India aa dhekolhah ufuley adu: nurahkaa theri signaleh!

2 ސެޕްޓެމްބަރ 2020 - 15:45

ދުނިޔޭގެ މެދުން ދެކުނުން އުތުރަށް ދަމާލެވިފައިވާ ރޮނގެއް ފަދައިން އޮތް މި ދިވެހި ރާއްޖެ މުހިންމުވާ ސަބަބުތަކުގެ ތެރޭގައި ހުޅަނގުން އިރަށް އަދި އިރުން ހުޅަނގަށް ދަތުރުކުރާ އުޅަނދުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކުރަންޖެހުން ހިމެނެއެވެ. އެހެންކަމުން ރާއްޖެއާ މެދު މި ސަރަހައްދުގެ ގައުމުތަކުގެ އިތުރުން އިރުމަތީ ބިތުން ފެށިގެން ހުޅަނގުގެ ގައުމުތަކުން ވެސް ރާއްޖެ އަށް ހާއްސަ ސަމާލުކަމެއް ދެއެވެ. ދުނިޔޭގެ އިގްތިސާދަށް އަތްގަދަކޮށް ހަން ފެތުރުމަށް މަސައްކަތްކުރާ ބޮޑެތި ހުރިހާ ގައުމުތަކުން ރާއްޖެއާ ގާތް ގުޅުމެއް ބާއްވާ މައިގަނޑު ސަބަބަކީ ވެސް ރާއްޖެ އޮތް ސަރަހައްދެވެ. އެހެންކަމުން ރާއްޖެ އަށް އަތްގަދަކުރުމުގެ ފުރުސަތު މިއިން ކޮންމެ ގައުމަކުން ބޭނުންވި ނަމަވެސް އެ ފުރުސަތު ވަކި ގައުމަކަށް ލިބިގެންދާން މިއިން އެއްވެސް ގައުމެއް ބޭނުމެއް ނުވާނެއެވެ. އެކަން ރާއްޖެއިން ވެސް ދަނެއެވެ. ނަމަވެސް ބައިނަލްއަގުވާމީ ސިޔާސަތުތަކުގެ ތެރޭގައި ރާއްޖެ އަށް ވެސް ވަކި ހިސާބެއްގައި ތިބެން މަޖުބޫރުވެއެވެ. ސަބަބަކީ އިގްތިސާދީ އަދި ސަރަހައްދީ މަސްލަހަތެވެ. ނަމަވެސް މިކަން ބިނާވަނީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތެއްގެ މައްޗަށެވެ.

ބައިނަލްއަގުވާމީ ދުނިޔެއަށް ރާއްޖެ އެންމެ ބޮޑަށް ހުޅުވިގެން ދިޔައީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ތެރޭގައެވެ. ރައީސް މައުމޫންގެ ވެރިކަމުގެ 30 އަހަރުގެ ތެރޭގައި ގެންގުޅުއްވާފައި ވަނީ ވަރަށް ހަމަހަމަ ޚާރިޖީ ސިޔާސަތެކެވެ. މިސްރުގައި ގިނަ ދުވަސްތަކެއް ވަންދެއް ކިޔަވާ ވިދާޅުވުމާއި އަރަބި ބަހުން ފަރިތަކޮށް ވާހަކަ ދައްކަވާ ބޭފުޅަކަށްވުމުންނާއި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވުމުން އަރަބި އަދި އިސްލާމީ ގައުމުތަކާ ވަރަށް ބޮޑު ގުޅުމެއް އުފެދިގެން ދިޔައެވެ. އަދި އަވައްޓެރި އިންޑިއާ އާއި ސްރީ ލަންކާގެ އިތުރުން އިރުމަތީ އޭޝިޔާގެ ޖަޕާނާއި ޗައިނާ ފަދަ ގައުމުތަކާ ވެސް ރާއްޖެ އޮތީ ވަރަށް ގާތް ގުޅުމެކެވެ. އެހެންކަމުން 2008 ވަނަ އަހަރު ވެރިކަން ބަދަލުވުމާ ހަމައަށް ރާއްޖެ އޮތީ ބައިނަލްއަގުވާމީ ސިޔާސަތުގައި ހަމަހަމަ ޚަރިޖީ ސިޔާސަތެއް ގެންގުޅުނު ގައުމެއްގެ ގޮތުގައެވެ.

