ރިޕޯޓު: ގުރައިދޫ މަރުކަޒުގެ ހަތަރު ފާރުން ކިޔައިދޭ ހިތްދަތި ވާހަކަތައް — މަރުކަޒުކޮށް ފޮރުވުމަކީ ފަރުވާއެއް ނޫން!

4 މާޗް 2023 - 17:16

އެއީ 30 އަހަރުވެސް ނުފުރޭ ޒުވާނެކެވެ. ޑިގްރީއާ ހަމައަށް ކިޔެވުމަށް ފަހު ވަޒީފާއެއްގައި އުޅެމުން އައި ފިރިހެނެކެވެ. ނަފްސާނީ ބައްޔެއް ޖެހުމުން އާއިލާއިން އޭނާ ފޮނުވާލީ ގުރައިދޫގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށެވެ. މޭނިއަކް އެޕިސޯޑުތަކެއް ކުރިމަތިވީ މާބޮޑަށް ޑިޕްރެސްވެ އެކަން މެނޭޖް ކުރުމަށް އެހީ ނުލިބުމުގެ ސަބަބުންނެވެ. އެއީ އެފަދަ އެޕިސޯޑެއް ނާންނަނަމަ ހަމަ ބުއްދީގައި ރަނގަޅަށް އުޅެ މަސައްކަތްކުރެވޭ މީހެކެވެ.

އެތަނުން އެމީހާ ޑިސްޗާޖުކޮށް އާއިލާއާއި ހަވާލުކުރަން ގުޅުމުން އާއިލާ އިން ބުނީ ގޭގައި ޖާގައެއް ނެތް ކަމަށެވެ. އެއީ “މޮޔައެއް” ނޫނެވެ. އާމްދަނީ ހޯދައިގެން ބާރުވެރިކަމާ އެކު ދިރިއުޅެވޭނެ ޒުވާނެކެވެ. 

advertisement

ދެން އޮތީ 40 އަހަރުވެސް ނުފުރޭ އަންހެނެއްގެ ވާހަކައެވެ. އެ މަރުކަޒުގައި އަންހެނުން ތިބޭ ތަނަށް ވަދެގެން ދިޔަ އިރު ކުޑަ ދޮރުން ބޯދިއްކޮލި އަންހެނެކެވެ. ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ނޫނެވެ. ނަމަވެސް ވާހަކަ ދައްކަން އުނދަގޫ މީހެކެވެ. އޭނާ ގާތަށް ގޮސް ކުޑަދޮރުން އެތެރެއަށް ބޯދިއްކޮށްލީމެވެ. އެތާތެރޭގައި ތިބީ އެކި އުމުރުގެ އަންހެނުންނެވެ. ނަމާދުކުރަން މުސައްލަ މަތީގައި އެކަކު ހުރި އިރު، ބައެއް މީހުން ތިބީ އެނދު މަތީގައި އުއްޑުން އޮށޯވެ އެނބުރެމުން އައި ފަންކާއަށް ބަލަހަށްޓައިގެންނެވެ.

ކުޑަދޮރު ކައިރީ ހުރި އަންހެން މީހާ އަތުގައި ފޮޓޯއެއް އޮތެވެ. އަހަރެން ފެނުމުން އޭނާ، އޭނާގެ މޭމަތީގައި އަތް ޖައްސާފައި ފޮޓޯ ދައްކާލިއެވެ. މިއީ ތިމަންނާގެ ދެ ކުދިން ކަން ބުނެދިނެވެ. އެދެކުދިން ތިބީ ދައުލަތުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައެވެ. ފޮޓޯ އަށް ބަލައި ލަފާކޮށްލުމުން ހީވަނީ އެއީ 9 އަހަރާއި 12 އަހަރާއި ދެމެދުގެ ދެ ކުދިންކަމަށެވެ. 

