ރިޕޯޓު: ގައިން ގަޔަށް ނާރާބަލިތަކުން ރައްކާތެރިކުރުމަށް ސަރުކާރުން ކުރަނީ ކީތް؟
30 ޖެނުއަރީ 2023 - 15:06
ކޮންމެ އިންސާނަކުވެސް މަރުވަންދެން އެމީހެއްގެ ހަށިގަނޑާއި ނަފްސު ބަލިތަކުން ރައްކާތެރިކުރުމަށް އެދޭނެއެވެ. ސިއްހީ ނިޒާމު ރަނގަޅު ކުރަންޖެހޭ ވާހަކަ ދައްކާ މީހުން ގިނައީ އެހެންވެއެވެ. އެންމެންވެސް ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރަން ބޭނުންވާތީއެވެ. ރަނގަޅު ހޮސްޕިޓަލާއި ބޭސް ބޭނުންވާތީއެވެ. އެހެނަސް މިއީ ބަލިވުމުން ބޭނުން ޖެހޭ ކަންކަމެވެ. ބަލިވުމުގެ ކުރިން ހޮސްޕިޓަލެއް އަދި ބޭހެއްގެ ބޭނުމެއް ނުޖެހެއެވެ. ކަން މިހެން އޮތަސްވެސް ގިނައިން ދެކެވެނީ ބަލިވީމާ ދެން ވާންޖެހޭ ރަނގަޅު ގޮތްގޮތުގެ ވާހަކައެވެ. ނަމަވެސް، ބަލިވުމުގެ ކުރިން ބަލިން ސަލާމަތް ވުމުގެ ވާހަކަ ދެކެވެނީ ވަރަށް މަދުންނެވެ.
ޕްރިވެންޓިވް ހެލްތަ ކެއާ ނުވަތަ ބަލި ޖެހުމުގެ ކުރިން ބަލިން ސަލާމަތްވުމަކީ ސިއްހީ ނިޒާމުގެ އެއްބައެވެ. ސިއްހީ ނިޒާމު ބިނާވެފައި އޮންނަނީ ތިން ބައެއްގެ މައްޗަށެވެ. އެއީ؛ ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރި ކުރުމާއި، ބަލި ޖެހުމުން ބަލި ދެނެގަތުމާއި، ބައްޔަށް ފަރުވާ ކުރުމުގެ މައްޗަށެވެ.
ސަރުކާރުގެ ކީ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވެސް ޕްރިވެންޓިވް ހެލްތް ކެއާ ނުވަތަ ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރި ކުރުން ހިމަނާފައިވަނީ ހާއްސަ ސަމާލުކަން ދޭ ދާއިރާއެއްގެ ގޮތުގައެވެ. ދުޅަހެޔޮ ދިރިއުޅުން ކުރިއެރުވުމާއި ޕްރިވެންޓިވް ހެލްތް ކެއާގެ ސިޔާސަތަކީ ބަލިޖެހުމުގެ ކުރިން ބަލިތަކުން މީހުން ރައްކާތެރިކޮށް، ބަލި މީހުން މަދު ކުރުމަށް އެންމެ މުހިންމު ދެ ސިޔާސަތެވެ. ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކުގެ ކަރުދާސްތަކުގައި ވެސް މިކަން އޮތީ މިގޮތަށެވެ.
