އަމިއްލަ ހިޔާލު : ބާރުވެރިވުމަކީ ކޮންމެހެން ވަޒީފާއަށް ދިޔުމެއް ނޫން — ވަޒީފާއަށް ނުދިޔުމުގެ އިހްތިޔާރަކީވެސް އޭގެ އެއް އަސާސް
12 މާޗް 2023 - 14:41
24 އަހަރުގެ އެ އަންހެންމީހާ އުޅެނީ އަމިއްލަ ކުންފުންޏެއްގެ ވަޒީފާގައެވެ. ވަޒީފާއަށް ދަނީ ދަރިފުޅު އޭނާގެ މުސްކުޅި މަންމައާއި ހަވާލުކޮށްފައެވެ. އޮފީސް ނިމެނީ ހަވީރު 5 ޖަހާއިރެވެ. ގެއާއި ހަމައަށް އާދެވޭ އިރު ހުންނަނީ އިރުއޮއްސިފައެވެ. މަންމަ ބަލިވެގެން ނުތެދުވެވޭ ދުވަސްދުވަހު އޭނާ އަކަށް އޮފީހަކަށް ނުދެވެއެވެ. ދަރިފުޅު ކައިރީ ހުންނާނެ އެހެން މީހަކު ނެތީމައެވެ. ފިރިމީހާ އުޅެނީ ރިޒޯޓެއްގައެވެ. މާލޭ ސަރަހައްދުގައި ދިރިއުޅެނީ މަންމަގެ ކިޑްނީ ބައްޔަށް ފަރުވާކުރަން މާލެ އަންނަން ޖެހޭ ވަރުންނެވެ.
ޓީމް ވޯކް ވަރުގަދަކުރުމަށް ކަމަށް ބުނެ އޮފީހުން ރާވާ ކުޅިވަރު ކަންކަމުގައި ބައިވެރި ނުވެއްޖެ ނަމަ ޓީމް ޕްލޭޔާ އެއް ނޫން ކަމަށް ދެކި، އޭނާގެ އެޕްރައިޒަލް އިން މާކްސް މަދުވެދާނެ ކަމުގެ ބިރައްޓަކައި ރޭގަނޑު ދޭތެރެ ދޭތެރެއިން “އިތުރު ހަރަކާތް” ތަކުގައި ބައިވެރިވާން އޭނާ ޖެހެއެވެ. އެކި ހަފްލާތަކަށް އޮފީސް ތައްޔާރުކުރަން ވެސް ދާން ޖެހެއެވެ. އޮފީސް ޔުނިފޯމުގައި “**** ފެމިލީ” ޖަހާފައި އޮވެއެވެ. އޭނާގެ އަސްލު އާއިލާ އަށް ވުރެ ގިނަ ވަގުތު ދޭން އޭނާއަށް މަޖުބޫރުވަނީ މި “ފޭކް ފެމިލީ” އަށެވެ.
ބާރުވެރިކަން މާނަ ކުރާ ގޮތް
އަންހެނުންގެ ދުވަހު އެ އޮފީހުން އަންހެނުންނަށް ކޭކު ފަޅައިދީ ހަފްލާއެއް ބޭއްވިއެވެ. ސަރުކާރުން ނެގި ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި ގައުމުގެ އުފެއްދުންތެރިކަމުގައި އަންހެނުން ބައިވެރިވާ އިންސައްތަ އަންނަނީ ބޮޑުވަމުންނެވެ. އެ ހިސާބު ހެދީ އެ އަންހެން މީހާގެ ބޯ ވެސް ހިމަނައިގެންނެވެ.
ކަމުގެ ހަގީގަތަށް ބަލާއިރު އެ އަންހެން މީހާއަކީ ބާރުވެރި އަންހެނެއް ނޫނެވެ. އަންހެނުންގެ ދުވަހާއި ދިމާކޮށް އަބަދުވެސް ސަރުކާރުންވެސް އަދި އަމިއްލަ ވަކިވަކި ފަރުދުންވެސް އެންމެ ބޮޑަށް ބާރުލައި ވާހަކަ ދައްކަނީ އަންހެނުން ވަޒީފާއަށް ދިޔުމަށް ހުރި ހުރަސްތައް ނައްތާލުމާއި ބެހޭގޮތުންނެވެ. ބޭނުމަކީ ވީހާވެސް ގިނަ އަންހެނުން ވަޒީފާއަށް ނެރުމެވެ.
