ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކާންވީ ކާނާ ގެ އިރުޝާދުތައް
5 ޖޫން 2023 - 14:53
ސިއްހީ ދުޅަހެޔޮކަމާއި ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވަނީ ކެއުމުގައި ރަނގަޅު އުސޫލެއް ގެންގުޅުމާއި ފައިދާހުރި ތަފާތު ކާނާ ހިމަނައިގެންނެވެ. ކެއުމުގައި ތަފާތު ކުލަތައް ހިމަނަން މަސައްކަތް ކުރާށެވެ. ފެހިކަންގަދަ ފަތް، އޮރެންޖް، އަދި ޓޮމާޓޯ – ތާޒާ ތަރުކާރީ ހިމަނާށެވެ.
ދިވެހިން ކާންވީ އެއްޗެއްސާއި ކެއުމުގެ އާދަތައް ބަހައްޓަންވީ ގޮތުގެ ޑައިޓްރީ އިރުޝާދެއް ސަރުކާރުން ވަނީ ނެރެފައެވެ. ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ “ނެޝަނަލް ފުޑް ބޭސްޑް ޑައިޓްރީ ގައިޑްލައިން“ ތައްޔާރުކޮށްފައި ވަނީ ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗާއި ދިވެހިންގެ ކެއިންބުއިމުގެ އާދަތަކަށް ބިނާކޮށެވެ.
މި ގައިޑްލައިންގެ ބޭނުމަކީ ދިވެހިންގެ ނިއުޓްރިޝަން ހާލަތު ރަނގަޅުކޮށް، ކެއިންބުއިމުގެ އާދަތަކާ ގުޅިފައިވާ ބޮޑެތި ބަލިތަކުން ރައްކާތެރިވުމަށް މަގުފަހިކުރުމެވެ. ހާއްސަކޮށް ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށެވެ.
މެދުމިންގަނޑެއްގައި އުޅުން
ހަށިގަނޑަށް ބޭނުންވާ ކާބޯތަކެތި މިންހެޔޮކޮށް ލިބިދޭނީ ކެއިންބުއިމުގައި މެދުމިން އިހްތިޔާރުކޮށްގެންނެވެ. ސަމާލުކަންދޭންޖެހެނީ ކެއުމުގައި ހުރިހާ ފުޑް ގްރޫޕްތަކެއް ހިމެނުމަށެވެ. އެ ފަސް ބާވަތަކީ:
ގޮވާމާއި ފަލަމަޑި
- ގޮވާމާއި ފަލަމަޑީގެ ބާވަތްތައް ބޭނުންކުރުމުގައި ސަމާލުކަން ދޭން ޖެހެނީ އެ މީހަކު ހަރަކާތްތެރިކަން ހުރި މިންވަރަކުން ކާށެވެ. ހެލިފެލިވެ ނޫޅޭ މީހަކު މި ގްރޫޕުގެ އެއްޗެހި މާ ގިނައިން ކަންޏާ ބަރުދަން އިތުރުވާނެ އެވެ. އެކަމަކު ގަވާއިދުން ކަސްރަތުކުރާ މީހެއް ނަމަ، ލަފާދީފައިވާ ސާވިން ސައިޒުގެ ތެރެއިން މަތީ މިންވަރެއް އިހްތިޔާރުކުރެވިދާނެ އެވެ.
މޭވާ
- ބައެއް މޭވާތައް، ސާވިންއަކަށް ޖެހޭ މިންވަރު: ކަރާ/ ފަޅޯ ފަދަ ތާޒާ މޭވާގެ އެއް ޖޯޑު ނުވަތަ 250 އެމްއެލް، ދޮންކެޔޮ/ އާފަލު/ ފޭރު ފަދަ މޭވާ ނަމަ މެދު ސައިޒުގެ އެކަތި، ކަދުރު/ މޭބިސްކަދުރު ފަދަ ހިކި މޭވާއެއް ނަމަ 1/4 ޖޯޑު ކެވިދާނެއެވެ.
ތަރުކާރީ
- ދުވާލަކު 3-5 ސާވިން
- ސާވިން އަކަށް ޖެހޭ މިންވަރު: 1 ޖޯޑު ފެހި ފަތް/ ރޮލާ ކާލާ ތަރުކާރީ، 1/2 ޖޯޑު ކެއްކި ތަރުކާރީ، 1/2 ޖޯޑު ގަނޑުކުރި/ ދަޅުގައި ބަންދުކުރި ތަރުކާރީ ބޭނުންކުރވިދާނެއެވެ.
އެއްގަމު މަހާއި ކަނޑުމަސް، ބިސް، މުގު، ތޮޅި
- ދުވާލަކު 2 ސާވިން
- އެކި އެއްޗެހީގެ ސާވިންއަކަށް ޖެހޭ މިންވަރު: ކައްކާފައި ހުންނަ ކުކުޅުގެ 80 ގްރާމް، ކައްކާފައި ހުންނަ މަހުގެ 100 ގްރާމް، ބޮޑު ދެ ބިސް، ކައްކާފައި ހުންނަ ގެރި/ ބަކަރީގެ 65 ގްރާމް، 1 ޖޯޑު މުގު/ ސަނާމުގު/ ކިޑްނީ ބީންސް، 30 ގްރާމް ނަޓްސް/ ބަދަން/ ބަރަބޯ އޮށް
- ދުވާލަކު ކާންވާނީ އެންމެ ބިހެއް
ކިރު އަދި ކިރުގެ ބާވަތްތައް
- ދުވާލަކު 2 ސާވިން
- ސާވިން އަކަށް ޖެހޭ މިންވަރު: 1 ތަށި (250 އެމްއެލް) ކިރު، ދޭއް ބައި މޭޒުމަތީސަމުސާ ފުލް ކްރީމް ހިކި ކިރު، 2 ފޮތި ޗީޒް، 3/4 ޖޯޑު (200 ގްރާމް) ޕްލެއިން ޔޯގަޓް
ދިވެހިން ކައިބޮއެ، ހެލިފެލިވެ އުޅެންވީ ގޮތުގެ އިރުޝާދުތަކުގެ ތެރެއިން ބައެއް ކަންކަން
- މައިގަނޑު ފަސް ފުޑް ގްރޫޕުގައި ހިމެނޭ އެކި ވައްތަރުގެ ކާބޯތަކެތި ބޭނުންކުރުން
- ކޮންމެ ދުވަހަކު ވެސް މޭވާ އާއި ތަރުކާރީ ކެއުން
- ސެޗުރޭޓެޑް ފެޓް މަދުކޮށް، ޓްރާންސް ފެޓާ ދުރުވެ، އެހެނިހެން ފެޓް އަދި ތެލުގެ ބާވަތްތައް މެދުމިނެއްގައި ހިފެހެއްޓުން
- ހަކުރު މަދުކުރުން
- ލޮނު މަދުކުރުން
- ޖަންކް ފުޑް އަދި ޕްރޮސެސްކުރި ކާނާ މަދުކުރުން
- ބައިވަރު ފެން ބުއިން އަދި ހަކުރުއެޅި ބުއިންތަކުގެ ބަދަލުގައި ފެން ބޭނުންކުރުން
- ދުޅަހެޔޮ ބަރުދަނެއްގައި ދެމިހުރުން
- ހަފްތާގެ ގިނަ ދުވަސްތަކުގައި ހަރަކާތްތެރިކޮށް އުޅުން
ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް މުހިންމުކަން ދިނުމުން ހަކުރުބަލި، ހިތުގެ ބަލި، ލޭމައްޗަށް ދިއުން، ބައެއް ކަހަލަ ކެންސަރ، ހކަކުލުހުޅުގެ މައްސަލަ ، ނިދުމުގެ މައްސަލަ، ދަރިމައިވުމަށް ދިމާވާ މައްސަލަތަކުން ރައްކާތެރިވުމަށް އެހީވެދެއެވެ.
މުހިންމުކަންދޭންވީ އެހެން ކަންކަމުގެ ތެރޭގައި ހެނދުނުގެ ނާސްތާ ދޫކޮށްނުލުމާއި ގަވައިދުން ގަޑިން ގަޑިއަށް ކެއުމަށް އާދަކުރުމަށް ގައިޑްލައިންގައި އިރުޝާދުދީފައިވެއެވެ.