މިހާރުގެ ހާލަތު — ބަލި އާބާދީ ބޮޑު
ރާއްޖޭގެ އާބާދީ އަށް ބަލާއިރު، އާބާދީގައި ގިނައީ ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު މީހުންނާއި ބަލިތައް ޖެހިފައިވާ މީހުންކަމަށް ބެލެވެން އެބައޮތެވެ. ޑަބްލިއު އެޗް އޯ އާއި ހެލްތް މިނިސްޓްރީ ގުޅިގެން މިދިޔަ އަހަރު ހެދި ސްޓެޕްސް ސާވޭއިން ދައްކާ ގޮތުން،
- ކޮންމެ ހަތަރު މީހަކުން އެކަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހެއް
- 8 އަހަރުން ދަށުގެ ކުދިން ވެސް ދުންފަތުގެ އިސްތިއުމާލުކުރޭ
- ކޮންމެ 20 މީހަކުން އެކަކީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ބަނގުރާ ބޯ މީހެއް
- ކޮންމެ ދެ މީހަކުން އެކަކީ ދުވާލެއްގެ މައްޗަށް ކާންވާ ވަރަށް ތަރުކާރީ އާއި މޭވާ ނުކާ މީހެއް
- ކޮންމެ ތިން މީހަކުން އެކަކީ މާ ގިނައިން ލޮނު ބޭނުންކުރާ މީހެއް
- ކޮންމެ ތިން މީހަކުން އެކަކީ ކޮލެސްޓްރޯލް ހުންނަ މީހެއް
- އާބާދީގެ 50 ޕަސެންޓަކީ ޑަބްލިއުއެޗްއޯގެ މިންގަނޑާ އެއްގޮތަށް ކަސްރަތު ނުކުރާ މީހުން
- އާބާދީގެ 50 ޕަސެންޓަކީ ފަލަ މީހުން
- ކޮންމެ ފަސް މީހަކުން އެކަކީ އާދަޔާހިލާފަށް ފަލަ މީހެއް
- ކޮންމެ ހަތަރު މީހަކުން އެކަކީ ލޭމަތި މީހެއް
- އާބާދީގެ 14 ޕަސެންޓް މީހުންގެ ހަކުރުމަތި
- އުމުރުން 18-44 އަހަރާ ދެމެދުގެ ކޮންމެ ތިން މީހަކުން އެކަކީ ތިނެއް ނުވަތަ އެއަށް ވުރެ ގިނަ ހިތުގެ މައްސަލަތައް ހުންނަ މީހެއް
- އާބާދީގައި ހިމެނޭ 45-59 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން 50 ޕަސެންޓް މީހުންނަކީ ހާޓްއެޓޭކާއި ސްޓްރޯކް ޖެހިދާނެ ފަދަ އާދަތައް ގެންގުޅޭ މީހުން
- ރާއްޖޭގައި ކޮންމެ އަހަރެއްގައި މަރުވާ މީހުންގެ 84 ޕަސެންޓަކީ ގައިން ގަޔަށް ނާރާ ބަލީގައި މަރުވާ މީހުންނެވެ.
އާސަންދައަށް ކުރާ ހޭދަ އެތައް ތަނެއް ކުޑަކުރެވޭނެ
ބަލި މީހުންނަށް ފަރުވާ ދިނުމަށް އާސަންދަ އިންޝުއަރެންސްގެ ދަށުން އަހަރަކު ބިލިޔަނަށް ވުރެ ފައިސާ ހަރަދުކުރެއެވެ. 2021 އަދި 2022 ވަނަ އަހަރުގެ އާސަންދައިން 1.5 އަދި 1.6 ބިލިޔަން ރުފިޔާ ބޭސްފަރުވާ އަށް ހޭދަކޮށްފައިވެއެވެ. ރާއްޖޭގައި މިވަގުތު ބޭސް ވިއްކާ 200 އަށް ވުރެ ގިނަ ފާމަސީ ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކޮށްފައިވެއެވެ. ބޭހަކީ މީހާގެ ސިއްހަތު އަނބުރާ ހޯދައިދޭ އެއްޗެއް ނޫނެވެ. އެއީ ބަލިތަކުގެ އަލާމާތްތައް ކުޑަކުރުމަށް ނުވަތަ ނައްތާލުމަށް ދެވޭ ފަރުވާގެ ބައެކެވެ.
އާސަންދައަށް ކުރާ ޚަރަދުގެ 60 އިންސައްތަ ހިނގަނީ ބޭހުގެ ޚަރަދަށް ކަމާއި އާސަންދައިގެ ހަރަދު ބޮޑުކަމާއި އިސްރާފު ބޮޑުކަން މިއަހަރުގެ ބަޖެޓު ފޮތުގައި ބަޔާންކޮށްފައިވެއެވެ. އެންމެ ބޮޑު އިސްރާފެއް ހިނގަނީ ރާއްޖެއަށް އެތެރެކުރާ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސްގެ އަގުތައް މަތިކަމުން ކަމަށް ވެސް ބަޖެޓު ފޮތުގައި ބަޔާންކޮށްފައިވެއެވެ.