އަންހެނުން ބާރުވެރިވުމަކީ ވަޒީފާ އަދާ ކުރުން އެކަނި ކަމުގައި ދެކޭނަމަ ބާރުވެރިކަން މާނަ އެކުރެވެނީ ވަރަށް ހަނި ގޮތަކަށެވެ. ބާރުވެރިވުމަކީ މަޖުބޫރީ ހާލަތެއްގައި މީހާ ތާށިވުމެއް ނޫނެވެ. ވަޒީފާ އަދާ ކުރަން ބޭނުންވާ މީހާ އެއްވެސް މަޖުބޫރީ ހާލަތެއް ނެތި އޭނާގެ އަމިއްލަ ހިތްހަމަޖެހުމާއި އާމްދަނީ އަށްޓަކައި ވަޒީފާއަށް ދިޔުމަކީ ބާރުވެރި ކަމުގެ އެއްބައެވެ.
ތިމާއަށް ލިބެން ޖެހޭ އެހެނިހެން އަސާސީ ހައްގުތައް މީހަކަށް ބަރޯސާވުމެއް ނެތި ލިބުމަކީ އޭގެ އަނެއް ބައެވެ. އިހްތިޔާރުކުރުން ނުވަތަ ޗޮއިސް އޮތުމަކީ އޭގެ އެންމެ މައި އަސާސްއެވެ. މިސާލަކަށް ވަޒީފާއަށް ދާން ނުވަތަ ނުދާން ނިންމުމުގެ އިހްތިޔާރު އޮތުމެވެ. ވަޒީފާއަށް ދިޔުމުގެ ބާރާއި ވަޒީފާއަށް ނުގޮސް ދަރި ނުވަތަ މުސްކުޅި މައިންބަފައިން ބަލަން ގޭގައި ހުންނަން ބޭނުންވާ އަންހެން މީހާއަށް އެބާރު ވެސް އޮންނަން ޖެހެއެވެ.
އެއީ މުހިންމު މަސައްކަތެކެވެ. އެއީ އުފެއްދުންތެރިކަމަށް ބާރުދޭ މަސައްކަތެކެވެ. ކެއާ ވޯކް ކުރުމަށް އިހްތިޔާރުކުރާ އަންހެން މީހާއާއި ދޭތެރޭ އެއީ ދެރަ ކަމެއްގެ ގޮތުގައި މުޖުތަމައުއިން ދެކެން ދިމާވާ އެންމެ ބޮޑު ސަބަބަކީ އަންހެނުން ބާރުވެރިކުރުވުމާއި ވަޒީފާ އަދާކުރުމާއި ގުޅުވާތީއެވެ. މިކަން ބަދަލުވާން ޖެހެއެވެ.
ބާރުވެރިކަމާއި އިހުތިޔާރުގެ މުހިއްމުކަން
މިވެނި ރަށެއްގެ އަންހެނުންގެ ތެރެއިން މައިންގެ 60 އިންސައްތަ ވަޒީފާއަދާކުރާ ކަމަށް ބުނެ ހިސާބު އަދަދުތައް ގުނާލާއިރު އެއާއި ދޭތެރޭ ދެކެވޭނެ އެހެން ނަޒަރިއްޔާތެއް އެބައޮތެވެ. އެރަށުގެ 60 އިންސައްތަ ކުޑަކުދިން ތިބީ މައިންގެ ވަގުތު ނުލިބިފައި ކަމަށް ބުނެވެން އެބައޮތެވެ. މަންމައިން ވަޒީފާއަށް ދިޔުމާއި ދަރިން ބެލޭނެ ގޮތް ނެތިގެން ވަޒީފާއަށް ނުދެވޭ މައްސަލައަށް އޮތް ހައްލެއްގެ ގޮތުން އެންމެ އާއްމުގޮތެއްގައި ދެކެވޭ ވާހަކައަކީ ޑޭކެއާ ސެންޓަރުތަކުގެ ވާހަކައެވެ. ނުވަތަ އޮފީސްތަކުގައި ޑޭކެއާ ހެދުމުގެ ވާހަކައެވެ.
މިކަމާއި އަހަރެންގެ ހިޔާލު ތަފާތެވެ. ސަބަބަކީ ޑޭކެއާ ސެންޓަރަކީ މައިންގެ ރިޕްލޭސްމަންޓެއް ނޫންވީމައެވެ. ތުއްތު ކުދިންނަކީ ވަކި އުމުރެއް ވަންދެން މަންމަ އާއި ބައްޕަގެ ވަގުތާއި އަޅާލުމާއި ލޯބި ވަރަށް ބޮޑަށް ބޭނުންވާ ބައެކެވެ. ގައުމީ ސިޔާސަތަކަށް ވާން ޖެހެނީ އަންހެނުންނަށް ނުވަތަ މައިންނާއި ބަފައިންނަށް ބަހާލައިގެން ކުއްޖާއަށް ވަގުތު ދެވޭނެ ގޮތަކަށް މަސައްކަތު ވަގުތު ކުޑަކުރުމެވެ.