advertisement

އެއަށް ފަހު ޒަމާނީ ބަދަލުތަކާ އެކު ޑިމޮކްރަސީގެ މުޅިން އާ ބާބެއް ފެނިގެންދިޔަ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ޚަރިޖީ ސިޔާސަތަށް ވެސް ބޮޑެތި ބަދަލުތަކެއް އައެވެ. ކަންދިމާކުރި ގޮތުން އޭރު ބައިނަލްއަގުވާމީ ދުނިޔެއަށް ވެސް އެ ދުވަސްވަރު ދިޔައީ ބޮޑެތި ބަދަލުތަކެއް ދިޔައީ އަންނަމުންނެވެ. ހާއްސަކޮށް ބޮޑެތި ގައުމުތަކުން އެ ގައުމުތަކުގެ ބާރު ގަދަކޮށް ހަންފެތުރުމުގެ ރޭހެއް ފެށި، އިގްތިސާދީ ގޮތުން ބަލިކަށި ގައުމުތަކުގެ މައްޗަށް “ވެރިވެ ގަތުމަށް” ކުރަމުން ދިޔަ މަސައްކަތް ވެސް ދިޔައީ ވަރުގަދަވަމުންނެވެ. އެ ގޮތުން މި ސަރަހައްދުގައި އެ ރޭހުގެ އެންމެ ކުރީގައި އުޅުނީ އިންޑިއާ އާއި ޗައިނާއެވެ. ނަތީޖާއަކަށްވީ ކުދި ގައުމުތަކުގެ އިގްތިސާދީ ދަހިވެތިކަމުގެ ބޭނުން ހިފައި މި ދެ ގައުމުން ވެސް އިގްތިސާދީ މަޝްރޫއުތަކުގެ ނަމުގައި އެތެރޭގެ ސިޔާސަތުތަކުގެ ތެރެއަށް އަތްފޯރުވޭނެ ގޮތްތައް އިތުރުކުރުމެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވި ޚަރިޖީ ސިޔާސަތު ބޮޑަށް ބުރަވެފައި އޮތީ އަބަދު ވެސް ރާއްޖޭގެ އެކުވެރި މިތުރެއްގެ ގޮތުގައި އޮންނަ އިންޑިއާ އަށެވެ. ރާއްޖެ އަށް އައި ސިޔާސީ އަދި އިގްތިސާދީ ބޮޑެތި ބަދަލުތަކާއި ޓެކްސްގެ ނިޒާމުގެ ތެރެއިން އެތައް ގުނައަކަށް އުފުލުނު ބަޖެޓަށާއި މަޝްރޫއުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ އިސްނެގުމުގައި ގިނަ ސަބަބުތަކެއް ހުއްޓެވެ. ނަތީޖާއަކަށްވީ ރާއްޖޭގައި އެ ދުވަސްވަރު ހިންގި ބޮޑެތި ގިނަ މަޝްރޫއުތަކުގައި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާ އެކު އެ ގައުމުގެ ބިޔަ ބޮޑެތި ކުންފުނިތައް ރާއްޖެ އައުމެވެ. މިއީ އެއްބަޔަކަށް ހަޖަމްކުރަން ދަތި ކަމަށްވިއެވެ. ނަމަވެސް އޭގެ މައިގަނޑު ސަބަބަކަށްވީ ރާއްޖެ ވަކި ގައުމަކަށް ގުޅުން ބަދަހިކުރުމެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް ވެރިކަމުގެ ދަތިހެވެތިކަމުގައި އޮތް އިދިކޮޅު ފަރާތްތަކުން އެކަން ކުރުމަށް މަގަކަށް އިހުތިޔާރަކަށް ހެދި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމެވެ. ދައުރު ހަމަވުމުގެ ކުރިން އެމްޑީޕީގެ ވެރިކަމުގައި ސިއްކަ ޖެހުނު އެންމެ ބޮޑު އެއް ސަބަބަކަށް ވެގެންދިޔައީ ވެސް އިންޑިއާއާ މެދު އެ ސަރުކާރުން ގެންގުޅުނު ޚަރިޖީ ސިޔާސަތެވެ.

