ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމު ފުރިހަމަކޮށް ސްކޫލުތަކާ ގުޅިވަޑައިގަންނަވާ ޕްރިންސިޕަލުންނަށް ލިއުން ހަވަލުކޮށްފި
11 މާޗް 2023 - 10:33
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މެލޭޝިއާގެ ޔުނިވަރސިޓީ މަލާޔާއިން “މާސްޓަރސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް” ކޯސްފުރިހަމަކޮށް ސްކޫލުތަކާ ގުޅިވަޑައިގަންނަވާ ޕްރިންސިޕަލުންނަށް އެ ބޭފުޅުންގެ މަޤާމުގެ މަސްއޫލިއްޔަތުގެ ލިއުން ހަވާލުކޮށްދެއްވައިފިއެވެ.
ޕްރިންސިޕަލުން ތަމްރީނުކުރުމަށް ކުރިޔަށްގެންދިޔަ ސްކޮލަރޝިޕް ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި، “މާސްޓަރސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް” ކޯސް ފުރިހަމަކޮށް ސްކޫލުތަކާ ގުޅިވަޑައިގަންނަވާ 17 ބައިވެރިންނަށް އެ ބޭފުޅުންގެ މަޤާމުގެ މަސްއޫލިއްޔަތުގެ ލިއުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު އޮތީ މިރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ގިނަ ދާއިރާތަކަކަށް އަމާޒުކޮށް މީހުން ތަމްރީނުކުރުމަށް ސަރުކާރުން މިހާރުވެސް ޕްރޮގްރާމުތަކެއް ފަށައިގެން ކުރިޔަށްގެންދާކަން ފާހަގަކުރައްވައި އޭގެ ބައެއް ތަފުޞީލުތަކަށް އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި މަޤާމުގެ ލިއުމާ ހަވާލުވެވަޑައިގެންނެވި ޕްރިންސިޕަލުން އެބޭފުޅުންގެ ޒިންމާ އަދާކުރެއްވުމުގައި ކަމާގުޅޭ ހުރިހާ ފަރާތްތަކާއި ގުޅިގެން، އެއް އަމާޒަކަށް ވާޞިލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.
ޕްރިންސިޕަލުންނަށް ހިންގި މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޕްރިންސިޕަލުން ތަމްރީނުކުރުމުގެ މަޤްޞަދުގައި 2022 ވަނަ އަހަރު ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން މެލޭޝިއާގެ މަލާޔާ ޔުނިވަރސިޓީގައި ކުރިޔަށްގެންދިޔަ “މާސްޓަރސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް” ކޯސް ފުރިހަމަކޮށް މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 17 ފަރަތަކުން ވަނީ ސެޓްފިކެޓް ޙާޞިލުކޮށްފައެވެ.
ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހިނގާ ސްކޮލަރޝިޕް ޕްރޮގްރާމަކީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ސްކޮލަރޝިޕް ޕްރޮގްރާމުގެ 2 ވަނަ ބުރު މިއަހަރު ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު މުޅި މި ޕްރޮގްރާމް ނިމޭއިރު ސަރުކާރުން ހިންގާ ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ތިބޭނެއެވެ.