
ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަން ރަސްމީކޮށް ހުޅުވައިފި
22 މެއި 2023 - 10:42
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި ފަޒްނާ އަޙްމަދު، ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަން ރަސްމީކޮށް ހުޅުވައިދީފިއެވެ.

ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަން ރަސްމީގޮތުން ހުޅުވައިދިނީ މިކަމަށް ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ޙަފްލާގައެވެ.
ރާއްޖޭގެ ފުންނާބުއުސް އަދި ކުރިއަރަމުން އަންނަ ފަންނާނުންގެ ހުނަރުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރުކުރުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއިފްތިތާޙު ކުރި ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަންގައި އެކިއެކި ދިވެހި ކުރެހުންތެރިންނާއި، ބޭރުގެ ބައެއް ފަރާތްތަކުން ހަދިޔާކުރައްވާފައިވާ ޖުމްލަ 44 ކުރެހުން ހިމެނެއެވެ. މީގެ ތެރެއިން ދިވެހި ކުރެހުންތެރިންގެ 24 ކުރެހުމެއް މިވަގުތު ޕަރމަނަންޓް ކަލެކްޝަންގައި މައުރަޒުކުރެވިފައިވެއެވެ. މި24 ކުރެހުމުގެ އިތުރުން މިވަގުތު ޤައުމީ ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަންގައި ހިމެނޭ ދެ ކުރެހުމަކާއި، ބޭރުގެ ބައެއް ޤައުމުތަކާއި، ރާއްޖޭގައި އެކި ދުވަސްވަރު ޚިދުމަތްކުރެއްވި އެކި ޤައުމުތަކުގެ ސަފީރުން ހަދިޔާކުރައްވާފައިވާ ބައެއް ކުރެހުންތައްވެސް ޕަރމަނަންޓް ކަލެކްޝަންގައި ހިމެނެއެވެ.

ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަން ހުޅުވައިދިނުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ނޭޝަނަލް އާޓް ގެލެރީގެ .ޕަރމަނަންޓް ކަލެކްޝަނާއި ރާއްޖޭގެ ބައެއް ސީނިއަރ އާޓިސްޓުންގެ ކުރެހުންތައް އަދި އެތަނުގައި ކުރިޔަށްދިޔަ ކުރެހުމުގެ ހަރަކާތްތައް ބަލާލައިފައެވެ