އުމުރުން 30 އަހަރުގެ ތެރޭގައި ގުރައިދޫއަށް ފޮނުވާލިގޮތަށް އެތަނުގައި އުޅެމުން އަންނަ އެހެން އަންހެނެކެވެ. އެއީވެސް އާއިލާއާއި އެކު އުޅެވޭނެ ވަރުގެ ސިއްހަތު ހުރި މީހެކެވެ. ބޭނުންވަނީ ލޮތްބާއި އަޅާލުމާއި ބޭހެވެ. ނަމަވެސް އުމުރުން މިހާރު 60 އާއި ގާތްވެފައި ހުރި އިރު އޭނާ އަދިވެސް ހުރީ އާއިލާ އިން އަނބުރާ ހަވާލުނުވާތީވެ އެމަރުކަޒުގައެވެ. ދަރިން ބޮޑެތިވެ މާމަ  ދަރިންވެސް އެބަތިއްބެވެ. އޭނާ އެތަނުގައި އުޅެނީ ހަމަ އާއްމު މީހެއް އުޅޭހެންނެވެ. ނަމާދުގަޑީގައި ނަމާދުކުރެއެވެ. ކައިގެން ފެންވަރައިގެން ރީތިވެއެވެ. އަމިއްލައަށް އަމިއްލަ ނަފްސު ބަލަހައްޓައެވެ. ނަމަވެސް އުމުރު ހުސްވަންދެން އޭނާ އަށް އޮތީ ހަމަ އެ މަރުކަޒެވެ. ނަމާދު ކޮށްލައިގެން އެނދުމަތީގައި އޮށޯވެލައިގެން އޮތުމެވެ. އެއީ “މޮޔައެއް” ނޫނެވެ. 

މިއީ ކ. ގުރައިދޫގައި ހުރި މަރުކަޒަށް ކުރި ދަތުރުން ފެނުނު ހިތްދަތި މަންޒަރުން ކުޑަ މިންވަރެކެވެ. މި މަރުކަޒަކީ ދައުލަތުގެ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ މީހުން ބެލެހެއްޓުމަށްޓަކައި، 1976 ގައި ގާއިމުކޮށް، އުމުރުން ދުވަސްވީ މީހުންނާއި ނަފްސާނީ ބަލިމީހުން “ބަލަހައްޓަމުން” ދާ މަރުކަޒެކެވެ. މި މަރުކަޒުގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާގެ އުމުރަކީ 95 އެވެ. އެންމެ ޅަ ކުއްޖާގެ އުމުރަކީ 16 އެވެ.

ގުރައިދޫ މަރުކަޒުގެ ގޯތި ތެރޭ | ފޮޓޯ: އެމް.ވީ.ޕްލަސް

މިތަނުގައި އެންމެ ގިނަ ދުވަސްވަންދެން އުޅެމުން އަންނަ މީހާ މި ސެންޓަރުގައި އުޅޭތާ 40 އަހަރުވެއްޖެއެވެ. މި މަރުކަޒަށް 46 އަހަރު ފުރިފައިވާ އިރު މިތަނާއި ބެހޭ ގޮތުން އަބަދުވެސް އަޑުއިވެނީ ހިތްދަތި އަޑު އަހަން އުނދަގޫ ވާހަކަތަކެވެ. 

ރަށްރަށުގައި ފަރުވާއެއް ނެތް — ރައްޔިތުން ބޭނުންވަނީ ބަލިމީހާ ރަށުން ބޭރުކުރަން

ބަލި މީހުން އެންމެ ގިނައިން އަންނަނީ މާލޭ ސަރަހައްދަށް ވުރެ ބޮޑަށް ރާއްޖެތެރޭގެ އެކި ހިސާބުތަކުންކަމަށާއި އެގޮތުން ބަލި މީހުން އެންމެ ގިނައިން އައިސް ތިބި އެއް އަތޮޅަކީ އައްޑު އަތޮޅު ކަމަށް އެ މަރުކަޒުން މައުލޫމާތުދެއެވެ.

