ރިޕޯޓު: ނުނިމި ހުރި ފްލެޓްތައް — ކޮވިޑްގެ ބަހަނާއަކުން ނުފުދޭ!
11 ފެބުރުއަރީ 2023 - 15:21
ސަރުކާރުން ތަރައްގީކުރާ ފްލެޓްތަކުގެ އިތުރުން އަމިއްލަ ގިނަ ކުންފުނިތަކަކުން ވެސް އަންނަނީ ހުޅުމާލޭގައި ލަގްޒަރީ ފްލެޓްތަކެއް ތަރައްގީކުރަމުންނެވެ. ބައެއް ފަރާތްތަކަށް ހަވާލުކުރި ބިންތަކުގައި ފްލެޓްތައް ތަރައްގީކޮށް މީހުން ދިރިއުޅެން ފެށި ނަމަވެސް ބައެއް ކުންފުނިތަކާ ހަވާލުކުރި ފްލެޓްތައް އަދިވެސް ނުނިމެއެވެ. ނިންމަންޖެހޭ މުއްދަތު ފަހަނައަޅައި ދިޔަތާ އެތައް ދުވަހެކެވެ.
މީގެ ތެރޭގައި ފަސް ވަރަކަށް އަހަރު ކުރިން މަސައްކަތް ފެށި ތަންތަން ވެސް ހިމެނެއެވެ. އެ ތަންތަނަށް ފައިސާ ދެއްކި މީހުން އަދިވެސް ތިބީ އިންތިޒާރުގައެވެ. ކުންފުނިތަކުން ތާރީހަކަށް ފަހު ތާރީހެއް ދަނީ ދެމުންނެވެ. ނަމަވެސް ނިމުމެއް ނާދެއެވެ.
ފްލެޓުތައް ވިއްކާ ހުސްކޮށްފި، އެކަމަކު މަސައްކަތް ނުނިމޭ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ނުނިމި ހުރި މިފަދަ ތަންތަން ނޫސްވެރިންނަށް ދައްކާލާފައެވެ. އަދި އެ ތަންތަން ތަރައްގީކުރަމުން އަންނަ ކުންފުނިތަކާ ވާހަކަ ދެއްކޭނެ މަގު ފަހިކޮށްދީފައެވެ. އެ ދުވަހުގެ އެ ދަތުރުން ވެސް އެނގިގެން ދިޔައީ އެ ތަންތަން ގަނެފައިވާ ފަރާތްތަކަށް އަދިވެސް އިންތިޒާރުކުރުން ނޫން ގޮތެއް ނެތް ކަމެވެ. ދެނީ އާ ތާރީހްތަކެކެވެ. ދައްކަނީ ބަހަނާތަކެކެވެ. ފޫޅުކަނޑަނީ ކޮވިޑަށެވެ.
މަސައްކަތް ނިންމަންޖެހޭ ތާރީހުތައް ފަހަނަ އަޅައި އެތައް ފަހަރަކު އެގްރީމެންޓް އާކޮށްދީފައިވާ ކުންފުނިތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްލެވެނީ ހަތަރު ކުންފުންޏެކެވެ. އެއީ ޖާހު ނުވަތަ ޖައުސާގެ “ދަ ގާޑަން” އާއި ކޯދި އިންވެސްޓްމަންޓް އިން ތަރައްގީކުރާ “ކޭ ޕާކް”، އެންސިސްގެ “އައިރާ” އަދި އެކުއާ ވިޓާ އިން ތަރައްގީކުރަމުން އަންނަ ފްލެޓްތަކެވެ. މިއީ 2015 އާއި 2016ގައި ހަދަން ހަވާލުކުރި ތަންތަނެވެ.
މި ތަންތަން ހަދައި ނުނިމުނަސް ހުރީ ވިކި ހުސްވެފައެވެ. ގިނަ މީހުން ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކައި ވަނީ ހަލާސްކޮށްފައެވެ. އެ ތަންތަން ގަތުމަށް އެތައް ބަޔަކު ވަނީ ބޭންކުން ލޯނު ނަގާފައެވެ. ފްލެޓްތައް ގަނެފައިވާ މީހުން ލޯނު ދައްކަމުން އަދި ދިރިއުޅެމުން އަންނަނީ ބޮޑު ކުލި ވެސް ދައްކައިގެންނެވެ.
