ތާރީހުގެ ތެރެއިން: ރާއްޖޭގެ އަތޮޅުތަކަށް ނަންދެވުނު ގޮތް
18 އެޕްރީލް 2023 - 14:40
ރާއްޖޭގެ ރަށްތަކަށް މިހާރު ކިޔައި އުޅޭ ނަންތައް އުފެދިގެން އައީ ރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި މީހުން ރަށްތަކަށް ކިޔަންފެށި ނަންތަކުންނެވެ. މިގޮތުން އެންމެ ފުރަތަމަ މިގައުމުގައި ވަޒަންވެރިވި ކަމަށް ބުނެވެނީ އިންޑިޔާއިން އައި ދޭވީސް ނަމަކަށް ކިޔުނު ބަޔެކެވެ. އެމީހުން ފުރަތަމަ ވަޒަންވެރިވެ ދިރިއުޅުނީ އިސްދުވައްމަތީގެ އިސްދުވާ ގައެވެ. އޭގެފަހުން އެމީހުން އެރި ކޮންމެ ރަށެއްގެ ނަމަށް ދުވާ ކިޔަންފެށިއެވެ.
އިންޑިޔާގެ ދޭވީންގެ ފަހުން ރެދިން, ކުނިބީން, އާރްޔަން ދަރިކޮޅުން މީހުން ރާއްޖޭގައި ވަޒަންވެރިވިއެވެ. ދިވެހި ބަސް އުފެދިގެން އައީ މިހުރިހާ ދަރިކޮޅެއްގެ ބަސްތައް އެކުވެގެންނެވެ. އޭރު މިރާއްޖޭގެ ނަމަކަށް އެމީހުން ކިޔައިއުޅުނީ ދީވަމާރި އެވެ.
ރާއްޖޭގެ އުތުރުގައި ދިރިއުޅެން އެންމެފުރަތަމަ ފެށި ބަޔަކީ އިންޑިޔާގެ ދެކުނުން އައި ބަޔެކެވެ. އެމީހުން އުޅެން ފެށިރަށްތަކަށް ކިޔަންފެށީ “ވަރަމް” އެވެ. މިގޮތުން ނޮޅިވަރަމް, ކުރުހިންނަވަރަމް އަދި ގިރާވަރަމް މިއީ އެމީހުން އުޅުނު ރަށްތަކެކެވެ. އޭގެފަހުން ދޭވީސް ދަރިކޮޅު މީހުންނަށް “ސުވަދިންމަތި” ފެނުނެވެ. އެމީހުން އެތަނުގައި އުޅެނިކޮށް ދެން އެތަނަށް އައީ ސްރީލަންކާގެ ސަރަންދިވާ އިން އައި ބަޔެކެވެ. މިމީހުން އައި ފަހުން ދޭވީސްގެ ބަހުރުވައިގައި ބޭނުން ކުރި ބައެއް އަޑުތައް ބަދަލުކުރިއެވެ. އެގޮތުން އޭރު އެމީހުން ބަސްމޮށުނު ބަހުގެތެރެއަށް ޝ މި އަކުރު އިތުރުކުރިއެވެ. އަދި އޭގެ ފަހުން ރަސްކަމެއް ގާއިމުވެ ގައުމުގެ ނަން ދީވަ މާރިން ދީވަ މަހަލް އަށް ބަދަލުކުރިއެވެ.
އެޒަމާނުގައި ރަސްކަން ބަދަލުވަމުން އައިސް ސްރީބަވަނަ އާނަންދަ އަށް ފަހު ދެން ރަސްކަމަށް އިސްވީ އޭނާގެ ދަރި މަހާބަރަނަ އަދީތިޔާ އެވެ. މިރަސްގެފާނުގެ ވެރިކަމުގައި މަލިކަތޮޅާއި ތިލަދުންމަތީގައި އުޅުނު އިންޑިޔާ ދަރިކޮޅުގެ މީހުން ބަލިކުރިއެވެ. އޭގެފަހުން އޭނާގެ ނަން ބަދަލުކުރީ 14 އަތޮޅާއި 2000 ރަށުގެ ވެރިޔާގެ ނަމަށެވެ. އަދި ދީވަމަހަލް (މިހާރުގެ ދިވެހިރާއްޖެ) އަކީ މަލިކައްޑޫދެމެދު ކަމުގައި ނިންމިއެވެ. އެއީ މަލިކާއި އައްޑު އަތޮޅާއި ދެމެދުގައިވާ އަތޮޅުތަކެވެ. އެއަތޮޅުތަކަށް ދީފައިހުރި ނަންތަކަކީ:
- މަލިކުއަތޮޅު
- ތިލަދުންމަތި
- މިލަދުންމަޑުވަ
- ފާޑުބުރު
- މަހަލް އަތޮޅު
- އަރި އަދެ އަތޮޅު
- ފެލިދެއަތޮޅު
- މުލަކައަތޮޅު
- ނިލަންދެއަތޮޅު
- ކޮޅުމަޑުވަ
- އިސައްދުންމަތި
- ސުވަދިންމަތި
- އައްޑޫ ފުވައް މުލަކައަތޮޅު މިއެވެ.