ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ އެޑްވައިޒަރީ ބޯޑަށް ހަތް މެންބަރަކު އައްޔަންކޮށްފި

25 މެއި 2023 - 11:19

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ މަސައްކަތްތަކަށް ބޭނުންވާ ފަންނީ ލަފާ ދިނުމަށްޓަކައި ޖަމިއްޔާގެ އެޑްވައިޒަރީ ބޯޑެއް އައްޔަނުކޮށްފިއެވެ. މި ބޯޑަކީ 1 އަހަރުގެ މުއްދަތަށް އައްޔަނުކުރެވުނު 7 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. 

މި ބޯޑުގައި ސިއްހީ ދާއިރާގެ 3 ބޭފުޅަކާއި ފަންނީ ބޭފުޅަކާއި، ޤާނޫނީ ވަކީލެއްގެ އިތުރުން، ޖަމިއްޔާގެ އާންމު މެންބަރުންގެ ތެރެއިން ދެ މެންބަރަކު ބައިވެރިވާނެއެވެ. މި އެންމެހާ މެންބަރުންނަކީވެސް ގިނަ ދުވަސްތަކެއްވާންދެން މި ޖަމިއްޔާގެ މަސައްކަތްތަކުގައި އެކިގޮތްގޮތުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީކަމުގެ ތަޖުރިބާއާއި ފަންނީ ގާބިލްކަން ހުރި ފަރާތްތަކެއްކަން މި ފުރުސަތުގައި ޖަމިއްޔާއިން ފާހަގަކުރެއެވެ. 

advertisement

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ އެޑްވައިޒަރީ ބޯޑަށް އައްޔަނުކުރެވިފައިވާ މެންބަރުން 

  1. ޑރ.ޒާކިޔާ އަހްމަދު 
  2. ޑރ.މުހައްމަދު ސިރުހާން 
  3. އަލްފާޟިލާ ފާތިމަތު އާސިޔަތު 
  4. އަލްފާޟިލާ އާމިނަތު ވުލާއު މުހައްމަދު ނާޒިމް
  5. އަލްފާޟިލާ އައިޝަތު ޝިފާނާ ވަޖީހު 
  6. އަލްއުސްތާޒާ އައިޝަތު ޝީނާ މުހައްމަދު
  7. އަލްފާޟިލާ ރައުދާ މުހައްމަދު 

މީގެއިތުރުން،  ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ލޯންޗްކޮށްފައިވާ އައިވީއެފް ފަންޑަށް ކުރިމަތިލެވޭ އެންމެ ފަހު ތާރީހަކީ  15 ޖޫން 2023 ކަމުގައި މިހާރުވާނީ ކަނޑައަޅާފައެވެ. އަދި ފަންޑުގެ އެހީލިބޭ ފަރާތްތަކަށް ޖުލައިމަސްތެރޭ ރަސްމީކޮށް އެކަން އެންގުމަށްވަނީ ހަމަޖެހިފައެވެ. 

އައިވީއެފް ފަންޑަކީ، މާލީ ދަތިތަކާއި ހެދި އިންވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ގެ ޓްރީޓްމަންޓް ހެދުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް ހާއްސަކޮށްގެން މާލީ އެހީ ފޯރުކޮށްދިނުމަށްޓަކައި ޖަމިއްޔާއިން 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވާލި ފަންޑެކެވެ.  މި ފަންޑްގެ އެހީގައި ކޮންމެ އަހަރަކުވެސް ދެމަފިރިއަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ލިބިގެންދާއިރު، މިހާތަނަށް ލިބިފައިވާ އެހީތަކާއިއެކު ޖުމްލަ 5 ދެމަފިރިއަކަށް މިއަހަރު މި ފުރުސަތު ދެވޭނެއެވެ.  

އައިވީއެފްގެ އެހީދޭ ފަރާތްއައިވީއެފް ހެދޭނެ ތަން 
ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއިން ދޭ އައިވީއެފް ހެދުމުގެ ފުރުސަތު އިންޑިއާ ނުވަތަ ސްރީލަންކާގެ ހޮސްޕިޓަލެއްގައި އައިވީއެފް ހެދުމުގެ ފުރުސަތު 
އެސްޓާމެޑް ސިޓީއިން ސްޕޮންސާކޮށްފައިވާ 2 އައިވީއެފް އިންޑިއާ، ކޮޗިން/  އެސްޓާމެޑްސިޓީ 
ޑރ. ސަންކަލްޕް ސްޕޮންސާކޮށްފައިވާ 2 އައިވީއެފް އިންޑިއާ އިންޑޯ، ޔާމީ ފާޓިލިޓީ އެންޑް އައިވީއެފް ސެންޓާރ

އައިވީއެފް ފަންޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅާވެލިފައިވަނީ އުމުރުން 25 އަހަރު ފުރިފައިވާ އަދި މަދުވެގެން ދެ އަހަރުވަންދެން ކައިވެނިކޮށްގެން އުޅޭ ދިވެހި ދެމަފިރިންނަށެވެ. އަދި  25 އަހަރު ނުފުރޭނަމަ ހާއްސަ ހާލަތްތަކެއްގެ ދަށުން ސިއްޚީ ކަންކަމަށް ބަލައި އެ ފުރުސަތު އޮންނާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ. އެޕްލިކޭޝަން ފީގެ ގޮތުގައި 200 ރުފިޔާ ނަގާއިރު, ގުރުއަތުން ހޮވޭ ފަރާތަކަށް ފަންޑް އެވޯޑްކުރުމުގެ ކުރިން ރެކޯޑު ސާފުކުރެވިގެންދާނެ ކަމަށްވެސް ޖަމިއްޔާއިން ބުނެއެވެ. 

އައިވީއެފް ފަންޑަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަން ބަލައި ރިވިއުކުރާނީ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީ އިންނެވެ. އަދި އެ ނަންތައްފާސްކުރާނީ އެޑްވައިޒަރީ ބޯޑުންނެވެ. 

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއަކީ ދަރިމައިވުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކޮށް، މި ކަމާ ގުޅިގެން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ލިބެންހުރި ފަރުވާތަކުގެ މައުލޫމާތުދީ، އަދި ދަރިމައިވުމުގެ އުނދަގޫތައް ތަހައްމަލުކުރާ މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު އުފެއްދި ޖަމްޢިއްޔާއެކެވެ. މިވަގުތު ޖަމިއްޔާގައި 400 އަށްވުރެ ގިނަ މެންބަރުން އެބަތިއްބެވެ.   

ރިއެކްޝަންސް
0
2
0
0
1
0
1