“ފްލެޓް ގަތް އިރު ހަވާލުކުރަން ބުނި މުއްދަތު ފަހަނަ އަޅައި ހިނގައްޖެ. އެތައް ތާރީހެއް ދީފި. އެހާ ހާލުން އެއިން މީހަކާ ދިމާވަނީ. ދޭ ތާރީހަކަށް ނުނިމޭ. ޔަގީންކަމާ އެކު ހަވާލުކުރަން ބުނި ތާރީހުތައް ވެސް ހިނގައްޖެ،” ކޭ ޕާކްގެ ފްލެޓެއް ގަނެފައިވާ މީހަކު ބުންޏެވެ.
އޭނާ ބުނީ މިހާރު އެ މީހުން ދައްކާ ވާހަކަ ވެސް ގަބޫލުކުރަން ދަތި ކަމަށާއި އަބަދު ވެސް ދައްކަނީ ކޮންމެ ވެސް ބަހަނާއެއް ކަމަށެވެ. އަދި ތަން ނުނިމުނަސް ކުންފުނީގެ ވެރިންގެ ދިރިއުޅުން ތަރައްގީ ވެއްޖެ ކަމަށާއި އަގު ބޮޑު ގެއާއި ކާރުތައް ގަނެގެން އުޅޭ ކަމަށް އަޑު ފެތުރިފައިވާ ކަމަށެވެ.
“އެމީހުން ތަން ނިމޭނެއޭ ބުނީމާ ތަންތަން ކުއްޔަށް ހިފައިގެން މި ތިބެނީ އެ މުއްދަތަކަށް ކޮންޓްރެކްޓް ހަދައިގެން. އެހެން ތިއްބާ މި އެނގެނީ ތަން ނުނިމޭނެކަން. ދެން އަނެއްކާ ވެސް އެހާ ހާލުން ކުއްޔަށް އުޅޭ ތަނުގެ ކޮންޓްރެކްޓް އާކުރަންޖެހެނީ. ނޫނީ އާ ތަނަކަށް މޫވްކުރަން މިޖެހެނީ. އެ މީހުން އެ އުޅެނީ ސިންގަޕޫރުން ގެ ގަނެގެން އަގު ބޮޑު ކާރުތަކުގައި. އެ ފައިސާ އިން ގެސްޓް ހައުސް ހިންގަނީ. ބަޔަކު މިކަމުން ވެސް މުއްސަނދިވެއްޖެ،” އޭނާ ބުންޏެވެ.
ބޮޑު އަގުގައި ފްލެޓު ގަނެފައި ކުރަން ޖެހެނީ ނުނިމޭ އިންތިޒާރެއް
ފްލެޓްތައް ތަރައްގީކުރާ ފަރާތްތަކުން މިދިޔަ އޮކްޓޫބަރު މަހު ވެސް ވަނީ އާ ތާރީހްތަކެއް ދީފައެވެ. ސްރީ ލަންކާގެ އަޔެންކާ ހޯލްޑިން އާއި އެންޕީއެޗް ގުޅިގެން ތަރައްގީކުރާ “އަކުއަ ވިޓާ”ގެ 104 ލަގްޒަރީ އެޕާޓްމަންޓްތަކުގެ ވެސް 90 ޕަސެންޓް ނިމިފައިވާ ކަމަށް އެ ކުންފުނިން އޭރު ބުނެފައި ވެއެވެ. ގްރައުންޑް ފްލޯ އާއި އެތެރޭގެ މަދު މަސައްކަތެއް ފިޔަވައި އެހެން މަސައްކަތްތައް ނިމިފައިވާ އިރު އެ މަސައްކަތްތައް ވެސް ޑިސެމްބަރުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ. މަސައްކަތް ލަސްވުމުގައި އެ ކުންފުނީގެ މައިގަނޑު ބަހަނާއަކީ ކޮވިޑްގެ ހާލަތެވެ. އެހެން ނަމަވެސް ޑިސެމްބަރު ނިމި ޖެނުއަރީ ވެސް ނިމުނީއެވެ. އަދިވެސް އެ ތަންތަނަށް މީހަކަށް ވަދެވޭ ވަރެއް ނުވެއެވެ. ތިބެންޖެހިފައި ވަނީ އިންތިޒާރެއްގައެވެ.
