ރިޕޯޓު: ފެނަކަ — ދަރަނީގެ އަޑި ނޭނގޭ ވަޅުގަނޑެއްގެ ތެރެއަށް!

11 އެޕްރީލް 2023 - 13:27

ފެނަކަ އާއި ފެނަކައިގެ ވެރިންނާ ގުޅޭ ގޮތުން މީގެ ކުރިން ވެސް އެތައް އަޑުތަކެއް ފެތުރިފައި ވެއެވެ. ސޯޝަލް މީޑިއާގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވެއެވެ. ހާއްސަކޮށް އެ ކުންފުނީގެ ދަރަނީގެ މައްސަލައިގައެވެ. ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ މައްސަލަތައް އިންތިހާ އަށް ބޮޑެވެ. އަމިއްލަ ބައެއް ފަރާތްތަކަށް ފެނަކައިން ލިބެންޖެހޭ ފައިސާ ނުލިބިގެން މި ހަފުތާގެ ތެރޭގައި އެ ފަރާތްތަކުން ވަނީ އެ ކުންފުނި ކައިރިއަށް އެއްވެ ނުރުހުން ވެސް ފާޅުކޮށްފައެވެ. ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު އެ ކުންފުންޏަށް ގޮސް މި ކަމުގެ ހިތްހަމަނުޖެހުން ފާޅުކުރެއެވެ. 

advertisement

ފެނަކަ ކުންފުނި ވުޖޫދަށް އައި ގޮތް

ފެނަކަ ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް އުފެއްދީ ކުރިން ރައްޔިތުންގެ ބަޖެޓުން ހިންގަމުން ދިޔަ އިންޖީނުގެތައް ވަކި ކުންފުންޏެއްގެ ދަށަށް ގެނައުމުގެ ބޭނުމުގައެވެ. އޭގެ ތެރެއިން ގިނަ އިންޖީނުގެތަކަކީ އޭރު ވެސް ބޮޑު ގެއްލުމުގައި ހިންގަމުން ދިޔަ ތަންތަނެވެ.

ފެނަކަ ވުޖޫދުވުމާ އެކު ވެސް ފުރަތަމަ ބޮލުގަ އަޅަންޖެހުނީ ބޮޑު ދަރަންޏަކާއެވެ. އަދި ބާވެ ހަލާކުވެފައިވާ އިންޖީނުތަކާއި އިންޖީނުގެތައް މަރަމާތުކުމަށާއި އާ އިމާރާތްތައް އެޅުމަށް ބޮޑު ހޭދައެއް އެ ކުންފުނިން ކުރަންޖެހުނެވެ. އެހެންކަމުން ލިބޭ ގެއްލުމަކަށް ބެލުމެއް ނެތި ދަރަންޏަށް ފައިސާ ނަގައިގެން ވިޔަސް އެ ކުންފުނިން ދިޔައީ އެ މަސައްކަތްތައް ކުރަމުންނެވެ. ފާއިތުވި އަހަރުތަކުގައި އެކަމުގައި ކުރިއެރުންތަކެއް ވެސް ހޯދައިފިއެވެ. 

އިންޖީނުގެތައް ބެލެހެއްޓުމުގެ އިތުރުން ރަށްރަށުގެ ޔުޓިލިޓީ އެހެން ހިދުމަތްތައް ވެސް އެ ކުންފުނިން އަންނަނީ ބަލަހައްޓަމުންނެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާ ގާއިމުކުރުމާއި ފެނުގެ ހިދުމަތް ވެސް ފާހަގަކޮށްލެވެއެވެ. ގިނަ މަޝްރޫއުތަކެއް ހިންގުމުގެ ނަތީޖާއަކަށް ވެފައި ވަނީ ފެނަކައިގެ ދަރަނި ދުވަހެއް ދުވަހަކަށް އިތުރުވެ، އަތްނުފޯރާ ފަށަށް ދިއުމެވެ. 

ފެނަކައިގެ ދަރަނި އިންތިހާއަށް ބޮޑުވެގެން އައުން

މައުލޫމާތު އެނގޭ ފަރާތްތަކުން ހާމަކޮށްފައިވަ ގޮތުން ފެނަކައިން ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އަށް އެކަނި ވެސް 1.8 ބިލިއަން ރުފިޔާ ދަރާފައި އެބަ އޮތެވެ. އޭގެ ސަބަބުން އެސްޓީއޯ އަށް ވެސް ދަތިތައް ކުރިމަތިވެފައިވާ ކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ބުނެފައި ވެއެވެ. އެސްޓީއޯގެ އިތުރުން ވެސް އަމިއްލަ އެތައް ކުންފުންޏަކަށް ފެނަކައިން ފައިސާ ނުދައްކާ މައްސަލަ ވަނީ ފެންމަތިވެފައެވެ. އެ އަދަދު ވެސް ބިލިއަނަކަށް އަރާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. 

