ރުއްގަނޑު ފެސްޓިވަލް 2023 މިމަހު 10 އަދި 11ގައި
6 މާޗް 2023 - 10:29
ބައިނަލްއަގްވާމީ އަންހެންވެރިންގެ ދުވަހާއި ދިމާކޮށް ބެނެފިޓް ޖަމިއްޔާގެ ފަރާތުން ބާއްވާ ރުއްގަނޑު ފެސްޓިވަލް 2023 މިމަހުގެ 10 އަދި 11ވަނަ ދުވަހުގައި ހުޅުމާލެ ރުއްގަނޑު 2ގައި އޮންނާނެ ކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފި އެވެ.
އަދި އަންހެންވެރިންގެ ދުވަހާ ގުޅުވައިގެން ބެނެފިޓްގެ އައު ކެމްޕެއިންގ “ޗައިލްޑް ކެއަރ ފޮރ ޓުމޯރޯ” އިފްތިތާހުކުރުންވެސް މި އިވެންޓްގައި އޮންނާނެ އެވެ. މިއީ ރާއްޖޭގެ އެކި ދާއިރާތަކުގައި މުހިއްމު ދައުރެއް އަދާކުރާ އަންހެނުންނަށް ހާއްސަކޮށްގެން މަސައްކަތުގެ ދާއިރާގައި ހަމަހަމަ ފުރުސަތެއް ހޯދައިދިނުމަށް ވަކާލާތުކުރުމަށް އިފްތިތާހް ކުރެވޭ ކެމްޕެއިން އެކެވެ.
2019ގައި ބޭއްވުނު ފެއަރ އެކޭ އެއްފަދައިން، މިފަހަރުވެސް ގަސް އިންދުމަށް ލޯބިކުރައްވާ ބޭފުޅުންނަށް ހާއްސަ މިނީ-ފެސްޓިވަލްއެއް ބޭއްވުމަށް ވަނީ ރޭވިފައި އެވެ. މި ފެސްޓިވަލްއަކީ ރާއްޖޭގެ ރަށްތައް ފެހިކުރުމުގެ މަސައްކަތާއި ގުޅުވައިގެން ކުރިއަށް ގެންސާ ފެސްޓިވަލް އެކެވެ.
މީގެ އިތުރުން ފޮނިކާތަކެތި އަދި ހެދިކާ ހެދުމަކީ އަންހެނުން އެ ދާއިރާއެއްގައި ގިނަ އަދަދަކަށް ހަރަކާތްތެރިވާ ދާއިރާއަކަށް ވުމާއިއެކު، މިމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން “ބޭކަރސް ފެސްޓް”، އަދި ކުޑަކުދިންނަށް ހާއްސަ ކޮށްފައިވާ ހަރަކާތްތަކާއެކު “ޗިލްޑްރަންސް އީވްނިންގ”، “އާރޓްސް އެންޑް ކްރާފްޓްސް ” ގެ ނަމުގައި ދިވެހި އުފެއްދުންތެރިންގެ ފަންނީ މަސައްކަތްތައް ދައްކުވައިދޭ ސްޓޯލްތަކާއި އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު “މިއުސިކް ފެސްޓް” ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި އެވެ.
2 ދުވަހުގެ މުއްދަތައް ބާއްވާ މިފެއަރ އަކީ ހުރިހާ އުމުރެއްގެ ބޭފުޅުންނަށާއި އާއިލާތައް އެކުގައި ޒިޔާރަތްކޮށް ހިއްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ހުޅުވާލެވިފައިވާ ފެއަރއެކެވެ.
މި ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 1600 އިން ރޭގަނޑު 2300އަށެވެ. މިފެއަރގައި ބައިވެރިވުމަށް ސްޓޯލް ބުކިންގ ހަދަން ގުޅާނެ ނަންބަރަކީ 9770620 އެވެ.
ބެނެފިޓަކީ 2017ވަނަ އަހަރު ރަޖިސްޓްރީކޮށް މައިނގަނޑު 3 މަގްސަދަށް އަމާޒުކޮށްގެން މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. މީގެ ތެރޭގައި އަންހެނުން ބާރުވެރިކުރުން، ތިމާވެށި ރައްކާތެރިކުރުން، އަދި ވެލްފެއަރ ހިމެނެ އެވެ. މީހެ ކުރީ އަހަރުތަކުގައިވެސް އަންހެނުންގެ ދުވަހާ ގުޅިގެންނާއި އަދި އިޖްތިމާއި އެކި ހަރަކާތްތައް ޕްރޮމޯޓް ކުރުމަށް އަމާޒުގައި ކޮމިއުނިޓީ ފެއަރތައް ބެނެފިޓްގެ ފަރާތުންވަނީ ބޭއްވިފައި އެވެ.