“މާލޭގަ ވެއްޖެއްޔާ އަދި މެންޓަލް ހޮސްޕިޓަލެއް ނެތަސްވެސް، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދިނުމުގެ ފުރުސަތު އެބައޮވޭ. ރާއްޖެެތެރޭ އެހެން ހިސާބެއްގައި އެވަރުވެސް ނެތް. އާއިލާތަކުން ފޮނުވާލަން ބޭނުން ނުވިއަސް ބައެއް ހާލަތްތަކުގައި ރަށު ރައްޔިތުން އެބަ އާދޭ މިވެނި މީހަކު ރަށުން ބޭރުކޮށްދޭށޭ ބުނެ. ހާއްސަކޮށް ގެސްޓްހައުސްތައް ހުންނަ ރަށްތަކުން”

މަރުކަޒުގެ ގޯތި ތެރެ، މަރުކަޒުގައި ދިރިއުޅޭ ބަލިމީކުން ޖޯލީގައި އިށީންދެލައިގެން | ފޮޓޯ: އެމް.ވީ.ޕްލަސް

މިވާހަކަތަކުން ހާމަވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ޓާޝަރީ ހޮސްޕިޓަކުތަކަށް ނަފްސާނީ ބަލިތަކާއި ބެހޭ ޑިޕާޓްމަންޓެއް އަދި ހާއްސަ ވޯޑެއް ބޭނުންވާ މިންވަރެވެ. ރާއްޖޭގައި މިވަގުތު ހުރި އެއްވެސް ޓާޝަރީ ހޮސްޕިޓަލެއްގައި ވެސް ނަފްސާނީ ބަލިމީހުންނަށް ހާއްސަ ވޯޑެއް ނެތެވެ. ނަފްސާނީ ބަލިމީހުންނަށް ތެރަޕީ ލިބޭ އެއްވެސް ހޮސްޕިޓަލެއް ރާއްޖެތެރޭގައި ނެތެވެ. ނަފްސާނީ ބައްޔަށް ހާއްސަ ޑިޕާޓްމަންޓެއް ހުންނަނީ އައިޖީއެމްއެޗް ގައި އެކަނި ނަމަވެސް އެ ހޮސްޕިޓަލުގައި ވެސް ނަފްސާނީ ބަލިތަކަށް ހާއްސަ ވޯޑެއް ގާއިމް ކުރީ މިދިޔަ އަހަރެވެ. 

ހިއުމަންރައިޓްސް ކޮމިޝަނުން އެންމެ ފަހުން މިދިޔަ އަހަރުގެ މާރިޗު މަހު ނެރުނު ރިޕޯޓުގައިވާ ކަންކަމުގެ ތެރޭގައި ފާހަނގަކޮށްފައި ހުރި އެންމެ ސީރިއަސް މައްސަލަ ތަކަކީ;

  • ތަނުގައި ސައިކޭޓްރިސްޓަކު ނެތުމާއި, ބަލި މީހުން ބަލަން އެކަށީގެންވާ ވަރަށް ކެއާ ވޯކަރުން ނެތުމާއި, ކެއާވޯކަރުން ބާންއައުޓްވެ އެމީހުންގެ ފަރާތުންވެސް ބަލި މީހުންނަށް އަނިޔާ ލިބޭ ވާހަކައާއި، ބަލި މީހުން އެކަކު އަނެކަކަށް ކުރާ އަނިޔާ ކުރުމުގެ ވާހަކައެވެ. 
  • މިފަދަ ކަންކަން ބެލުމަށް ތަނުގައި ސީސީޓީވީ ކެމެރާ ނެތް މައްސަލަ އާއި، އިމާރާތް ބާވެ ފާހާނާތަކާއި މުޅި ޖުމުލަކޮށް ތަނުގެ ހާލަތު އަބުރުވެރި އިންސާނީ މިންގަނޑުން ނެއްޓިފައިވާ ވާހައެވެ. 
  • ބާރުގަދަ ބޭސް ކާންޖެހޭ އިރު, ބަލިމީހުންގެ ކެއުމުގެ ފެންވަރު ދަށް ކަމާއި، (ކޮމިޝަނުން ޒިޔާރަތް ކުރި ދުވަހު ކާން ހުރީ ބަތާއި ރިހާކުރާއި ގަރުދިޔަ), ބަލިމީހުންނަށް ހާއްސަ ރީސްޓްރެއިނިން އެނދު ނެތުމާއި, އެމަޖެންސީގައި ބަލި މީހުން މައިތިރި ކުރުމަށް ދޭނެ ބޭހާއި އިންޖެކްޝަން ނެތް ކަމާއި, ބަލި މީހުން ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް އައިޖީއެމްއެޗް އިން އެޕޮއިންޓްމަންޓް ނުލިބުމުގެ ސަބަބުން ލިބެން ޖެހޭ ފަރުވާ ނުލިބި ގިނަ ބަޔަކު ތިބިކަން ވެސް ރިޕޯޓުގައި ފާހަނގަކޮށްފައިވެއެވެ. 

