މާއުނގޫދޫ ގައި ކުރިއަށް ދަނީ އާ ހާބަރު ފުންކުރުމުގެ މަސައްކަތް: އެމްޓީސީސީ
7 މާޗް 2023 - 12:55
ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށް ު، އެމްޓީސީސީން ބުނެފި އެވެ.
މާއުނގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރެވިފައިވަނީ 26 މެއި 2022 ގަ އެވެ. މަޝްރޫއު ހަވާލުކުރިތާ ހަތަރު މަސް ތެރޭ އެމްޓީސީސީން ވަނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ. 59.7 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމަން ދީފައިވަނީ 16 މަސްދުވަހެވެ.
މި މަޝްރޫއުގެ ދަށުން، 59,013 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 3,245 ކިއުބިކް މީޓަރުގެ ސަަރަހައްދެއްގެ ނެރު ފުންކުރުމާއި، 362 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 312 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1509 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.