އިދިކޮޅު ހިންގި ވަރުގަދަ ކެމްޕެއިންގެ ތެރޭގައި އިންޑިއާއާ ދެކޮޅަށް އޭރު އުފުލި އަޑުތައް ގިނަ ބައެއްގެ ކަންފަތާ ހަމައަށް ފޯރި ނަމަވެސް އެކަމުން ލިބުނު ގެއްލުން އަދިވެސް ފިލައި ނުދެއެވެ. އިންޑިއާއާ މެދު އުފެއްދި ފިތުނައިގެ ތެރޭގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސަރުކާރު ބަދަލުވެ ދެން އައި ސަރުކާރުން ނެގި ފިޔަވަޅުތަކުން ލިބުނު ގެއްލުމުގެ ހިތިކަން އަދިވެސް ފިލައިގެން ނުދެއެވެ. އިންޑިއާގެ ކުންފުނިތަކާ އެކު ހަދާފައި ހުރި ގިނަ މަޝްރޫއުތަކެއް ހުއްޓާލައި އެއްބަސްވުންތައް ބާތިލްކުރުމުން ދައްކަންޖެހުނު އަގު ރާއްޖޭގެ އިގްތިސާދަށް ކަތާވަރަށް ވުރެ ބޮޑެވެ. އާބިޓްރޭޝަންގެ ތެރެއިންނާއި މަޝްރޫއުތައް ހުއްޓާލުމުން ބަދަލުގެ ގޮތުގައި ދައްކަންޖެހުނު އެތައް ބިލިއަން ޑޮލަރެއް، ދަރަނީގެ ގޮތުގައި އެތައް ޒަމާނަކަށް ދެމިގެންދާ ގޮތަށް ދިވެހިންގެ ބޮލުގައި އެޅިގެން ދިޔައެވެ.

އެމްޑީޕީގެ ވެރިކަމުގައި ނައިބު ރައީސްއަކަށް ހުންނެވުމަށް ފަހު އޭރުގެ އިދިކޮޅު ފަރާތްތަކާ އަތުގުޅާލައްވައި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމުގެ ހުވަކުރެއްވި އިރު ވެސް އިންޑިއާއާ ދެކޮޅު ޚާރިޖީ ސިޔާސަތެއް އޮތީ ލިޔެވި ނިމިފައެވެ. އޭގެ ފައިދާ ނެގީ އޭރު ވެސް ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ހާއްސަ ޖާގައެއް ހޯދުމަށް ފާރަލަން އޮތް ޗައިނާއެވެ. އިގްތިސާދީ ގޮތުން ބޮޑެތި ގައުމުތަކާ އެންމެ ވާދަވެރި އަދި ހާއްސަކޮށް ސަރަހައްދީ ވާދަވެރިކަމުގެ ތެރޭގައި އިންޑިއާއާ އެންމެ ގާތުން ވާދަކުރަމުން އަންނަ ޗައިނާ ދަނޑިވަޅުގެ ބޭނުން ހިފީ ވަރަށް ވެސް ހިކުމަތްތެރިކަމާ އެކުއެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން އިގްތިސާދީ ދަންތުރައެއްގެ ގޮތުގައި ސިފަކުރި ރާއްޖެ އާއި ޗައިނާގެ ގުޅުން މަޑުމަޑުން ދިޔައީ ވަރުގަދަވަމުންނެވެ. އެ ގޮތުން 2013 ވަނަ އަހަރު ރައީސް ކަމަށް އަބްދުﷲ ޔާމީން ވަޑައިގެންނެވި އިރު އެ ގުޅުން އޮތީ ވަރަށް ބޮޑަށް ފައްކާވެފައެވެ. ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި މަސައްކަތުގެ ތެރެއިން އިންޑިއާއާ މޫނު ކެނޑިފައިވުމުން ޚާރިޖީ ސިޔާސަތު ޗައިނާއާ ދިމާއަށް ދީލައިލުމުގެ ނަތީޖާއަކަށްވީ ރާއްޖޭގައި ބޮޑެތި ބިޔަ މަޝްރޫއުތަކެއް ޗައިނާގެ ކުންފުނިތަކަށް ލިބިގެން ދިޔުމެވެ. އޭގެ އިތުރުން ރާއްޖެ އަށް އެހީ އާއި ލޯނުގެ ގޮތުގައި ޗައިނާ އިން ފައިސާ އޮއްސަން ފެށިއެވެ. ފަސް އަަހަރުގެ ވެރިކަން ނިމުނު އިރު މި އެހީގެ ތެރޭގައި ބައިނަލްއަގުވާމީ އެހެން ގައުމުތަކާ ވަރަށް ބޮޑަށް ރާއްޖެ ފެއަށް ޖެހުނެވެ. ހާއްސަކޮށް އިންޑިއާ އަޑު ކެނޑިގެން ދިޔައެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ބިނާވަނީ އެ ވަގުތަކު ރާއްޖޭގައި އޮންނަ ސަރުކާރެއްގެ ސިޔާސީ ފިކުރާ ކަމަށް ހީވާ ހީވުމަށް އަނެއްކާ ވެސް ބާރު ލިބިގެން ދިޔައީ 2018 ވަނަ އަހަރު އެމްޑީޕީ އިސްވެ އޮވެ ގާއިމުކުރި ކޯލީޝަން ސަރުކާރުގައެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަން ދައުރު ހަމަވުމުގެ ކުރިން ބަދަލުކުރުމަށް 2012 ވަނަ އަހަރު ހިންގި “އެންޓި އިންޑިއާ” ކެމްޕެއިންގެ ތެރޭގައި މުހިންމު ދައުރެއް އަދާކުރި ފަރާތްތައް ވެސް ހިމެނޭހެން އެކުލަވައިލެވުނު ސަރުކާރުގެ ޚަރިޖީ ސިޔާސަތު ވަކި ގައުމަކަށް ބުރަ ނުވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވި ނަމަވެސް ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ފެނިގެންދިޔައީ އިދިކޮޅު ސިފަކުރާ ގޮތަށް އިންޑިއާ ކޮޅަށް ބުރަވެފައިވާ ސިޔާސަތެކެވެ. ޗައިނާއާ އެކު ރަނގަޅު ގުޅުންތަކެއް ބޭއްވި ނަމަވެސް މި ސަރުކާރުގެ ގިނަ ކަންކަމުގައި އިންޑިއާގެ އެހީތެރިކަން ދިޔައީ ހޯދަމުންނެވެ، ހާއްސަކޮށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައި އިގްތިސާދު އަޑިއަޅާލާފައިވާ އިރު ރާއްޖެ ބަނގުރޫޓް ނުވެ އޮތް މައިގަނޑު އެއް ސަބަބަކީ ވެސް  ރާއްޖޭގެ ޚަރިޖީ ސިޔާސަތުގެ އެއް ކޮޅުގައި ހިފައިގެން އޮތް އިންޑިއާގެ އެހީތެރިކަމެވެ. މި ސަރުކާރުން މިހާތަނަށް އިއުލާނުކުރި އަދި މިހާރު ކުރިއަށްދާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ، ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި މާލެއާ ދެމެދު އަޅާ ބްރިޖްގެ މަޝްރޫއަށް އިންޑިއާ އިން ފަންޑްކުރުމަކީ އޭގެ ހެއްކެކެވެ. އަދި ބްޖެޓް ސަޕޯޓާއި ދޭދޭ ރަށްރަށާއި މާލޭގެ އެކި މުނިސިޕަލް ޚިދުމަތްތައް ވަރުގަދަ ކުރުމަށް ހިންގާ ބޮޑެތި މަޝްރޫއުތަކުން ފެށިގެން ޕާކްތައް ހެދުން ފަދަ ކުދިކުދި މަޝްރޫއުތައް ހިންގުމުގައި އިންޑިއާ އަށް ބަރޯސާވުމަކީ ކުރިން ވެސް އެކަން ހަޖަމްނުވި ފަރާތްތަކަށް މި ވަނީ ބޮޑު ކަމަކަށް ވެފައެވެ.