ޖާހު ކުންފުނިން ބުނެފައި ވަނީ އެ ކުންފުނިން ތަރައްގީކުރަމުން އަންނަ “ދަ ގާޑަން”ގެ އެޕާޓްމަންޓްތަކުގެ ތެރެއިން ބައެއް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އެ ގޮތުން 83 އެޕާޓްމަންޓްގެ ތެރެއިން 18 އެޕާޓްމަންޓެއް އެއްކޮށް ނިންމާލެވޭނެ ކަމަށާއި ނިމޭވަރަކުން އެ އެޕާޓްމަންޓްތަކުގެ ވެރިންނާ ތަންތަން ހަވާލުކުރަމުން ގެންދާނެ ކަމަށެވެ. އަދި ފެބްރުއަރީގައި މުޅި މަޝްރޫއު ނިންމާލުމަށް ތާވަލްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. ފެބްރުއަރީ ފެށުނީއެވެ. އެ ކުންފުނީގެ ވާހަކަތައް ވެސް ވީ ބިލާހަކަށެވެ. އެތަންތަނެއް ނުނިމެ އެވެ. މީހަކަށް ނުވެސް ވަދެވެއެވެ. އަނެއްކޮޅުން އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ނުދޭތީ ދޭތެރެ ދޭތެރެއިން ދަނީ ހަޅުތާލުކުރަމުންނެވެ. ފްލެޓް ނުނިންމޭތާނގައި މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ވެސް މި ކުންފުނިތަކުގެ ތެރެވެ. ދެން ފްލެޓްތައް ނިންމާނީ ކިހިނެއް ހެއްޔެވެ؟
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ވަރަށް ވަރުގަދަ އިންވެސްޓްމަންތަކެއް ކޮށްފައިވާ އެންސިސްގެ ފަރާތުން ތަރައްގީކުރާ 94 އެޕާޓްމަންޓް ވެސް ނިމުމުގެ މަގުމަތީގައި ހުންނަތާ ދުވަސްތަކެއް ވެއްޖެއެވެ. މިހާރު ތަރައްގީކުރަމުން އަންނަ އިމާރާތްތަކުގެ ތެރެއިން އެންމެ އަވަހަށް މީހުން ވައްދާނެ ކަމަށް ބެލެވުނު އެއް އިމާރާތަކީ އެންސިސްގެ “އައިރާ” އެވެ. ނޮވެމްބަރުގައި މީހުން ވަންނާނެ ކަމަށް ބުނި ނަމަވެސް ލަގްޒަރީ އެ އެޕާޓްމަންޓްތައް ނިމިފައި ކަމަށް ފެންނަނީ ބޭރުންނެވެ. އެތެރޭގައި އަދިވެސް މަސައްކަތް ކުރަނީއެވެ. ބޮޑު އަގުގައި ތަން ގަނެފައި ތިބި މީހުން އަދިވެސް ތިބެންޖެހިފައި ވަނީ އިންތިޒާރެއްގައެވެ.
މަސައްކަތް ކުރިނާރަނީ ކޮން ސަބަބަކާ ހެދި؟
މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ ހަތަރު ބިމުގެ ތެރެއިން އަދިވެސް އެންމެ މަސައްކަތް ލަހުން ކުރިއަށް ދަނީ ކޭ ޕާކްގެ މަސައްކަތެވެ. އެ މީހުންގެ މަސައްކަތް ކުރިއަށް ނުދާ ސަބަބަކަށް ދައްކަނީ ވެސް ވަރަށް ތަފާތު ސަބަބެކެވެ. އެ ކުންފުނިން ބުނީ މަސައްކަތް ލަސްވީ މަސައްކަތް ކުރުމުން އައި ޗައިނާގެ ލޭބަރުން ކޮވިޑްގެ ތެރޭގައި އެ ގައުމުގައި ތާށިވުމުގެ ސަބަބުންނެވެ. ކޮވިޑްގެ ހާލަތު ދިމާވީ އޭގެ ތެރެއިން ގިނަ ބަޔަކު ޗުއްޓީ އަށް ގޮސް ތިއްބައި ކަމަށާއި އެ މީހުން ރާއްޖެ ގެނައުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި އެއީ ކޮރެއަން ސްޓައިލަށް ތަރައްގީކުރާ ތަނަކަށް ވާތީ އެހެން ބަޔަކު ލައްވާ އެ މަސައްކަތް އަލުން ކުރަން ބޭނުން ނުވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކޭޕާކުން ބުނެފައި ވަނީ ބައެއް މަސައްކަތްތެރިން ރާއްޖެ މިހާރު ގެނެވި މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޗައިނާ ހުޅުވާލާނެ ކަމަށް ބެލެވޭ އިރު މަސައްކަތްތެރިން ރާއްޖެ ގެނެވި މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް ގެންދެވޭނެ ކަމށް އެ ކުންފުނިން އޮކްޓޫބަރު މަހު ވެސް ބުނެފައި ވެއެވެ. އަހަރު ވެސް ނިމި ދެ ވަނަ މަސް ގުނަނީއެވެ. ޗައިނާ ހުޅުވާލައި އެ ގައުމުން ފަތުރުވެރިން ވެސް އަންނަން ފަށައިފިއެވެ. ނަމަވެސް މަސައްކަތު މީހުންނަށް އަދިވެސް އާދެވޭ ގޮތެއް ނުވެއެވެ. އެ ތަނުގެ މަސައްކަތް ކުރިއަކަށް ނުދެއެވެ. އަދި ދޫދޫ މަތިން ދެކެވޭ ވާހަކައިން އެނގިފައިވާ ގޮތުން ތަނުގެ މަސައްކަތް ކުރިއަށް ނުގޮސް ވަނީ ފަންޑް ނެތިގެންނެވެ. އެހެންކަމުން މިއީ މިއިން ޒަމާނަކު ވެސް ނިމޭނެ ތަނެއް ކަމަކަށް ނުބެލެވެއެވެ. ޔަގީނުން ވެސް މި އަހަރުގެ ތެރޭގައި އެތަނަށް މީހަކަށް ވަދެވޭނެ ކަމުގެ މާބޮޑު އުންމީދެއް ނެތެވެ.
