ރިޕޯޓު: ގާސިމާއި ރައީސް ނަޝީދު — ފުރުސަތު އޮތީ ކިހާ ވަރަކަށް؟

1 މާޗް 2023 - 15:59

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އެކުގައި ސިޔާސީ މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ. އެމްޑީޕީ ވުޖޫދުވުމުގައި ވެސް ގާސިމްގެ ހިއްސާ ބޮޑެވެ.

ދެ ބޭފުޅުންގެ ސިޔާސީ ވިސްނުމާއި ފިކުރުގައި ތަފާތުތަކެއް ހުރި ނަމަވެސް އޭގެ ފަހުން ވެސް އެތައް ފަހަރެއްގެ މަތިން ދެ ބޭފުޅުން ސިޔާސީ ގޮތުން އެކުގައި މަސައްކަތް ކުރެއްވިއެވެ. އެހެން ނަމަވެސް މިއިން ކޮންމެ ފަހަރަކު ވެސް މާ ގިނަ ދުވަހު އެކުގައި ތިއްބެވޭ ގޮތެއް ނުވެއެވެ.

advertisement

މާޒީގައި ނަޝީދާއި ގާސިމްގެ ސިޔާސީ ގުޅުން

ރައީސް ނަޝީދާއި ގާސިމް އެކުގައި މަސައްކަތްކުރައްވާ ވާހަކަ އަނެއްކާ ވެސް ދައްކަންޖެހިފައި މި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅިގެންނެވެ. އެންމެ ފަހުގެ ރިޔާސީ އިންތިހާބު ފިޔަވައި އާ ގާނޫނު އަސާސީގެ ދަށުން ބޭއްވި ހުރިހާ އިންތިހާބެއްގައި ވެސް ދެ ބޭފުޅުން ވާދަކުރެއްވިއެވެ. އެ ގޮތުން 2008 ގައި ފުރަތަމަ ބުރުގައި ވަކި ވަކިންނެވެ. ދެ ވަނަ ބުރުގައި އެކުގައެވެ. އޭގެ ފަހުން 2013ގައި ވެސް ވަކިވަކިންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޤާސިމް އިބްރާހީމް ނަޝީދު ވެރިކަމުގައި ހަމަޖެއްސި | ފޮޓޯ: ރައީސް އޮފީސް

އެހެން ނަމަވެސް އެ ފަހަރު ދެ ވަނަ ބުރުގައި ގާސިމް ހުންނެވި ރައީސް ނަޝީދާ ދެކޮޅު ކޯލީޝަނުގައެވެ. އަނެއްކާ ވެސް ދެ ބޭފުޅުން އެއް ވިސްނުމަކަށް ވަޑައިގެންނެވީ މިދިޔަ ވެރިކަމުގައި ދެ ބޭފުޅުންނަށް ވެސް އެއްކަހަލަ އަނިޔާތަކެއް ތަހައްމަލުކުރައްވަން ޖެހިވަޑައިގަތުމުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައެވެ. އެ ފަހަރު ރައީސް ނަޝީދަށް ވާދަކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވި ނަމަވެސް ގާސިމް ހުންނެވީހީ ނަޝީދުގެ ފަހަތްޕުޅުގައި ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް އެ ފުރުސަތު ލިބިވަޑައިނުގަތުމުން 2018ގައި ދެ ބޭފުޅުންގެ ވެސް ޗޮއިސްއަކަށްވީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އަނެއްކާވެސް ދެމީހުން އެއް އޮޑިއަކަށް އަރަނީތަ؟

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕާޓީތަކުން މަސައްކަތް ފަށައިގެންފައިވާ އިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ މިހާރުގެ ވެސް ރައީސް ސޯލިހެވެ. ޕްރައިމަރީގައި ވާދަކުރައްވައި ރައީސް ނަޝީދަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތަސް ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ. ޕާޓީގެ ތެރެއިން ވަކި ފިކުރެއް ކުރިއަށް ނެރުއްވައި މަސައްކަތް ވަނީ ފައްޓަވާފައެވެ.

“ފިކުރެއްގެ ދިރުން”ގެ މުޅި ވިސްނުން ބައްޓަންވެފައި ވަނީ ރައީސް ސޯލިހު ނޫން އެހެން ގޮތެއް ހޯދުމެވެ. އެކަމުގައި ކޮންމެ އަގެއް ދައްކަންޖެހުނަސް އެ ފިކުރުގެ ސަޕޯޓަރުންނަށް މައްސަލައެއް ނެތެވެ. އެއީ އެހެން ކެންޑިޑޭޓެއްގެ ފަހަތަށް އަރަންޖެހުނަސް ނުވަތަ މިހާރުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތްކުރަންޖެހުނަސް ހެޔޮ ކަމަށް އެ ފިކުރުގެ މީހުން ތިބީ ނިންމައިގެންނެވެ.