ޖެންޑާ މިނިސްޓްރީގައި ދަންނަވައިގެން މި ނޫހުގެ ފަރާތުން މި މަރުކަޒަށް ގޮސް ބެލިބެލުމުން ފާހަނގަކުރެވުނު ކަންކަމަކީ;

  • ބަލި މީހުންނަށް ބޭނުންވާ ރަނގަޅު ކާނާ ތައްޔާރުކުރުމަށްޓަކައި ޑައެޓީޝަނެއްގެ ލަފަ އާއި އެކު ހާއްސަ މެނޫއެއް ތައްޔާރުކޮށް ކާން ދެމުން އަންނަނީ އެމެނޫއާއި އެއްގޮތަށެވެ.

ޑައިޓަޝީނެއް ފަރުމާކޮށްފައިވާ ހާއްސަ މެނޫތައް | ފޮޓޯ: އެމް.ވީ.ޕްލަސް
  • ބަލިމީހުންގެ ޖުމުލަ އަކީ، 205 އެވެ. އޭގެތެރޭގައި ހިމެނެނީ 118 އަންހެނުންނާއި 87 ފިރިހެނުންނެވެ.
  • އަންހެން ކެއާ ވޯކަރުންގެ އަދަދަކީ 33 އެވެ. ފިރިހެން ކެއާވޯކަރުންގެ އަދަދަކީ 66 އެވެ.
  • ހައިރިސްކު ނަފްސާނީ ބަލިތަކުގެ 41 މީހަކު ތިބި އިރު، ނަފްސާނީ ބަލި ނެތް 25 މުސްކުޅިން އެތާ އުޅެއެވެ. 
  • ޑިސްޗާޖުކުރުމަށް ފަހުވެސް އާއިލާ އިން ހަވާލުނުވެ 20 މީހުން އެބަތިއްބެވެ. 
  • ތަނުގައި މަސައްކަތް ކުރަނީ 5 ނަރުހުންނެވެ. 
  • ކެއާވޯކަރުންނަކީ މިފަދަ ތަނެއްގައި މަސައްކަތް ކުރުމަށް ލިބެންޖެހޭ ތަމްރީނުތަކެއް ލިބިފައިވާ ބައެއް ނޫން ނަމަވެސް، މި މުވައްޒަފުން ތަމްރީނު ކުރުމަށްޓަކައި ޕޮލިޓެކްނިކާއި މިނިސްޓްރީ ގުޅިގެން ސެޓްފިކެޓް 3 ފެންވަރުގެ ކޯސްތަކެއް މިއަހަރުގެ ތެރޭގައި ހިންގަން ފަށާނެއެވެ. 
  • ނަފްސާނީބަލިތަކާއި ބެހޭ ހާއްސަ ދެ ޑޮކްޓަރުން ހޯދުމަށްޓަކައި މިހާރު ކުރިއަށް ދަނީ އިންޓަވިއު ކުރުމުގެ މަސައްކަތް ކަމަށް މިނިސްޓްރީ އިން މައުލޫމާތު ދީފައިވެއެވެ. 
  • އައިޖީ އެމް އެޗް އިން ކޮންމެ މަހަކުވެސް ސައިކޭޓްރިސްޓުން މިހާރު އެތަނަށް ޒިޔާރަތްކޮށް ބަލި މީހުން ބަލައެވެ. އަދި އެހެން ބަލިތަކުގެ ހާއްސަ ޑޮކްޓަރުންވެސް އެސެންޓަރުން އެދުމުން އެތަނަށް އައިސް ގަވާއިދުން ބަލި މީހުން ބެލުމުގެ އިންތިޒާމު މިހާރު ވަނީ ހަމަ ޖެހިފައެވެ.
  • އެމަރުކަޒުގައި މިހާރު ފިޒިއޯތެރަޕިސްޓެއް މަސައްކަތް ކުރެއެވެ. ނަރުހުންނާއި ފިޒިއޯތެރަޕިސްޓު ގުޅިގެން ފިޒިއޯ ދިނުމާއި ކަސްރަތު ކުރުވުން ކުރިއަށް ގެންދިޔަ ފަހުން ބަލިމީހުންގެ ހާލަތަށް އެކަމުން ރަނގަޅު އަސަރުކުރާ ކަން ފެންނަ ކަމަށް އެބޭފުޅުން ފާހަނގަކުރެއެވެ. 
  • މުނިފޫހި ފިލުވުމަށްޓަކައި ޓީވީ ބެލުމާއި ކެރަމް އަދި ރާޒުވާ ކުޅެވޭނެ ގޮތް ހަމަޖައްސާފައިވެއެވެ. 
  • މި މަރުކަޒުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ނުބައިތިއްބަން މިހާރުވަނީ މަޝްވަރާކޮށް ކަރުދާހެއް ކަމާއިބެހޭ ފަރާތަށް ހުށައަޅާފައެވެ. 