އަނެއްކޮޅުން މި ތަންތަން ނުނިމި ދިގުލައިގެން ދިޔަ ނަމަވެސް އެޗްޑީސީ އަށް ވެސް ކުރެވޭ މާބޮޑު ކަމެއް ނެތެވެ. އަދި އެ ތަންތަން އަތުލުމަކީ މަޝްރޫއު އަވަސްވާނެ ކަމެއްގެ ގޮތުގައި އެޗްޑީސީން ވެސް ނުދެކެއެވެ. އަދި އެއީ މައްސަލައިގެ ހައްލު ކަމަށް ނުފެންނާތީ އެޗްޑީސީން އިސްކަން ދެނީ ކުންފުނިތަކުން އެދޭ ވަރަކަށް ކޮންޓްރެކްޓްގެ މުއްދަތު އާކުރުމެވެ. އެހެންކަމުން މަސައްކަތް ނިންމަން ކުންފުނިތަކަށް މާ ބޮޑު ޕްރެޝަރެއް ވެސް ނެތެވެ.
އަގު ނެގުމުގައި ގަވާއިދާ ހިލާފަށް އަމަލުކުރުން ގިނަ
ފްލެޓްތައް ނުނިމި ދިގުލައިގެން ގޮސްފައިވާ އިރު އެ ތަންތަން ގަނެފައިވާ އެތައް ބަޔަކަށް ވަނީ ތަކްލީފްތައް އުފުލަންޖެހިފައެވެ. އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ދުވަސްތަކަށް އެކަށީގެންވާ ބަދަލެއް ވެސް ލިބެން ނެތުމުންނެވެ. އޭގެ މައިގަނޑު ސަބަބަކީ މި ތަންތަނަކީ އެޗްޑީސީގެ ގަވާއިދާ ހިލާފަށް ވިއްކާފައިވާ ތަންތަނަށް ވުން ކަމަށް ބައެއް މީހުން ބުނެއެވެ. އެ ގޮތުން އިމާރާތުގެ އަގު ނެގުމުގައި ވަކި އުސޫލްތަކެއް ހުރި ނަމަވެސް އެ ތަންތަން ވިއްކާފައި ވަނީ އެ އުސޫލްތަކަށް ބެލުމެއް ނެތިއެވެ. އެހެންކަމުން މަޝްރޫއު ލަސްވިޔަސް ބަދަލު ހޯދުމަށް މާބޮޑު ކަމެއް ކުރެވޭ ގޮތަށް އެގްރީމެންޓްތަކުގައި ނެތް ކަމަށް ވެސް ފްލެޓް ގަނެފައިވާ މީހުން ބުނެއެވެ.
“އަގު ދައްކަން ވަކި އުސުލްތަކެއް އޮވޭ. ނަމަވެސް ގަންނަން ދާއިރު އެބަ ބުނޭ އެއްފަހަރާ ފައިސާ ދެއްކީމައޭ ޔަގީންކަން ލިބޭނީ. ނޫނީ އަގުގެ ބޮޑު ބައެއް ދައްކަން އެބަ ބުނޭ. ބޫކިން ފީއެކަނި ނެގޭ ގޮތަށް އޮތަސް އެއީ ހަމައެކަނި ކަރުދާހުގައި އޮންނަ އެއްޗެއް. ކުންފުނިތަކުން އެ ނޫން އޮޕްޝަނެއް ނުދޭތީ ތަން ބޭނުން މީހުން ޖެހޭނީ އެ މީހުން ބުނި އަގެއް ދީފައި ބުނި ކޮންޓްރެކްޓެއްގައި ސޮއިކޮށްފައި ތަން ގަންނަން،” ފްލެޓެއް ގަނެފައިވާ މީހަކު ބުންޏެވެ.
