދިރާސާކުރައްވާ އަދި ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވީ މިހާތަނަށް ކަން ހިނގާފައިވާ ގޮތުން ކޯލީޝަނެއް ދެމެހެއްޓުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އަދި މި ނޫނީ އެކަން ކުޑަ މިންވަރަކަށް ވެސް ކާމިޔާބުވެފައެއް ނުވެއެވެ. މި ވެރިކަމުގައި ރަސްމީ ގޮތެއްގައި ކޯލީޝަން ރޫޅިފައި ނުވި ނަމަވެސް މިހާރު އޮތް ކޯލީޝަނަކީ ވެސް ނާޒުކު ފައްތަރެއްގައި އޮތް ކޯލީޝަނެކެވެ.
ރައީސް ސޯލީހްގެ ކުޅަދާނަކަމުގެ ސަބަބުންނާއި އަދި ކޯލީޝަންގެ ބައިވެރިންގެ އަމިއްލަ އެދުންތައް ގިނަވެފައި އިހްތިޔާރުތައް ވެސް މަދުވުމުން ކޯލީޝަން ދެމި އޮންނަނީ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ރިސްކް ބޮޑު ކަމެއްގައި މީގެ ކުރިއާ ހިލާފަށް ދެ ވަނަ ބުރަކާ ހަމައަށް ގޮސް ކޯލީޝަނެއް ހެދުން މާ ރިސްކް ބޮޑު ވާނެ ކަމަށާއި އެފަދަ ހާލަތެއްގައި އެމްޑީޕީ އަށް ވެރިކަން ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު އެމްޑީޕީ އަދި ޕީޕީއެމް ފިޔަވައި ދެންތިބި ފަރާތްތަކަކީ މާބޮޑު ތާއީދެއް ނެތް އަދި އިންތިހާބުގެ ނަތީޖާ ބަދަލުކުރެވިދާނެ ފަދަ ބައެއް ނޫންކަމަށް ދެކޭމީހުންގެ އަދަދު މަދެއް ނޫނެވެ.
ސިޔާސީ ގޮތުން އިސް މަގާމުތައް ވެސް ފުރުއްވާފައިވާ ތަޖުރިބާކާރު ވިދާޅުވީ ކޯލީޝަނަކާ އެކު ވެރިކަމަށް ނުކުންނަ ނަމަ އެމްޑީޕީ އަށް އޮތް ހަމައެކަނި ޗޮއިސްއަކީ ރައީސް ސޯލިހެވެ. ސަބަބަކީ މިހާރު ކަންކަން ހުރި ގޮތުން ރައީސް ނަޝީދަށް ޓިކެޓް ލިބިވަޑައިގެންފި ނަމަ މިހާރު އެމްޑީޕީއާ އެކު ތިބި ފަރާތްތައް ވަކިވެ، އެހެން ކޯލީޝަނެއް އުފެދުމުގެ ފުރުސަތު އޮތުމެވެ.
އެ ގޮތުން ޖޭޕީން ނެރޭ ކެންޑިޑޭޓެއްގެ ފަހަތަށް އަދާލަތު ޕާޓީ އާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް އާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމްގެ އެމްޑީއޭ އަދި ކާނަލް މުހައްމަދު ނާޒިމްގެ އެމްއެންޕީ އަރައި ރައީސް ނަޝީދާ ދެކޮޅަށް ވަރުގަދަ ކޯލީޝަނެއް ހެދުމުގެ ފުރުސަތު އޮތުމެވެ.
ޕީ.ޕީ.އެމްގެ ޓިކެޓު ގައްސާނަށް ދީފިނަމަ ވާނީ ކިހިނެއް؟
އަނެއް “ސިނާރިއޯ”އަކީ ޕީޕީއެމްގެ ޓިކެޓް ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫނަށް ދިނުމެވެ. އެފަދަ ހާލަތެއްގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އާއި ރައީސް މައުމޫންގެ އިތުރުން އެހެން ބައެއް ލީޑަރުން ވެސް ޣައްސާނަށް ތާއީދުކުރައްވައި އަނެއްކާ ވެސް ޕީޕީއެމްގެ ވެރިކަމެއް ގާއިމުކުރުމުގެ ފުރުސަތު އޮތުމެވެ. މިއީ ވަރަށް މުޖައްރިބު ފޯމިއުލާއެއް ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރެވެއެވެ.
See results at https://t.co/G82EscwQF5
In our poll published on upcoming presidential elections, more than 35% of voters said the opposition shouldn't contest after former President Yameen was convicted. pic.twitter.com/RKk1SD2R1o— MV+ (@mvplusmedia) January 26, 2023
ސިޔާސީ މަސްރަހުން ފެންނަން އޮތް ހަގީގަތަކީ އެކަނި ގިނިކަންޏާ ނުކުމެ އެއްވެސް ކެންޑިޑޭޓަކަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ހަނިކަމެވެ.
މިކަން ރައީސް ނަޝީދުވެސް އަދި ރައީސް ޔާމީން އަދި ރައީސް މައުމޫން ވަނީ ހިތިގޮތަކަށް ތަޖުރިބާ ކުރައްވާފައެވެ. އަދި 2018 ވަނަ އަހަރުގެ އިންތިހާބުގައި ރައީސް ނަޝީދު އިސްވެހުންނަވައި ކޯލިޝަނެއް އެކުލަވާލުމުން ދޭހަވަނީ ކޯލިޝަން އެއީ އިންތިހާބު ކާމިޔާބުކުރުމަށް އޮތް އެންމެ ފަސޭހަ މަގުކަމަށް އެމަނިކުފާނުވެސް ދެކޭދެކުމެވެ. އެހެންކަމުން ވެރިކަން ދަހަމަހައްޓަން އެމްޑީޕީގެ މެންބަރުން ބޭނުން ހޮނިހިރު ދުވަހު ލާ ވޯޓަކީ ހަމައެކަނި އެތެރޭގެ އިންތިހާބަކަށްވުރެ ރިޔާސީ އިންތިހާބުގެ ނަތީޖާއާއި ގުޅިފައިވާކަމެކެވެ.