އަމިއްލަ ހިޔާލު: ނިކަމެއްޗެއް މަހުޖަނެއް ނުބަލާ ހިލޭ ގޯތި ބެހުން ބޮޑު ގޯހެއް

11 ޖުލައި 2023 - 16:20

މިއީ އުތުރުގެ ބިންކުޑަ ގާމަތީ ރަށަކަށް ނިސްބަތްވާ މާލެގައި މަޖުބޫރީ ހާލަތުން ފާއިތުވެ ދިޔަ 30 އަހަރު ދިރިއުޅެމުންދާ ރައްޔިތެއްގެ އިހުސާސެވެ. 

ރަނގަޅު ފެންވަރެއްގެ ސްކޫލެއް އެޅިޔަސް މާލެ ސަރަހައްދަުގައެވެ. ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް އެޅިޔަސް މާލެ ސަރަހައްދުގައެެވެ. ހުރިހާ ބޮޑެތި އިޤްތިޞާދީ ހަރަކާތެއް މާލެ ސަރަހައްދުގައެވެ. ހަމައެކަނި ބުރިޖު އަޅަންވެސް 15 ބިލިއަން ރުފިޔާ ޙަރަދުކުރަމުން އެބަދެއެވެ. ސަރުކާރުގެ އޮފީހެއްވިޔަސް ސަރުކާރު ކުންފުންޏެއްގެ އޮފީހެއް ވިޔަސް މާލެ ސަރަހައްދުގައެވެ. 

advertisement

ދާދި މިދާކަށް ޖެހެންދެން ނަރުދަމާ އާއި ބޯފެންވެސް މާލެ ސަރަހައްދަށް އޮތީ ހާއްސަވެފައެވެ. މިވަރުގެ އިޤްތިސާދީ ހާއްސަކަމެއް މާލެއަށް ދިނުމަށްފަހު, މާލެ ހިމެނޭ ސަރަހައްދު މަދު ބަޔަކަށްހާއްސަކުރުމަކީ ވަރަށްވެސް ބޮޑު ބޭއިންސާފެކެވެ.

މާލޭގެ ނިކަމެތިންގެ ބޯހިޔާވަހިކަން ހައްލުކުުރުމުގެ ނަމުގައި ބިން ހިލޭ ދިނުމަށް ފެށި މަސްރޫޢު ނިމުނީ ނިކަމެއްޗެއް މަހުޖަނެއް ނުބަލާ ހިލޭ ގޯތި ދިނުމުގެ ދޯހަޅި ސިޔާސަތަށެވެ. ނުވިތާކަށް މާލޭގައި ދިރިނޫޅޭ ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ އެތަށް ބަޔަކަށް ގެދޮރު ލިބި, މާލޭ ސަރަހައްދުގައި މުޅި އުމުރު ހޭދަކުރި އެތަށް ބަޔަކު މަހުރޫމު ވެގެންދާނެގޮތަށެވެ. މިކަމަކީ ގިނަ ބަޔަކު ދެކޭގޮތުގައ ބޮޑު ނާއިންސާފެކެވެ. އަދި ހުޅުމާލެ, ގިރާވަރު އަދި ގުޅިފަޅު މިއީ މާލޭގެ ރައްޔިތުންނަށް ހާއްސަވެފައި އެހެން ރަށްތަކުގެ ރައްޔިތުން ބާކީކުރެވުނީ ކޮން އުސޫލަކުންތޯ ސުވާލުއެފެދެއެވެ. މިދައްކަނީ މާލެއިން ބިންދޭ ވާހަކައެއް ނޫނެވެ.  

ދިވެހިރާއްޖޭގެ ރަށްރަށުން މަދު މީހަކަށް ނޫނީ ހިލޭ ގެދޮރު ނުދޭތާ ލައްކަ ޒަމާންވެއްޖެއެވެ. ގިނަ ރަށްރަށުގެ ހާލަތަކީ ރަށްރަށުގެ ބިންފުރި ގޯތި ގެދޮރު އިތުރަށް ބޭނުންވެފައިވާ ކަމެވެ. ސަރުކާރުން މިހާރު މިވަނީ މަދުބަޔަކަށް މާލޭ އަތޮޅުން ހިއްކާފައިވާ ސަރަހައްދުން ބިލިއަން ރުފިޔާގެ އަގުހުރި ބިން ހިލޭ މަދު ބަޔަކަށް ދިނުމަށް ނިންމާފައެވެ. މިކަމާ ގުޅިގެން މިހާރު މާލޭ ސަރަހައްދުގައި ވަޒަންވެރިވެފައިވާ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ދަނީ ފާޅުކުރަމުންނެވެ. މިކަމާ މެދު އުފެދިފައިވާ މައިގަނޑު އަރައިރުން ސޯސަލް މީޑިއާގައި ކުރެވެމުންދާއިރު, މިކަންކަމުގެ ހަޤީގަތް ތިރީގައި މިވަނީއެވެ

ހިލޭ ބިންދެނީ ކޮންބަޔަކަށް ކޮންތަނަކުން އަދި ކިހާވަރަކަށް؟

މީގެތެރެއިން 1000 ގެވަޅު ދޫކުރަނީ ހުޅުމާލެއިންނެވެ. ބާކީ 5000 ވުރެ ގިނަ ގެވަޅު ދެނީ ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ. ގިނަ ބަޔެއްގެ އުންމީދު ގުޅިފައިވަނީ ހުޅުމާލެއިން ދޫކުރާ 1000 ގެވަޅަށެވެ.