ފައިދާ ނެރޭ ކުންފުންޏެއްގެ ބަދަލުގައި ފެނަކައަކީ ރައްޔިތުންގެ ޔުޓިލިޓީގެ ކަންކަން ބަލަހައްޓާ ކުންފުންޏަކަށް ވުމުން ގެއްލުމުގައި ވިޔަސް އެކަން ކުރަންޖެހެއެވެ. ނަމަވެސް ފެނަކައިގެ ދަރަނި އިންތިހާ އަށް ބޮޑުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސިޔާސީ ކަންކަން ވެސް ހިމެނެއެވެ. އެ ގޮތުން ސިޔާސީ ކަންކަމަށް ކުރީގެ ސަރުކާރުންނާއި މިހާރުގެ ސަރުކާރުން ވެސް ފެނަކަ ދިޔައީ ބޭނުންކުރަމުންނެވެ.

ފެނަކައިން ކުރަމުން އަންނަ ބޭކާރު ހަރަދުތަކާއި ކޮރަޕްޝަންގެ ވާހަކަ

އިންތިހާބުތަކާ ދިމާކޮށް ކުންފުންޏަށް ނުކަތާ ވަރަށް ރަށްރަށުން ވަޒީފާތައް އުފައްދާ ކަމަށް މީގެ ކުރިން ވެސް އަޑުތައް ފެތުރިފައި ވެއެވެ. މީގެ އިތުރުން ކުންފުނީގެ ވެރިންނާއި ރަށްރަށުގައި ކުންފުނީގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ނާޖާއިޒު ގޮތުގައި ކަންކަމަށް ހަރަދުކުރުމާއި ސިޔާސީ ބޭނުމަށް ސީއެސްއާރާއި ކުންފުނި ޕްރޮމޯޓްކުރުމަށް ހަރަދުކުރުން ފަދަ ކަންކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން ޕްރޮކިއުމެންޓްގެ ތެރެއިން ވެސް ކުންފުންޏަށް ލިބޭ ގެއްލުމަށް ބެލުމެއް ނެތި ވަކި ބަޔަކަށް ފައިދާވާ ގޮތަށް މުދާ ނެގުމާއި މަޝްރޫއުތައް ހިންގުން ފަދަ ކަންކަން ވެސް އެ ކުންފުންޏަށް ތުހުމަތުކުރެވެއެވެ. 

މީގެ ކުރިން ފެނަކައިގެ ޑީއެމްޑީއެއްގެ ގޮތުގައި ހުރި އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައި ހުރި އިބްރާހީމް ވަހީދު (އިބްރޭ) ވެސް ވަނީ އެ ކުންފުނީގެ ވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިއެވެ. އެ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަގާމުން އިސްތިއުފާ ދެމުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ކުންފުނި ހިންގަމުންދަނީ ކުންފުނީގެ ޗެއާޕާސަން މުހައްމަދު ރަޝީދާއި މެނޭޖިންގް ޑިރެކްޓަރު އަހްމަދު ސައީދުގެ “އަމިއްލަ ކުންފުންޏެއްގެ ގޮތުގައި” ކަމަށެވެ.

އެ ގޮތުން ގިނަ ތުހުމަތުތަކެއް ކުރައްވާފައި ވެއެވެ. އެ ސިޓީގައި ބުނެފައި ވަނީ ބިލްތަކަށް ފައިސާ ދެމުން ދަނީ ހަމައެކަނި ސައީދާ ގުޅުން އޮންނަ ވިޔަފާރިތަކަށް ކަމަށާއި ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ނުހިމެނޭ އެތައް ކަމެއް ކުރަމުންދާ ކަމަށެވެ. އަދި ސައީދަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ތަކުރާރުނުވާނެ ގޮތަކަށް ގަވާއިދުތަކަށް ބަދަލު ގެނައުމަށް ސަރުކާރުގެ އިދާރާތަކުން ވެސް އަންގަމުން ގެންދާ ކަމަށާއި އެހެން ނަމަވެސް އެ އެންގުންތަކަށް އަމަލުކުރުމުގެ ބަދަލުގައި ކުންފުނީގެ ބޯޑު ބޭނުންކޮށްގެން އެކަންކަން ފޮރުވަން ޗެއާމަން މަސައްކަތްކުރައްވާ ކަމަށް ވެސް އިބްރޭ ތުހުމަތުކޮށްފައި ވެއެވެ.