ހައިރިސްކު ވަޔަލަންޓް ބަލި މީހުންގެ ވާހަކަ

މަރުކަރުގެ އިމާރާތުގެ ފެންވަރު ދަށް ވާހަކަ އާއި ތަން މަރާމާތުނުކޮށް ގިނަ ދުވަސްވެފައިވާ ކަމަށާއި ފާހާނާތައް ހަލާކުވެ ތަށިމުށި ކަޅުވެ ފާހާނާ ތަށިތައް ހަލާކުވެފައިވާ ކަން ހިއުމަންރައިޓްސް ކޮމިޝަނުގެ ރިޕޯޓުގައި ފާހަނގަކޮށްފައިވެއެވެ. މިކަމާއި މެދު ވާހަކަދައްކަވަމުން ޖެންޑަރ މިނިސްޓްރީގެ ފަރާތުން ވިދާޅުވީ، މިހާރުވެސް މަރާމާތުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ވޯޑުތައް މަރާމާތުކުރެވޭނީ އެ މަސައްކަތް ނިމެންދެން މީހުން ބައިތިއްބާނެ ތަނެއް ހުރުމުން ކަމަށްވާއިރު އެފަދަ ކަންކަން ހަމަޖެއްސުމުގައި ދަތިތައް ހުރި ކަމަށެވެ. 

ވަޔަލަންޓް މީހުން ބަހައްޓާފައި ހުންނަ ވޯޑު | ފޮޓޯ: އެމް.ވީ.ޕްލަސް

ދެން އޮތީ މަރުކަޒުކޮށްފައި ތިބި މީހުން ރުޅިގަދަ ވެ ވައިލެންޓް އެޕިސޯޑުތައް އަންނަ ވަގުތުތަކުގައި އެމީހުން އެއިމާރާތުގެ ތަންތަނަށް ގެއްލުންދޭ ވާހަކައެވެ. 

“ވައިލަންޓް މީހުން ތިބޭ ވޯޑުގެ ފާހާނާ ތަކަށް މިސާލަކަށް އަހަރަކު 10 ފާހާނާ ތަށި ހޯދަން އެދުމުން ސަރުކާރުގެ ފައިސާ ދޫކުރާ އިދާރާއިން އެބަ ސުވާލުކުރޭ މިއީ ކިހިނެތްވާ ކަމެއްތޯ” މަރުކަޒުގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވިއެވެ.

