މުސްކުޅި މައިންބަފައިން ބެލޭނެ ވަރު އެބަހުރިތަ؟

26 ފެބުރުއަރީ 2023 - 17:02

މުޅި ދުނިޔެވެސް މި އަންނަނީ މުސްކުޅިވަމުންނެވެ. މާނައަކީ ދުނިޔޭގެ އާބާދީ ގައި މުސްކުޅިން އަންނަނީ ގިނަވަމުންނެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުން އަންނަނީ މުސްކުޅިންގެ އާބާދީ އަށް ސިއްހީ ފަރުވާ އާއި ބޭނުންވާ އަޅާލުމާއި ރައްކާތެރިކަން ހޯދައިދިނުމަށް ހާއްސަ ސިޔާސަތުތައް ގާއިމުކުރަމުންނެެވެ.

ރާއްޖޭގައި މިވަގުތު އޮތް ސިޔާސަތަކީ މުސްކުޅިންނަށް 65 އަހަރުވުމުން 5000 ރުފިޔާގެ އިނާޔަތް ދިނުމެވެ. އަދި ސަރުކާރު ވަޒީފާގައި އުޅޭ މީހުންނަށް 55 އަހަރުން އާލީ ރިޓައާމަންޓް ފުރުސަތު ދިނުމެވެ. މިކަންކަމުގެ ބޭރުން ދެން ހުރި ހުރިހާ ކަންކަމަކީ އެކަންކަމަށް ހާއްސަ ސިޔާސަތެއް ނެތް ކަންކަމެވެ.

advertisement

މިސާލަކަށް މުސްކުޅިވުމުގެ ސަބަބުން ނުވަތަ ރިޓައާ ކުރުމަށްފަހު ދެން ދިމާވާ ކަންކަމަށް އެޑްރެސް ކުރެވޭނެ ގައުމީ ސިޔާސަތެއް ނެތެވެ. އަމިއްލަ ބާރު ނެތި އުޅޭ މުސްކުޅިންނަށް ހާއްސަ އަޅާލުން ދޭނެ ސެންޓަރެއް ނެތެވެ. މިހާރު އޮންނަ އުސޫލަކީ އާއިލާއަށް ނުބެލިއްޖެ ނަމަ ދައުލަތުން އެމީހަކު ބެލުމެވެ. މިގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުން ބައިތިއްބަން މިހާރު ހުރި ހަމައެކަނި މަރުކަޒަކީ މާލެ އަތޮޅު ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒެވެ.

އެތަނުގެ ކެޕޭސިޓީ އަށް ވުރެ ގިނައިން މިހާރުވެސް އެތަނުގައި ބަލި މީހުންނާއި އަޅާލާނެ މީހަކު ނެތި ތިބި މުސްކުޅިން އެބަތިއްބެވެ. އެތަނަކީ ނަފްސާނީ ބަލި މީހުންނަށް ވެސް އަދި މުސްކުޅިންނަށް ވެސް އެކަށީގެންވާ ތަނެއް ނޫނެވެ. އެތަނުގެ ވާހަކަ އިހަށް ބާއްވާލައި މުސްކުޅިންނަށް ހާއްސަ ބެސްޓް ޕްރެކްޓިސް އޮންނަ ގައުމުތަކުގައި އޮންނަ އާއްމު އުސޫލަށް ބަލާލާނަމެވެ.

ބޭރު ގައުމުތަކުގައި އުމުރުން ދުވަސްވީ މީހުން ބެލުމަށް އޮންނަ އޮފްޝަންތައް

މުސްކުޅިންނަށް ހާއްސަ އިންޝޫރަންސް

ޖަރުމަނުފަދަ މުސްކުޅި އާބާދީ ބޮޑު ގައުމުތަކުން މުސްކުޅިންނަށް ބޭނުންވާ އަޅާލުން ކަށަވަރު ކުރުމުގެ ގޮތުން ލޯންގް ޓާމް ކެއާ އިންޝޫރަންސް ޕޮލިސީ ދިނުން އޮންނަނީ މަޖުބޫރުކޮށްފައެވެ. އާމްދަނީ ނުލިބޭ މީހާއަށް ވެސް މި ޕޮލިސީ ލިބެއެވެ. މީގެ ދަށުން ހޯމް ކެއާ, ނާސިން ހޯމް ކެއާ އަދި ރީހެބިލިޓޭޝަންގެ ހިދުމަތްތައް މުސްކުޅިންނަށް ފޯރުކޮށްދެއެވެ. އަދި ސަރުކާރުގެ އިދާރާތަކުން މި ހިދުމަތްތަކުގެ ފެންވަރު ބަލައި މޮނިޓާ ކުރެއެވެ. ސާފުތާހިރުކަމާއި, ރައްކާތެރިކަމާއި އަދި މުވައްޒަފުންގެ ފެންވަރާއި އަދަދަކީ ގަވާއިދުން ސަރުކާރުން ބަލައި މޮނިޓާކުރާ ކަންކަމެވެ.