ރާއްޖޭގެ ބަޖެޓުގެ 42 އިންސައްތަ ހަރަދުކޮށްފައިވަނީ އިޖުތިމާއީ ދާއިރާތަކަށެވެ. އެއީ، އިޖުތިމާއީ ރައްކާތެރިކަމަށް 15 އިންސައްތަ، ތައުލީމަށް 13 އިންސައްތަ އަދި ސިއްހީ ނިޒާމަށް 20 އިންސައްތައެވެ. ސިއްހީ ކަންކަމަށް ހޭދަކޮށްފައިވަނީ ޖީޑީޕީގެ 7 އިންސައްތައެވެ.https://t.co/cm5MMRIOOG— MV+ (@mvplusmedia) October 12, 2022
ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމުގެ ކުރިން އެބަލިތަކުން މީހުން ރައްކާތެރިކުރެވިއްޖެ ނަމަ ބަލިތައް މަދުކުރުމަށް ކުރާ ހޭދައިގެ ކޮންމެ 16 ރުފިޔާ އަކުން 1 ރުފިޔާ ސަލަމާތްކުރެވިދާނެކަން ސްޓެޕް ދިރާސާއިން ވެސް ދައްކައެވެ. ދުޅަހެޔޮ ރައްޔިތަކު ދިރިއުޅޭ އާބާދީއެއް އޮންނަ ގައުމެއްގައި ހަމަ އެކަނި ސަލާމަތް ކުރެވެނީ ވަކިވަކި ފަރުދުންގެ ސިއްހަތެއް ނޫނެވެ.
ގައުމުގެ ސިއްހީ ނިޒާމަށް ލުއިވެ، ހަރަދުތައް ވެސް ބޮޑުތަނުން ކުޑަކުރެވޭނެއެވެ. މިކަން ހާސިލު ކުރުމަށްޓަކައި އެންމެ މުހިންމީ ދައުލަތުން ދައުލަތުގެ ޒިންމާ އަދާ ކުރުމެވެ. އަދި ވަކިވަކި ފަރުދުން ފަރުދީ ޒިންމާ އަދާކުރުމެވެ.
ހެލިފެލިވުމަށް ހުރި ހުރަސްތައް ނައްތާލުމަށް ފަރުދީ ޒިންމާ އަދި ދައުލަތުގެ ޒިންމާ
ގައިންގަޔަށް ނާރާބަލިތައް ނައްތާލުމާއި ގުޅޭ މަލްޓި ސެކްޓޯރަލް އެކްޝަން ޕްލޭންގައި ޑަބްލިއު އެޗްއޯ އިން ފާހަނގަކޮށްފައިވާ ގޮތުގައި ތޮއްޖެހިފައިވާ ބޮޑެތި ރަށްރަށުގައި މީހުން ހެލިފެލިވެ އުޅުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވެއެވެ. އާބަން ޕްލޭން ހެދުމުގައި މީހުން ހެލިފެލިވެ އުޅެވޭނެ ގޮތްތަކަކަށް ޕްލޭން ކުރުމުގެ މުހިންމު ކަން ވެސް މި ރިޕޯޓުގައި ފާހަނގަކޮށްފައިވެއެވެ.
މާލޭ ސަރަހައްދުގެ ހާލަތައް ބަލާއިރު، ބައިސިކަލް ދުއްވާނެ ހާއްސަ ލޭންތަކެއް މަގުތަކުގައި ނެތެވެ. ދުވާ މީހުންނާއި ހިނގާ މީހުން ޕޭވްމަންޓުން ދަނިކޮށް ދުއްވާ އުޅަނދުތަކުން ޖެހި މަރުވުން ފަދަ ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ. އެހެންކަމުން މާލޭގެ މަގުތަކަކީ ކަސްތަރުކުރުމަށް ރައްކާތެރިތަނެއް ނޫނެވެ.
ދުވެ ކަސްރަތުކުރުމަށް ހުރި ޕްބްލިކް ޖާގަތައް މިހާރު މަދުކަން މި ރިޕޯޓުގައި ވެސް ބަޔާންކޮށްފައިވެއެވެ. މާލޭ ސަރަހައްދުގެ ގެތައް ކުދިވަމުން އަންނަ މިންވަރަށް ބަލާއިރު ގޭތެރޭގައި ވެސް ހިނގައި ހެލިފެލިވެ އުޅުމަށް އޮންނަ ޖާގަ މިހާރު މިވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. ހުރިތަނުން ތެދުވެ މަދު ފިޔަވަޅުތަކެއް އަޅާލެވޭއިރު މީހާގެ މޫނު ފާރުގައި ނުޖެހޭ އެޕާޓްމަންޓެއް މާލޭގައި ނުހުންނާނެއެވެ.
