ރިޕޯޓު: އައިޖީއެމްއެޗް އަށް ވަގުތު ނުދީ ޑޮކްޓަރުން ކްލިނިކްތަކުގައި!

26 މާޗް 2023 - 12:27

ރާއްޖޭގެ އެންމެ ބޮޑު އަދި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ޑޮކްޓަރަކަށް ދެއްކުމަކީ ފަސޭހަ ކަމެއް ނޫނެވެ. އާދައިގެ ބައްޔެއްގައި ވެސް އެތައް އިރަކު ކިއުގައި މަޑުކުރަންޖެހެއެވެ. ބައެއް ޑޮކްޓަރުންގެ ނަންބަރު ލިބެނީ އެތައް ދުވަހަކު ކިޔުގައި މަޑުކޮށްގެންނެވެ. މިއީ ފެށުނީއްސުރެ މިއަދާ ހަމައަށް ވެސް ހައްލެއް ނުލިބުނު ޝަކުވާއެކެވެ. މި ވަނީ ކިހިނެއް ހެއްޔެވެ؟

އައިޖީއެމްއެޗްގައި މަސައްކަތްކުރާ ދިވެހި ޑޮކްޓަރުންގެ ތެރެއިން ގިނަ ޑޮކްޓަރުންނަކީ އަމިއްލަ ކްލިނިކްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނެވެ. އަދި ބައެއް ޑޮކްޓަރުންގެ އަމިއްލަ ކްލިނިކްތައް ހުންނަ ބައެއް ޑޮކްޓަރުންގެ ހިއްސާ ވެސް ކްލިނިކްތަކުގައި އޮވެއެވެ. އަދި ކްލިނިކްތަކުން ލިބޭ އާމްދަނީއަކީ ޑޮކްޓަރުންގެ އާމްދަނީގެ ބޮޑު ބައެކެވެ. އެހެންކަމުން އައިޖީއެމްއެޗަށް ވުރެ ކްލިނިކްތަކަށް ދޭ ވަގުތާއި އިސްކަން ބޮޑުވަނީއެވެ. 

advertisement

ބައެއް ކަހަލަ ބަލިތަކުގައި އައިޖީއެމްއެޗްގެ ޑޮކްރުންނަށް ދެއްކުމަކީ ވަރަށް ބޮޑު ތަކުލީފެކެވެ. އޭގެ ތެރޭގައި ނަފްސާނީ މައްސަލަތަކާއި ނާރުގެ ބަލިތަކާއި އެ ނޫން ވެސް ބައެއް ހާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ނަންބަރު ހޯދުމަށް އެތައް ދުވަހަކު ކިޔުގައި ތިބެންޖެހެއެވެ. މި ފަހަކުން ވެސް ނަފްސާނީ ޑޮކްޓަރުންނަށް ދެއްކުމަށް އެތައް މަހެއް ކިޔުގައި ތިބެންޖެހޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. 

ރޭގަނޑު ހޭލައި ކިޔުގައި އިނދެގެން ޑޮކްޓަރަށް ދެއްކުމުގެ ޒަމާން ފަހަނަ އަޅައި ގޮސް ކިޔުބީ ފަދަ ނިޒާމްތަކުގެ ތެރެއިން ނަންބަރު ދޫކުރުމުގެ ކަންކަން ބަދަލުވެގެން ދިޔަ ނަމަވެސް އައިޖީއެމްއެޗްގައި އަދިވެސް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހައްދަން ނަންބަރު ނެގުމުގެ ކަންކަން އެ ނިޒާމުގެ ތެރެއިން ހަމަޖެހިފައެއް ނުވެއެވެ. އެހެން ކަމުން އަދިވެސް އެޕޮއިންޓްމަންޓް ހެދުމަކީ އުނދަގޫ ކަމެކެވެ. 

މިއީ އެތައް ޒަމާނުއްސުރެވެސް ހައްލު ނުވެފައި އޮންނަ މައްސަލައެއް

އައިޖީއެމްއެޗްގެ ބައެއް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ބައެއް ޑޮކްޓަރުންނަކީ އަމިއްލަ ކްލިނިކްތަކުގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ ފަރާތްތަކެވެ. އަދި ބައެއް ޑޮކްޓަރުން އަމިއްލަ ކްލިނިކް ވެސް ހިންގައެވެ. އެހެންކަމުން އެ ޑިޕާޓްމަންޓްގެ އިސް ބައެއް ޑޮކްޓަރުން އައިޖީއެމްއެޗަށް ވަގުތު ނުދޭ ކަމަށް އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ މީހަކު ބުންޏެވެ. އޭނާ ބުނީ ކުރިން ވާރޑް ރައުންޑަށް އަންނަ ޑޮކްޓަރުން މިހާރު އެކަން ވެސް ނުކުރާ ކަމަށާއި ބަލި މީހުން އެއްގޮތަކަށް ވެސް ނުބަލާ ކަމަށެވެ. އެ މީހުންގެ ކަމަކީ ކާޑު ޖަހާލުން ކަމަށާއި ގިނަ ދުވަސްތަކުގައި ތިބެނީ ޗުއްޓީގައި ކަމަށް އޭނާ ބުންޏެވެ. އަދި ބައެއް ވެރިން އެއްގޮތަށް ވެސް ބަލި މީހުން ކައިރި އަށް ޒިޔާރަތްނުކުރާ ކަމަށް ވެއެވެ.

