ރިޕޯޓް: އިންތިހާބުތައް ކާމިޔާބުކުރުމަށް ރައީސް ސޯލިހު ވަރެއް ނެތް
29 ޖެނުއަރީ 2023 - 13:50
ރާއްޖޭގައި ސިޔާސީ ހަރަކާތްތައް ފެށުނީއްސުރެ ސަޕޯޓަރުންނަކީ ވަކި ސިޔާސީ ލީޑަރެއް ނުވަތަ ޕާޓީއެއްގެ ފަހަތުގައި ތިބޭ ބައެކެވެ. އެމްޑީޕީ އުފެދުމާ ހަމައަށް ރާއްޖޭގެ ގިނަ ބަޔަކު ތިބީ އޭރު ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަހަތުގައެވެ. ޑިމޮކްރަސީގެ ވާހަކަތައް ދެކެވެން ފަށައި ހަރަކާތްތައް ހިނގައިގަތުމުން އޭގެ ތެރެއިން ބަޔަކު އޭރުގެ އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދުގެ ފަހަތަށް އެރިއެވެ. އެމްޑީޕީ އުފެދިގެން ވަރަށް ފަހަކާ ޖެހެންދެން ވެސް ގިނަ ބަޔަކު ތިބީ އެމްޑީޕީއަކީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ދެކިގެންނެވެ. ނަމަވެސް މި އަހަރުގެ ރިޔާސީ ޕްރައިމަރީގެ ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުމަށް ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ތާރީހީ ޕްރައިމަރީގައި އެކަން އެވަނީ ބަދަލުވެފައެވެ. އެމްޑީޕީއަކީ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ހާއްސަ ޕާޓީއެއް ނޫންކަން އެ ވަނީ ސާބިތުވެގެން ގޮސްފައެވެ.
ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކޮށް މަޖިލިސް އިންތިހާބު ބޮޑު ތަނުން ނަގައި, ކައުންސިލް އިންތިހާބުވެސް އަދި ބޭއްވުނު ހުރިހާ ބޮޑެތި ބައި އިލެކްޝަންތަކާއި އަދި ގައުމީ މަޖިލިސް އިންތިހާބުތަށް ރައީސް ސޯލިހުވަނީ ފަސޭހަ ކަމާއެކު ކިހިލި ޖަހާލާފައެވެ. ބަޔަކު ދެކޭގޮތުގައި މިއީ އިއްތިފާގެއް ކަމަށް ދެކުނަސް, ހިސާބު ކިތާބު ދައްކަނީ ރައީސް ސޯލިހަކީ އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވާ ފޯމިއުލާ ގިރައި ބޮއިގެން ހުރި މުފައްކިރެއް ކަމެވެ. މިހާތަނަކުން ބޮޑު އެއްވެސް އިންތިހާބަކުން ބަލި ނުވާތަނުގައި, އުދަނގޫ ބޮޑެތި ފިކުރުތަކުގެ ކޯލިޝަނެއް ދެމެހެއްޓުމުގެ ކުރެޑިޓް ރައީސް ސޯލިހަށް ދިނުމުގެ ވަގުތު މިއޮތީ ޖެހިފައިކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ވިދާޅުވެއެވެ.
ރިޔާސީ ޕްރައިމަރީގައި ވަރަށް ފުރިހަމަ އަގުލަބިއްޔަތަކުން ރައީސް ނަޝީދުގެ މައްޗަށް ކާމިޔާބު ހޯއްދެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 57،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 40،000 އަށް ވުރެ ގިނަ މީހުން ވޯޓުލީ އިރު ރައީސް ސޯލިހް އިންތިހާބު ކާމިޔާބުކުރެއްވީ 24،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އެއީ 61 ޕަސެންޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 15،000 ވޯޓެވެ. އެއީ 36 ޕަސެންޓެވެ. ޕްރައިމަރީގައި 70 ޕަސެންޓަށް ވުރެ ގިނަ މީހުން ވޯޓު ލާން ނުކުތުމަކީ ވެސް ޕާޓީއެއްގެ އެތެރޭގެ އިންތިހާބަކާ ބަލާފައި ވަރަށް ބޮޑު ކާމިޔާބީއެކެވެ.