ރައީސް ސޯލިހް ނޫން ގޮތެއް ހޯދުމުގެ ވިސްނުމުގެ ތެރެއިން މިހާރު އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ ރައީސް ނަޝީދާއި ގާސިމް އަނެއްކާ ވެސް އެއް އޮޑިއަކަށް އަރުއްވާ ވާހަކައެވެ. އެކަމުގެ މަޝްވަރާތައް ވެސް ވަނީ ފަށާފައެވެ.

ރައީސް ނަޝީދު ކުރިން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވަންޖެހޭނެ ކަމަށެވެ. ގާސިމް ވާދަކުރެއްވުމާ ގުޅޭ ގޮތުން ޕާޓީން ވެސް އަދި ގާސިމް ވެސް ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ. ނަމަވެސް ޕާޓީގެ ކޮންގްރެސްގެ އިއްތިފާގުން ނިންމާފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ކެންޑިޑޭޓެއް ނެރުމަށެވެ.

ޖޭޕީގެ އަސާސީ ގަވާއިދު ބުނަނީ އެކަމާ މެދު ގޮތެއް ނިންމާނީ ޕާޓީގެ ކައުސިލުން ކަމަށެވެ. ކައުންސިލަށް އަލަށް ހޮވުނު މީހުންގެ ތެރޭގައި ގިނައީ ކުރީ ސަރުކާރުން ގާސިމަށް އަނިޔާވެރިވަމުން ދިޔައިރު އަތްތިލަބަޑިޖަހައި ހިތްވަރު ދޭން ތިބި މީހުންނެވެ. އަދި އޭރު އެ ވެރިކަމުގެ ނައިބު ރައީސަކަށް ހުންނެވި ބޭފުޅާ ވެސް މި ވަގުތު އެކަމަށް ހުންނެވި ގާސިމްގެ އެޑްވައިޒަރަކަށެވެ. އެހެންކަމުން މި ވަގުތު ފެންނަ ފެނުމަށް ބަލާއިރު ކައުންސިލްގެ ރޫހު އޮތީ މި ސަރުކާރާ އެކު ނުވަތަ މިހާރުގެ ރައީސް ސޯލިހާ އެކު 2023 އަށް ނުނިކުތުމަށެވެ. ނަމަވެސް މި ނިންމުން ބިނާވާނީ ޔަގީނުން ވެސް ގާސިމް ބޭނުންފުޅުވާ ގޮތެއްގެ މައްޗަށެވެ.

ތުންތުން މަތިން ދެކެވޭ ވާހަކަތައް

ކޮންގްރެސްގެ ތެރެއިން ފެނުނު މަންޒަރުތަކާއި އަދި ގާސިމްގެ ވާހަކަފުޅުތައް ހުރި ގޮތުން މި ވަގުތު އަރިސް ބޭފުޅަކަށް ހުންނެވީ ރައީސް ނަޝީދެވެ. ތުންތުން މަތިން ދެކެވޭ ވާހަކަތަކުން ރައީސް ނަޝީދާއި ގާސިމްގެ ޓީމުގެ މެދުގައި ކުރެވެމުންދާ މަޝްވަރާ ބިނާވަނީ ގާސިމް އިންތިހާބުގައި ވާދަކުރައްވާ އިރު ފަހަތުގައި ނަޝީދު ހުންނެވުމަށެވެ. އެއީ ރަނިން މޭޓުގެ ގޮތުގައިތޯ ނުވަތަ ކޯލީޝަނެއްގެ ގޮތުގައިތޯ ކުރެވޭ ސުވާލަށް އަދިމާ ސާފު ޖަވާބެއް ލިބޭވަރެއް ނުވެއެވެ. އަދި ހަމައެކަނި ފެންނަމުންދަނީ ދެ ފަރާތުގެ ޓީމުތައް ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ފޮޓޯތަކެވެ.

