ހިޔާ ފުލެޓުގައި ގަވާއިދާހިލާފަށް އަމަލުކުރާ ފަރާތްތަކަށް ފިޔަވަޅުއަޅަނީ
23 ފެބުރުއަރީ 2023 - 14:43
ހުޅުމާލެ ފޭސް 2 ހިޔާ ފުލެޓްތަކަކީ އެއްމެ ބޮޑު އެއް އަބާދީއެއް އެއް ސަރަހައްދެއްގައި ދިރިއުޅެމުން ގެންދާ ސަރަހައްދެވެ. އެހެންކަމުން، މި ފުލެޓްތަކުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ރައްކާތެރިކަމަށާއި، ފުލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ފަސޭހައަށް ގިނަ އުސޫލުތަކަކާއި ޤަވައިދުތަކެއް އެޗްޑީސީގެ ފަރާތުން ވަނީ ކަނޑައަޅާފައެވެ. މިގޮތުން، ފިނިޝިންގެ މަސައްކަތްތައް ކުރުމުގައި އުސޫލުތަކެއް ކަނޑައެޅިފައިވެއެވެ. އިމާރާތުގެ ސްޓަރަކްޗަރއަށް ގެއްލުން ވާ ފަދަ ޓޫލްތައް ނުވަތަ އެކަހަލަ މަސައްކަތް ކުރުން ވަނީ މަނާ ކުރެވިފައެވެ. އަދި ހަމަ އެފަދައިން އިމާރާތް ބޭނުން ކުރުމުގައި ވެސް އެހެން ފަރާތްތަކަށް އުނދަގޫ ނުވާނޭ ގޮތަށް އިމާރާތް ބޭނުން ކުރުމަށް ވަނީ އުސޫލުތަކެއް ހެދިފައެވެ. މިގޮތުން، ވިޔަފާރި ކުރުމަށް ކޮމާޝަލް އޭރިއާއެއްގެ ގޮތުގައި ކޮންމެ ޓަވަރެއްގެވެސް ގްރައުންޑް ފްލޯރ ކަނޑައެޅިފައިވެއެވެ.
ނަމަވެސް، އެކި ފަހަރު މަތިން އެޗްޑީސީގެ ފަރާތުން ހިންގާފައިވާ އިންސްޕެކްޝަންތަކުގައި މި އުސޫލުތަކާއި ޤަވައިދުތަކާއި ހިލާފު ގިނަ ކަންތައްތަކެއް ދަނީ ފާހަގަކުރެވެމުންނެވެ. މިގޮތުން، ބައެއް އެޕާޓްމަންޓްތަކުގައި ވަޑާން މަސައްކަތް ކުރުން، އެކި ވިޔަފާރިތަކަށް ޔުނިޓްތަކުގެ ބޭނުން ކުރުން، ގިނަ އަދަދެއްގެ ކުނި އެޕާޓްމަންޓުގެ ބޭރުގައި ބެހެއްޓުން އަދި ބެލްކަނިން ބޭރަށް ވާގޮތަށް ސްޓްރަކްޗާއަށް ބަދަލު ގެނެސް ގަސް މުށި ފަދަ ތަކެތި ބެހެއްޓުން ފަދަ ކަންކަން ވަނީ މި އިންސްޕެކްޝަންތަކުން ފާހަގަކުރެވިފައެވެ.
މިފަދަ ކަންކަން މަނާ ކުރެވިފައިވަނީ ރައްޔިތުންގެ ފަސޭހަ އާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށް ކަމަށް ވާތީ، ކަނޑައެޅިފައިވާ ޤަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން މިގޮތަށް ފާހަގަކުރެވިފައިވާ އެޕާޓްމަންޓް ޔުނިޓްތައް ވަނީ ޖޫރިމަނާ ކުރެވި، ފިޔަވަޅު އެޅިފައެވެ. އަދި މިހާރުވެސް މިކަމަށް ޙާއްސަ އިންސްޕެކްޝަނެއް ހިޔާ ފުލެޓްތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި އިންސްޕެކްޝަނުން ފާހަގަވާ ކަންކަމަށް ބަލާ އެކަށީގެންވާ ފިޔަވަޅުތައް ޤަވައިދާއި އުސޫލުތަކުގެ ތެރެއިން އަޅަމުންގެންދާނެއެވެ. އެޗް.ޑީ.ސީގެ އަމާޒަކީ ހުޅުމާލެ އަކީ، ރައްޔިތުންނަށް ދިރިއުޅެން ފަސޭހަ، ރައްކާތެރި ވެއްޓެއް ޤާއިމު ކުރެވިފައިވާ ރަށަކަށް ހެދުމެވެ. އަދި މިކަން ކުރުމަށް ރައްޔިތުންގެ އެއްބާރުލުން މުހިއްމުކަމަށް އެޗްޑީސީއިން ބުނެއެވެ.