ވެރިކަމަށް އަލުން އެނބުރި އައުމަށް ކިޔަމުންދާ ލަވައިގެ މައިގަނޑު އަދި ކަޑީގައި ވެސް ހިމެނެނީ ކުރިން ވެސް އެމްޑީޕީގެ ވެރިކަން ފުރޮޅައިލުމަށް ބޭނުންކުރި ބަސްތަކެކެވެ. ރާގުގައި ކުޑަ ތަފާތެއް ހުރި ނަމަވެސް މުޅި ލަވަ ނިސްބަތްވަނީ އިންޑިއާއަށެވެ. އެކި ބޭނުންތަކުގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާއި އިންޑިއާ އިން ހިންގާ މަޝްރޫއުތަކާއި ދޭ އެހީ އާއި ލޯނާއި މިހެން ގޮސް އިންޑިއާއާ އެކު އޮތް އެއްވެސް ގުޅުމެއް މިހާރުގެ އިދިކޮޅު ފަރާތްތަކަށް ކަމުދާހެނެއް ހިއެއް ނުވެއެވެ. އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ދަނީތޯ އޭރު ވެސް ކުރި ސުވާލުތައް މިހާރު ވެސް ހަމަ އެ ފަރާތްތަކުން ދަނީ ކުރަމުންނެވެ. ނަމަވެސް ރޯފިލާފައިވާ މި ޒަމާނުގައި ކިރިޔާ ވެސް ހަމަ ބުއްދިއެއް ހުރި ކޮންމެ މީހަކަށް އެ ސުވާލުތަކުގެ ޖަވާބު ވެސް އެނގެއެވެ. އިންޑިއާއާ އޮތް ގުޅުމަކީ ވެރިކަމާއި ޚަރިޖީ ސިޔާސަތާއި އެ ވަގުތެއްގައިި ވެރިކަން ކުރަން ތިބި ފަރާތްތަކުގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލެކެވެ. ގޯސްވެގެން އުޅެނީ އިންޑިއާއާ ގާތް ގުޅުމެއް ބޭއްވުމެއް ނޫނެވެ. އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުމެއްގެ ފާހަގަކުރާ ގޮތަށް ރާއްޖޭ އިންޑިއާގެ އަވަށަކަށް ވެދާނެތީއެއް ވެސް ނޫނެވެ. ނުވަތަ ރާއްޖޭގެ ބިމުގައި އިންޑިއާ އިން އަތްގަދަކުރާނެތީއެއް ވެސް ނޫނެވެ. އޭގެ އެންމެ ބޮޑު އެއް ހެއްކަކީ 2012 ވަނަ އަހަރު އިންޑިއާއާ ދެކޮޅަށް އަޑު އުފުލި އެތައް ބަޔަކު މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަން ތިބި ކަމެވެ. އަދި އިންޑިއާއާ އެކު ހިންގާ އެތައް މަޝްރޫއުތަކެއް ބައްޓަންކުރުމުގައި މި ފާހަގަކުރި ފަރާތްތައް މިހާރު ވެސް އިސްވެ ތިބި ކަމެވެ. އޭގެ އިތުރުން އައްޑޫގައި ގާއިމުކުރާ ޕޮލިސް އެކަޑެމީ އާއި މި ނޫން ވެސް ބައެއް މަޝްރޫރުތަކަކީ އިންޑިއާ އިން ރާއްޖެ އަށް އަތްގަދަކުރުމަށް ކުރަމުން އަންނަ މަސައްކަތް ކަމަށް ސިފަކުރާ އިރު އޭގެ ތެރެއިން ބައެއް މަޝްރޫއުތަކުގައި ސޮއިކޮށް އަމަލީ މަސައްކަތް ފަށާފައި ވަނީ މިހާރު އިދިކޮޅުގައި ތިބި ފަރާތްތައް ސަރުކާރުގައި  ތިބި އިރުކަން އެއީ އެ ފަރާތްތަކުގެ ގައުމީ ލޯތްބަށް ވުރެ ސިޔާސީ މަދުސަދެއް އޮތްކަން ހާމަކޮށްދޭ އަލިގަދަ ހެކިތަކެވެ. ބަވަނަވެފައިވާ މި ދުނިޔޭގައި އެއްގައުމުން އަނެއް ގައުމުގެ މައްޗަށް ވެރިވެގަތުމަށް އެއްވެސް ގައުމަކުން ފުރުސަތު ނުދޭނެކަން އެއީ ފެންނަން އޮތް ހަގީގަތެކެވެ. ރާއްޖެ ނޫނަސް އެތައް ގައުމަކުން މިތަޖުރިބާ ދަނީ ކުރަމުންނެވެ. އިންޑިއާއާ ދެކޮޅަށް އުފުލޭ އަޑުތަކުގެ މަގުސަދަކީ ސިޔާސީ ސަބަބަކަށްވާ އިރު އެކަމުން އާޚިރުގައި ލިބޭ ގެއްލުން ބޮޑުވާނެއެވެ. އޭގެ ނާޖާއިޒު ފައިދާ ނަގަން ދަހިވެތިވެފައި ތިބި އެތައް ބަޔަކު ތިބޭނެކަން ދިވެހިން ދަންނަންޖެހެއެވެ. އިންޑިއާއާ ދެކޮޅަށް އުފުލާ އަޑުތަކުގެ ގެއްލުން ކުރާނީ މުޅި ގައުމަށް އެކަންޏެއް ނޫނެވެ. ދިވެހިންގެ އެތައް ބަޔަކު އެ ގައުމުގައި ދިރިއުޅޭ އިރު މިއިން ކޮންމެ އަޑެއްގެ އަސަރު ވަކިވަކި ދިވެހި ފަރުދުންނަށް ވެސް ކުރާނެކަން ދަންނަންޖެހެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0