ދެން އޮތް ސުވާލަކީ މި ދެ ސަރުތަކީ ގާސިމް އަދި ޖޭޕީން ރުހޭނެ ޝަރުތުތަކެއްތޯ ކުރެވޭ ސުވާލެވެ. ސަރުކާރުން 40 ޕަސެންޓް ދިނުމާ މެދު މާ ބޮޑު ދެބަސްވުމެއް އޮންނާނެ ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ ވެރިކަމަށް ވަޑައިގަތުމަށްޓަކައި ގާސިމަށް ސަރުކާރުގެ ވަކި ޕަސެންޓެއް މުހިންމު ކަމަށް ނުބެލެވޭތީއެވެ. އަދި ކޯލީޝަންގެ އެއްބަސްވުންތަކަކީ ކެމްޕެއިނަށްޓަކައި ނުވަތަ ވެރިކަން ހޯދުމަށްޓަކައި ވެވޭ އެއްބަސްވުމަކަށް ވިޔަސް ގާނޫނީ ބާރެއް ނެތުމުން މިހާތަނަށް ވެސް އެއަށް ފުރިހަމައަށް އަމަލުކުރެވޭ އެއްބަސްވުންތަކަކަށް ނުވެއެވެ.

މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ކޯލީޝަން މާގިނަ ދުވަހަށް ދެމެހެއްޓިފައެއް ވެސް ނުވެއެވެ. މި ސަރުކާރުން މިއަދާ ހަމައަށް ކޯލީޝަން ދެމެހެއްޓި ނަމަވެސް ކޯލީޝަންގައި ތިބި ޕާޓީތަކުގެ ޝަކުވާތައް އެބަ އޮތެވެ. ހާއްސަކޮށް އެއްބަސްވުމާ އެއްގޮތަށް ސަރުކާރުން ލިބެންޖެހޭ ހިއްސާއާ މެދު ގާސިމްގެ ޝަކުވާ ބޮޑެވެ.

ހިޔާލު ތަފާތުވުންތައް އޮތީ ބަރުލަމާނީ ނިޒާމާ މެދުގައެވެ. މީގެ ކުރިން އެ ނިޒާމާ ދެކޮޅަށް އެތައް ފަހަރެއްގެ މަތިން ގާސިމް ވަނީ އެކި ޕްލެޓްފޯމްތަކުގައި ވާހަކަ ދައްކަވާފައެވެ. މަޖިލީހުގެ ތަޅުމުގަ އާއި ސިޔާސީ ބައްދަލުވުންތަކުގައި ވެސް ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވާހަކަ ދެއްކެވިއެވެ. އެހެން ނަމަވެސް ވެރިކަން ހޯއްދެވުމަށް އެއީ ކޮމްޕްރޮމައިޒްނުކުރައްވާނެ ކަމެކޭ ބުނުމަކީ ސިޔާސި ދާއިރާ އިން ފެންނަން ހުރި ކަންކަމަށް ބަލާއިރު ބުނަން އުނދަގޫ ކަމެކެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ވެރިކަމަށްޓަކައި ސިޔާސީ ބޭފުޅުން ކޮންމެ ފަދަ ކަމެއް ވެސް ކުރައްވަފާނެއެވެ. އެހެން ކަމުން ބަރުލަމާނީ ނިޒާމާ މެދު ހިޔާލު ބަދަލުކުރެއްވުމަކީ ވެސް ނުވާނެ ކަމެކޭ ބުނެވޭކަށް ނެތެވެ.

ކަން މިހެން ހުރި ނަމަވެސް މަޒީން ފެންނަން އޮތީ ގާސިމާއި ރައީސް ނަޝީދަކީ އެކުގައި މަސައްކަތް ކުރެއްވުމުކީ ދުރު ފޯމިއުލާއެއްގެ ގޮތުގައެވެ. ވަރަށް ގިނަ ކަންކަމުގައި ދެ ބޭފުޅުންގެ ވިސްނުން އުޑާއި ބިމާހާ ތަފާތެވެ. އަދި އެކުގައި މަސައްކަތް ކުރެއްވުމަށް އެކި ފަހަރުމަތިން އުޅުއްވި ނަމަވެސް މާ ގިނަ ދުވަހު ނުތިއްބެވޭކަން އެއީ ފެންނަން ހުރި ހަގީގަތެވެ. އެއީ މާޒީ ކަމަށް ބަލައި މި ފަހަރުގެ މަގުސަދަކީ ރައީސް ސޯލިހު ނޫން ގޮތެއް ހޯދުން ކަމަށް ރައީސް ނަޝީދުގެ ޓީމުން ކަނޑައަޅާފައި އޮތުމާއި އަދި ވެރިކަން ކުރެއްވުމަކީ ގާސިމުގެ ވެސް އެންމެ ބޮޑު ހުވަފެނަށްވާ އިރު މި ފަހަރު ފުރުސަތު އޮތުމަކީވެސް ވެދާނެ ކަމެއްކަން ވެސް ގަބޫލުކުރަންޖެހެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0