މިހެން ކަން ހުރި ނަމަވެސް ބައެއް ކުންފުނިތަކުން ބުނީ ތަންތަން ލަސްވުމުގެ ސަބަބުން އެ ތަންތަން ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެ ގޮތުން ޖާހުގެ ފަރާތުން ބުނީ ފްލެޓް ކެންސަލްކޮށް ރީފަންޑް ހޯދުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށާއި އަދި ތަންތަން ހަވާލުކުރުމަށް ފަހު ބަދަލަކާ މެދު މަޝްވަރާކުރެވޭނެ ކަމަށެވެ.
ނަމަވެސް ފްލެޓް ގަނެފައިވާ ފަރާތްތަކުން ބުނީ ފްލެޓް ކެންސަލްކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި އެއީ ލޯނު ނަގައިގެން ގެނަފައިވާ ތަންތަނަށް ވުމުން ކިތަންމެ ބޭނުން ވިޔަސް އެހެން އޮޕްޝަނެއް ނެތް ކަމަށެވެ. އަދި ތަން ހަވާލުކުރުމަށް ފަހު ބަދަލަކާ މެދު މަޝްވަރާކުރާނެ ކަމަށް ކުންފުނިތަކުން ބުނި ނަމަވެސް އެއީ ވެސް ގަބޫލުކުރަން ދަތިކަމެއް ކަމަށް ފްލެޓް އޯނަރުން ބުނެއެވެ.
“މި ހުރިހާ ދުވަހު އެހާ އުނދަގުލުން ފޯނު ވެސް ނަގަނީ. ފިލައިގެން އުޅެނީ ގިނަ މީހުން. އެހެން އުޅޭ ބަޔަކު ބަދަލު ދޭނެ ކަމަށް ގަބޫލުކުރުމަކީ މޮޔަކަމެއް،” ފްލެޓެއް ގަނެގެން އުޅޭ ފަރާތަކުން ބުންޏެވެ.
މި ފްލެޓްތައް ނުނިމިގެން ބައެއް މީހުން މިހާރު ގެންދަނީ ޝަރީއަތުގެ މަރުހަލާއިން ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެ ގޮތުން ފްލެޓް ގަނެފައިވާ ބައެއް ފަރާތްތަކުން ވަނީ ފްލެޓް ވިއްކި މީހުންނާއި އެޗްޑީސީގެ މައްޗަށް ދައުވާކުރަން ނިންމާފައެވެ. ރާއްޖޭގެ މަޝްހޫރު ލޯ ފާމެއް ކަމަށްވާ ޝުނާނާ އެންޑް ކޯގެ ފަރާތުން ވަނީ ފްލެޓް ވެރިންގެ ހައްގުގައި އެ މައްސަލަ އޭސީސީ އަށް ވެސް ލާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަށް ވެސް އެ މައްސަލަ ވަނީ ހުށަހަޅާފައެވެ.
މި ފްލެޓްތަކުގެ އިތުރުން ވެސް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ވަރަށް ހަލުވިކަމާ އެކު މަޝްރޫއުތަކެއް އެބަ ކުރިއަށް ދެއެވެ. އޭގެ ތެރޭގައި ރެއިންބޯގެ “ރެއިން ކޮރަލް” އާއި ސެންޑަލް މޮރިސަސް ކުންފުނީގެ “ވަން ސެންޓްރަލް” އަދި “ސޮލިޓަޔާ” ހިމެނެއެވެ. މީގެ އިތުރުން އާރުސީސީގެ ފަރާތުން ހުޅުމާލެ 2 ވަނަ ފިޔަވަހި ބްރިޖް ކައިރިގައި ތަރައްގީ ކުރަމުން އަންނަ “ބްލޫ ހެވަން” ގެ މަސައްކަތް ވެސް ހަލުވިކަމާ އެކު ކުރިއަށް އެބަ ދެއެވެ. ކުރިން ނުނިމި ހުރި ތަންތަނާ ހިލާފަށް މި ތަންތަނުގެ މަސައްކަތް ކުރިއަށް ދިއުމަކީ މި ތަންތަން ގަނެފައިވާ ފަރާތްތަކަށް އޮތް ހިތްހަމަޖެހުމެކެވެ. މީގެ ތެރެއިން ބައެއް ތަންތަން އަންނަ އަހަރު ނިންމަންޖެހެއެވެ. ފްލެޓް ގަނެފައިވާ ފަރާތްތަކުގެ އުންމީދަކީ މި މުއްދަތުގައި އެ ތަންތަނަށް ވަދެވުމެވެ.