ސިޓީތަކަށް ބަލާއިރު ބޮޑެތި ހުރިހާ ތަނެއްގެ ވެސް މެޖޯރިޓީ ހޯއްދެވީ ވެސް ރައީސް ސޯލިހެވެ. ކުރިން ހީވެފައި އޮތީ އައްޑޫ އާއި މާލެ އަދި ފުވައްމުލަކުގެ މެޖޯރިޓީ ނަންގަވާނީ ރައީސް ނަޝީދު ކަމަށެވެ. ނަމަވެސް ކުޅުދުއްފުށި ފިޔަވައި ހުރިހާ ސިޓީއެއްގެ ވެސް މެޖޯރިޓީ ހޯއްދެވީ ރައީސް ސޯލިހެވެ. ކުޅުދުއްފުށީ ގެއްލުނު މައިގަނޑު ސަބަބަކަށް ވަނީ އެ ރަށުގެ މޭޔަރާއި ކައުންސިލްގެ ބައެއް މެންބަރުންނާއި މަޖިލީހުގެ މެންބަރަކު ފާޅުގައި ރައީސް ސޯލިހާއި ދެކޮޅަށް މަސައްކަތްކުރެއްވުމެވެ. ނަވެސް އެ ސިޓީ ވެސް ރައީސް ނަޝީދަށް ކާމިޔާބުކުރެއްވުނީ ކުޑަ ތަފާތަކުނެވެ. ރައީސް ސޯލިހަށް 48 ޕަސެންޓް ލިބިފައިވާ އިރު ރައީސް ނަޝީދަށް ލިބިފައި ވަނީ 52 ޕަސެންޓެވެ. މާލެ ސިޓީ 51 ޕަސެންޓުން އަދި އައްޑޫ 52 ޕަސެންޓް އަދި ފުވައްމުލަކު ސިޓީން ރައީސް ސޯލިހް ވަނީ 53 ޕަސެންޓް ހޯއްދަވާފައެވެ. އަތޮޅުތައް ވަކިވަކިން ބެލި ނަމަވެސް ހުރިހާ އަތޮޅަކުން ވެސް ކުރި ހޯއްދެވީ ރައީސް ސޯލިހެވެ.
އެތެރޭގެ އިންތިހާބުތަކަށް ފަހު އާންމު ގޮތެއްގައި ޕާޓީތަކުގައި ރެނދުލައެވެ. މީގެ ކުރިން ރައީސް މައުމޫނުގެ ޑީއާރުޕީ ވެސް ނެތިގޮސް ބައިބައިވެ އާ ޕާޓީތައް އުފެދިފައި ވަނީ އެތެރޭގެ އިންތިހާބުތަކާ ގުޅިގެން އުފެދުނު ކޯޅުންތައް ބޮޑުވެގެންނެވެ. އެ ގޮތުން ކުރި ފަޅައި ޖުމްހޫރީ ޕާޓީ އާއި ޕީޕަލްސް އެލަޔަންސް އާއި ޕީޕީއެމް ވެސް ވުޖޫދުވެ އެންމެ ފަހުން ރައީސް މައުމޫންގެ ސިޔާސީ ކެރިއަރު ވެސް ފަނޑުވިއެވެ. އޭގެ ފަހުން އަމިއްލަފުޅަށް އެމްއާރުއެމްގެ ނަމުގައި ޕާޓީއެއް އުފައްދަވާފައި ވެއެވެ. ނަމަވެސް އެ ޕާޓީ ވެސް ދެމި އޮންނަނީ ކިރިޔަ ކިރިޔާއެވެ.