މާލެ ރައްޔިތުންނަށް ބިން ހިލޭ ދޫކުރަނީ 40 އަހަރަށް ފަހުތަ؟

މާލޭގެ ރައްޔިތުންނަށް ހިލޭ ބިންދޫކުރަނީ 40 އަހަރަށްފަހު ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ބޮޑު ދޮގެކެވެ. ދެހާސް އެގާރަވަނަ އަހަރު ރައީސް  ނަޝީދުގެ ވެރިކަމުގައި 250 ބިން ހިލޭ މާލޭ މަދުބަޔަކަށް ވަނީ ދެވިފައެވެ. މިއީ މާލެއިން ލިބޭ ތަންކޮޅު ދައުލަތަށް ދޫކޮށްލާގޮތަށް ހިންގުނު މަޝްރޫޢުއެއް ނަމަވެސް ދައުލަތަށް މިބިންތަށް ލިބުނުކަމުގެ އެއްވެސް ލިޔެކިޔުމެއް ފެންނާކަށް ނެތެވެ. އަދި މިބިންތަށް ލިބުނީ އިންސާފުންކަމަށްވާނަމަ, އެންމެ ނިކަމެތި މާލޭގެ ރައްޔިތުންނަށް ހުންނާނީ ބިން ލިބިފައެވެ.

ސަރުކާރުން ހިންގި ގެދޮރުވެރި ކުރުމުގެ މަޝްރޫޢުތަކުން މާލޭގެ ރައްޔިތުން ބާކީ ކުރެވުނުތަ؟

ވޭތުވެދިޔަ 20 އަހަރު ދައުަލަތުން ހިންގި އަސާސީ ގެދޮރު މަޝްރޫއުތަކުން (ހިޔާ ފުލެޓް މަސްރޫއު ހިމެނޭގޮތަށް) އަބާދީގެ ނިސްބަތުން އެންމެ ގިނަ ބިމާއި ގެދޮރު ލިބުނީ މާލޭގެ ރަށްވެހިކަން އޮންނަ ރައްޔިތުންނަށެވެ. އަދި އެންމެ އަގުހުރި ބިމާއި ގެދޮރުވެސް ލިބުނީ މާލެގެ ރަށްވެހިކަން އޮންނަ ރައްޔިތުންނަށެވެ. ވުމާއެކު މާލޭގެ އެންމެނިކަމެތިންނަށް މިމަޝްރޫޢުތަކުން މިހާރު ހުންނަންވާނީ ބިމާއިގެދޮރު ލިބިފައިކަމަށް ރާއްޖޭގެ ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ.

މާލޭގެ ނިކަމެތިންނަށް ހިލޭ ބިންދީގެން ގެދޮރުވެރިކުރެވިދާނަތަ؟

މާލޭގެ ރައްޔިތުންގެ ތެރޭގައިވެސް ދަތި ހާލުގައި އުޅެމުންދާ ބަޔަކަށް ބިންދީގެން ގެދޮރު އިމާރާތްކުރާނީ ކިހިނަކުންތޯ ސުވާލު އުފެދެއެވެ. އަދި މިލިއަން ޑޮލަރުގެ ގެދޮރު އިމާރާތްކުރުމުގެ ޤާބިލްކަން ހުރިނަމަ އެއީ ނިކަމެތިން ހެއްޔެވެ؟ އަދި އެހެން މަޝްރޫއުތަކުން ގެދޮރު ގަންނަން ޖެހުނު މާލޭގެ ނިކަމެތިންނަށް އޮތް އިންސާފެއްތޯ މިއީވެސް އުފެދޭ ސުވާލެކެވެ. ނިކަމެތިންނަށް ގެދޮރު ހޯދުމަށް ހިންގުނު މަސްރޫއަކުން މަހުޖަނުންނަށް ހިލޭ ބިންލިބުނީ ކިހިނަކުންތޯ ސުވާލު އުފެދެއެވެ.

ރާއްޖެތެރެއިން މާލޭގެ މީހުންނަށް ގެވަޅު ނުލިބޭތަ؟

ރާއްޖެތެރެއިން އެންމެ ފަހުން ދޫކުރެވެނު ގެވަޅުތައް ލިބުނު ފަރާތްތަކުގެ ނިސްބަތުން ބަލާއިރު މާލޭގެ މީހުންގެ އަދަދެއް މަދެއް ނޫނެވެ. އަދި ދިވެހިރާއްޖޭގެ ރަށެއްގެ ރައްވެއްސަކަށް ވުމުގެ ޤާނޫނުގެ ދަށުން މާލެގެ ރައްޔިތަކުވެސް އެހެން ރަށެއްދިރިއުޅޭތާ 5 އަހަރުވުމުން އެރަށެއްގެ ރަޖިސްޓްރީއަށް ބަދަލުވެ، އެރަށަކުން ދޫކުރާ ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާނެއެވެ.