ހޯމްކެއާ ހިދުމަތް

މި ހިދުމަތަކީ މުސްކުޅި މީހާ އަށް ވީހާވެސް ގިނަ ދުވަހަކު އެކަނި މިނިވަންކަމާއި އެކު ގޭގައި ދިރިއުޅުމަށް ބާރުއެޅުމަށްޓަކައި ދެވޭ ހިދުމަތެކެވެ. ޖަރުމަނަށް ބަލާނަމަ, މި ހިދުމަތުގެ ދަށުން މުސްކުޅިންނަށް ބޭނުންވާ ޕާސަނަލް ކެއާ, ގޭތެރެ ރީތިކޮށް ބެލެހެއްޓުން އަދި ކާބޯތަކެތި ގަޑިން ގަޑިއަށް ގެއަށް ފޮނުވައި ދިނުން ހިމެނެއެވެ. އަދި ބަލި ވެއްޖެ ނަމަ ބޭސްފަރުވާ ލިބޭނެ ގޮތްވެސް, މިސާލަކަށް ގޭގައި ފަރުވާ ދެވޭ ވަރުގެ ކަންކަން ދިމާވުމުން ގެއަށް ނަރުހުން ގޮސް އެ ހިދުމަތް ދެއެވެ.

ނާސިން ހޯމްސް

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މިފަދަ ނާސިން ހޯމްތައް މުސްކުޅިންނަށް ހާއްސަކޮށްގެން ހިންގައެވެ. ޕްރައިވެޓް އަދި ސަރުކާރުގެ ސެންޓަރުތައްވެސް މެއެވެ. ހާއްސަ އަޅާލުމާއި އެހީތެރިކަން ބޭނުންވާ މުސްކުޅިންނަށް މިފަދަ ތަންތަނުން ރައްކާތެރިކަމާއި ބޭސްފަރުވާ އާއި ދިރިއުޅުމަށް ބޭނުންވާ އެހެން ކަންކަން ހަމަޖައްސައިދެއެވެ. މިތަންތަނަށް ހަރަދުކުރަނީ މީހާގެ އިންޝޫރަންސް އިންނެވެ.

މުސްކުޅިން ބަލަހައްޓާ މީހުންނަށް އެހީވުން

އާއިލާ ގާތުގައި ގޭގައި މުސްކުޅިން ބަލަހައްޓާ މީހުންނަށް ބޭނުންވާ ޗުއްޓީ އާއި, ކައުންސިލިން އާއި, ޓްރެއިނިން ދިނުމަކީ ޖަރުމަނުގެ މުސްކުޅިންނަށް ހާއްސަ ސިޔާސަތުގެތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން އާއިލާގެ މެމްބަރުންނަށް އާއްމު ދިރިއުޅުމުގައި އުޅުމަށް ފަސޭހަވެއެވެ.

މިއީ ދައުލަތާއި ޕްރައިވެޓް ސެކްޓާ ގުޅިގެން ހިންގައި ތަންފީޒުކޮށް މުސްކުޅިންނަށާއި އާއިލާތަކަށް ފޯރުކޮށްދޭ މުހިންމު ހިދުމަތްތަކެކެވެ. މިފަދަ ހާއްސަ ސިޔާސަތެއް ނެތް ނަމަ މުސްކުޅިން ނިކަމެތިވެ, އާއިލާއަށް ނުބެލި, ބެލޭނެ ގޮތްތަކެއް ނެތި ގައުމުގެ ކުރިއެރުމަށް ޒުވާން ދުވަހު މަސައްކަތް ކުރި މީހުން އެކަނިވެ ބާކީވެ މަގުމަތި ވުން ނޫން ގޮތެއް ނޯންނާނެއެވެ. ރާއްޖޭގެ ސަރުކާރުން މިހާރު އަންނަނީ ހުޅުމާލޭގައި އޯލްޑް އޭޖް ކެއާ ހޯމް އެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް މައުލޫމާތު ލިބެއެވެ. އެޗްޑީސީ އިން މިދިޔަ މަހު ވަނީ މިތަން އެޅުމަށް ޝައުގުހުރި ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް ވެސް ހުޅުވާލާފައެވެ. މިތަނުން މުސްކުޅިންނަށް ބޭނުންވާ ހިދުމަތްތައް މިހާރު ގުރައިދޫގައ ހުރި ސެންޓަރަށް ވުރެ ރަނގަޅު ފެންވަރުގައި ލިބޭނެ ކަމަށް އުއްމީދުކުރެވެއެވެ.

ރިއެކްޝަންސް
0
0
0
2
1
0
0