ފުލުހުންގެ މުސްތަޤްބަލު ބިނާކުރުމުގެ ގޮތުން ބޭއްވި ޕީ.އާރް.އައި ކޮންފަރެންސް ނިންމާލައިފި
22 މާޗް 2023 - 12:30
ފުލުހުންގެ މުސްތަޤްބަލު ބިނާކުރުމުގެ ގޮތުން ބޭއްވި ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް 2023 ނިންމާލައިފިއެވެ.
ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސަކީ ފުލުހުންގެ މުސްތަޤްބަލު ބިނާކުރުމުގެ ގޮތުން ޕޮލިސް ބޯޑާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި އަދި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ބާއްވާ މިފަދަ ފުރަތަމަ ރިސާޗް ކޮންފަރެންސެވެ.
މި ކޮންފަރެންސްގެ މަޤްޞަދުގެ ތެރޭގައި މަދަނީ ޖަމުޢިއްޔާތަކާއި ދިރާސާކުރާ ފަރާތްތަކާއި ކިޔަވާކުދިންނާއި ކޮމިއުނިޓީ ލީޑަރުންނާއި ސިޔާސަތުތައް ބައްޓަންކުރާ ފަރާތްތަކާއި ސަލާމަތާއި ރައްކާތެރިކަމުގެ ސިނާޢަތުގެ ތަޖުރިބާކާރުންނާއެކު ގުޅުން ބަދަހިކޮށް އަދި އެފަރާތްތަކުގެ ޢިލްމީ ހޯދުންތަކާއި ތަޖުރިބާތައް ޙިއްޞާކުރުން ހިމެނެއެވެ. ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުންގެ ދިރާސާ ކަރުދާސްތައް ހުށަހެޅިގެން ދިޔަ މި ކޮންފަރެންސް ބާއްވާފައި ވަނީ މި މާރިޗު މަހުގެ 18 އިން 20 އަށެވެ.
މި ކޮންފަރެންސް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ޤައުމެއްގެ ރައްޔިތުންނަށް ލިބޭނެ އެންމެބޮޑު ހިތްހަމަޖެހުމަކީ ރައްކާތެރި އަމާން މާހައުލެއް ޤާއިމުވެފައި އޮތުންކަން ފާހަގަކުރެއްވިއެވެ. އަދި މިކަންކަން ކަށަވަރުކުރުމުގައި ރެޔާއި ދުވާލު ބުރަމަސައްކަތްކުރާ ފަރާތްތަކެއް އެބަތިބިކަން ފާހަގަކުރައްވައި އެފަރާތްތަކުން އެ ކުރާ މަސައްކަތްތައް ތަރައްޤީކޮށް ރަނގަޅު ކުރެވޭނީ ވެސް ހޯދުންތައް ހޯދައި ޒަމާނަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ އެހެން ޤައުމުތަކުގައި ގެންގުޅޭ ވައްޓަފާޅިތަކާއި އަރާ ހަމަކޮށްގެންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ..
ފުލުހުންގެ ޚިދުމަތްތައް ކުރިއަރުވައި، ތަރައްޤީކޮށް ޕޮލިސް ރިފޯމް ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