ދެބޭހެއް ބޭނުންކުރުމުގައި ސަމާލުވުމަށް އަންގައިފި
19 އެޕްރީލް 2023 - 11:37
ރާއްޖެއަށް ދެބޭހެއް އެތެރެކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ އަންގާފައެވެ.
@MFDA_mv Alert 🚨 https://t.co/90lpkFQrCF
— Ministry of Health (@MoHmv) April 18, 2023
ޓެލްސަރޓާ 40
އެމްއެފްޑީއޭއިން ބުނީ، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމުގެ ހުއްދަ އޮންނަ ބޭހެއްކަމުގައިވާ ޓެލްމިސަރޓަން ނުވަތަ ޓެލްސަރޓާ 40ގެ ބެޗެއްގައި މައްސަލަ އުޅޭކަމަށް އެބޭސް އުފައްދާ ކުންފުނިން ހާމަކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މައްސަލަ އުޅޭ ބެޗްގެ ބޭސް ރާއްޖޭގައި ނެތްކަމަށް އެއިދާރާއިން ބުނެއެވެ.
އެމްއެފްޑީއޭއިން ބުނީ ޕާކިސްތާންގެ ފާމް އިވޯ ފަރމަސޫޓިކަލްސްއިން އުފައްދާ، މިބޭހުގެ އެބެޗުގައި މުށިކުލައިގެ ލައްތަކެއް ހުރުމާއި ގުޅިގެން ސަބްސްޓޭންޑަޑް ޕްރޮޑަކްޓެއްގެ ގޮތުގައި ބޭހުގެ އެބެޗު އަނބުރާ ގެންދިޔުމަށް ޕާކިސްތާނުގެ ކަމާބެހޭ ވުޒާރާއިން އަންގާފައިވާކަމަށެވެ. އެހެންކަމުން ރާއްޖެއިން ބޭރުން މިބޭސް ގަންނަކަމުގައިވާނަމަ ބެޗް ނަމްބަރަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.
ޑެފިބްރޯޓައިޑް
އެމްއެފްޑީއޭއިންވަނީ އިތުރު ބޭހަކާއި ގުޅޭގޮތުންވެސް ސަމާލުވުމަށް އަންގާފައެވެ. މިގޮތުން ޑެފިބްރޯޓައިޑް ނުވަތަ ޑެފިޓެލިއޯ ގެ ބެޗެއްގައިވެސް ފޯލްސިފައިޑް ބެޗްތަކެއް ޔޫއޭއާއި ކިރްގިސްތާންއިން ފެނިފައިވާތީ ކަމާބެހޭ ފަރާތްތަކުން އެކަމުގެ މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.
އެމްއެފްޑީއޭއިން ބުނީ މިއީ ރާއްޖޭގައި އިމްޕޯޓްކޮށް ވިއްކުން ހުއްދަކުރާ ބޭހެއް ނޫންކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރާ ފަރާތްތަކުންނާއި އަމިއްލަ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކޮށް ބޭނުންކުރާނަމަ ބޭހުގެ ބެޗްތަކަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އިލްތިމާސްކުރެއެވެ.
ރާއްޖެއަށް އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭސްސިޓީއަށް ރާއްޖެއަށް އެތެރެކުރާ ބޭސް ޚާއްޞަ ސަމާލުކަމެއްދީގެން ޕޯޓުތަކުގައި ބަލައި ފާސްކުރާނެކަމަށް އެމްއެފްޑީއޭއިން ބުނިއެވެ. އަދި ބޭހާއި ގުޅޭގޮތުން މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެއިދާރާގެ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޝަންގެ ހޮޓްލައިން 7200321 އަށް ގުޅުމަށް އެމްއެފްޑީއޭއިން އެދެއެވެ..