މާލޭގެ ރަޖިސްޓްރީއަށް ބަދަލުވާ ރަށްރަށުގެ ރައްޔިތުންނަށް ރަށުން ގެދޮރު ލިބޭތަ؟

ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމުގެ ޤާނޫނު އޮންނަގޮތުން އެއްވެސް ރަށެއްގައި ފަސް އަހަރު ދިރިއުޅެފިނަމަ، އަދި އެމީހަކު އެދެފިނަމަ ކުރީގެ ރަޖިސްޓްރީ އޮންނަ ރަށުގެ ރަށްވެހިކަން ދޫކޮށްލަންޖެހެއެވެ. ވުމާއެކު މާލެއިން ބޯހިޔާވަހިކަން ލިބޭ މިފަދަ ފަރާތްތަށް އެމީހެއްގެ ކުރީގެ ރަށުގެ އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޝަރުތު ހަމަނުވާނެއެވެ. މާލޭގައި ކުލި ދައްކައިގެން އުޅޭ ގިނަ އާއިލާތަށް ރަށްރަށުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ބާކީވާ މައިގަނޑު ސަބަބަކީ ރަށުގައި ދިރިނޫޅޭތީވެ ބާކީވާ ބާކީވުމުވެ.

މާލޭގެ ބިމުގެ ބޮޑު ބައެއް ކުއްޔަށް ދެވިފައި

މާލޭގެ ގެދޮރު އިމާރާތްތަކުގެ 50 އިންސައްތައަށް ވުރެ ގިނަ ޖާގަ ހުރީ ކުއްޔަށް ދެވިފައިކަމަށް ދިރާސާތަކުން ދައްކައެވެ. ސުވާލަކީ މާލެއަށް ދިމާވެގެން އުޅެނީ ގެދޮރުގެ ދަތިކަމެއްތޯ ނުވަތަ ކުއްޔަށްދީގެން އާމްދަނީ ހޯދާނެގޮތެއްގެ ދަތިކަމެއްތޯއެވެ؟

ސީދާ އަމާޒުކުރެވިގެން މާލޭގެ ރައްޔިތުންގެ ތެރޭގައިވެސް ދަތި ހާލުގައި އުޅެމުންދާ އެތަށް ބަޔަކަށް މާލެއިން ބިންދޫކޮށްލާގޮތަށް އެހެން ސަރަހައްދުތަކުން ބިން ދިނުމަކީ މައްސަލަ އެއް ނޫނެވެ. އަދި ރަށުގެ ބިން ދޫކޮށްލާ ގޮތަށް އެހެން ސަރަހައްދުތަކުގެ ރައްޔިތުންނަށް ހުޅުމާލެ, ގިރާވަރު އަދި ގުޅިފަޅުން ބިން ނުލިބެންވީ އުސޫލެއް އޮތުމަކީ ޤާނޫނު އަސާސީއާ ހިލާފުކަމެކެވެ. 

ވީމާ، އުފަންވީ ތަނަށް ނުވަތަ ދާއިމީ އެޑްރެހަށް ބަލައިގެން ބޯހިޔާވަހިކަން ދިނުމަކީ ރައްޔިތުންގެ އެތަކެއް ހައްގުތަކެއް އެކަމުގެ ސަބަބުން ގެއްލިގެންދާ ޤާނޫނާ އަސާސީއާ ހިލާފު ކަމެކެވެ. އުފަންވީއްސުރެން މާލޭގައި ދިރިއުޅެމުން އަންނަ އެހެން ނަމަވެސް ދާއިމީ އެޑްރެސް އެހެން ރަށަކަށް ރަޖިސްޓްރީ ވެފައި ތިބި އެތައް ބަޔަކު މާލޭގައި އެބަ ދިރިއުޅެއެވެ. 

ހިލޭގޯތި ދިނުމަކީ ރާއްޖޭގެ އެއްވެސް ސަރަހައްދުކުން މިހާރު ކުރާވަރުގެ ކަމެއް ނޫނެވެ. އަދި އަމުދުން ނިކަމެއްޗެއް މަހުޖަނެއް ނުބަލާ ގޯތި ދިނުމަކީ ބޮޑު ގޯހެކެވެ. އަދި މިފަދަ ޒަމާނެއްގައި ދައުލަތުން ރައްޔިތުންގެ މެދުގައި މިފަދަ ތަފާތުކުރެމެއް ގެންގުޅުމަކީ ލަދުން ބޯހަލާކުވާވަރުގެ ކަމެކެވެ.

ރިއެކްޝަންސް
3
4
1
6
0
1
1