ރާއްޖޭގެ ރަށްތަކުގައި މިކަން ތަފާތެވެ. ގޯތީގައި ޖާގައޮވެއެވެ. ނަމަވެސް ދުވެ، ހިނގަން ބޭނުންވާ މީހުންނަށް އެކަން ކުރުމުގެ ޖާގަ އަންނަނީ ހަނިވަމުންނެވެ. މަގުތައް ހަދަމުން އަންނަނީ އެއްވެސް މިންވަރަކަށް ބައިސިކަލަށް ހާއްސަ ލޭނުތަކެއް ހިމަނައިގެނެއް ނޫނެވެ. ހުރިހާ މަގުތައް ހަދައި ނިމޭއިރު، ކަސްރަތަށް ހިނގައި ދުވެ ހަދާނެ ޖާގަ ރަށްރަށުން ގެއްލޭނެއެވެ. ތާރު އަދި ކޮންކްރީޓު މަތީ ކަސްރަތަށް ވާގޮތަށް ހިނގުމާއި ދުވުމަކީ ހުޅުހުޅަށް ގެއްލުން ވާކަމެއް ކަމުގައި ކަށީގެ ޑޮކްޓަރުން ބުނެއެވެ.
ރަނގަޅު ކާނާ ހިޔާރުކުރުމުގައި ހުރި ހުރަސްތައް
ގައިންގަޔަށް ނާރާ ބަލިތައް ގިނަ ވުމުގެ އެންމެ ބޮޑު އަނެއް ސަބަބަކީ ސިއްހަތަށް ނުރަނގަޅު ކާބޯތާކެތި ބޭނުން ކުރުމެވެ. އިމްޕޯޓު ކުރާ ކާނާއަށް މާބޮޑަށް ބަރޯސާވެފައި އޮންނަ ގައުމެއް ކަމުން، މި ގައުމަށް އެތެރެކުރެވޭ ކާނާގެ ކޮލިޓީ ކަށަވަރުކުރެވޭނެ ގޮތެއް ހޯދޭނެ ނިޒާމެއް ގާއިމުވާން ޖެހޭ ކަމަށް ޑަބްލިއު އެޗް އޯގެ ރިޕޯޓުގައި ފާހަގނަކޮށްފައިވެއެވެ.
މިހާރު ރާއްޖޭގެ ބާޒާރުތަކަށް ގެނެސް ވިއްކަން ހުންނަ ކާބޯތަކެތީގެ ތެރޭގައި އަގުހެޔޮކޮށް ގަންނަން ލިބޭ، ހަށިގަނޑަށް ނުރައްކާތެރި ކާނާގެ ބާވަތްތައް ގިނައެވެ. އިމްޕޯޓު ކުރާ ކާނާގެ ކޮލިޓީ ހިފެހެއްޓުމާއި ބެހޭ ގާނޫނެއް ގަވާއިދެއް އަދި ރާއްޖޭގައި ހަދާފައެއް ނުވެއެވެ. ފަރުދީ ޒިންމާ އަދާކުރުމުގެ ގޮތުން، ތިމާގެ ހަށިގަނޑަށް އެތެރެކުރެވޭ ކާނާގެ ފެންވަރު ކަށަވަރު ކުރަން ބޭނުންވާ ނަމަ އޮތީ ގޭގައި ހެއްދޭ ބާވަތްތައް ގޭގައި ހައްދައިގެން ކެއުމެވެ. ނުވަތަ ރަށުގެ ދަނޑުތަކުން ލިބެން ހުންނަ، ކެމިކަލް ނުހިމެނޭ ކާނާ ކެއުމެވެ. މާލޭގައި ނަމަ އެންމެ ފެންވަރު ރަނގަޅު ކާނާ އިމްޕޯޓުކުރާ ފިހާރަތަކުން ލިބެން ހުންނަ ތަކެތި ބޭނުންކުރުމެވެ. މިއީ އަގުބޮޑު ކަމެކެވެ. ތަނަވަސްކަން ހުންނަ މީހަކަށް ނޫނީ ނުހޯދޭނެ ރައްކާތެރިކަމެކެވެ.
ބަލި މީހުން ގިނަވަނީ ދިރިއުޅުމުގެ ވަށްޓަފާޅި ހުންނަ ގޮތުން ކަމަށް ވާއިރު، ޕްރިވެންޓިވް ހެލްތް ކެއާގެ ބައެއްގެ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މީހުންނަށް މަގުފަހިވާ ގޮތަށް ސިޔާސަތުތައް ވެސް ބަދަލުވުން މުހިންމެވެ. މިސާލަކަށް، މަސައްކަތު ވަގުތު މަދުކުރުން، ރަށްރަށުގައި އަމިއްލަގޭގައި ކާނާގެ ބާވަތްތައް އިންދައިގެން ކެއުމަށް ބާރުއެޅުމަށް ހާއްސަ ސިޔާސަތުތަކެއް ހެދުން، އަދި ކަސްރަތުކުރެވޭނެ ފަހި ގޮތްތަކެއް ރަށްރަށުގައި ގާއިމުކުރުން ހިމެނެއެވެ. ކޮމިއުނިޓީ ހެލްތްވޯކަރުން ގިނަކޮށް، ގޭގެއަށް ގޮސް މައުލޫމާތު ދިނުމާއި އާއިލާތަކުގެ ހާލަތު ބެލުމަކީ ނުވަދިހައިގެ އަހަރުތަކުގައި ރަށްރަށުގައި ކުރަމުން އައި ނަމަވެސް މިހާރު ހުއްޓާލާފައިވާ ކަމެކެވެ.