އެހެން ޕާޓީތަކާ ހިލާފަށް މިހާތަނާ ޖެހެންދެން ވެސް އެމްޑީޕީގެ އެތެރޭގެ ކޯޅުންތައް ކޮންމެ ގޮތަކަށް އޮތް ނަމަވެސް އާންމު މެންބަރުން ތިބީ ރައީސް ނަޝީދުގެ ފަހަތުގައެވެ. ޕާޓީ ދޫކޮށް ދާންޖެހުނީ ޕާޓީގެ ލީޑަޝިޕްގައި ރައީސް ނަޝީދާ ވާދަކުރެއްވި ބޭފުޅުންނެވެ. އެގޮތުން ޑރ. މުހައްމަދު މުނައްވަރާއި، ޑރ. އިބްރާހީމް ދީދީ އާއި އިބްރާހީމް އިސްމާއީލާއި އަލްހާން ފަހުމީ އާއި ރީކޯ މޫސާ މަނިކް އަށް ވެސް ޖެހުނީ އެއް ހާލެކެވެ. ރައީސް ނަޝީދުގެ ރުހުން ނެތުމުން ޖެހުނީ ޕާޓީ ދޫކޮށްލާށެވެ. އެހެން ނަމަވެސް މި ފަހަރު އެކަން މި ވަނީ ބަދަލުވެފައެވެ. އެމްޑީޕީގެ ތާރީހުގައި ވެސް އާ ބާބެއް މި ވަނީ ލިޔެވެން ފަށައިފައެވެ. މި ފަހަރު އެމްޑީޕީގެ މެންބަރުންގެ ހޮވުމަކީ ރައީސް ނަޝީދެއް ނޫނެވެ. އެއީ އެމަނިކުފާނަށް ޤަބޫލްކުރައްވަން ދަތި ކަމަކަށް ވިޔަސް ވޯޓުގެ ނަތީޖާ އިން ދައްކަނީ މުޅިން އެހެން މަންޒަރެކެވެ. ކޮންމެ ލީޑަރަކީ ވެސް ފަނޑުވެގެން ދާނެ މީހެއް ކަމެކެވެ.
ޕްރައިމަރީގެ ނަތީޖާއާ މެދު ރައީސް ނަޝީދާއި އެމަނިކުފާނުގެ ބައިވެރިން ތަފާތު ތުހުމަތުތައް އެބަ ކުރައްވައެވެ. ޕްރައިމަރީ ފެށުމުގެ ކުރިން ވެސް ދެއްކެވީ އެމަނިކުފާނަށް ތާއީދުކުރައްވާ 30،000 އަށް ވުރެ ގިނަ މެންބަރުން ޕާޓީގެ ދަފްތަރުން އުނިކުރި ވާހަކައެވެ. އެހެން ދިމާވީ ޕާޓީގެ ދަފްތަރަކީ އިލެކްޝަންގެ ދަފްތަރު ކަމަށް ޕާޓީގެ ގައުމީ މަޖިލީހުން ނިންމުމުންނެވެ. ނަމަވެސް ރައީސް ނަޝީދު އެ ވިދާޅުވާ ގޮތަށް 30،000 މީހުންގެ ތެރޭގައި ތިބީ ހަމައެކަނި އެމަނިކުފާނުގެ ސަޕޯޓަރުންނެއް ނޫނެވެ. ޕާޓީ އަށް ވަފާތެރި އަދި އެންމެ ކުރިން ފެށިގެން ޕާޓީގެ ކަންކަމުގައި އުޅުނު ގިނަ ބަޔަކު ޕާޓީން ވަކިވެފައި ވަނީ ފޯމްގައި ފިންގަޕްރިންޓް ނެތުމުން އިލެކްޝަންގެ ދަފްތަރުން އުނިކުރުމުގެ ސަބަބުންނެވެ. ނަމަވެސް އޭގެ ތެރޭގައި ރައީސް ސޯލިހަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ވެސް ތިއްބެވެ. އެކަން އެނގެނީ ފެށުނީއްސުރެ އެމްޑީޕީ އަށް ވަފާތެރި ނަމަވެސް މިފަހަރުގެ އިންތިހާބުގައި ވޯޓު ނުލެވޭ ކިތަންމެ ބަޔަކު ރައީސް ސޯލިހްގެ ކެމްޕެއިންގެ ކަންކަމުގައި ވެސް އިސްކޮށް އުޅުމުންނެވެ. އެހެންކަމުން ވަކިވި 30،000 މީހުންގެ މެޖޯރިޓީ އޮތް ގޮތެއް ބުނާކަށް ނޭނގެއެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީއަކީ މިހާތަނަށް ބޭއްވި އެންމެ ފޯރިގަދަ އިންތިހާބެވެ. ހަމަނުޖެހުން ވެސް ބޮޑެވެ. ބައެއް މަރުކަޒުތަކުގައި ދެ ފަރާތުގެ ސަޕޯޓަރުން އެއްބަޔަކު އަނެއް ބައެއްގެ ގަޔަށް ބޮލަށް އަރައިގަނެ ވޯޓު ފޮށިތައް ފަޅާލުން ފަދަ ކަންކަން ހިނގިއެވެ. އެހެންކަމުން ދަގަނޑު ފޮށްޓަކަށް ވެސް ވޯޓު އަޅަން ޖެހުނެވެ. ނަމަވެސް މިއީ އެމްޑީޕީއަކަށް އާ ކަމެއް ނޫނެވެ. މީގެ ކުރިން 2018 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި އޭރުގެ ސަރުކާރުން ފުލުހުން މެދުވެރިކޮށް ހިންގި ކަންތަތަކުގެ ސަބަބުން އެމްޑީޕީ މީހުން ވޯޓު އެޅީ ކޮންކްރިޓް މެޝިނަށާއި ޑަބިޔަލާއި ފޮށިގަނޑުގަނޑަށެވެ. ނަމަވެސް އެ ފަހަރު ވާދަވެރިކަމެއް ނެތުމުން އެމްޑީޕީ މީހުން އެ ޕްރައިމަރީގެ ނަތީޖާ ވެސް ރަސްމީ ގޮތެއްގައި ތިބީ ގަބޫލުކޮށްގެންނެވެ.
އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފައްދާ މީހުން ދެން ދައްކަމުން ދަނީ ބައެއް ދާއިރާތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށް ވުރެ ކޮންމެ ވެސް މިންވަރަކަށް އިތުރަށް ވޯޓުލާފައިވާ ކަމަށް ނަތީޖާ ޝީޓުން ދެއްކުމެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުން އެއީ “ޓައިޕޯ”އެކެވެ. މިކަމާ ބެހޭ ގޮތުން ޕާޓީން ރަސްމީކޮށް އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް ފެންނަ ފެނުމުގައި މިއީ ވަރަށް މަދު އަދަދެކެވެ. ރައީސް ނަޝީދުގެ ޓީމުން ތުހުމަތުކުރާ ގޮތުގައި އެއީ ވޯޓު ވަގަށް ނެގި ކަމުގެ ހެއްކެކެވެ. ނަމަވެސް މިފަދަ ކަންކަމަކީ އިންތިހާބުގެ މުޅި ނަތީޖާއަށް އަސަރުކުރާނެ ފަދަކަމެއް ކަމަކަށް ނުބެލެވެއެވެ. އަދި ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބެއް ތިޔަބުނާހާ ސާފު ސީދާކޮށް ނުފޫޒެއް ނެތި ދުވަހަކުވެސް ބޭއްވިފައެއްނެތެވެ.
ދެން އޮތީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމެވެ. ފެންނަ ފެނުމުން ޕާޓީގެ އެތެރޭގައި ބައިބައިވުންތައް އޮންނާނެއެވެ. އެއްބަޔަކު ޕާޓީން ވަކިވާނެކަން މިހާރު ވެސް ވަނީ ކަށަވަރުވެފައެވެ. ރައީސް ނަޝީދުގެ ސިޔާސީ ކުރިމަގާ މެދު ނިންމަވާ ގޮތެއް އަދި ނޭނގުނު ނަމަވެސް އެމަނިކުފާނު މިހާތަނަށް ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު އެމަނިކުގާނުގެ އެންމެ ގާތް އެކުވެރިޔާ އަދި މިހާރު އެންމެ ވާދަވެރި ބޭފުޅާ ކަމަށްވާ ރައީސް ސޯލިހުގެ ފަހަތަށް ނާރުއްވާނެއެވެ. ނަމަވެސް އެނގޭ ކަމަކީ އެމްޑީޕީގެ ތާރީހުގައި އާ ބާބެއް ލިޔެވިގެން ހިނގައްޖެ ކަމެވެ. ޕާޓީގެ ދަފްތަރުގައި ތިބި ގިނަ މީހުން މި ވަގުތު ބޭނުންވަނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް ސޯލިހާ އެކު ޕާޓީ ކުރިއަށް ގެންގޮސް ރިޔާސީ އިންތިހާބު ކާމިޔާބުކުރަންކަން ނަތީޖާ އިން އެ ވަނީ ސާބިތުކޮށްދީފައެވެ.