މި ވާހަކަތަކުން ފާހަނގަވީ ކަމަކީ ދައުލަތުގެ އިދާރާތަކުގެ މެދުގައި “ކަލެކްޓިވް ރެސްޕޮންސިބިލިޓީ” ނޯންނަ މިންވަރެވެ. ވަޔަލަންޓް ނަފްސާނީ ބަލިމީހުން ތިބޭ މަރުކަޒެއްގެ ފާހާނާތަށިތައް ތަކުރާރުކޮށް ހަލާކުވުމަކީ އެކަމާއި ސުވާލު އުފައްދަން ޖެހޭ ވަރުކަމެއް ނޫނެވެ. ސަބަބަކީ އެއީ އެފަދަ ތަނެއްގެ އާއްމުހާލަތު ކަމުގައިވާތީއެވެ. މިފަދަ ތަނެއްގައި ހަތިޔާރުގެ ގޮތުގައި އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް އަނިޔާ ކުރުމަށް ބޭނުން ހިފިދާނެ ފަދަ ފަރުނީޗަރާއި ފިޓިންސް ހުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެކެވެ.

ވަޔަލަންޓް މީހުން ބަހައްޓާފައި ހުންނަ ވޯޑު | ފޮޓޯ: އެމް.ވީ.ޕްލަސް

މިފަދަ ތަންތަނުގައި ހުންނަން ޖެހޭނީ ހެވީޑިއުޓީ މެޑިކަލް ގްރޭޑުގެ ފަރުނީޗަރާއި ފިޓިންގސްއެވެ. މިސާލަކަށް އެންޓިލިގެޗަރ (anti-ligature) ފަރުނީޗަރެވެ. 

ފާހާނާތަށްޓާއި ޓޭންކާއި، ފާރު ހަލާކުކުރުމާއި އެނދުތައް ހަލާކުކުރުމާއި ގޮދަނޑި، ބާލީސް ހަލާކު ކުރުމާއި ގޮނޑި މޭޒު ހަލާކު ކުރުމާއި އަންނައުނާއި ހިފާ ގެންގުޅޭ ސާމާނުތައް ހަލާކުކުރުމަކީ އެތަނުގައި ހިނގާ ކަންކަމެވެ. ނަފްސާނީ ބަލިމީހުންގެ ތެރެއިން ހައިރިސްކު އަދި ވަޔަލަންޓް ބަލި މީހުންނަކީ ހާއްސަ ހޮސްޕިޓަލެއްގައި ބަލަހައްޓަން ޖެހޭ މީހުން ކަމުގައި ވާއިރު، މި ބަލިމީހުން މަރުކަޒަކަށް ލައި ފޮރުވުމަށް ފަހު އެތަނުގެ މަތިން ހަދާންނައްތާލުމުގެ ނަތީޖާ އަކީ މިއީއެވެ. 

މެންޓަލް ހޮސްޕިޓަލެއްގެ މުހިންމު ކަން އިންތިހާއަށް ބޮޑު

ހައިރިސްކު ވަޔަލަންޓް މީހުންނަށް ބޭނުންވަނީ ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ ބަލި މީހުންގެ ދިރިއުޅުން ހަމަޖައްސަނީ ފަރުވާ ޕްރޮގްރާމު ނިމެންދެން މެންޓަލް ހޮސްޕިޓަލްތަކުގައެވެ. ރީސްޓްރެއިން ކުރެވޭނެ ގޮތްތަކާއި، ބޭހާއި، ސައިކޯތެރަޕީ އާއި، ގަވާއިދުން އެމީހުންގެ ހާލަތު ބަލައި މޮނިޓާ ކުރާނެ ސައިކޭޓްރިސްޓުންގެ ފަރުވާ ލިބޭނެ ނިޒާމެއްގެ ތެރޭގައެވެ. 

ހައިރިސްކު ބަލިމީހުން ފިޔަވައި އެހެން ނަފްސާނީ މައްސަލަތައް ހުންނަ މީހުންނަށް އެންމެ ރަނގަޅު ގޮތަކީ ފަރުވާ އާއި އެކު އާއިލާ އާއި މުޖުތަމައުތެރޭގައި އުޅުމުގެ ފުރުސަތު ހޯދައިދިނުމެވެ. ޖެންޑާ މިނިސްޓްރީގެ ވިސްނުމަކީ ވެސް މިއީއެވެ.