ނުވަތަ ގޭގައި ތިބެ ފްލެކްސިބަލް ކޮށް މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމެވެ. މި ނޫން އެއްވެސް ގޮތަކުން ކުޑަކުދިންނަށް ބޭނުންވާ މައިންބަފައިންގެ ވަގުތެއް ހޯދައެއް ނުދެވޭނެއެވެ. އެ ވަގުތަކީ ފަހުން ދެވޭނެ ވަގުތެއް ނޫނެވެ. އަދި އެހެން މީހަކު ލައްވާ ދެވޭނެ ވަގުތެއް ވެސް ނޫނެވެ.
އެހެން ކަމުން އަންހެނުން ބާރުވެރި ކުރާ ވާހަކައިގެ އެއްބަޔަކީ އަންހެނުންގެ ތެރޭގައި ތިބި މައިންނަށް, އެމީހުން މައިންނަށް ވީތީވެ އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އާމްދަނީ އަށްޓަކައި މަޖުބޫރީ ހާލަތެއްގައި ތާށިވެގެން ދަރިން ނުވަތަ މުސްކުޅި މައިންބަފައިން ކޮމްޕްރޮމައިޒް ކުރަންޖެހޭ ހާލަތެއްގައި އަންހެނަކު އުޅެން ޖެހޭނަމަ އެމީހާ އެހެރީ އަދި ވަޒީފާއެއްގައި ވިޔަސްވެސް ބާރުވެރިވެފައި ކަމަކަށް ބެލެވޭކަށް ނެތެވެ. އެމީހާ ހިތްއެދެނީ ގޭގައި ދަރި ނުވަތަ އޭނާގެ އަޅާލުން ބޭނުންވެފައިވާ މަންމަ/ބައްޕަ އަށް އަޅާލުން ދިނުމަށް ގޭގައި ހުރުމަށެވެ. ހާލަތު މަޖުބޫރުކުރަނީ އާމްދަނީ ހޯދުމަށްޓަކައި އެ ޒިންމާތައް އެންމެ ރަނގަޅަށް އަދާނުކޮށް އޮފީސް މަސައްކަތް ކުރުމަށެވެ.
ނަމަވެސް އަންހެނުންގެ އުފެއްދުންތެރިކަން ގުނުމުގައި މިފަދަ ހާލަތްތަކުގައި މަސައްކަތަށް ނިކުންނަ އަންހެނުންގެ ބޯ ހިމެނުމަކީ މައްސަލައިގެ އަސްލު ހަގީގަތް ސާފުކޮށް ފެނުމަށް އޮތް ހުރަހެކެވެ. ވަޒީފާ އަށް ނިކުންނަ މީހުން ނުވަތަ އުފެއްދުންތެރިކަމުގައި ބައިވެރިވާ މީހުންގެ އަދަދު އެކަނި ގުނާލުމަކީ ހާލަތު ވަޒަން ކުރެވޭނެ ގޮތެއް ނޫނެވެ. ހާލަތު ވަޒަން ކުރެވޭނީ އެމީހާ ވަޒީފާއަށް ދިޔުމުގެ ސަބަބުން ދިރިއުޅުމަށް ކުރަނީ ހެޔޮ އަސަރުތޯ ނޫންތޯ ވަޒަން ކުރެވިގެންނެވެ. އެމީހާ ވަޒީފާއަށް ދިޔުމުގެ ސަބަބުން ނިކުންނަ އިމީޑިއެޓް ނަތީޖާތަކާއި ދުރު މުސްތަގުބަލުގައި ނިކުންނާނެ ނަތީޖާ ވަޒަންކުރެވިގެންނެވެ. ދަރިން ވާނީ މަގުމަތިތޯ މައިންބަފައިން ވާނީ ނިކަމެތިތޯ ބަލައި އެކަންކަން ވަޒަންކޮށްގެންނެވެ. ބާރުވެރިވީ ކަމުގައި ބެލެވޭނީ ކެއާ ވޯކް ތޯ އޮފީސް ވޯކް ތޯ އިހްތިޔާރު ކުރުމުގެ ބާރު ލިބިގެންނެވެ. މަޖުބޫރީ ހާލަތުން ނެއްޓިގެންނެވެ. ވަޒީފާއަށް ދިޔުމަކީ ފަހަރުގައި މީހާ ނިކަމެތިވާ ކަމެއްކަމުގައިވެސް ވެދާނެއެވެ.