އަމިއްލަ ހިޔާލު: ގޯތި ލިބުނަސް އިމާރާތް ކުރެވޭނެ ގޮތެއް ނެތް

22 ޖުލައި 2023 - 15:36

އެތައް ޒަމާނަކަށް ފަހު މާލޭގެ ރައްޔިތުންނަށް މި ވަނީ ހިތްހަމަޖެހުމުގެ ނޭވާއެއް ލެވޭނެ ކަމުގެ އުންމީދު ލިބިފައެވެ. މާލޭގެ އެތައް ރައްޔިތުންނަކަށް ގޯތި ދިނުމަށް ސަރުކާރުން މިހާރު އެ ވަނީ ލިސްޓް އާންމުކޮށްފައެވެ. ކިތަންމެހާ ވެސް އުފާވެރި ހަބަރެކެވެ. އެހެން ނަމަވެސް ސުވާލަކީ މިއީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހޯދޭ ހައްލެއް ހެއްޔެވެ؟

މާލޭގައި މިހާރު ވެސް އެތައް އާއިލާއެއް ކުޑަކުޑަ ތަންތަންކޮޅުގައި ތޮއްޖެހިގެން ދިރިއެބައުޅެއެވެ. މައިގަނޑު ސަބަބަކީ ލިބިފައި އޮތް ތަންކޮޅު ވެސް ހެދޭނެ މާލީ ތަނަވަސްކަން ނެތުމެވެ. އެހެންކަމުން ދަތި ހާލުގައި ނޫޅެން ތަންތަން ކުއްޔަށް ހިފައިދެން ދިރިއުޅޭ މާލޭގެ އެތައް ރައްޔިތުންނެއް ވެސް އެބަ ތިއްބެވެ. 

advertisement

ބަންޑާރަ ގޯތި ދިނަސް ބޯހިޔާވަހިކަން ކަށަވަރުވޭތަ?

އެ ފަރާތްތަކަށް ބޯހިޔާވަހިކަމެއް ބޭނުންވެފައި ތިބޭތާ އެތައް އަހަރެއް ފަހުން ގޯތި ދިނުމަށް މި ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް ސުވާލަކީ މިއީ އެ މީހުންނަށް ކުރިމަތިވެފައި އެވާ ދަތިތަކަށް ހައްލު ހޯދޭނެ މަގެއް ހެއްޔެވެ؟ ބިން ކަނޑާފައި ގޯތި ދިނުމުން އެ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ ހެއްޔެވެ؟

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ސިޔާސަތު މުޅިން ފުރިހަމައެއް ނޫނެވެ. އެހެން ކަމުން ގޯތިކަނޑާފައި ދިނުމަކުން މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބޭކަށް ނެތެވެ. ބިން ދިނަސް ބިމުގައި ގެދޮރު އެޅޭނީ ކިތައް މީހުންނަށް ހެއްޔެވެ؟ ބޯހިޔާވަހިކަމުގެ ސިޔާސަތު ފުރިހަމަވާން އޮތީ ދޭ ބިމުގައި ގެދޮރު އެޅޭނެ މަގެއް ވެސް ހޯދައިދީގެންނެވެ.

މާލޭގައި ގެއެއް އެޅުމަކީ ކުޑަކަމެއް ނޫނެވެ. ސަރުކާރުން މިހާރު ދޭން ނިންމާފައިވާ 1،200 އަކަފޫޓުގެ ބިމުގައި އެއް ބުރީގެ ގެއެއް އަޅައިގެން ދިރިއުޅޭކަށް އެކަކު ވެސް ބޭނުމެއް ނުވާނެއެވެ. ކޮންމެ މީހަކު ވެސް ބޭނުންވާނީ އެ ތަނުގައި އެޅޭނެ އެންމެ އުސް އިމާރާތެއް އެޅުމަށެވެ. 

ހުސް ބިން ދިނުމަށްވުރެ ފްލްޓް ނުވަތަ ރޯހައުސް ދިނުންމާ ބުއްދިވެރި

އެއީ އެ ގޯއްޗަކީ އެ މީހުންގެ ދަރިންނަށް ވެސް ދޫކޮށްފައި ދާން އޮތް ބިމަށް ވާތީއެވެ. އަދި އެ މީހުން ދަރިންގެ ދިރިއުޅުން ވެސް ބިނާވާނީ އެ ތަނުގައި ކަމަށް ވާތީއެވެ. މާނައަކީ ގާތްގަނޑަކަށް އެންމެ މަދުވެގެން ވެސް 10 ބުރީގެ އިމާރާތެއް އަޅަން ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެވެ. ސުވާލަކީ އެހާ ތަނަވަސްކަން ހުރީ ކޮން ބައެއްގެ ހެއްޔެވެ؟ 

ގޯތި ދިން މީހުންގެ ތެރޭގައި މަލޭގައި ދިރިއުޅޭނެ ތަނެއް ނެތިގެން ނުވަތަ ހާލުގައި އުޅޭ އެތައް ހާސް ރައްޔިތުންނެއް އެބަ ތިއްބެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ބޭންކްތަކުން ދޫކުރާ ހޯމް ލޯނަށް ވެސް ޝަރުތު ހަމަވާ މީހުންނެއް ނޫނެވެ. ދިހަބާރަ ބުރިއަށް ނުނެގިޔަސް އާދައިގެ ގޮތަކަށް އެއް ބުރީގެ އިމާރާތެއް އެޅުމަށް ވެސް ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ހޭދަކުރަންޖެހޭނެއެވެ. 

