އަންހެނުން ހިމެނުމަށް ކުރާ މަސައްކަތް ހަރުދަނާ ކުރުމަށްރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
21 މާޗް 2023 - 15:54
ލީޑަރޝިޕްގެ ރޯލުތަކުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބިގެންދާނެ މާޙައުލެއް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް (އައިޑަބްލިއުޑީ 2023) ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ 2022 ވަނަ އަހަރު އިފްތިތާޙުކުރި ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭނަށް އަލިއަޅުއްވާލައްވާފައެވެ. މި ޕްލޭންގައި ހުރިހާ ދާއިރާއެއްގައި އަންހެން ކުދިންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި، ޖިންސުގެ ސްޓެރިއޯޓައިޕްގެ ނުފޫޒުން ނުފޫޒު ފޯރުވާ ރޯލުތައް ސިސްޓަމެޓިކްކޮށް އަދާކުރުމަށް ހުރަސް އެޅުމާއި، ނިންމުންތައް ނިންމުމުގައި އަންހެނުންނާއި ފިރިހެނުންގެ މަސްލަހަތު ހިމާޔަތްކުރުމަށް ހަމަހަމަގޮތެއްގައި ވިސްނާލުމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން، އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލުމަށްފަހު މޯލްޑިވްސް އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު (އެމްއީރީ) މަޝްރޫޢުގެ ދަށުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކުޅިވަރުގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ އުޖޫރައެއް މި ސަރުކާރުން ތައާރަފްކޮށް، ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ރާއްޖެއިން ބޭރުގައި ޓްރެއިނިން ކޭމްޕްތަކުގައި އެތުލީޓުންނާ އެކު އުޅެވޭނެ ބެލެނިވެރިޔަކު ހަމަޖައްސައިދީފައިވާ ކަމަށް ބުނެފައިވެއެވެ.
އަދި ވަޒީފާ އަދާކުރާ މައިންނަށް ހިތްވަރުދީ، ވަޒީފާއަށް ހުރި ހުރަސްތައް ނައްތާލުމަށް ވެސް މި ސަރުކާރުން އަންނަނީ ފިޔަވަޅުތައް އަޅަމުންކަމަށް ބުނެ’ ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކުގައި ކުޑަކުދިންނާ ރައްޓެހި ތަންތަން ހާއްސަ ކުރަމުން އަންނަ
އިރު، ބައެއް އިދާރާތަކުން ވަޒީފާ އަދާކުރާ މައިންނަށް ފްލެކްސިބަލް ގަޑިތަކެއް ތައާރަފްކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުނިންމަވާލައްވަމުން، އަންހެނުންގެ ޙައްޤުތައް ކުރިއަރުވައި ޙިމާޔަތްކޮށް، ހުރިހާ ދާއިރާއަކުންވެސް ލީޑަރޝިޕްގެ ދައުރެއް އަދާކުރުމަށް ބާރުއެޅުމަށް މުޅި މުޖުތަމަޢުގެ ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.