އައިޖީއެމްއެޗް އިން ނަންބަރު ނުލިބުނު ނަމަވެސް އެ ތަނުގެ ޑޮކްޓަރުން އިންނަ ކްލިނިކްތަކުން ބަރާބަރަށް ނަންބަރު ލިބެއެވެ. އެތަންތަނުގައި ކިޔުގައި ޖެހެން ޖެހެނީ މަދު ފަހަރަކުއެވެ. ފޯނުން ގުޅާލައިގެން ވެސް އެކަން ކުރެވެއެވެ. އަނެއްކޮޅުން ބައެއް ޑޮކްޓަރުން އައިޖީއެމްއެޗްގައި ދުވާލަކު ބަލާ ބަލި މީހުންގެ އަދަދު ވެސް އިންތިހާ އަށް މަދެވެ. ނަމަވެސް ހަމަ އެ ދުވަހު އެ ޑޮކްޓަރު ކްލިނިކްތަކުގައި އެ އަށް ވުރެ މާ ގިނަ މީހުން ބަލާކަން ފާހަގަކުރެވެއެވެ. 

އައިޖީއެމްއެޗްގައި މަސައްކަތްކުރާ ޑޮކްޓަރުން އަމިއްލަ ކްލިނިކްތަކުގައި މަސައްކަތްކުރުމުގެ އުސޫލްތަކެއް ހަމަޖައްސާފައި އޮވެއެވެ. އެހެން ނަމަވެސް މިއީ ހަމައެކަނި ކަރުދާހެއްގައި އޮންނަ އުސޫލްތަކެއް ކަމަށް ވެއެވެ. އައިޖީއެމްއެޗްގެ މެނޭޖްމަންޓަށް ވުރެ ދިވެހި ބައެއް ޑޮކްޓަރުންގެ ނުފޫޒު މާގަދަ ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. 

އައިޖީއެމްއެޗްގައި ހުރި މިފަދަ އެތައް މައްސަލަތަކަކީ އެތައް ޒަމާނެއްސުރެ އެ ތަނުގައި ހައްލު ނުވެ އޮތް މައްސަލަތަކެވެ. މީގެ ތެރެއިން ވެސް ބައެއް ޑޮކްޓަރުން އައިޖީއެމްއެޗަށް ވަގުތު ނުދިނުމަކީ ބޮޑު މައްސަލައެކެވެ. މީގެ އިތުރުން ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް 25 ބުރީގެ އިމާރާތެއް އަޅާފައިވީ ނަމަވެސް އަދިވެސް އެޑްމިޓްކުރަން ޖެހިއްޖެ ނަމަ ގިނަ ތަކުލީފްތަކެއް ކުރިމަތިވެއެވެ. އެނދު ނުލިބިގެން ވެސް ކިޔުގައި މަޑުކުރަންޖެހޭ ފަހަރު މަދެއް ނޫނެވެ. 

ކްލިނިކްތަކުގައި އާސަންދަ ލިބުނު ނަމަވެސް ގިނަ ފަހަރަށް އަތުން ކުރަންޖެހޭ ހަރަދު މާ ބޮޑެވެ. އަދިވެސް ގިނަ މީހުންނަށް ކްލިނިކްތަކަކީ އަގު ބޮޑު ހިދުމަތެކެވެ. އެހެންކަމުން އަތުން ހަރަދެއް ނުކުރެވޭ އެތައް ހާސް ބަޔަކު އަދިވެސް އައިޖީއެމްއެޗް އަށް ބަރޯސާވެއެވެ. އެފަދަ މީހުންނަށް ފަސޭހަ ނިޒާމެއްގެ ތެރެއިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމެއް ހަމަޖައްސައިދޭންޖެހެއެވެ. ބޮޑު މުސާރަ ދީފައި ޑޮކްޓަރުން ބައިތިއްބާފައި ތިބެނީ ބަލި މީހުން ބެލުމަށެވެ. އެކަން ނުކޮށް އަމިއްލަ ކްލިނިކްތަކަށް އިސްކަންދޭ ނަމަ ނުވަތަ އެކަން ހައްލުކުރެވޭނެ ރަނގަޅު ނިޒާމެއް ހަމަނުޖެހޭ ނަމަ ބަލި މީހުންގެ ކިޔު ދުވަހަކު ވެސް ކުޑައެއް ނުވާނެއެވެ. އައިޖީއެމްއެޗްގެ ބޮޑު ބައްޔަށް ދުވަހަކު ވެސް ޝިފާއެއް ނެތެވެ.

ރިއެކްޝަންސް
2
6
7
18
3
0
10