އެހެން ސިއްހީ މައްސަލަތައް ހުންނަ މީހުންނަށް ވެސް ފަރުވާ އާއި އެކު އާއްމު ދިރިއުޅުމެއް އުޅެވޭ ފަދައިން ނަފްސާނީ ބަލި ހުންނަ މީހުންނަކީ ވެސް ފަރުވާ އާއި އެކު އާއްމު ދިރިއުޅުމެއް ވެއަތު ކުރެވޭނެ މީހުންނެވެ. ފަރުވާގެ އެންމެ ބޮޑު އެއް ބަޔަކީ އާއިލާ އާއި މުޖުތަމައުގެ ފަރާތުން އަޅާލުން ލިބުމެވެ. ބާކީ ކޮށްނުލުމެވެ.

“އަޅުގަނޑުމެންނާއި ހަމައަށް މީހުން ފޮނުވާ އިރު އެބަތިބޭ ކުޑައިރުއްސުރެން ލިބެންޖެހޭ އަޅާލުމާއި ފަރުވާ ނުލިބުމުގެ ސަބަބުން ހާލަތު ގޯސްވެފައި ތިބޭ މީހުން. ދައުލަތަށް ނެގުމުގެ ކުރިން އަޅުގަނޑުމެން ބަލަނީ ޑޮކްޓަރުންނަށް ދައްކައިގެން ބޭސްކޮށް އާއިލާ ގާތު ގެންގުޅެ ރީހެބިލިޓޭޓް ކުރެވޭތޯ. ނަމަވެސް ބައެއް ކޭސްތަކުގައި މީހާ ހުންނަނީ ބޭހުން އަދި ތެރަޕީ އިން ވެސް މައިތިރިކުރެވޭ ހިސާބެއްގަ ނޫން. ދެން މިޖެހެނީ ދައުލަތަށް ނަގަން.” ޖެންޑާ މިނިސްޓްރީގެ ފަރާތުން މި މީދިއާއަށް ޓުއަރ ދެއްވި ފަރާތުން ވިދާޅުވިއެވެ.

ވޯޑެއްގައި ތެރޭގައި މަރުކަޒުގައި ދިރިއުޅޭ މީހުން އިށީންދެލައިގެން | ފޮޓޯ: އެމް.ވީ.ޕްލަސް

ސިއްހީ ނިޒާމު 3 ލޭޔަރަކަށް ވާއިރު، އޭގެ އެންމެ މަތީ ޓިއާ އަކީ ޓާޝަރީ ހޮސްޕިޓަލްތަކެވެ. ނަމަވެސް ރާއްޖޭގެ އެއްވެސް ޓާޝަރީ ހޮސްޕިޓަލެއްގައި މެންޓަލް ވޯޑެއް ނެތެވެ. ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާދޭނެ ހާއްސަ ގޮތްތަކެއް ގާއިމުވެފައި ނެތެވެ. އެހިދުމަތް ގާއިމުވެފައި ނެތަސްވެސް އެކި ސަރަހައްދުތަކުގެ ހޮސްޕިޓަލުތައް ވަނީ ޓާޝަރީ ހޮސްޕިޓަލިގެ ފެންވަރަށް ބަދަލުކޮށްފައެވެ. 

މި މަރުކަޒަކީ އެއްވެސް އިންސާނަކު އެއްވެސް ހާލެއްގައި ދިރިއުޅުމަށް އެކަށީގެންވާ ތަނެއް ކަމަށް ސަބަބުވެރި އިންސާނަކު ގަބޫލުނުކުރާނެއެވެ. ހިތުގެ ބަލި ނުވަތަ ފުއްޕާމޭގެ ބަލި މީހުން ގެއަކަށް ލައި ބަންދުކޮށްފައި ތިބޭ ނަމަ އެކަމާއި ކަންބޮޑު ވާނަންތޯއެވެ؟ ހިތުގެ ބަލި މީހާއަށް ހިތުގެ ޑޮކްޓަރުންގެ ފަރުވާ ހޯދައިނުދޭނަމަ އެއީ މައްސަލައަކަށް ވާނެތޯއެވެ? ހަމަ އެފަދައިން ސިކުނޑީގެ ބަލި މީހުންނަށް ބޭނުންވަނީ ސައިކޭޓްރިކް ފަރުވާއެވެ. ބަންދެއްގައި ގެންގުޅުމެއް ނޫނެވެ.

އަމިއްލަ ނަމުގައި ދައުވާ ކުރުމުގެ  ގާނޫނީ ބާރު ހިއުމަންރައިޓްސް ކޮމިޝަނަށް އޮވެމެ، ސީރިއަސް މައްސަލަތައް ތަކުރާރުކޮށް ފާހަނގަކޮށް އެކަންކަން ރަނގަޅުކުރުމަށް ކަމާއިބެހޭ އިދާރާތަކަށް ތަކުރާރުކޮށް އަންގާ އެންގުންތަކަށް އެ އިދާރާތަކުން އަމަލު ނުކުރިނަމަވެސް ހިއުމަންރައިޓްސް ކޮމިޝަނުން މިހާތަނަށް މި މައްސަލަތަކާއި ގުޅިގެން އެއްވެސް ތަންފީޒީ އިދާރާއެއްގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެއެވެ. 

މަރުކަޒުގައި ދިރިއުޅޭ މީހުން ކުރަހާފައިވާ ކުރެހުންތަކެއް | ފޮޓޯ: އެމް.ވީ.ޕްލަސް

ހަށިގަނޑުގެ އެހެން ގުނަންތަކަށް ބަލިތައް ޖެހޭފަދައިން ސިކުނޑިއަށް ބަލި ޖެހުމަކީ ކޮންމެ މީހަކަށް ވެސް ކުރިމަތިވެދާނެ ކަމެކެވެ. ނަފްސާނީ ބަލި ނުވަތަ ސިކުނޑީގެ ބަލިތައް ހުންނަ މީހުންނާއި މެދު މިހާރު އަމަލުކުރާ އުސޫލާމެދު ކަންބޮޑުވާން ޖެހެނީ ހަމަ އެކަނި އެ މަރުކަޒުގައި ތިބި މީހުންނާއި އެ އާއިލާތަކުން އެކަންޏެއް ނޫނެވެ. ނަފްސާނީ ބަލި މީހުންނަށް ބޭނުންވަނީ އެކަހެރިކޮށް ބާކީ ކުރާ ސިޔާސަތެއް ނޫނެވެ. ބޭނުންވަނީ ރީހިބެލިޓޭޓްކޮށް ރީއިންޓެގްރޭޓް ކުރާނެ ސިޔާސަތެކެވެ.

އުފަންވުމާއި ހަމައިންވެސް ނަފްސާނީ ބަލިތަކުން ރައްކާތެރިކުރާނެ ހޮލިސްޓިކް ސިޔާސަތުތަކެކެވެ. ބައްޔަށް މީހާ ހުށައެޅޭ ސަބަބުތައް ނައްތާލުމާއި ހޭލުންތެރިކަން އުފެއްދުމަކީ ޕްރެވެންޝަން ނުވަތަ ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިކުރުމަށް ކުރަންޖެހޭ ކަންކަމެވެ. ދެން އޮތީ ބަލި ޖެހިއްޖެ ނަމަ އެކަށީގެންވާ ރަނގަޅު ފަރުވާ ދެވޭނެ ނިޒާމެއް ގާއިމުކޮށް ވަރުގަދަކުރުމެވެ. މި މައްސަލައަށް އޮތް ހައްލަކީ ތަނަކަށް ލައި މީހުން ފޮރުވައި އެމީހުން މަތިން ހަނދާން ނައްތާލުމުގެ ބަދަލުގައި ފަރުވާ ފޯރުކޮށް ދިނުމެވެ. 

ރިއެކްޝަންސް
1
1
0
61
1
0
1