ގޯތި ލިބޭ ލިސްޓްގައި ތިބި ގިނަ މީހުންނަކީ އެވަރު ވެސް ލިބެން އޮތް ބައެއް ނޫނެވެ. އެހެންކަމުން ސަރުކާރުގެ ގެދޮރުވެރިކުރުވުން ނުވަތަ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ހައްލު ހޯދަން އުޅޭ މައްސަލަ އަދިވެސް އޮންނާނީ އޮތްތަނުގައެވެ. 

މާލޭ މީހުންނަށް ގޯތި ލިބުން ހައްގެވެ. އެހެން ނަމަވެސް ގޯތިކަނޑާފައި ދިނުމަށް ވުރެ މާލޭގެ ރައްޔިތުންގެ ވެސް ހަގީގީ ދައްޗަކީ ބޯހިޔާވަހިކަމެއް ނެތުމެވެ. އެހެންކަމުން މިހާރު ދޫކުރަން ކަނޑައަޅާފައިވާ ބިންތަކުގައި ފްލެޓް އަޅާފައި ނުވަތަ ރޯހައުސް ހަދާފައި ދިނުން މާ ރަނގަޅުވާނެ ކަމަށް އެއް ބަޔަކު ދެކެއެވެ. 

އަދި ބިން ދޫކުރުމުން އަނެއްކާ ވެސް އެ ބިންތަކުން ވިޔަފާރިކޮށްގެން ބަޔަކު މުއްސަނދިވުން ނޫން ކަމެއް ނުވާނެ ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ. އޭގެ ސަބަބުން ކުލީގެ އަޅުވެތިކަމުގައި ޖެހޭ މީހުންގެ އަދަދު އިހުނަށް ވުރެ ވެސް އިތުރުވާނެ ކަމަށް ވެސް އެއް ބަޔަކު ދެކެއެވެ. 

 މުއްސަނދިންނަށް ނުވެ އޮތް ކަމެއް އާދައިގެ ނިކަމެތި ރައްޔިތުން ކުރާނީ ކިހިނެއް؟ 

މާލީ ތަނަވަސްކަމާ އެކު ބޮޑު އަގުގައި ގޯތި ގަނެފައިވާ އެތައް ބަޔަކަށް ވެސް އަދިވެސް އެ އުޅެނީ ވަށާފާރު ވެސް ރާނައިނުލެވިގެންނެވެ. އެ ތަންތަނުގައި ވެސް އިމާރާތެއް ކޮޅަންޖެހޭނެ ދުވަހެއް ނޭނގެއެވެ. މުއްސަނދިންނަށް ނުވެ އޮތް ކަމެއް އާދައިގެ ނިކަމެތި ރައްޔިތުން ކުރާނީ ކިހިނެއް ހެއްޔެވެ؟ ލިބޭ ގޯތީގައި ގެދޮރު ބިނާކޮށްގެން އެ ތަނަށް ވަދެވޭނެ ޒަމާނެއް ނޭނގެއެވެ. މިހާރު ވެސް ދިރިއުޅެމުންދާ ހާލަތަކުގައި އުޅެންޖެހޭނީ ކިހާ ދުވަހަކު ކަމެއް ނޭނގެއެވެ.

ބިން ވަކިކޮށްފައި ގޯތި ދޭ ނަމަ އެ ތަންތަން ހެދޭނެ މަގެއް ވެސް ސަރުކާރުން ފަހިކޮށްދޭންޖެހޭނެއެވެ. ރަށްރަށުގެ މީހުންނަށް ގެދޮރު އެޅުމަށް މިހާރު ވެސް 700،000ރ.އާ ހަމައަށް ލޯނު ދޭ ސްކީމެއް ސަރުކާރުން ފަށާފައި ވެއެވެ. އެހެން ނަމަވެސް މިއީ މާލޭގެ ރައްޔިތުންނަށް މިހާތަނަށް ފުރުސަތު ނުލިބި އޮތް ސްކީމެކެވެ. 

އަލަށް ދޫކުރާ ގޯތިތަކާ އެކު ކުޑަ އިންޓަރެސްޓެއްގައި ގެދޮރު އެޅުމަށް ލޯނު ލިބޭނެ ސްކީމެއް ބޭންކްތައް މެދުވެރިކޮށް ސަރުކާރުން ފެށުން މުހިންމެވެ. ނުވަތަ ބިންތަކުގައި އިމާރާތްކުރާނެ ބަޔަކު ހޯދައި ދިގު މުއްދަތަކަށް އަގު ދެއްކޭނެ ނިޒާމެއް ހޯދުން މުހިންމެވެ. އެހެން ނޫން ނަމަ ގިނަ މީހުންނަށް ބޯހިޔާވަހިކަމެއް ހޯދަން ޖެހޭނީ ކޮންމެ ވެސް ބަޔަކަށް އެ ބިން ކުއްޔަށް ދީގެންނެވެ. 

ދިގު މުއްދަތަކަށް ބަޔަކަށް ދީގެން ގެދޮރު ހަދާ ނަމަ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއުގެ އަސްލު މަގުސަދު ހާސިލެއް ނުވާނެއެވެ. ބިން ވަކިކޮށް ގޯތި ދިނުމަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމެއް ނޫނެވެ. 

ރިއެކްޝަންސް
0
0
0
1
0
0
0