ގައިގަޔަށް އަރާ ބަލިތައް އެކީ ނައްތާލެވުމާއި އެކު ޔުނިސެފްގެ ސާސްކަފް ލަނޑުދަނޑިތައް ހާސިލުވުމުން އެ ހިސާބުން ކޮމިއުނިޓީ ހެލްތް ވޯކަރުންގެ މަސައްކަތް ހުއްޓުނީއެވެ. ނަތީޖާ އަކަށް ވީ ގައިންގަޔަށް ނާރާ ބަލިތައް ގިނަވާން ފެށުމެވެ. އެކިފަހަރުމަތިން ރާއްޖޭގެ ސިއްހީ ނިޒާމާއި، ބަލިތައް އިތުރުވަމުން އަންނަ މިންވަރާއި މެދު ޑަބްލިއުއެޗް އޯ އިން ހަދާފައިވާ ރިޕޯޓުތަކުގައި ވެސް މިކަންކަން ބަދަލުކުރުމަށް ކުރެވޭނެ ކަންކަމުގެ އިރުޝާދުތައް ވެސް ހިމަނާފައިވެއެވެ.
މަލްޓި ސެކްޓޯރަލް އެކްޝަން ޕްލޭން ގައިވެސް އެކަންކަމަށް ރިއާޔަތްކޮށް އެކި ސިޔާސަތުތައް ހެދުމަށް ކަނޑައަޅާ ހިމަނާފައިވެއެވެ.
މަލްޓިސެކްޓޯރަލް އެކްޝަން ޕްލޭންއެއްގެ ބޭނުމަކީ ވެސް އެއީ އެވެ. މަލްޓި ސެކްޓާސް ތައް ނުވަތަ ހުރިހާ ދާއިރާތަކެއްގެ ސިޔާސަތު ހެދުމާއި ތަންފީޒުކުރުމުގައި ރައްޔިތުންގެ ސިއްހަތަށް އެންމެ ރަނގަޅުގޮތަށް ބަލައިގެން، ކަންކަން ނިންމުމެވެ.
މަގު ހެދުމާއި، ގޭގެ އިމާރާތް ކުރުމާއި، މަސައްކަތު މާހައުލާއި، މަސައްކަތު ވަގުތާއި، ކާނާ އިމްޕޯޓު ކުރުމާއި، ދަނޑުވެރިކަން ކުރުމާއި، ކެމިކަލް އިމްޕޯޓާއި، މި ހުރިހާ ކަންކަމަކީ ލައިފްސްޓައިލް ނުވަތަ ދިރިއުޅުމުގެ ވަށްޓަފާޅިއަށް އެކި މިންވަރަށް އަސަރުކުރާ ކަންކަން ކަމުން ސިޔާސަތު ކަނޑައަޅައި ތަންފީޒު ކުރުމުގައި މިކަންކަމުން ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރަން ޖެހެއެވެ.
ގައިންގަޔަށް ނާރާ ބަލިތައް މަދު ކޮށް، ދުޅަހެޔޮ އާބާދީ އެއް ދެމެހެއްޓޭނީ ހުރިހާ ދާއިރާތަކަކުން ހަދާ ހުރިހާ ސިޔާސަތެއް ވެސް ބިނާކުރާ އަސާސަކީ އެތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ ދުޅަހެޔޮކަން ކަމުގައި ވެގެންނެވެ. ނޫންނަމަ، ފަރުދީ ޒިންމާ ނަގައިގެން ތިމާގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާ މީހާއަށް އެ ފުރުސަތު އެކީ ގެއްލި ހިނގައިދާނެއެވެ. މުހިންމީ ހަމަ އެކަނި ހޮސްޕިޓަލުތަކާއި ޑޮކްޓަރުންގެ ފެންވަރު ރަނގަޅުވުމެއް ނޫނެވެ. ޑޮކްޓަރުންނާއި ހޮސްޕިޓަލާއި ބޭހާއި ނުލައި ދިރިއުޅެވޭނެ މަގު ފަހިކުރުމުގެ ވާހަކަވެސް މުހިންމެވެ.