ސިއްހީ ދާއިރާގެ 3710 ދިވެހި މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ: ސަރުކާރު
1 މެއި 2023 - 10:03
މުސާރައަށް ސަރުކާރުން ގެންނަ ހެޔޮބަދަލާއެކު ޞިއްޙީދާއިރާގެ 3710 ދިވެހި މުވައްޒަފެއްގެ މުސާރައަށް ހެޔޮބަދަލު އަންނާނެކަން ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި އަހަރުގެ ރިޔާސީ ބަޔާނުގައި ވަނީ މި އަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަވާނެކަމުގައި ބުނެފިއެވެ.
ރޭގައި ބޭއްވި ޕްރެސްކޮންފަރެންސްގައި، ޕޭފްރޭމްވޯކްގެ ދަށުން ޞިއްޙީ ދާއިރާގެ މުސާރަތަކަށް ގެންނަވާފައިވާ މައިގަނޑު ބަދަލުތައް ހާމަކުރައްވަމުން ނެޝަނަލް ޕޭކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ފައިޒަލް ވިދާޅުވީ މި ބަދަލާއެކު އެލައިޑް ހެލްތުގެ ފަންނުތަކަށް މުސާރައިގެ އެކަށީގެންވާ ކުރިއެރުމެއް ގެންނަވާފައިވާނެކަމަށެވެ.
އަދި ހުރިހާ ފަންނުތަކުގެ މުވައްޒަފުންވެސް އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކުރުމަށް ބާރުއެޅުމުގެ ގޮތުން ފުރަތަމަ ޑިގްރީއަށް މުސާރައިގެ ފަރަގުތަކެއް ހުންނާނެކަމަށާއި ހަމަ އެހެންމެ ޞިއްޙީ ދާއިރާގެ ފަންނުތަކުގެ ތެރެއިން މިހާތަނަށް ދިވެހިން ބިނާކުރުމަށް ދަތިކަމަށް ފާހަގަކުރެވޭ ފަންނުތަކަށް ދިވެހިން ކުރިމަތިލުމަށް ހިތްވަރު ދިނުމުގެ ގޮތުން އެފަދަ ފަންނުތަކަށް ނިސްބަތުން ރަނގަޅު މުސާރަތަކެއް ކަނޑައަޅާފައިވާނެ ކަމަށް ފައިޒަލް ފާހަގަކުރިއެވެ.
ހަމަ އެހެންމެ ކެންސަރުފަރުވާތައް ފަދަ ޚާއްޞަ ފަރުވާތަކަށް ޙާއްޞަ ފަންނުވެރިން ބޭނުންވާތީ އެފަންނުތަކަށްވެސް އެކަށީގެންވާ ރަނގަޅު މުސާރަތަކެއް ކަނޑައަޅާފައިވާނެކަމަށާއި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ހޮސްޕިޓަލްތަކަށް ޞިއްޙީ ދާއިރާގެ ފަންނުވެރިން ހޯދުމުގައި ކުރިމަތިވާ ދަތިތައް ޙައްލުކުރުމަށްވެސް މި ޕޭ ޕްރޭމްވޯކްގައި މުސާރަ ކަނޑައެޅުމުގައި އިސްކަންދީފައިވާނެކަން ފައިޒަލް ފާހަގަކުރިއެވެ.
ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ ޖުމްލަ 3710 މުވައްޒަފުންގެ މުސާރައަށް މި ބަދަލާއެކު ހެޔޮބަދަލުތަކެއް އަންނަ އިރު އެބަދަލުތައް އަންނާނީ ހަމައެކަނި ދިވެހި މުވައްޒަފުންނަށްކަން މި ރޭގެ ޕްރެސްކޮންފަރެންސްގައި ފާހަގަކުރިއެވެ.
މި ޕްރެސް ކޮންފަރެންސްގައި ވަނީ ޞިއްޙީ ދާއިރާގެ ޚާއްޞަ އެލަވަންސްތަކާއި އިނާޔަތްތަކުގެ ތަފްޞީލްތައްވެސް ހާމަކުރައްވާފައެވެ. އަދި މި ޕްރެސްކޮންފަރެންސްގައި މިނިސްޓަރ އޮފް ހެލްތް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެވެރިޔާ އަޙްމަދު ނަސީމާއި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވެސް ވަނީ މި ގެނެވުނު ބަދަލާގުޅޭގޮތުން ވާހަކަފުޅު ދައްކަވައި އަދި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.
ޞިއްޙީ ދާއިރާގެ މުސާރަތަކަށް މެއި މަހުގެ 1 ވަނަ ދުވަހުން ފެށިހެން ސަރުކާރުން ހެޔޮ ބަދަލުތައް ގެންނަވާއިރު ކުރިން ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިއްބެވި ބޭފުޅުންނަށް އެ އެލަވަންސް ލިބިގެންދާނެކަން ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.