“މަނިކުފާނު ސައީދު އާއި ޗެއާމަން ރަޝީދުއަށް ކުންފުނި ހިންގަން ހަވާލުވިއިރު ކުންފުނީގެ ދަރަނީގެ ގޮތުގައި އޮތް 680 މިލިއަން ރުފިޔާ ތިޔަ ދެ ބޭފުޅުން ހިންގަވަމުން ގެންދަވާ ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތަކާ އަދި ދެ ބޭފުޅުންގެ ނާގާބިލުކަމުން މިއަދު ވަނީ 1.5 ބިލިއަން ރުފިޔާއަށް އިތުރުވެފައި،” ކަމަށް އިބްރޭގެ ސިޓީގައި ތުހުމަތުކޮށްފައި ވެއެވެ.

އެ ތުހުމަތުތައް ސައީދު އޭރު ވަނީ ދޮގުކޮށްފައިއެވެ. އެހެން ނަމަވެސް ސިޔާސީ އެކި ފޯރަމްތަކާއި މަޖިލީހުގެ ޖަލްސާތަކުގައި ވެސް ފެނަކަ އާއި ސައީދަށް ގިނަ ތުހުމަތުތަކެއް ކުރަމުން ގެންދެއެވެ. އެހެން ނަމަވެސް ސައީދާ މެދު ސަރުކާރުން ވެސް ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ސައީދު ފާހަގަކުރެއްވެނީ ވެރިކަންކުރާ ކޯލީޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގައި ވެސް އަދި ސަރުކާރުގައި ވެސް ނުފޫޒު ގަދަ މީހެއްގެ ގޮތުގައެވެ.

ސިޔާސީ ބޭނުންތަކަށް ސަރުކާރުގެ ކުންފުނިތައް ބޭނުންކުރުމާއި ކުންފުނީގެ ހާލަތަށް ބެލުމެއް ނެތި ހަރަދުތައް ކުރުމުގެ ސަބަބުން މީގެ ކުރިން ވެސް ބޮޑެތި ކުންފުނިތައް ބަންގުރޫޓްވެ އުވާލަންޖެހިފައި ވެއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފައިދާ ވަނީ މަދު ކުންފުންޏަކަށެވެ. މިހާރު ވެސް ސަރުކާރުގެ ގިނަ ކުންފުނިތަކަކީ ބޮޑު ގެއްލުމުގައި ހިންގާ ކުންފުނިތަކެވެ. ފެނަކައަކީ އޭގެ ތެރެއިން ވެސް ސަރުކާރަށް އެންމެ ބުރަ ބޮޑުވަމުން ދާ ކުންފުންޏެކެވެ. 

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެކަށީގެންވަ ފިޔަވަޅުތަކެއް ނާޅައި ފެނަކަ ރިސްޓްރަކްޗާކުރަންޖެހިއްޖެ ނަމަ އެތައް ބަޔަކަށް އޭގެ ގެއްލުން ލިބޭނެއެވެ. އެ ގޮތުން އެތައް ބައެއްގެ ވަޒީފާތައް ގެއްލުން އެކަށީގެން ވެއެވެ. މީގެ އިތުރުން އަމިއްލަ ކުންފުނިތަކުން ހިދުމަތާއި ތަކެތި ހޯދާފައި، ފައިސާ ނުދޭ ނަމަ ކުދި އަދި މެދު ފަންތީގެ އެތައް ކުންފުންޏަކަށް ގެއްލުން ލިބޭނެއެވެ. މިހާރު ވެސް އެތައް ބަޔަކު ދަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ. ފެނަކައިގެ ދަރަނީގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނުހޯދިއްޖެ ނަމަ އެ މިސްރާބަށް ކުންފުނި ދަތުރުކުރަން ދެން މާ ގިނަ ދުވަހެއް ނެތެވެ. ކޮންމެ ވެސް މުއައްސަސާއަކުން ފެނަކައިގެ ކަންކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. 

ފީޗަރ ފޮޓޯ: އެމް.ވީ ކްރައިސިސް

ރިއެކްޝަންސް
0
0
0
0
0
0
0