
އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ނާއިބު ރައީސް ބަންގްލަދޭޝްއަށް
11 މެއި 2023 - 11:04
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، 6 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވުމަށް ކުރާ ރަސްމީ ދަތުރުގައި ބަންގްލަދޭޝްއަށް ފުރާފިއެވެ. މި ކޮންފަރެންސް އޮންނާނީ މި ހިނގާ މެއި މަހުގެ 12 އަދި 13 ވަނަ ދުވަހު، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.
ދެ ދުވަހުގެ މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެ، ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކާނެއެވެ. މި ކޮންފަރެންސްގެ މި ފަހަރުގެ ޝިޢާރަކީ، “ދެމެހެއްޓެނިވި ކުރިމަގަކަށް، ސުލްޙައާއި ފާގަތިކަން އަދި ބައިވެރިވުން” މި ޝިއާރެވެ. މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިންޑިއާ ކަނޑުގެ ސަރަޙައްދީ ގުޅުން ބަދަހިކުރުމުގެ މަގުޗާޓެއް އެކުލަވާލުމަށްޓަކައި ކަމާބެހޭ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކުރެއްވުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގެ ތެރެއިން މި ކޮންފަރެންސްގެ ހަވާސާގައި، ބަންގްލަދޭޝް ސަރުކާރުގެ އިސްވެރިންނާއެކު މަޝްވަރާ .ބައްދަލުވުންތައް ބާއްވަވާނެއެވެ. މީގެ އިތުރުން ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިންނާވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރާނެއެވެ