ރިޕޯޓް: ޕީޕީއެމް އާއި ދަ ޑިމޮކްރެޓްސްގެ ހިޔާލު އެއްގޮތީ އެންމެ ކަމެއްގައި!

4 ޖުލައި 2023 - 16:43

ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަހަތުގައި ހުންނަވައިގެން އުފެއްދުމަށް މަސައްކަތްކުރަމުން އަންނަ ދަ ޑިމޮކްރެޓްސްގެ މައިގަނޑު މަގުސަދަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަގާމުން ދުރުކުރުމެވެ. ދެ ވަނަ މަގުސަދަކީ ރައީސް ނަޝީދު އަލުން ވެރިކަމަށް ގެނައުމަށް މަގުކޮށުމެވެ.

މި ދެ ކަންތައް ހާސިލްކުރުމަށްޓަކައި އަތް ގުޅާލަން ޖެހުނު ކޮންމެ ބަޔަކާ އަތް ގުޅާލަން ވެސް އެ ޕާޓީން އޮތީ ތައްޔާރަށެވެ. އެކަން ހާސިލްކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމް އަދި ޕީއެންސީ ކޯލީޝަނާ އެކު ވެސް ޑިމޮކްރެޓުން ދަނީ މަޝްވަރާކުރަމުންނެވެ.

advertisement

އިދިކޮޅު ކޯލީޝަނާއި ޑިމޮކްރެޓުންނާ ދެމެދު ގިނަ މަޝްވަރާތަކެއް

ޕީޕީއެމް/ޕީއެންސީގެ ކޯލީޝަނާއި ޑިމޮކްރެޓުންނާ ދެމެދު ގިނަ މަޝްވަރާތަކެއް ކުރި ނަމަވެސް މިހާތަނަށް ފެންނަ ފެނުމުން އެ ދެ ފަރާތުގައި ވިސްނުން އެއްގޮތް ހުރީ މަދު ކަންތައްތަކެއްގައެވެ. މައިގަނޑު ގޮތެއްގައި ދެ ފަރާތަށް ވެސް އެއްބަސްވެވޭ އޮތީ އެންމެ ކަމެކެވެ. އެއީ ރައީސް ސޯލިހަށް ދެ ވަނަ ދައުރެއް ލިބުނަ ނުދިނުމެވެ. އެކަމަށްތަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ދެ ބައި މީހުން ބުނަމުން ދިޔަ ނަމަވެސް އެއްގަލަކަށް ނޭރޭނެ އެތައް ކަމެއް އެބަހުއްޓެވެ.

“ސަރުކާރު ބަދަލުކުރަން ކުރަން ޖެހުނު ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނެ ހަމަ އެކުއެކީގައި. އެހެންވީމާ ކޮންމެ ކަމެއް ވެސް އެއީ ހަމަ ޕޮސިބަލް ކަންކަން އިނގޭތޯ،” އިދިކޮޅު ކޯލީޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވިއެވެ.

އިންޑިއާ އައުޓް ހަރަކާތަށް ތާއީދުކުރާނެތަ؟

އާޒިމް މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަށް ޑިމޮކްރެޓުން ތާއީދުކުރާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެންނެވެ. އާޒިމްގެ ޖަވާބާ އެކު އެ ހަރާކަތަށް ވެސް ޑިމޮކްރެޓުން ދޫދޭނެ ކަމަށް ހީވެފައި އޮތް ނަމަވެސް އީދުގެ ތެރޭގައި ޕީޕީއެމް/ޕީއެންސީން ބޭއްވި ޕެރޭޑެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފޮޓޯ ޖަހައިގެން އިންޑިއާ އައުޓް ހަރަކާތް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހިންގުމާ ގުޅިގެން ޑިމޮކްރެޓުން ވަނީ އެކަން .ކުށްވެރިކޮށްފައެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައި ވެއެވެ

ޑިމޮކްރެޓްސް އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވާ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތާ އެ ޕާޓީން ދެކޮޅު ކަމަށާއި އެކަމުގައި ދުލެއް ނުދޭނެ ކަމަށެވެ. އަމްރުއާ އެކު ޕާޓީ އުފެއްދުމުގައި އިސްކޮށް ހުންނެވި ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވެސް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ހިންގާ އެއްވެސް ޕާޓީއަކާ އެކު މަސައްކަތްކުރަން ދަތިވާނެ ކަމަށެވެ.

“މިވަގުތު މި ހިނގަމުންދާ ހަރަކާތެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނޭ “އިންޑިއާ އައުޓު” ގެ ނަމުގައި ހަރަކާތެއް ހިންގާތަން. އެހެން ނަމަވެސް އެއީ ޑިމޮކްރެޓްސް އިން އެއްބަސްވާނެ ކަމެއް ނޫން. އަދި ޑިމޮކްރެޓްސް އަށް ދަތިވާނެ އެފަދަ ޕާޓީއަކާއި އެކީގައި.. މިދެންނެވީ އިންޑިއާ އައުޓު ސްލޯގަން ބޭނުންކޮށްގެން ހަރަކާތްތެރިވާ އެއްވެސް ސިޔާސީ ޕާޓީއަކާއި އެކީ މަސައްކަތް ކުރަން ޑިމޮކްރެޓްސްއަށް ދަތިވާނެ،” ދަ ޑިމޮކްރެޓްސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވިއެވެ.

އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން ބޮޑު ހިޔާލު ތަފާތުވުމެއް އުފެދިފައިވާ އިރު އަމްރު ވިދާޅުވެފައި ވަނީ އެކަމާ މެދު ދެން ގޮތެއް ނިންމާނީ ޕީޕީއެމް/ޕީއެންސީ ކޯލީޝަނުން ކަމަށެވެ. އެހެން ނަމަވެސް އެ ކޯލީޝަނުން ވަނީ އެކަމުގައި އެ މީހުން ވެސް ފަހަތަށް ނުޖެހޭނެ ކަމަށް ބުނެފައެވެ.

“އަޅުގަނޑުމެންގެ އެޖެންޑާ ސެޓުކުރާ ބަޔަކީ އަޅުގަނޑުމެން. ރައީސް ޔާމީންގެ ލަފަޔާ އެކު އިންޑިއާ އައުޓް ވިޔަސް ހުއްޓަލާނީ އެބޭފުޅުން (ޑިމޮކްރެޓްސް) ވަކިގޮތަކަށް ވިދާޅުވީމާ އެއީ އަދި އަޅުގަނޑުމެން ކުރިއަށްގެންދާ ހަރަކާތެއް ހުއްޓާލަން ޖެހޭ ސަބަބެއް ނޫން” ޕީޕީއެމް ކޯލިޝަން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވެސް ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށް އެ ޕާޓީން ކުރިއަށް ގެންދާ ހަރަކާތް ހުއްޓާނުލާނެ ކަމަށެވެ. އެކަން ކޮމްޕްރޮމައިޒްނުކުރެވޭނެ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. މާނައަކީ ކޮންމެ ހާލަތެއް މެދުވެރިވި ނަމަވެސް އިންޑިއާ އައުޓް ހަރަކާތަށް ދުލެއް ނުދޭނެ ކަމެވެ. އެކަމުގައި މަޝްވަރާކުރާނެ އިތުރު ކަމެއް ނެތެވެ.

ޑިމޮކްރެޓްސް އާއި ޕީޕީޕީއެމް އެކުގައި މަސައްކަތްކުރެވިދާނެތަ؟

އިންޑިއާ އައުޓް ހަރަކާތުގެ މައްސަލާގައި ޑިމޮކްރެޓްސް އާއި ޕީޕީޕީއެމް ކޯލީޝަންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެފައިވާ އިރު އެކުގައި މަސައްކަތްކުރެވިދާނެތޯ ގިނަ ބަޔަކު މިހާރު ވެސް ދަނީ ސުވާލު އުފައްދަމުންނެވެ. މި ދެ ފަރާތުގެ މެދުގައި ހިޔާލު ތަފާތުވުން ދެން އެންމެ ބޮޑު އެއް ކަމަކަށް އޮތީ ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމުގެ މައްސަލައެވެ. އެއް ކެންޑިޑޭޓަކު ނެރުމަށް ޑިމޮކްރެޓުން ބޭނުންވި ނަމަވެސް އެ ވާހަކަ ދައްކަން ޕީޕީއެމް/ޕީއެންސީން ބޭނުމެއް ނުވެއެވެ. އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވެފައި ވަނީ އެ ކޯލީޝަންގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި ދެ ވަނަ ބުރަކަށް ނުގޮސް ރައީސް ޔާމީނާ އެކު އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށެވެ.

އަބްދުއްރަހީމްގެ މި ޖަވާބުން އެނގި ހާމަވަނީ އެއް ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާތައް ފަށަން ވެސް ޖެހެނީ ރައީސް ޔާމީނުގެ ނަމާއެކުގައި ކަމެވެ. އެހެންކަމުން އެއް ވަނަ ބުރުގައި ވެސް އަދި ދެ ވަނަ ބުރުގައި ވެސް ދޫދޭންޖެހޭ ފަރާތަކީ ޑިމޮކްރެޓުންނެވެ. އެ ޕާޓީ އަށް އޮތް ހަމައެކަނި ގޮތަކީ ރައީސް ޔާމީނު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރުން އެކަންޏެވެ.

ޑިމޮކްރެޓުންގެ ފުރަތަމަ ޗޮއިސްއަކީ ޖުމްރީ ޕާޓީއެވެ. ޕީޕީއެމް/ޕީއެންސީއާ މަޝްވަރާތައް ފެށީ ޖޭޕީއާ އެކު އެއްބަސްވުމަކަށް ނާދެވިގެންނެވެ. ރައީސް ނަޝީދާއި އެ މަނިކުފާނުގެ ބައިވެރިން މީގެ ކުރިން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެ މަޝްވަރާތައް ވެސް ފަށާފައެވެ. އެހެން ނަމަވެސް ބަރުލަމާނީގެ ވާހަކައާ އެކު އުފެދުނު ހިޔާލު ތަފާތުވުންތައް ފަހު ޑިމޮކްރެޓުން ވަނީ ޕީޕީއެމް/ޕީއެންސީއާ ދިމާއަށް މިސްރާބު ބަދަލުކޮށްލާފައެވެ.

ކުރިއަށް އޮތްތަނުގައި މިއީ ވެސް މަޝްވަރާ ޓޭބަލްގައި ހިޔާލު ތަފާތުވުމަކާ ހަމައަށް ދާނެ މައްސަލައެއް ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ. ޕީޕީއެމް/ޕީއެންސީން ވެސް މީގެ ކުރިން ވާހަކަ ދައްކާފައި ވަނީ ރިޔާސީ ނިޒާމަށް ތާއީދުކޮށްފައެވެ. އަނެއްކޮޅުން ޑިމޮކްރެޓުންގެ ފަރާތުން ޖޭޕީ އަށް ހުށަހެޅި ކަރުދާހަށް ބަލާއިރު މުޅި ވިސްނުން ބައްޓަންވެފައި އޮތީ ރައީސް ނަޝީދަށް ވެރިކަމަށް އާދެވޭނެ ފޯމިއުލާއަކަށެވެ. ބަރުލަމާނީ ނިޒާމުގެ ރޭވުންތައް ވެސް ގޮސް ޖެހެނީ އެ ހިސާބުގައެވެ. އެހެންކަމުން މިއީ ވެސް ކުރިއަށް އޮތްތަނުގައި ދެ ފަރާތުގެ މަޝްވަރާތަކުގައި ހިޔާލު ތަފާތުވުން ބޮޑުވާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލީޝަންގެ މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް ދެ ފަރާތަށް ވެސް އެއްބަސްވެވޭ ހުރީ މަދު ކަންތައްތަކެކެވެ. މައިގަނޑު ގިނަ ކަންތައްތަކުގައި ދެ ފަރާތުން ވެސް ދޫދޭކަށް ބޭނުމެއް ނޫނެވެ. އެހެން ކަމުން މިއީ ކާމިޔާބުކަމާ އެކު ކުރިއަށް ދާނެ ކޯލީޝަނެއް ކަމުގެ މާބޮޑު ނިޝާންތަކެއް ފެންނާކަށް ނެތެވެ. 

ދެން އޮތް ސުވާލަކީ ރައީސް ސޯލިހަށް ދެ ވަނަ ދައުރެއް ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުނެ ދެ ފަރާތުން މި ކަންކަމުގައި ދޫދޭނެބާއެވެ؟ ހާއްސަކޮށް އިންޑިއާ އައުޓް ހަރަކާތާއި ޕީޕީއެމް/ޕީއެންސީ ކަނޑައަޅާ ކެންޑިޑޭޓަކާ މެދު ޑިމޮކްރެޓުން އެއްބަސްވާނެބާއެވެ؟

ރިއެކްޝަންސް
0
0
1
0
0
0
1